ސްޕެއިން އާއި މިސްރު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔަ އިސްލާމްދީނާ ދެކޮޅު ހުތުރު އަމަލުތަކާއި ގޮވާލުންތައް، ސްޕެއިންގެ ތަރި ލަމީން ޔަމާލް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ބާސެލޯނާގައި ކުޅުނު މި މެޗުގައި ސަޕޯޓަރުން ވަނީ "ނުފުންމާ މީހަކީ މުސްލިމެއް" ކަމަށް ބުނެ ލަވަކިޔައި، އިސްލާމްދީނަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައެވެ. މީގެ އިތުރުން މެޗު ފެށުމުގެ ކުރިން މިސްރުގެ ގައުމީ ސަލާމަށް ހުރަސްއަޅައި ފާޑުކިޔައި، ހާފް ޓައިމްގައި މިސްރުގެ ކުޅުންތެރިން ބިމުގައި ސަޖިދަޖެހުމުން ވެސް ބައެއް ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
މިކަމާ ގުޅިގެން އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އިންސްޓަގްރާމްގައި ބުނީ، އެ ގޮވާލުންތަކަކީ ސީދާ އޭނާއަށް އަމާޒުކޮށްގެން ގޮވި އެއްޗެއް ނޫން ނަމަވެސް، މުސްލިމެއްގެ ހައިސިއްޔަތުން އެކަމުން އޭނާއަށް ނުހަނު އަސަރުކޮށްފައިވާ ކަމަށެވެ.
"ދީނަކީ ދަނޑުތަކުގެ ތެރޭގައި މީހުންނަށް މަލާމާތްކުރަން ބޭނުންކުރަންޖެހޭ އެއްޗެއް ނޫން. އެއީ ނޭނގުމާއި ނަސްލީ ތަފާތުކުރުމުގެ އަމަލެއް،" ޔަމާލް ބުނެފައިވެއެވެ.
މި މައްސަލަ މިހާރު ކެޓަލޯނިއާގެ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ކެޓަލޯނިއާގެ ކުޅިވަރާ ބެހޭ ވަޒީރު ބާނީ އަލްވަރޭޒް ވިދާޅުވީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި، މިކަން ހިންގި މީހުން ދެނެގަނެ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ކަންކަން ހިނގުމުން މެޗު ހުއްޓާލުމުގެ ޕްރޮޓޮކޯލް އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވެސް މިހާރު ދަނީ މި މެޗުގެ ރިޕޯޓުތައް ދިރާސާކުރަމުންނެވެ. މިކަމުގެ ސަބަބުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ބޮޑު އަދަބެއް ނުވަތަ ޖޫރިމަނާއެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.
މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ މިއީ "ނަސްލީ ތަފާތުކުރުމުގެ ފިނޑި އަމަލެއް" ކަމަށް ސިފަކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ޔަމާލްއަކީ މޮރޮކޯ އަދި އެކުއެޓޯރިއަލް ގިނީއަށް ނިސްބަތްވާ މުސްލިމް އާއިލާއަކުން އައިސް، ސްޕެއިންގައި އުފަންވި ކުޅުންތެރިއެކެވެ.