ފަހު ވަގުތު ހަވާޓްޒް ސްޕޯޓިން ރޮއްވާލައި، އާސެނަލް މޮޅުކޮށްދީފި

އާސެނަލަށް ލަނށު ޖަހައިދިނުމަށްފަހު ހަވާޓްޒް---

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްއިން ވަނީ ރަށުން ބޭރުގައި ސްޕޯޓިން ލިޒްބަންއާ ވާދަކޮށް މުހިންމު މޮޅެއް ހޯދާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު ފަހު ސިކުންތުކޮޅުގެ ތެރޭގައި އާސެނަލްއަށް މި މޮޅު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކައި ހަވާޓްޒްއެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. މެޗުގެ ފަހުކޮޅު ސްޕޯޓިންއިން ޕްރެޝަރު ބޮޑުކުރި ނަމަވެސް، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މޮޅު ކުޅުމެއް ދައްކައި ގޯލު ދިފާއުކޮށްފައެވެ. ޖެހިޖެހިގެން ދެ މެޗުން ބަލިވެފައިވާ އާސެނަލްއަށް މިއީ ކުރިއަށް އޮތް ޕްރިމިއާ ލީގުގެ މެޗުތަކަށް ނުކުންނައިރު ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

  • ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގު އާސެނަލްއިން ކާމިޔާބުކޮށްފި
  • މެޗުގެ ހަމައެކަނި ލަނޑު ފަހު ވަގުތު ޖަހައިދިނީ ކައި ހަވާޓްޒް
  • ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފައްދައި، ގޯލުގެ ދަނޑިއަށް އަމާޒުވި
  • ކީޕަރު ޑޭވިޑް ރާޔާގެ މުހިންމު ސޭވްތަކުން އާސެނަލްގެ ގޯލު ސަލާމަތްވި

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި، މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ކައި ހަވާާޓްޒް ޖެހި ލަނޑުން ސްޕޯޓިން ލިޒްބަންގެ މައްޗަށް 1-0 އިން އާސެނަލް ކުރި ހޯދައިފިއެވެ.

ލިޒްބަންގައި ކުޅުނު މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ހަވާާޓްޒް މި ލަނޑު ކާމިޔާބުކުރީ ސްޕޯޓިންގެ ކީޕަރު ރޫއީ ސިލްވާ ކަޓުވާލައިގެންނެވެ. މި މޮޅާއެކު އާސެނަލް އޮތީ އަމިއްލަ ދަނޑުގައި ކުޅޭ ދެވަނަ ލެގަށް ދާއިރު ބޮޑު ހިތްހަމަޖެހުމެއްގައެވެ.

މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނުނުއިރު، ސްޕޯޓިންއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެކްސީ އަރައޫޖޯ ޖެހި ބާރު ހަމަލާއެއް އާސެނަލްގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އާސެނަލްގެ ނޯނީ މަޑުއޭކޭ ކޯނަރަކުން ފޮނުވާލި ބޯޅައެއްވެސް ވަނީ ދަނޑިއަށް ޖެހިފައެވެ.

އާސެނަލްގެ މާޓިން ޒުބިމެންޑީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.

މެޗުގެ ފަހުކޮޅު ސްޕޯޓިންއިން ވަރަށް ބޮޑަށް އާސެނަލްއަށް ޕްރެޝަރު ކުރިއެވެ. ނަމަވެސް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ ހުށިޔާރުކަމާއެކު ތިން ސޭވްއެއް ކޮށް، ޓީމު ސަލާމަތްކޮށްދީފައެވެ.

މި މޮޅަކީ ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި އޮތް އާސެނަލްއަށް ލިބުނު ވަރަށް މުހިންމު މޮޅެކެވެ. ކުރިއަށް އޮތް ހަފުތާ ބަންދުގައި ޕްރިމިއާ ލީގުގައި ބޯންމަތާ ދެކޮޅަށް ނުކުންނައިރު، މި ކާމިޔާބީގެ ސަބަބުން މިކޭލް އާޓެޓާގެ ޓީމަށް ބޮޑު އިތުބާރެއް ލިބިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު