ރާއްޖެއަށްކުރި ދަތުރުގައި ދިވެހި ކެއުންތައް މާބޮޑަށް ކަމުގޮސް، ޖޭސްމިން ވެސް ކައްކަން ދަސްކޮށްފި

ޖޭސްމިން މަޑިފުށި ޕްރައިވެޓް އައިލެންޑްގެ ޝެފްއާ އެކު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ/އިންސްޓަގްރާމް

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޖޭސްމިން ބަސީން ވަނީ ދާދިފަހުން ރާއްޖޭގެ މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓުގައި އޭނާގެ ޗުއްޓީ ހޭދަކޮށްފައެވެ. މި ދަތުރުގައި ދިވެހި ކެއުންތައް ވަރަށް ބޮޑަށް ކަމުގޮސް، ރިސޯޓުގެ ޝެފެއްގެ އެހީގައި އޭނާ ވަނީ ބައެއް ދިވެހި ކެއުންތައް ކައްކަން ދަސްކޮށްފައެވެ. ރާއްޖޭގެ ރީތިކަމާއި، މެހެމާންދާރީއަށް ތައުރީފުކޮށް، އެންމެންވެސް ރާއްޖެއަށް ޒިޔާރަތްކުރުމަށް އޭނާ ވަނީ ގޮވާލާފައެވެ.

  • ޖޭސްމިން ޗުއްޓީ ހޭދަކުރީ މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓުގައި
  • ދިވެހި ރަހަތައް ކަމުގޮސްގެން ބައެއް ދިވެހި ކެއުންތައް ކައްކަން ދަސްކުރި
  • ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ރިސޯޓުގެ މެހެމާންދާރީއަށް ވަރަށް ބޮޑަށް ތައުރީފުކުރި
  • ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު މަންޒިލަކީ ރާއްޖެކަމަށް ބުނެފައިވޭ

އިންޑިއާގެ މަޝްހޫރު ޓެލެވިޒަން ބަތަލާ ޖޭސްމިން ބަސީން ދާދިފަހުން ރާއްޖެއަށް ކުރި ދަތުރުގައި ދިވެހި ކެއުމާއި އޭގެ ރަހަތައް ބަތަލާއަށް ވަރަށް ކަމުގޮސް, ދިވެހި ބައެއް ކެއުންތައް ކަންކަން ދަސްކުރި ކަމަށް ބުނެފިއެވެ.

ރާއްޖޭގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ޖޭސްމިން ވަނީ މިދިޔަ ހަފްތާގައި ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ތަޖުރިބާތައް ކިޔައިދީފައެވެ.

އެގޮތުން ޖޭސްމިންގެ ޓީމުން ޗުއްޓީ ހޭދަކުރި މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ޓީމުން އަދާކުރި މެހެމާންދާރީއަށް ބަތަލާ ވަނީ ފަށްފަށުން ޝުކުރު އަދާކޮށްފައެވެ. އެ ރިސޯޓުގައި ހޭދަކުރި ދުވަސްތައް ބަތަލާ ސިފަކޮށްފައި ވަނީ ދުނިޔެ މަތީގެ ސުވަރުގޭގައި ވަގުތު ހޭދަކުރެވުން ކަހަލަ ކަމެއްގެ ގޮތުގައެވެ.

މ. އަތޮޅުގައި އޮންނަ މަޑިފުށި ޕްރައިވެޓް އައިލެންޑް ރިސޯޓުގައި ހޭދަކުރި ދުވަސްތަކުގައި ސްނޯކްލިން ތަޖުރިބާކުރި ކަމަށާއި، އެ ރިސޯޓުގައި ހޭދަކުރި ދުވަސްވަރު ފެނުނު އިރުއޮއްސޭ މަންޒަރަކީ ދުވަހަކު ވެސް ހަނދާނުން ފިލައިގެންދާނެ މަންޒަރުތަކެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ޖޭސްމިން މަޑިފުށި ޕްރައިވެޓް އައިލެންޑްގެ މުވައްޒަފަކާ އެކު ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ/އިންސްޓަގްރާމް

ހަމައެއާއެކު ދިވެހި ރަހަތަކާއެކު ތަޖުރިބާކުރި ދިވެހި ކެއުންތައް އޭނާއަށް ވަރަށް ކަމުދިޔަ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ބައެއް ކެއުންތައް ކައްކަން ދަސްކުރަން ޝައުގުވެރިވި ކަމަށް ޖޭސްމިން ވަނީ ބުނެފައެވެ. އެހެންވެ އެ ރިސޯޓުގެ ޝެފުގެ އެހީތެރިކަމާއެކު ބައެއް ދިވެހި ކެއުންތައް ކައްކަން ދަސްކުރި ކަމަށާއި އެއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ކަލަސްއިން ގެނެސްދެމުން އަންނަ ރިއަލިޓީ ޝޯ "ބިގް ބޮސް"އިން އާންމުންގެ މަގުބޫލުކަން ހޯދި ބަތަލާ ވަނީ ބުނެފައެވެ.

ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ މަތިން ހަނދާން ނައްތާނުލެވޭނެ ކަމަށާއި އެ ހަނދާންތައް އަބަދުވެސް ހިތުގައި ރައްކާކުރެވިފައި ވާނެ ކަމަށް ޖޭސްމިން ވަނީ ބުނެފައެވެ. ހަމައެއާއެކު ރީތި ސާފު މޫދެއް އޮންނަ މަންޒިލެއްގައި ޗުއްޓީ ހޭދަކޮށް، މެރިން ލައިފް އަދި ހަނދާނުން ފޮހެލަން ދަތި ހަނދާންތަކެއް ރައްކާކުރަން ބޭނުންވާނަމަ އެންމެންވެސް އަންނަންވީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން ކަމަށް ޖޭސްމިން ވަނީ ބުނެފައެވެ.

ޓީވީ އެކްޓަރު އަލީ ގޯނީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، 2022ގައި ކުޅުނު ޕަންޖާބީ ފިލްމު "ހަނީމޫން" އަދި "ވޯނިންގް"އިންނެވެ.

ޖޭސްމިންގެ މަގުބޫލު ޓީވީ ޑްރާމާތަކުގެތެރޭ "ތަޝަން-އޭ-އިޝްޤް"، "ދިލް ސޭ ދިލް ތަކް" އަދި "ދިލް ތޯ ހެޕީ ހޭ ޖީ" ހިމެނެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު