މިރޭ މުޅި އިރާން ހިފައި ސުންނާފަތިކޮށްލައިފާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވައިފި

ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވަނީ. ފޮޓޯ/އޭޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ވަރަށް ހަރުކަށި އިންޒާރެއް ދެއްވާފައެވެ. އެމެރިކާއިން ބޭނުންވާ ގޮތަށް ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެއްބަސްނުވެއްޖެނަމަ، އީރާނުގެ އުމްރާނީ ތަރައްގީގެ ބިނާތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިންޒާރު ދެއްވާފައިވަނީ އީރާނުން އެމެރިކާގެ ހުށަހެޅުމަށް ދެކޮޅު ހަދައި، އެހެން ހުށަހެޅުންތަކެއް ހުށަހެޅުމާ ގުޅިގެންނެވެ.

  • އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވެއްޖެނަމަ ހަމަލާދޭނެކަމުގެ އިންޒާރު ދިނުން.
  • އީރާނުގެ ބްރިޖުތަކާއި އިންޖީނުގެތައް ގޮއްވާލާނެކަމަށް ޓްރަމްޕް ވިދާޅުވުން.
  • އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ހަމަލާތައް ވަރުގަދަވާނެކަމަށް ވިދާޅުވުން.
  • އީރާނުން ވަނީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ދިހަ ނުކުތާގެ ހުށަހެޅުމެއް ހުށަހަޅާފައި.

އެމެރިކާއިން ބޭނުންވާ ގޮތަށް ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެއްބަސްނުވެއްޖެނަމަ، އެއް ރެއިން މުޅި އިރާނު ހިފައި ސުންނާފަތި ކޮށްލެވިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އީރާނުން ދޫނުދީފިނަމަ، އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް އަންގާރަ ދުވަހުގެ ރޭގަނޑު 8:00 ޖަހާއިރު (ޖީއެމްޓީ ގަޑިން 12 ޖަހާއިރު) ހަމަލާދޭނެ ކަމަށެވެ.

"އެއް ރެއެއްގެ ތެރޭގައި މުޅި ގައުމު ހިފޭނެ. އެރެއަކީ ފަހަރެއްގައި މިރޭ،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

"އެއްބަސްވުމެއް ނެތް ނަމަ، އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް، އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުގެ ސަބަބުން، މާދަމާ ރޭ 12 ޖަހާއިރު އީރާނުގެ ކޮންމެ ބްރިޖެއް ނައްތާލެވޭނެ. އީރާނުގެ ކޮންމެ އިންޖީނުގެއެއް ހުއްޓި، އަނދާ، ގޮވައި، ދެން ދުވަހަކު ވެސް ބޭނުން ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ހަމަލާދީފިނަަމަ، އަލުން އާރާސްތު ކުރަން 100 އަހަރު ނަގާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ ކުރިއަށް ހުރި ވަގުތުތަކަކީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ހަމަލާތައް އެންމެ ވަރުގަދަޔަށް ދޭނެ ވަގުތުތައް ކަމުގައި ވިދާޅުވެފައެވެ.

"ރައީސްގެ އިރުޝާދުގެ ދަށުން ކުރިއަށް ހުރި ވަގުތުތަކުގައި ހަމަލާތައް ވަރަށް ވަރުގަދަވާނެ. މާދަމާ އަދި މިއަށްވުރެ ވަރުގަދަ ވާނެ،" އޭނާ ވިދާޅުވިއެވެ.

ހެގްސެތު ވިދާޅުވީ އީރާނަށް "އިޚްތިޔާރެއް" އެބަ އޮތް ކަމަށާއި، ބުއްދިވެރިކަމާއެކު އިޚްތިޔާރު ކުރުމަށް ގޮވައިލާ ކަމަށެވެ.

ހަނގުރާމައިގައި އެމަނިކުފާނަަށް އިތުބާރު ކުުރުމަށް އެމެރިކާ ރައްޔިތުންނަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ.

ޓްރަމްޕް އެގޮތަށް އިންޒާރު ދެއްވާފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް އެެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދެކޮޅު ހަދައި، އޭގެ ބަދަލުގައި ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ގޮވާލާ ދިހަ ނުކުތާގެ ހުށަހެޅުމެއް ހުށަހެޅުމުންނެވެ.

ޕާކިސްތާން މެދުވެރިކޮށް އީރާނުން ފޮނުވި ހުށަހެޅުމުގައި ސަރަހައްދުގެ ހުރިހާ ހަމަނުޖެހުންތަކެއް ނިމުމަކަށް ގެނައުމާއި ހޮރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރާ ޕްރޮޓޮކޯލެއް އެކުލަވާލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އީރާން އަލުން އާރާސްތުކުރަން ވައުދުވުން ހިމެނޭ ކަމަށް އީރާންގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއެންއޭ އިން ބުނެފައިވެއެވެ.

comment ކޮމެންޓް