މޯލްޑިވްސް އެކުއަޓިކްސް އިން ރާއްޖޭގެ ކުޅިވަރު ތާރީޚުގައި އެސޯސިއޭޝަނަކުން ނަގާ އެންމެ ބޮޑު ލޯނު ނަގައިގެން، އާ ހަރުފަތަކަށް ދަތުރު ފަށައިފިއެވެ.
އާދިއްތަ ދުވަހުގެރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރި ބަޖެޓުން ހާމަވާގޮތުގައި، ގައުމީ ބޭންކް (ބީއެމްއެލް) މެދުވެރިކޮށް 71.7 މިލިއަން ރުފިޔާގެ ބޮޑު ލޯނެއް ނެގުމަށް ވަނީ ނިންމާފައެވެ.
މި އަހަރަށް އެސޯސިއޭޝަނުން ކަނޑައެޅި ޖުމްލަ 97.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ބޮޑު ބައެއް ހިއްސާކުރާ މި ފައިސާ އަކީ، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އަންނަ, އޮލިމްޕިކް ޕޫލް ހިމެނޭ އައު އެކުއަޓިކް ސެންޓަރުގެ މަސައްކަތް އަވަސްކޮށް ނިންމާލުމަށް ހޯދާ ފަންޑެކެވެ.
މި ބިޔަ މަޝްރޫއަކީ ޗަމްޕާ އާއިލާގެ ދީލަތި އެހީތެރިކަމާއި، ވޯލްޑް އެކުއަޓިކްސް އަދި ކުޅިވަރާ ބެހޭ ވުޒާރާގެ އެއްބާރުލުމާއެކު ކުރިއަށްދާ އޮލިމްޕިކް ސައިޒުގެ ސްވިމިން ޕޫލް ކޮމްޕްލެކްސްއެކެވެ.
މުޅި މި ސެންޓަރު އިމާރާތްކުރުމަށް 76.8 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ އެއްފަހަރާ 1,500 މީހުންނަށް ބޭނުންކުރެވޭނެހެން ފަރުމާކޮށްފައިވާ ތަނެކެވެ.
ފެތުމުގެ އެންމެ ޒަމާނީ ވަސީލަތްތަކުގެ އިތުރުން، ހައިޖަމްޕް ފެސިލިޓީއެއްވެސް މި ތަނުގައި ގާއިމްކުރެވޭނެއެވެ.
މިދިޔަ އަހަރު މަސައްކަތް ނިންމަން އަމާޒު ހިފި ނަމަވެސް، ދިމާވި އެކިއެކި ގޮންޖެހުންތަކާ ހުރެ ލަސްވެފައިވާތީ، އެސޯސިއޭޝަންގެ އަމާޒަކީ ލޯނު ނަގައިގެން ނަމަވެސް ވީ އެންމެ އަވަހަކަށް މި ތާރީޚީ ސެންޓަރު ދިވެހި އެތުލީޓުންނަށް ހުޅުވާލުމެވެ.