ނެޓްބޯޅައަށް 11 މިލިއަން ރުފިޔާގެ ބަޖެޓެއް: އަމާޒަކީ އައު އުސްމިންތަކެއް!

ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން--ސަންފޮޓޯ/ ފަޔާޒް މޫސާ

މިއަހަރު ނެޓްބޯޅަ ކުރިއެރުވުމަށް ނެޓްބޯޅަ އެސޯސިއޭޝަނުން 11.8 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ. މި ބަޖެޓް ފާސްކޮށްފައިވަނީ ސޮލައިޓްގައި ބޭއްވުނު އަހަރީ އާންމު ޖަލްސާގައެވެ. މި ޖަލްސާގައި ގިނަ ކުލަބުތަކެއްގެ ބައިވެރިވުމާއި ތާއީދު ވަނީ ލިބިފައެވެ. ކުރިއަށް އޮތް އަހަރަށް އެސޯސިއޭޝަނުން ވަނީ ނެޓްބޯޅަ ލީގެއް ތައާރަފްކުރުމާއި، ކުޅުންތެރިން ބިނާކުރުމަށް އިސްކަންދީ، ގައުމީ ފެންވަރުގެ މުބާރާތްތައް އިތުރުކުރަން ރާވާފައެވެ.

  • 11.8 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަހަރަށް ފާސްކުރި
  • ބައިނަލްއަގްވާމީ ތަމްރީނުތަކަށް އެންމެ ބޮޑު ހޭދައެއް ކުރުން
  • މުޅިން އަލަށް ނެޓްބޯޅަ ލީގެއް ތައާރަފްކުރަން ނިންމުން
  • ޒުވާން ކުޅުންތެރިންގެ ހުނަރު ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދިނުން

މިއަހަރުގެ ނެޓްބޯޅަ ހަރަކާތްތަކަށް 11.8 މިލިއަން ރުފިޔާގެ ބަޖެޓެއް ނެޓްބޯޅަ އެސޯސިއޭޝަން (ނާމް) އިން ފާސްކޮށްފިއެވެ.

ސޮލައިޓްގައި ބޭއްވި އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި މި ބަޖެޓް ފާސްކުރީ މެންބަރު ކުލަބުތަކުގެ ބޮޑު ތާއީދަކާއެކުގައެވެ.

ބަޖެޓު ބެހިގެންވާ ގޮތުގެ ތަފްސީލު:

ބައިނަލްއަގްވާމީ މުބާރާތްތަކާއި ތަމްރީނު: 6.7 މިލިއަން ރުފިޔާ (ބަޖެޓުގެ އެންމެ ބޮޑު ބައި).
މާލޭގައި ބާއްވާ މުބާރާތްތައް: 1.3 މިލިއަން ރުފިޔާ.
އަތޮޅުތެރޭގެ މުބާރާތްތައް: 8.7 ލައްކަ ރުފިޔާ.
ޒުވާން ކުޅުންތެރިން ތަރައްގީކުރުން (YDP): 5.2 ލައްކަ ރުފިޔާ.
އިދާރީ ހިންގުމާއި ވަސީލަތްތައް: ގާތްގަނޑަކަށް 1.7 މިލިއަން ރުފިޔާ.

މިދިޔަ އަހަރު ކާމިޔާބު ގިނަ ހަރަކާތްތަކެއް ހިންގުމަށްފަހު، 2026 ވަނަ އަހަރަށް އެސޯސިއޭޝަނުން ވަނީ ފޯރިގަދަ ރޭވުންތަކެއް އިއުލާނުކޮށްފައެވެ.

އޭގެ ތެރޭގައި މުޅިން އަލަށް "ނެޓްބޯޅަ ލީގު" ތައާރަފްކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތްތައް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އަތޮޅުތަކުގައި ފަންނީ މީހުން ބިނާކުރުމާއި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީވެސް އެސޯސިއޭޝަނުގެ މުހިންމު އަމާޒެކެވެ.

މި ޖަލްސާގައި އެސޯސިއޭޝަނުގެ 12 ކުލަބުގެ ތެރެއިން 11 ކުލަބަކުން ބައިވެރިވެ، ކުރިއަށް އޮތް އަހަރުގެ ކަލަންޑަރާއި އޮޑިޓަރުން ވަނީ ކަނޑައަޅާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު