"ޒަހްރާން އެހީމެއްނު މިގެއަށް އަންނަނީ ކާކުހޭ؟ އެއީ އަހަރެންގެ ފިރިމީހާ... ހިލޭ މީހެއް ނޫން..." އައިރާ ބުނެލިއެވެ.
ޒަހްރާންގެ ސިކުނޑީގެ މަސައްކަތްތައް ހީވީ ކުޑަ ވަގުތުކޮޅަކަށް މަޑުޖެހުނުހެންނެވެ. އައިރާގެ ވާހަކަތަކުން އޭނައަށް ކުރަމުންދިޔައީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. އެއްޗެއް ބުނަން ނޭނގިފައި އޭނައަށް ހުރެވުނުއިރު، މޭގައި ކޮންމެވެސް ކަހަލަ ރިހުމެއްގެ އަސަރު އުފަންވެގެން އައެވެ. އައިރާއަށް ބަލަހައްޓައިގެން ޒަހްރާނަށް ހުރެވުނެވެ. ހަނދާނަށް އެންމެ ފުރަތަމަވެސް އަންނަން ފެށީ ރިހާމް އެހެން އަންހެން ކުއްޖަކާއެކު ރެސްޓޯރެންޓުގައި އިން މަންޒަރެވެ. އެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކެވެ. ރިހާމްއަކީ އައިރާގެ ފިރިމީހާއަށް ވީއިރު ރިހާމް އެހެން އަންހެނުންނާ ގުޅުން ބާއްވަނީ ހެއްޔެވެ؟ އެކަން އަނެއްކާ އައިރާއަށް އެނގޭ ހެއްޔެވެ؟ އައިރާގެ އެކަނިވެރިކަމާއި، އޭނަގެ މޫނުމަތިން ފެންނަމުން ދާ އަސަރުތަކުގެ އަސްލަކީ އެއީ ހެއްޔެވެ؟ ޒަހްރާންގެ ހިތުގައި ތަފާތު ޝުއޫރުތައް އުފެދެން ފެށިއެވެ. އޭނަ ރިހާމްއާ ބެހޭގޮތުން ސުވާލުކުރަން އުޅުނު ނަމަވެސް، އައިރާ ވާހަކަ ދައްކަން ފެށުމުން އޭނަގެ ދޫ ހިމޭންވިއެވެ.
"އަހަރެން ބޭނުމީ ރެސްޓްކޮށްލަން. ދަނީ...." އައިރާ ބުނެލިއެވެ. "އެންޑް ތެންކިއު ސޯ މަޗް..."
"އިފް ޔޫ ވޯންޑް އެނީ ހެލްޕް... ބެލް ޖަހާލާ..." އަވަސް އަވަހަށް ޒަހްރާނަށް ބުނެވުނެވެ. އައިރާއަށް އެހީތެރިވާނެ އިތުރު މީހަކު ނެތްކަމުން، މިވަގުތު އައިރާއަށް އެހީތެރިކަން ބޭނުންވެދާނެކަމުގައި އޭނައަށް ވިސްނުނީއެވެ. އެކަނިމާއެކަނި އުޅުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ވަކިން ޚާއްސަކޮށް ޖިސްމާނީ ގޮތުން ބަލިކަށި އިރުއެވެ. އައިރާއާ މެދު އޭނަގެ ހިތުގައި ޙަމްދަރުދީ އުފެދިފައިވެއެވެ. ހިތް އެދި ގޮވީ އައިރާގެ ފަރާތުން ހުރިހާ ކަމެއް އޮޅުން ފިލުވަން ނަމަވެސް، އެ ސުވާލުތައް އެވަގުތު އޭނަ މަޑުޖައްސައިލީ އައިރާގެ ނާޒުކު ޙާލަތުގެ ސަބަބުންނެވެ. މިވަގުތު އިތުރު ނުތަނަވަސްކަމެއް އައިރާއަށް ދޭން ބޭނުންނުވާތީއެވެ.
އައިރާ ގޮސް ގެއަށް ވަނުމާއެކު، ޒަހްރާންވެސް ގޮސް އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނައަށް އިށީނދެވުނީ ސޯފާގައެވެ. ދެ އަތުން މޫނު ފުހެލުމާއެކު، ޒަހްރާން ފުންނޭވާއެއް ދޫކޮށްލިއެވެ. އެ ނިކަމެތި އަންހެން ކުއްޖާއަށްޓަކައި އޭނަގެ ހިތުގައި އައު ވިންދެއް ހަމަ ގައިމުވެސް ހޭލައިފިއެވެ. އެއީ ޙަމްދަރުދީއަށްވުރެ ފުން ޖަޒުބާތެކެވެ. އެއީ ހަމައެކަނި ޙަމްދަރުދީނަމަ އޭނައަށް އައިރާއާ މެދު ތާއަބަދު ނުވިސްނޭނެއެވެ. އައިރާ ދުށުމަށް ބޭޤަރާރެއް ނުވާނެއެވެ. އައިރާ ފެނުމުން އޭނަގެ ހިތަށް ފިނިކަމެއް ވެސް ނުލިބޭނެއެވެ. ޙަޤީޤަތް އެނގުމުން އޭނައަށް ވަކީން ބޮޑަށް އައިރާ ޚާއްސަވެއްޖެއެވެ. ފިރިއަކު ހުންނަ ކަމުގައި ބުނެ އައިރާ ހެދީ ދޮގު ނޫންކަންވެސް އޭނައަށް ޔަޤީނެވެ. އެ ދެލޮލުގައި ތެދުވެރިކަން ނޫން އެއްޗެއް ނުވެއެވެ. މީހެއްގެ އޯގާތެރިކަމަށް ފެންބޮވައިގަނެފައިވާ އަސަރުތަކާއެއްކޮށް، އެ ދެލޮލުން އޭނައަށް ފެނުނީ އިންތިހާ ދަރަޖައިގެ ވޭނެވެ. މޫނުމަތީގައިވި ޝުޢޫރުތައް ހެކިދެމުން ދިޔައީ، އޭނަ މީހެއްގެ އަޅާލުމާ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރެވެ. އޭނަގެ ވާހަކަ ޔަޤީންކޮށްދޭން ބޭނުންވެފައިވާ މިންވަރެވެ.
"މީ ހަމައެކަނި ޙަމްދަރުދީއެއް ނޫން... ދިސް އިޒް ނޮޓް ޕިޓީ... އިޓްސް... އިޓްސް ސަމްތިންގ ޑީޕް... ސޯ ޑީޕް ދެޓް އައި ކާންޓް ރެސިސްޓް ދިސް ފީލިން އެނީމޯރ...." ޒަހްރާނަށް ހިތާ ހިތުން ބުނެވުމާއެކު، މެއާ ދިމާލުގައި އަތް ޖައްސައިލެވުނެވެ. ހީވީ ބާރުވެފައިވާ ހިތުގެ ތެޅުން އިޙްސާސްކޮށްލަން ބޭނުންވެފައިވީ ހެންނެވެ. ޒަހްރާނަށް ދެލޯ މަރާލައިގެން އިރުކޮޅަކު އިނދެވުނެވެ. އެއީ އޭނައަށް މުޅިން އައު އިޙްސާސެކެވެ. ދިރިއުޅުމަށް އެތައް އަންހެން ކުދިންނެއް ގެނެވިފައިވީ ނަމަވެސް، އެއިން އެއްވެސް އަންހެން ކުއްޖަކަށް އޭނަގެ ހިތަށް ނުފޯރުވުނު ބާރެއް ދުރުގައި ހުރެގެން އައިރާ ފޯރުވާ ގޮތެއް ޒަހްރާނަކަށް ނޭނގުނެވެ. އައިރާއަށްޓަކައި އެހިތުގައި އައު ވިންދެއް ހޭލައިފިއެވެ. އޭނަގެ ހިތް އައިރާގެ މައްޗަށް ލެނބެން ފަށައިފިއެވެ. ޒަހްރާންގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވާން އުޅުނުހެން ހީނުވެ، މޫނުމަތި މިލައިގެން ހިނގައްޖެއެވެ. ހަޤީޤަތާ ކުރިމަތިލުމަށް ސިކުނޑި ގޮވައިލި ގޮވުމަށް އިޖާބަދޭން ޒަހްރާނަށް މަޖުބޫރުވީއެވެ. އޭނައަށް ވަގުތުން ދެލޯ ހުޅުވައިލެވުނެވެ. އާއެކެވެ. އޭނައަށް އަމިއްލަ މިހާގެ ހައިސިއްޔަތު ހަނދާންވީއެވެ. އޭނައަކީ އައިރާއާ އެއްވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. އެއީ މީހެއްގެ އަނތްބެކެވެ. ވީއިރު އައިރާއަށްޓަކައި އޭނަގެ ހިތުގައި އެފަދަ ޖަޒުބާތުތަކެއް އުފެދިގެން ނުވާނެއެވެ. ޒަހްރާން އޭނަގެ ހިތް ކިޔަމަންކުރުވަން މަސައްކަތްކުރިއެވެ. ސިކުނޑިއާ ހިތާ ދެމެދު ކުރެވެމުން ދިޔަ ހަނގުރާމައިގެ ސަބަބުން މީހާއަށް ވަރުބަލިކަމެއް އިޙްސާސްވިއެވެ.
"މީތަ އެ ކިޔާ ލޯތްބަކީ؟ އައިރާއަކީ އެހެން މީހެއްގެ އަނތްބެއްކަން އެނގުނީމަ އަހަރެންގެ ހިތަށް ކީއްވެތަ އެހާ ތަދުވަނީ؟" ޒަހްރާންގެ ހިތުގައި ހީވަނީ މީހަކު އިރުއިރުކޮޅުން ވިކައިގަންނަހެންނެވެ. ސިކުނޑީގެ ނާރުތަކަށްވެސް ވަނީ ވާންވެފައެވެ. އެންމެފަހުން ތެދުވެގެން ގޮސް ކޮފީ މެޝިން ކައިރިއަށް ހުއްޓުމަށްފަހު، ކޮފީއެއް ހަދާލައިގެން އޭނަ ކެބިނެޓްގައި ލެނގިލިއެވެ. ސިކުނޑީގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި، ކޮފީ ތަށިން އެތި ފޮދެއް ބޮއިލި ނަމަވެސް، އެހެންޏާ އޭގެން އަރުތެރޭގައި ލާ މީރު ރަހައެއް ނުލިއެވެ. ހަށިގަނޑަށް ލިބޭ އަރާމާ ރާހަތެއްވެސް ނުލިބުނެވެ. އެންމެ ފަހުން ކޮފީ ތަށި ސިންކަށް އޮއްސައިލުމަށްފަހު، ޒަހްރާން ގޮސް ވަނީ ކޮޓަރިއަށެވެ. އެނދުމައްޗަށް ވެއްޓިގަތުމާއެކު، ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޭނަ އޮތެވެ.
*****
އޮފީހަށް ދާން ތައްޔާރުވެލުމަށްފަހު، އަޔާޝް ތިރިއަށް އައިއިރު، ކާމޭޒު ދޮށުގައި މަންމައާއި ބައްޕަ ތިއްބެވެ. އީލާފް ފެންނާކަށް ނެތެވެ. އެއީ އަބަދުވެސް އާދައެވެ. އެހާ ހެނދުނާ އީލާފްއަށް ގޮވާ ގެންނަން ޖެހޭނީ އުނދަގުލުންނެވެ. އެހެންނަމަވެސް ކަމެއް ބޭނުންވެއްޖެނަމަ އެ ޙާލަތު ތަފާތުވެއެވެ. އެހެން އެންމެންނަށް ވުރެ ކުރިންވެސް ހޭލަފާނެއެވެ.
"އީލު ނުހޭލަނީ ދޯ... މިއަދު ރެން ކައިރިއަށްވެސް ނުދަނީތަ؟..." އަޔާޝް ބުނެލިއެވެ. އޭނަ ހުރީ ކޯޓު ފަޓްލޫނުގައެވެ. ހުދުކުލައިގެ ގަމީހަކާއި ކަނޑުނޫލުލައިގެ ފަޓްލޫނެއް ލާފައިހުރިއިރު، ސޫޓްވެސް ހުރީ ފަޓްލޫނާ އެއްކުލައިންނެވެ. އޭނަގެ ފިރިހެންވަންތަކަން ފުރިހަމަކޮށްދެނީ އޭނަގެ ދިގު އިސްކޮޅާއި، ފިރިހެންވަންތަ ހަށިގަނޑެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅިއާ އިސްތަށިގަނޑު ސްޓައިލްކޮށްލާފައި ވާގޮތުންވެސް އެމޫނުމައްޗަށް އިތުރު ދިރުމަކާ ފުރިހަމަކަމެއް ގެނެސްދެއެވެ. އަޔާޝްއަކީވެސް ފިރިހެންވަންތަ ޒުވާނެކެވެ. އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ފިރިހެންވަންތަ ކަމެއް ލިބިފައިވެއެވެ. ރަސްމީކޮށް ހުރުމުން އޭނަގެ ޝަޚްސިއްޔަތުގެ ފުރިހަމަކަންވެސް ހާމަވަމުން ދިޔައެވެ. ގޮނޑިއެއް ދަމާލާފައި އަޔާޝް އިށީނދެލިއެވެ.
"މަންމަ ގޮސް ގޮވާލިން. ހޫމް އެކޭ ބުނެފަ ހީވަނީ އަނެއްކާވެސް ނިދީހެން...." ބަސްމާ ޖަވާބު ދިނެވެ.
"ބައްޕާ. މިއަދު އަޅުގަނޑު އޮފީސްކަމަކު ބައްޕައާ ކުޑަކަމެއް ޑިސްކަސްކޮށްލަން ބޭނުން. ވަގުތެއް ވާނެތޯ؟" އަޔާޝް އަދަބުވެރިކަމާއެކު ސުވާލުކޮށްލިއެވެ.
"މިއަދު ތަންކޮޅެއް ފަހުން ވަގުތެއް ވެދާނެކަންނޭނގެ. ރައީސް އޮފީހުގަ އޮތް ބައްދަލުވުމަކަށް ދާންޖޭހޭތީ، ނިމޭނެ ވަގުތެއް ބުނާކަށް ނޭނގޭ..." މުރާދަކީ މިނިސްޓަރަކަށް ވުމާއެކު އަބަދުވެސް އުޅެން ޖެހެނީ ފުދޭވަރަކަށް ބުރަކޮށެވެ. ވަކިން ޚާއްސަކޮށް މި ދުވަސްކޮޅުގައެވެ. އެހެންނަމަވެސް، ވީވަރަކުން އޭނަ އަބަދުވެސް އަޔާޝްއަށް އެހީތެރިކަން ފޯރުކޮށްދެއެވެ.
"ކިހިނެއްވީ އަނެއްކާ؟ ބޮޑުކަމެއް ވީތަ؟" މުރާދު ސުވާލުކޮށްލިއެވެ.
"ވާވު އަތޮޅުގަ ތަރައްޤީ ކުރާ ރިސޯޓުގެ މަސައްކަތް ދިން މީހުން އަދިވެސް މަސައްކަތް ނުނިންމާތީ... އަންނަ މަހު ކޮންޓްރެކްޓްގެ މުއްދަތުވެސް ހަމަވޭ. އެކަމަކު މަސައްކަތްކުރިއަށް ދާ ވަރުން ހިޔެއް ނުވޭ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިމޭނެހެނެއް..." އަޔާޝް ކުޑަކޮށް ކިޔައިދިނެވެ.
"އެހެންތަ؟ އެހެންވީމަ، ވަގުތެއް ހޯދާލައިގެން ތިކަމާ މަޝްވަރާކޮށްލާނީ ދޯ..." މުރާދު ބުންޏެވެ.
"ދަރިފުޅާ..." ކުރިން ބުނި ވާހަކައަށް އަޔާޝް ބޯ ޖަހައިލުމުން މުރާދު ގޮވައިލިއެވެ.
"ލައްބަ..." އަޔާޝް އޭނަގެ ސަމާލުކަން މުރާދަށް ހުއްޓައިލިއެވެ.
"އެނގޭ އޮފީހުގަ ވަރަށް ބުރަކޮށްކަން ދަރިފުޅު ތިއުޅެނީ... ދަރިފުޅު ވީނު ރެންއާ ވާހަކަ ދައްކާލަން. ރެން ކައިރީ ބުނަންވީނު ކޮންޕެނީއާ ޖޮއިންކުރަން. މާސްޓާރސްވެއް ނިމިއްޖެއެއްނު މިހާރު. ރެން ލީގަލް ޓީމާ ގުޅިއްޖެއްޔާ އަޔާއަށްވެސް ފަސޭހަ ވާނެއެއްނު." މުރާދު ބުނެލިއެވެ. ޒަހްރާން މަތީ ތަޢުލީމް ހާސިލްކުރީ، ޤާނޫނީ ދާއިރާއިންނެވެ.
"އަޅުގަނޑު ވާހަކަ ދައްކާލާނަން." އަޔާޝްއަށް ވެސް އެ ޚިޔާލު ކަމުދިޔައެވެ. އޭނަ ނިންމީ ޒަހްރާނާ ދިމާކޮށްފައި ވީ އެންމެ އަވަހަކަށް އެ ވާހަކަ ދައްކާށެވެ.
ސައިބޮއިގެން އޮފީހަށް ދިޔުމަށްޓަކައި ދެމީހުންވެސް ނުކުތީ އެކުއެކީގައެވެ. މުރާދު ނުކުތްއިރު ޑްރައިވަރު ރާޖޫ އޭނަގެ އިންތިޒާރުގައި ހުއްޓެވެ. މުރާދު ހަމަ ފެނުމާއެކު، ކާރުގެ ދޮރުފަތް އޭނަ ހުޅުވައިލަދިނެވެ. އެއަށްފަހު އޭނަ ވެސް ގޮސް ކާރަށް އަރާ ދުއްވާލައިފިއެވެ.
އަޔާޝްވެސް މުރާދު ދިޔުމުން އޭނަގެ ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. ޑްރައިވަރެއް ހަމަޖައްސާފައި ހުއްޓެއްކަމަކު އޭނަ ގިނައިން ކާރު ދުއްވަނީ އަމިއްލައަށެވެ. އަޔާޝް ދިޔައީ މާލޭގައި ހުންނަ "މޭޕަލް ހެރިޓޭޖް ޕްރައިވެޓް ލިމިޓެޑް" ގެ މައި އޮފީހަށެވެ. ހަތް ފަންގިފިލާއަށް ނަގާފައިވާ އެ އޮފީހުގެ ކޮންމެ ފަންގިފިލާއެއްވެސް ޚާއްސަކޮށްފައިވަނީ ކޮންމެވެސް އެއްކަމަކަށެވެ ފައިނޭންސްއާއި، ޕްރޮޖެކްޓް މެނޭޖްމެންޓުން ފެށިގެން ގޮސް، ހިއުމަން ރިސޯސާއި، ލީގަލް ޑިޕާރޓްމެންޓުގެ އިތުރުން އެހެނިގެން ބައިތައްވެސް ހުންނަނީ ޑިޕާރޓްމެންޓްތައް ވަކިކޮށް، ކޮންމެ ޑިޕާރޓްމެންޓަކަށް ފަންގިފިލާއެއް ޚާއްސަކޮށްފައެވެ.
ކާޑު ޖަހާލާފައި އެތެރެއަށް ވަނުމަށްފަހު ލިފްޓުން އޭނަ އެރީ އެންމެ މައްޗަށެވެ. އޭނަގެ ކެބިން ހުންނަނީ އެންމެ މަތީގައެވެ. އެއީ މީގެ ކުރިން މުރާދު ބޭނުންކުރި، ކެބިންއަށް ވީނަމަވެސް، އަޔާޝް އޮފީސް ހިންގުމާ ހަވާލުމަށްފަހު އެ ތަން ބޭނުންކުރަނީ އޭނައެވެ. ތަނަވަސް ބޮޑު ކެބިންއަށް އަޔާޝް ވަދެލިއެވެ. އެތަނުގައި ލެދަރ ސޯފާސެޓެއް ހުރިއިރު، ކުޑަ ބިއްލޫރި މޭޒެއް ހުއްޓެވެ. މޭޒުމަތީގައި ހުރި، ވާޒްއަކަށް ޕްލާސްޓިކް މާތަކެއް ޖަހާފައިވާއިރު ސޯފާގެ އެއްފަރާތުގައި އިންޑޯ ގަހެއް ވެސް ހުއްޓެވެ. ތަނުގައި އޭސީގެ ފިނިކަން ރަސްކަންކުރަމުން ދިޔައިރު ލުއި ލުއި މީރުވަހެއްވެސް ހިފާލާފައި ހުއްޓެވެ. ޝެލްފެއް ހުރިއިރު އެ ޝެލްފުގައި ހުރީ މުހިންމު ބައެއް ފައިލްތަކާއި، ލިޔެ ކިޔުންތަކެވެ. އޭގެ އިތުރުން ސޭފެއްވެސް ހުއްޓެވެ. އަޔާޝް ގޮސް އިށީނީ އޭނައަށް ޚާއްސަކޮށްފައިވާ ހަތަރެސްކަން މޭޒުކައިރީގައެވެ. އޭގެ މަތީގައި ޕްރިންޓަރަކާއި، ލެޕްޓޮޕެއް ހުއްޓެވެ. މޭޒުގެ އެއްފަރާތު ކަބަޑު ހުޅުވާލާފައި އޭނަ ތެރޭގައި އޮތް ފައިލެއް ނަގާ ހުޅުވައިލަން އުޅުނު ވަގުތު ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވިއެވެ. އެ ގަޑީގައި މެސެޖު ކުރާނީ ކާކުކަން އެނގޭފަދައަކުން އަޔާޝް ފޯނު ނެގިއިރު، އޭނަގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދައުރުވަމުން ދިޔައެވެ.
"ގުޑް މޯރނިންގ ލަވް..." އެ މެސެޖުގައި އޮތީ އެހެންނެވެ. އޭނައަށް މެސެޖު ކުރީ ލޯބިވެރިޔާ ލަޔާލީއެވެ. އަޔާޝްއާއި ލަޔާލީގެ ގުޅުމަށް މިހާރު އަހަރެއް ފާއިތުވަނީއެވެ. އެހެންނަމަވެސް، އެ ގުޅުން އަދިވެސް އޮތީ އެންމެނަށް ސިއްރުކުރެވިފައެވެ. އޭނައާ ލަޔާލީ އާ ދެމީހުން ދިމާވީ، އިންޑޮނޭޝިޔާގެ ބާލީގައި އޮތް ޓުއަރިޒަމް ފެއާއެއް ތެރެއިންނެވެ. އޭރު ލަޔާލީ ދިޔައީ ޓޫރިޒަމް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާރސްއަށް ކިޔަވަމުންނެވެ. ލަޔާލީ ކިޔަވަމުން ދިޔައީ ލަންކާގެ ކޮލެޖަކުން ނަމަވެސް، ލިބުނު ފުރުސަތުގައި އޭނަ ބާލީއަށް ދިޔައީ، ކޮލެޖުގެ ފަރާތުންނެވެ. އަޔާޝްއާ އެންމެ ފުރަތަމަ ދިމާވީ ހޮޓެލް ލޮބީއިންނެވެ. ދެމީހުން ދެމެދު ވާހަކަ ދެކެވުނީ ދިވެހިންނަށް ވީތީއެވެ. ރަޙްމަތްތެރިކަން އުފެދުނީ އެހާ ހިސާބުންނެވެ. ފެއާރ ނިންމާފައި، ރާއްޖެ އައުމަށްފަހުވެސް ދެމީހުންގެ އެކުވެރިކަމަށް ބަދަލެއް ނާދެއެވެ. އެގުޅުން މަޑުމަޑުން ބަދަހިވަމުން ގޮސް އިތުރު ހަރުފަތަށް ދިޔައީއެވެ. އިސްނެގީ އަޔާޝްއެވެ. އަޔާޝް ބޭނުންވަނީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރަން ނަމަވެސް، ލަޔާލީ ކިޔަވާ ނިމެންދެން މަޑުކުރަން އޭނަ ނިންމީ ލަޔާލީގެ އެދުމުގެ މަތިންނެވެ. މިހާރު ލަޔާލީގެ ކިޔެވުން ނިމިއްޖެއެވެ. ދެން އޮތީ ގްރެޖުއޭޝަންއެވެ.
"ގުޑް މޯރނިންގ ބޭބީ..." އަޔާޝް ވެސް ރައްދުގައި މެސެޖެއް ފޮނުވައިލިއެވެ. ލަޔާލީގެ ޖަވާބެއް ނައިސް އުޅެނިކޮށް އަޔާޝް އަނެއްކާވެސް މެސެޖު ފޮނުވިއެވެ.
އަޔާޝް: އައި މިސް ޔޫ... ރޭގަވެސް ގުޅާނަމޭ ކިޔާފަ ފަހުން ނުގުޅަމެއްނު.
ލަޔާލީ: އައެމް ވެރީ ސޮރީ... ނިދުނީއޭ...
އަޔާޝް: އިޓްސް އޯކޭ ލަވް. މެސެޖު ކުރީމަ ރިޕްލައިއެއް ނައިމަ އެނގުނޭ ނިދުނީކަން...
ލަޔާލީ: ގްރެޖުއޭޝަން ޑޭޓް ލަސްވެއްޖެ...
އަޔާޝް: އެއީ.. އަނެއްކާ ކިހިނެއްވީ؟
ލަޔާލީ: ކޮލެޖުގެ ޕްރޮފެސަރ އެއް ނިޔާވީ. ސޯ އެމީހުން ވީކެއް ލަސްކުރަން ބޭނުންވީ...
އަޔާޝް: އަހަރެން ހީކުރީ އަދި އަންނަ ހަފްތާގައި ލަޔާލީ ފެންނާނެކަމަށް... އެކަމު...
އެހެން ބުނެލާފައި ރޮވިފައި އިން އިމޮޖީއެއް އަޔާޝް ލަޔާލީއަށް ފޮނުވައިލިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލާފައި، ފަހުން ގުޅާނެކަމަށް ބުނެ އަޔާޝް ވާހަކަ ކުރުކޮށްލީ، އޭނަ ނިންމަން ޖެހޭ މަސައްކަތްތަކެއް ހުރީތީއެވެ.
މަސައްކަތުގައި އިނދެފައި މެންދުރު ނަމާދަށް ގޮވުމުން މިސްކިތަށް ގޮސްފައި އައިސް ކެބިންއަށް ވަތް އަޔާޝްއަށް މުރާދުގެ ފޯނު ކޯލެއް ލިބުނެވެ. މުރާދު އޭނަ އެބަ އަންނަމޭ ބުނުމުން އަޔާޝްވެސް ބައްޕައަށް ދައްކަން ޖެހޭ ލިޔެ ކިޔުންތައް ނަގާ ތައްޔާރުކޮށްލިއެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ފަހުން މުރާދު އަތުވެއްޖެއެވެ. އޭނަ ކެބިންއަށް ވަނުމާއެކު، އަޔާޝް ތެދުވަމުން އެ ގޮނޑި މުރާދަށް ދެއްކިއެވެ.
"ނޫނޭ. ދަރިފުޅު އިށީނދޭ... މީ މިހާރު ދަރިފުޅުގެ ގޮނޑިއެކޭ..." މުރާދު ހިނިތުންވެލިއެވެ. އެއާއެކު އަޔާޝް ހީނލާފައި އިށީނުމަށްފަހު، ލިޔެކިޔުންތައް މުރާދަށް ދައްކައިލިއެވެ.
"މީ ހުރިހާ ކޮންޓްރެކްޓްތަކެއް. ރާއްޖޭގަ އެންމެ އިތުބާރުކުރެވޭ އެއް ކުންފުނި އަސްލު އާރބަން ކޮންސްޓްރަކްޝަންއާ އެކީ ހެދިފަ ހުރި އެއްބަސްވުންތަކެއް މީ.." ރިހާމް ބުނެލިއެވެ.
"ބައްޕަ ކުންފުނި ހިންގުމާ ހަވާލުވެ ހުރިއިރު ދުވަހަކުވެސް މަސައްކަތް ނުނިމި ޑިލޭވެގެންނެއް ނުދޭ. ބައްޕައަށް ފެންނަނީ އަދި އިތުރު މުހުލަތެއް ދޭން... އެމީހުންގެ މަސައްކަތް ފުދޭވަރަކަށް ރަނގަޅުވާނެ... އަނެއްކާ ކޮލިޓީވެސް ވާނެ..." މުރާދު އޭނަގެ ޚިޔާލެއް ފާޅުކުރިއެވެ. ބައްޕަގެ ޚިޔާލަށް އަޔާޝް އެއްބަސްވީ ބައްޕަ ކުންފުންޏަށް ގެއްލުމެއް ވާން ދޫކޮށްނުލާނެހެން އޭނައަށް އެނގޭތީއެވެ.
"އަދި އިތުރު ދެ ޕްރޮޖެކްޓެއްގެ މަސައްކަތްތައް ހަވާލުކޮށް ސޮއިކޮށްފަވެސް ވެއްޖެ. މިހުރީ އެ ކޮންޓްރެކްޓްތައް..." އަޔާޝް އެ ލިޔުންތައް ދައްކާލާފައި ބުނެލިއެވެ.
"މި ޕްރޮޖެކްޓްތައް އަދި އަތުލާނެ ކަމެއް ނެތް. ދެން ކުރީ ޕްރޮޖެކްޓަށް އިތުރު މުހުލަތެއް ދިނަސް، އެމީހުންނާ ގުޅާލާފަ ކަންތައްތައް ދާގޮތާ ބެހޭގޮތުން ވާހަކަ ދައްކަން މީޓިން އެއް ބާއްވާލައްޗޭ...." މުރާދު އިރުޝާދު ދިނެވެ. އަޔާޝް ބޯ ޖަހައިލިއެވެ. ދެބަފައިން އެފަދަ ވާހަކަތަކެއްގައި އިރުގަނޑަކު ތިއްބެވެ.
*****
މެލޭޝިޔާގައި އެމީހުން ތިބި ހޮޓެލްގެ ބެލްކަނީގައި ހުރި ދިގު ގޮނޑީގައި އިށީނދެލައިގެން ތިބި ރިހާމްއާއި ދާނިޔާގެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމެކެވެ. ފަނަރަ ވަނަ ފަންގިފިލާކަމުންނާ އެއީ ގަސްތައް ގިނަ ފެހި ހިސާބަކަށް ވުމުން ދުރުދުރުން ފެންނަމުން ދިޔަ މަންޒަރުވެސް ވަރަށް ޗާލެވެ. އުޑުމަތި ބަނަ ދުވަހަކަށް ވާތީ މެންދުރުގެ ހޫނުކަމެއް ވެސް ނެތެވެ. އޭރުވެސް މަތިމައްޗަށް ނަގަމުން ދިޔަ ވިލާތައް ނުހަނު ބޮލެވެ. ބޭރަށް ނުދާން ދެމީހުން ނިންމީވެސް އެހެންވެގެންނެވެ. ދާނިޔާ އިނީ ރިހާމްގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ. ދެމީހުންގެ އަތް ވަނީ ގުޅި ލާމެހިފައެވެ. ތަފާތު އެކި އެކި ވާހަކަތައް ދައްކަމުން ދިޔައިރު، އިރުއިރުކޮޅަކާ ދެމީހުން އެކަކު އަނެކަކަށް ބަލައިލައެވެ.
ރިހާމްގެ ޖީބުގައި އޮތް ފޯނު އިރުއިރުކޮޅަކުން ވައިބްރޭޓްވާތީ ދާނިޔާއަށް އުނދަގޫވިއެވެ. މެސެޖުކުރަނީ އައިރާކަން އޭނައަށް ޔަޤީންވިއެވެ. ބޯ ހިއްލައިލުމާއެކު، އޭނަ ރިހާމްއަށް ބަލައިލިއެވެ. ނުރުހުންތެރިކަން އޭރު ދާނިޔާގެ މޫނުމަތީގައިވިއެވެ.
"ކާކުތަ އެހާވަރަށް އެ މެސެޖުކުރަނީ؟" ދާނިޔާ އަހައިލިއެވެ. ރިހާމް ފޯނު ނަގާ ބަލައިލިއިރު އެއީ އައިރާ ނޫން ދެވަނަ މީހެއް ނޫނެވެ. ފޯނު މެސެޖު ސީންވެސް ކޮށްލުމެއްނެތި ސައިލެންޓަށް ލުމުން ދާނިޔާގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
"އައި ލަވް ޔޫ ސޯ މަޗް ބޭބީ... އައި ލަވް ޔޫ...." ރިހާމްއާ އިތުރަށް ގާތްވެލަމުން ދާނިޔާ ބުނެލައިފިއެވެ. މިހާރުން ފެށިގެންވެސް ކާމިޔާބު ވާނެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ޝާފިޔާ ބުނީ ރަނގަޅު ވާހަކައެކޭ އޭނަގެ ހިތަށް އެރިއެވެ. އޭނަގެ ހިތްވަރެއް ހުރިއްޔާ މާގިނަ ދުވަހެއް ނުވެ އައިރާ ރިހާމްގެ ޙަޔާތުން ބޭރުކޮށްލެވިދާނެއެވެ.
*****
އާދައިގެ މަތިން ރިހާމްއަށް އޭނަ ކުރި އެއްވެސް މެސެޖަކަށް ޖަވާބެއް ނައެވެ. އެނދުގައި އޮށޯވެގެން އޮތް އައިރާ ތެދުވެ ގަޑި ބަލައިލިއެވެ. އޭރު ދެގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ބަނޑުހައިކަން އިޙްސާސްކުރެވުނު ނަމަވެސް، ކާހިތެއް ނެތެވެ. އެހެންނަމަވެސް، ބަނޑުގައި ހެދި ބޮޑުވަމުން ދިޔަ ދަރިފުޅުގެ ހައްޤުގައި ކާން ޖެހޭނެކަން އެނގޭތީ އައިރާ ބޭރަށް ނުކުމެލިއެވެ. އޭނަ އެއްވެސް އެއްޗެއް މިއަދަކު ނުކައްކައެވެ. ހެނދުނުވެސް ސައި ބުއީ ޕާނާ ކްރަންޕީ ލައިގެންނެވެ. ބެޑްރެސްޓްކުރަން ބުނި ނަމަވެސް، މީހެއްގެ އެހީތެރިކަމާ ނުލާ އަބަދު ނޯވެވޭނެކަން އެނގޭތީ ބަތްކޮޅެއް ކައްކަން އޭނަ ނިންމިއެވެ. ކޮޓަރިން ނުކުތްތަނާ ގޭގެ ބެލް އަޅައިލިއެވެ.
"ޒަހްރާން...." އައިރާގެ ހަނދާނަށް އެންމެ ފުރަތަމަވެސް އައީ އެނަމެވެ. ޒަހްރާން ނޫނީ އޭނަގެ ޙާލު ބަލައިލާނެ މީހަކު ނުހުންނާނެކަން އޭނައަށް ޔަޤީނެވެ. ވީވެސް އެހެންނެވެ. ގޮސް ސްކްރީނުން ބަލައިލިއިރު ބޭރުގައި ހުރީ ޒަހްރާނެވެ. އޭނަ އާދައިގެ ބުރުގާއެއް އަޅާލުމަށްފަހު، ގޮސް ދޮރު ހުޅުވައިލިއެވެ.
"އައިރާ...." ޒަހްރާން އައިރާއަށް ގޮވައިލިއެވެ. އެ އަޑުގައިވަނީ އޯގާތެރިކަމެކެވެ. "ކައިފިންތަ؟... އަން..."
އެ ސުވާލުކޮށްލާފައި އައިރާއަށް ޖަވާބެއް ނުދެވި އުޅެނިކޮށް ޒަހްރާން އޭނަގެ އަތުގައި އޮތް ކޮތަޅު އައިރާއަށް ދިއްކޮށްލިއެވެ.
(ނުނިމޭ)