ބައިގަރުނަށްވުރެ ދިގު އިންތިޒާރަކަށްފަހު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް އިން ޖާގަ ކަށަވަރުކޮށް މުޅި އެފްރިކާ ބައްރު އުފާވެރިކަމުން ގުގުމާލައިފިއެވެ.
މެކްސިކޯގައި ކުޅުނު އިންޓަ ކޮންޓިނެންޓަލް ޕްލޭއޯފް ފައިނަލްގައި ޖެމެއިކާއާ ވާދަކޮށް ކޮންގޯއިން ކުރިހޯދީ، މުޅި މެޗުގެ ނޭވާ ހިފަހައްޓާލަންޖެހުނު ވަގުތުކޮޅެއްގެ ތެރޭގައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ކުޅުމުގައެވެ.
ކޮންގޯގެ ސަޕޯޓަރުން އުފާވެރިކަމުން ރޮއްވާލީ މެޗުގެ 100 ވަނަ މިނިޓުގައި ބާންލޭގެ ޑިފެންޑަރު އެލެކްސް ޓުއާންޒެބޭ ކާމިޔާބުކޮށްދިން ރީތި ލަނޑުންނެވެ.
މި ލަނޑާއެކު، 1974 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ކޮންގޯގެ ދިދަ ވޯލްޑް ކަޕްގެ ދަނޑުތަކުގައި ވިހުރިލުމުގެ ފުރުސަތު މިވަނީ ތަނަވަސްވެފައެވެ.
އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ފަށާ ތާރީހީ މުބާރާތަށް ކޮލިފައިވި 47 ވަނަ ގައުމަކީ ކޮންގޯއެވެ.
ވޯލްޑް ކަޕްގައި ކޮންގޯ ހިމެނެނީ ގްރޫޕް ކޭގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ގައުމުތަކަކީ ޕޯޗުގަލް އާއި ކޮލަމްބިއާގެ އިތުރު އުޒްބަކިސްތާނެވެ.
ތިން ގައުމެއް ގުޅިގެން ބާއްވާ މި ފުރަތަމަ ވޯލްޑް ކަޕަކީ ކޮންގޯގެ ސަޕޯޓަރުންގެ މި ޖީލަށް ދުވަހަކުވެސް ހަނދާނުން ފޮހެލެވޭނެ މުބާރާތަކަށް ނުވާނެކަން ޔަގީނެވެ.