ނޭވާ ހިފަހައްޓާލަން ޖެހުނު ފައިނަލެއް، ޕެނަލްޓީގައި އިންޑިއާ ބަލިކޮށް ބަންގްލަދޭޝްއަށް ރަންވަނަ

ސާފް 20 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ރާއްޖޭގައި ބޭއްވުނު ސާފް ވިހި އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ހަތަރެއް ތިނެއްގެ ނަތީޖާއިން ކުރިހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ވަނީ ކަށަވަރުކޮށްފައެވެ. މިއީ މި މުބާރާތް އެ ގައުމުން ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

  • ސާފް ވިހި އަހަރުން ދަށުގެ މުބާރާތުގެ ތަށި ބަންގްލަދޭޝްއިން ކާމިޔާބުކުރުން
  • ފައިނަލް މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތު ނިމުނީ ސުމެއް ސުމަކުންކަން
  • ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގްލަދޭޝް މޮޅުވީ ހަތަރެއް ތިނަކުންކަން
  • ބަންގްލަދޭޝްއަކީ މި އުމުރުފުރާގެ އެންމެ ކާމިޔާބު ގައުމުކަން

ރާއްޖޭގައި ކުރިއަށްދިޔަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލްގައި، ވާދަވެރި އިންޑިއާ ބަލިކޮށް ބަންގްލަދޭޝްއިން އަނެއްކާވެސް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މުޅި މެޗުގައި ދެ ޓީމުގެ ފަރާތުން ހަލުވި އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ކަނޑައެޅިފައިވާ 90 މިނެޓާއި އިތުރު ވަގުތު ހަމަވިއިރުވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގްލަދޭޝް ކުރިހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް ޓީމު އުފާފާޅުކުރަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ޕެނަލްޓީ ޝޫޓްއައުޓްގެ ފެށުން ބަންގްލަދޭޝްއަށް އުއްމީދީވީ، އިންޑިއާގެ ފުރަތަމަ ޕެނަލްޓީ އެ ގައުމުގެ ކީޕަރު އިސްމާއިލް ހުސެއިން ހުޝިޔާރުކަމާއެކު ދިފާއުކުރުމުންނެވެ.

އޭގެ ފަހުން ދެ ގައުމުގެ ފަރާތުންވެސް ކާމިޔާބު ޕެނަލްޓީތަކެއް ފެނިގެންދިޔައިރު، ބަންގްލަދޭޝްގެ ސެމިއުލް ރަކްސަމް ފޮނުވާލި ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވުމުން އިންޑިއާއަށް އުއްމީދެއް ލިބުނެވެ.

ނަމަވެސް، އިންޑިއާގެ ފަސްވަނަ ޕެނަލްޓީ އޮމަންގް ޑުޑަމް އަތުން ބޭކާރުވުމާއެކު، ބަންގްލަދޭޝް މޮޅުކޮށްދިނީ އެމެރިކާއަށް ނިސްބަތްވާ އެ ގައުމުގެ ކުޅުންތެރިޔާ ރޮނާން ސުލިވަންއެވެ.

ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް ޓީމު އުފާފާޅުކުރަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މިއީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވި ތިންވަނަ ފަހަރެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ މުބާރާތް އިންޑިއާއިން ކާމިޔާބުކުރި ނަމަވެސް، ޖެހިގެން އައި 2024 ވަނަ އަހަރާއި މި ފަހަރުގެ މުބާރާތް ކާމިޔާބުކޮށް، ބަންގްލަދޭޝް މިވަނީ މި އުމުރުފުރާގެ އެންމެ ކާމިޔާބު ގައުމުގެ ޝަރަފު ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު