ރާއްޖޭގެ އިލާނަށް ސާފްގެ ރަން ބޫޓުގެ ޝަރަފު

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު ހާސިލުކުރި ރާއްޖޭގެ ޒުވާން ކެޕްޓަން އިލާން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މާލޭގައި ބޭއްވުނު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ވަނީ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓުގެ ޝަރަފު ހޯދާފައެވެ. އޭނާ މި ޝަރަފު ހިއްސާކުރަނީ އިންޑިއާގެ ކުޅުންތެރިޔާ އޮމަންގް ޑޮޑަމް އާއެކުގައެވެ. މިއީ ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ބޮޑު އުއްމީދީ ކުރިއެރުމެކެވެ. މީގެ އިތުރުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިންޑިއާ ބަލިކޮށް ބަންގްލަދޭޝްއިންނެވެ.

  • 20 އަހަރުން ދަށުގެ ސާފް މުބާރާތުގެ ރަންބޫޓު ރާއްޖޭގެ ކެޕްޓަން އިލާން ހޯދައިފި.
  • އިލާން އަދި އިންޑިއާގެ އޮމަންގް ވަނީ މުބާރާތުގައި ތިން ލަނޑު ޖަހާފައި.
  • އިލާން ލަނޑު ޖެހީ ސްރީލަންކާ އަދި ނޭޕާލްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި.
  • މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް ބަންގްލަދޭޝްއިން.

ރާއްޖޭގައި ނިމިގެންދިޔަ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓުގެ ޝަރަފް ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން ހޯދައިފިއެވެ.

މި މުބާރާތުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު އުފަލަކީ، ގައުމީ ޒުވާން ޓީމުގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާން މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދުމެވެ.

އިލާން އާއެކު މި ޓްރޮފީ ހިއްސާކުރީ އިންޑިއާގެ އޮމަންގް ޑޮޑަމްއެވެ. އޭނާއާއެކު އިލާން މި ޝަރަފް ހިއްސާކުރީ ކުޅުނު ތިން މެޗުން ތިން ލަނޑު ކާމިޔާބުކޮށްގެންނެވެ.

މީގެ ތެރޭގައި ސްރީލަންކާ ކޮޅަށް ޖެހި ދެ ލަނޑާއި ނޭޕާލް މެޗުގައި ކާމިޔާބުކުރި ލަނޑު ހިމެނެއެވެ. އިލާންއާ އިންޑިއާގެ އޮމަންގް ޑޮޑަމް ވެސް ތިން ލަނޑު ޖަހާފައިވާއިރު، އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "މޯސްޓް ވެލިއުބަލް ޕްލެޔަރ" ގެ އެވޯޑު ވެސް ހާސިލުކޮށްފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު ހާސިލުކުރި ރާއްޖޭގެ ޒުވާން ކެޕްޓަން އިލާންއާއި އިންޑިއާ ކުޅުންތެރިޔާ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ރާއްޖޭގެ ޒުވާން ތަރި، ބައިނަލްއަގުވާމީ މިފަދަ ޕްލެޓްފޯމެއްގައި ދެއްކި ހުނަރުވެރިކަމަކީ ދިވެހި ފުޓުބޯޅައަށް ލިބުނު އުއްމީދީ ކުރިއެރުމެކެވެ.

މިދިޔަ މަހުގެ 23 އިން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަކީ ސަރަހައްދީ ފުޓުބޯޅައިގެ އާ ފޯރިއެއް ގެނުވި މުބާރާތެކެވެ.

ގާތްގަނޑަކަށް 4,100 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ ފައިނަލްގައި، އިންޑިއާއާ ވާދަކޮށް ބަންގްލަދޭޝްއިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގްލަދޭޝްއިން ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު