މައިކްރޯސޮފްޓުން ފޮޓޯ އާއި އަޑު އުފެއްދުމުގެ އިތުރުން ވާހަކަދައްކާ އަޑު، ލިޔުމަށް ބަދަލުކުރުމަށް ޚާއްޞަ ތިން އޭއައި މޮޑެލްއެއް ނެރެފިއެވެ.
ރެޑްމަންޑަށް ނިސްބަތްވާ މި ޓެކްނޮލޮޖީ ކުންފުނިން ބުނާ ގޮތުގައި މި މޮޑެލްތަކަކީ ގޫގުލް އާއި އޯޕަން އޭއައި ފަދަ ވާދަވެރި ކުންފުނިތަކުގެ މޮޑެލްތަކަށްވުރެ ފެންވަރުގެ ގޮތުން މާ ރަނގަޅު އަދި މަސައްކަތް ކުރާ ބާރުމިން އަވަސް މޮޑެލްތަކެކެވެ. 'އެމްއޭއައި-ޓްރާންސްކްރައިބް-1'، 'އެމްއޭއައި-ވޮއިސް-1' އަދި 'އެމްއޭއައި-އިމޭޖް-2' ގެ ނަމުން ނަން ދީފައިވާ މި މޮޑެލްތައް މިހާރު ވަނީ މައިކްރޯސޮފްޓް ފައުންޑްރީ މެދުވެރިކޮށް ވިޔަފާރިތަކަށް ލިބޭނެ ގޮތް ހަދާފައެވެ.

އިމޭޖް-2 މޮޑެލް ކޯޕައިލެޓް، ބިންގް އަދި ޕަވަޕޮއިންޓް އަށް ގެނެސްދެނީ ----
މީގެ ތެރެއިން އެމްއޭއައި-ޓްރާންސްކްރައިބް-1 އަކީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރާ 25 ބަހަކުން ވާހަކަދައްކާ އަޑު އެންމެ ފުރިހަމައަށް ލިޔުމަށް ބަދަލުކޮށްދިނުމުގެ ގާބިލްކަން ލިބިގެންވާ މޮޑެލްއެކެވެ.
މައިކްރޯސޮފްޓުން ހެދި ޓެސްޓުތަކުން ދައްކާ ގޮތުގައި، މި މޮޑެލްއަކީ ގޫގުލްގެ ޖެމިނައި 3.1 ފްލޭޝްއާއި ޖީޕީޓީ-ޓްރާންސްކްރައިބްއަށް ވުރެ ކުށް މަދު، އަދި އަގުގެ ގޮތުން ބަލާއިރު ކްލައުޑް ޚިދުމަތްދޭ އެހެން ކުންފުނިތަކަށްވުރެ ފައިދާ ހުރި މޮޑެލްއެކެވެ.
އަޑު އުފެއްދުމަށް ޚާއްޞަ އެމްއޭއައި-ވޮއިސް-1 މޮޑެލްއަކީ އިންސާނުންގެ އަޑާ އެއްގޮތަށް ޖަޒުބާތާއި އަސަރުތަކާއެކު ވާހަކަދެއްކުމުގެ ގާބިލްކަން ލިބިގެންވާ މޮޑެލްއެކެވެ. މި މޮޑެލްގެ އެންމެ ބޮޑު އެއް ޚާއްޞަ ކަމަކީ އެންމެ ސިކުންތެއްގެ ތެރޭގައި 60 ސިކުންތުގެ އޯޑިއޯ އުފެއްދުމާއި، މަދު ސިކުންތުކޮޅެއްގެ އަޑު ބޭނުންކޮށްގެން ކޮންމެ މީހެއްގެ ވެސް އަޑު ކްލޯން ނުވަތަ ކޮޕީ ކޮށްލެވޭ ކަމެވެ.
މި މޮޑެލް ބޭނުންކުރާނީ މައިކްރޯސޮފްޓް ކޯޕައިލެޓްގެ ޕޮޑްކާސްޓްތަކާއި އެހެނިހެން އޯޑިއޯ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ފޮޓޯ އުފެއްދުމަށް ތައާރަފުކުރި އެމްއޭއައި-އިމޭޖް-2 މޮޑެލްއަކީ ފޮޓޯގްރާފަރުންނާއި ޑިޒައިނަރުންގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ، ފޮޓޯތަކުގެ ގުދުރަތީ އަލިކަމާއި ކުލަތައް ވަރަށް ފުރިހަމައަށް ދައްކުވައިދޭ މޮޑެލްއެކެވެ. މި މޮޑެލް މިހާރު ވަނީ މައިކްރޯސޮފްޓްގެ ކޯޕައިލެޓް، ބިންގް އަދި ޕަވާޕޮއިންޓް ފަދަ އުފެއްދުންތަކަށް ތައާރަފުކުރަން ފަށާފައެވެ.
މި މޮޑެލްއަކީ ފޮޓޯތަކުގެ އެތެރޭގައި ހުންނަ ލިޔުންތައް ވެސް ކުރީގެ މޮޑެލްތަކަށްވުރެ މާ ސާފުކޮށް ދައްކުވައިދޭ މޮޑެލްއެއް ކަމަށް މައިކްރޯސޮފްޓުން ބުނެއެވެ.