އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުން ބަލިވެ، ނަތީޖާތައް ގޯސްވުމާ ގުޅިގެން ގާނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން އޮޓޯ އައްޑޯ ވަނީ ވަކިކޮށްފައެވެ.
އަހަރުގެ ހޫނު މޫސުމުގައި ބާއްވާ ވޯލްޑް ކަޕް ފެށެން 72 ދުވަހަށް ވެފައި ވަނިކޮށް، ގާނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަމުގެ މަޤާމުން އޮޓޯ އައްޑޯ ވަކިކޮށްފިއެވެ.
އޭނާ މި މަޤާމުން ވަކިކޮށްފައިވަނީ އެކުވެރިކަމުގެ މެޗެއްގައި ޖަރުމަނު އަތުން 2-1 އިން ބަލިވި މެޗަށް ފަހުގައެވެ. އެ މަގާމުން އޭނާ ވަކިކުރީ އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ ހަތަރު މެޗުން ބަލިވެ، ނަތީޖާތައް ގޯސްވުމާ ގުޅިގެންނެވެ.
މިދިޔަ ހޯމަ ދުވަހު ސްޓުޓްގާޓްގައި ކުޅުނު މެޗުން ޖަރުމަނު އަތުން ގާނާ ބަލިވެފައިވާއިރު، އޭގެ ކުރިން ހުކުރު ދުވަހު ވިއެނާގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.
އިންގްލެންޑާއެކު ވޯލްޑް ކަޕްގެ އެއް ގްރޫޕެއްގައި ހިމެނޭ ގާނާގެ ޤައުމީ ޓީމު، ބްލެކް ސްޓާސް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެވެ. މެންޗެސްޓަރ ސިޓީގެ އެންޓުއާން ސެމެންޔޯ އާއި ޓޮޓެންހަމްގެ މުޙައްމަދު ކުޑުސް ފަދަ ހުނަރުވެރި ކުޅުންތެރިން ތިބި ނަމަވެސް، އައްޑޯގެ އިރުޝާދުގެ ދަށުން ގާނާއަށް ވަނީ 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްއަށްވެސް ކޮލިފައިނުވެ ކަޓާފައެވެ.

ނަތީޖާ ގޯސްވުމާ ގުޅިގެން ވަކިކުރި ގާނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އޮޓޯ އައްޑޯ--
ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު ގާނާ ފުޓްބޯލް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޯއާއެކު ހަދާފައިވާ އެއްބަސްވުން ވަގުތުން އުވާލާފައިވާ ކަމަށެވެ. އަދި ޤައުމީ ޓީމުގެ އައު ޓެކްނިކަލް މެނޭޖްމަންޓާ ގުޅޭ މަޢުލޫމާތު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އުމުރުން 50 އަހަރުގެ އައްޑޯ އުފަންވެފައިވަނީ ޖަރުމަނަށެވެ. އޭނާގެ މުޅި ކުޅުމުގެ ކެރިއަރު ޖަރުމަނުގައި ހޭދަކޮށްފައިވާއިރު، ގާނާގެ ޤައުމީ ޓީމަށް 15 މެޗު ކުޅެދީފައިވެއެވެ. ޤައުމީ ޓީމުގެ މެނޭޖަރުކަމާ އޭނާ ދެވަނަ ފަހަރަށް ހަވާލުވީ 2024 ވަނަ އަހަރުގެ މާރިޗު މަހުގައެވެ.
ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ބާއްވާ މިއަހަރުގެ ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި ގާނާ ކުޅޭ ފުރަތަމަ މެޗުގައި ޖޫން 18 ވަނަ ދުވަހު ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. އޭގެ ފަހުން ޖޫން 23 ގައި އިންގްލެންޑާ ދެކޮޅަށް ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 27 ގައި ނުކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.