ބައި ގަރުނަށްފަހު އިންސާނުން އަލުން ހަނދަށް: އާޓެމިސް-2 މިޝަން ފަށައިފި

އެމެރިކާގެ ފްލޮރިޑާގެ ކޭޕް ކެނަވެރަލްގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރުން އާޓެމިސް 2 އުދުއްސާލުން --- ފޮޓޯ: ރޮއިޓާސް

ބައި ގަރުނަށްވުރެ ގިނަ ދުވަސް ފަހުން، އެމެރިކާގެ ފަޒާއާ ބެހޭ އިދާރާ ނާސާއިން ވަނީ ހަތަރު އެސްޓްރޮނޯޓުންނާއެކު އާޓެމިސް 2 މިޝަން ފަށާފައެވެ. މިއީ 1972 ވަނަ އަހަރަށްފަހު އިންސާނުން ހަނދަށް ކުރާ ފުރަތަމަ ދަތުރެވެ. މި މިޝަނުގެ މައިގަނޑު އަމާޒަކީ ހަނދުގައި އިންސާނުންނަށް ދިރިއުޅެވޭނެ މާހައުލެއް ގާއިމުކުރުމާއި، ކުރިއަށް އޮތް ތަނުގައި މާސްއަށް އިންސާނުން ފޮނުވުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދުމެވެ.

  • 1972 ވަނަ އަހަރަށްފަހު އިންސާނުން ހަނދަށް ކުރާ ފުރަތަމަ ދަތުރު ފެށުން
  • މި މިޝަންގައި އެމެރިކާގެ ތިން އެސްޓްރޮނޯޓުންނާއި ކެނެޑާގެ އެސްޓްރޮނޯޓެއް ބައިވެރިވުން
  • މި ދަތުރަށް ގާތްގަނޑަކަށް 10 ދުވަސް ހޭދަވާނެކަމަށް ލަފާކުރެވުން
  • މިއީ މާސްއަށް އިންސާނުން ފޮނުވުމަށް ކުރެވޭ މުހިންމު ތަޖުރިބާއެއްކަން

ބައި ގަރުނަށް ވުރެ ގިނަ ދުވަސް ފަހުން، އިންސާނުންނާ އެކު ހަނދަށް ކުރާ ތާރީޚީ ފުރަތަމަ ދަތުރު އެމެރިކާގެ ފަޒާއާ ބެހޭ އިދާރާ (ނާސާ) އިން ރޭ ކާމިޔާބުކަމާ އެކު ފަށައިފި އެވެ.

ޖުމްލަ ހަތަރު އެސްޓްރޮނޯޓުންނާ އެކު ފެށި މި މިޝަނަކީ 1972 ވަނަ އަހަރަށް ފަހު އިންސާނުން ހަނދާ ދިމާލަށް ކުރާ މިފަދަ ފުރަތަމަ ދަތުރެވެ.

ނާސާގެ 'އާޓެމިސް 2' މިޝަންގެ ދަށުން މި ދަތުރު ފަށާފައިވަނީ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.

މި މިޝަންގައި ބައިވެރިވަނީ އެމެރިކާގެ ތިން އެސްޓްރޮނޯޓުންނާއި ކެނެޑާގެ އެސްޓްރޮނޯޓެކެވެ.

'ސްޕޭސް ލޯންޗު ސިސްޓަމް' (އެސްއެލްއެސް) ރޮކެޓުގައި ފެށި މި ދަތުރުގައި، ހަނދު ވަށައިގެން ބުރުޖެހުމަށް ފަހު އެނބުރި އައުމަށް ގާތްގަނޑަކަށް 10 ދުވަސް ހޭދަވާނެ ކަމަށް ބެލެވޭކަމަށް ނާސާއިން ބުނެއެވެ.

މި ދަތުރަކީ އިންސާނުން ހަނދުގެ ސަތަހައަށް އަލުން ފޭބުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. ނާސާގެ އިސް އޮފިޝަލުން މި މިޝަން ސިފަކުރައްވަނީ ހަނދުގައި އިންސާނުން ދާއިމީކޮށް ވަޒަންވެރިވުމަށް ކުރެވޭ މަސައްކަތުގެ ބިންގަލުގެ ގޮތުގަ އެވެ.

https://sun.mv/218775

މި މިޝަންގެ ސަބަބުން ހަނދުގެ ސަތަހައިގައި އިންސާނުން ތިބެވޭނެ ފަދަ މާހައުލެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ނާސާއިން ބުނެއެވެ.

ދަތުރުގެ ފެށުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކެނެޑާގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަން ބުނީ، މިއީ ހަމައެކަނި ވަކި ގައުމެއްގެ ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ މުޅި އިންސާނިއްޔަތަށްޓަކައި ކުރެވޭ ތާރީޚީ މަސައްކަތެއް ކަމަށެވެ.

މި ދަތުރުގައި އެސްޓްރޮނޯޓުން ފަޒާގެ ތެރެއަށް ގާތްގަނޑަކަށް 252,000 މޭލު ދުރަށް ދަތުރުކުރާނެއެވެ. މިއީ އިންސާނުން މިހާތަނަށް ފަޒާގައި ދަތުރުކުރާނެ އެންމެ ދުރު ރާސްތާއެވެ.

ނާސާޢިން ބުނާގޮތުގައި މިއީ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ހަނދަށް ފޭބުމަށް ރާވާފައިވާ މިޝަންތަކުގެ ކުރިން ކުރެވޭ ޓެސްޓް ދަތުރެކެވެ.

އާޓެމިސް ޕްރޮގްރާމަކީ 2028 ވަނަ އަހަރުގެ ކުރިން އަލުން ހަނދަށް ދިއުމަށް އެމެރިކާއިން ކުރިއަށްގެންދާ އެންމެ މުހިންމު މަޝްރޫއުއެވެ. މި މަޝްރޫއުގެ މައިގަނޑު އެއް އަމާޒަކީ ފަޒާގެ ދާއިރާއިން ޗައިނާއިން ކުރިއަށްގެންދާ ހަރަކާތްތަކާ ވާދަކޮށް، ހަނދުގައި އިންސާނުންގެ ބާރުވެރިކަން ދެމެހެއްޓުމެވެ.

ހަނދަށް އިންސާނުން ފޮނުވުމަށް ނާސާއިން ކުރިއަށްގެންދާ 'އާޓެމިސް' ޕްރޮގްރާމަކީ 1960 އާއި 1970 ގެ އަހަރުތަކުގައި ހިންގި މަޝްހޫރު 'އެޕޯލޯ' މިޝަންތަކަށް ފަހު އެ އިދާރާއިން ފެށި އެންމެ ބޮޑު އަދި އެންމެ އުންމީދީ މަޝްރޫއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ 'އާޓެމިސް 1' މިޝަން، އެއްވެސް އިންސާނަކާ ނުލައި 2022 ވަނަ އަހަރު ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށް، ހަނދުގެ މާހައުލުގައި ރޮކެޓާއި ކެޕްސޫލް މަސައްކަތްކުރާ ގޮތް ޓެސްޓުކޮށްފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ހަނދުގައި އިންސާނުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ މަގު ފަހިކުރުމާއި، އެ ތަނުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްއޮތް ތަނުގައި މާސްއަށް އިންސާނުން ފޮނުވުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ހޯދުމެވެ.

މީގެއިތުރުން، މި ފަހަރުގެ މިޝަންތަކުގައި ފުރަތަމަ ފަހަރަށް އަންހެނަކާއި، ދޮން ނޫން ނަސްލެއްގެ މީހަކު ހަނދުގެ ސަތަހައަށް ބޭލުމަކީ ވެސް ނާސާގެ މުހިންމު އަމާޒެކެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު