ވަރުންގެ ދަރިފުޅަށް 'ޑިވެލޮޕްމެންޓަލް ޑިސްޕްލޭސިއާ އޮފް ދަ ހިޕް' ޖެހިފައިވާކަން ހާމަކޮށްފި

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަން--ފޮޓޯ/އެންޑީޓީވީ

ބޮލީވުޑްގެ އެކްޓަރު ވަރުން ދަވަންގެ ދަރިފުޅު ލާރާގެ އުނަގަނޑަށް ދިމާވެފައިވާ، ޑިވެލޮޕްމެންޓަލް ޑިސްޕްލޭސިއާ އޮފް ދަ ހިޕް (ޑީޑީއެޗް)އާ ބެހޭގޮތުން ފުރަތަމަ ފަހަރަށް އެކްޓަރު ވާހަކަ ދައްކައިފިއެވެ.

ފިލްމު "ސްޓޫޑަންޓް އޮފް ދަ އިޔާ"ގެ އެކްޓަރު އޭނާގެ ދަރިފުޅު ލާރާއަށް ޑީޑީއެޗް ޖެހިފައިވާކަން ހާމަކުރުމާ ގުޅިގެން، ކަމާބެހޭ މާހިރުން ވަނީ މި ބަލީގެ ނުރައްކަލާއި، އަލާމާތްތަކާއި، އަދި ކުރީބައިގައި މިކަން ދެނެގަތުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާކުރަން ފަށާފައެވެ.

އާންމުގޮތެއްގައި މަޝްހޫރު ފަރާތްތަކުން އެމީހުންގެ އަމިއްލަ ސިއްހީ މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ، އެފަދަ ކަންކަން ތަހައްމަލު ކުރަމުންދާ އެހެން އާއިލާތަކަށް އެކަމުގެ ހޭލުންތެރިކަން ލިބި، އެކަންކަމާ މެދު މަޝްވަރާ ކުރުމަށް ލިބޭ ފުރުސަތެކެވެ.

ވަރުން އަނބިމީހާ ނަތާޝާއާ އެކު--ފޮޓޯ/ޕިންކްވިލާ

ވަރުން ބުނި ގޮތުގައި އޭނާގެ ދަރިފުޅު ހިނގުމުގައި އުނދަގޫތަކެއް ހުރުމުން ބެލިބެލުމުން އެނގުނީ އޭނާގެ އުނަގަނޑުގެ ހުޅަށް މި މައްސަލަ ދިމާވެފައިވާ ކަމެވެ.

ނިކިލް ތަނޭޖާ ގެނެސްދެމުން އަންނަ ޔޫޓިއުބް ޓޯކް ޝޯ، 'ބީ އޭ މޭން، ޔާރް!'ގައި ވާހަކަދައްކަމުން ވަރުން ބުނީ، ދަރިފުޅަށް މި ބަލި ޖެހިފައިވާކަން ކުރީބައިގައި އެނގުމަކީ ބަލިން ފަސޭހަވުމަށް ލިބުނު ބޮޑު އެހީއެއް ކަމަށެވެ.

ވަރުން އިތުރަށް ކިޔައިދިން ގޮތުގައި، ދަރިފުޅުގެ އުމުރުން ބައި އަހަރުގައި މިކަން ދެނެގަނެވުނު އިރު، މިއީ އުނަގަނޑުގެ ކަށިގަނޑު އޭގެ ހުޅުގެ ތެރެއިން ކެހިގެން ދިއުމެވެ.

މީގެ ސަބަބުން އެއް ފައި އަނެއް ފަޔަށްވުރެ ދިގުވެ، ހިނގުމަށާއި ދުވުމަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެއެވެ. އަދި މިކަމަށް ފަރުވާ ނުދެވިއްޖެނަމަ، ވަރަށް ޒުވާން އުމުރުގައި ހުޅުތަކުގެ ބަލިތައް ކަމަށްވާ އާތުރައިޓިސް އަދި މައިބަދައިގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް އެކްޓަރު ވަނީ ކިޔައިދީފައެވެ.

އެސްޓާ ވައިޓްފީލްޑް ހޮސްޕިޓަލުގެ ކަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރު ޑރ. ހަރްޝާ ވިދާޅުވާ ގޮތުގައި، 'ޑިވެލޮޕްމެންޓަލް ޑިސްޕްލޭސިއާ އޮފް ދަ ހިޕް' އަކީ ކުއްޖާގެ އުނަގަނޑުގެ ހުޅު ރަނގަޅަށް އުފެދިފައި ނެތުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ.

އާންމު ހާލަތެއްގައި އުނަގަނޑުގެ ކަށިގަނޑާއި ހުޅު ހުންނަނީ ހަމައަށް ރެގިއުލޭޓް ކުރެވިފައެވެ. ނަމަވެސް މި ބަލީގައި ހުޅުގެ 'ސޮކެޓް' ތިލަވުމުގެ ސަބަބުން، ކަށިގަނޑު އޭގެތެރޭގައި ރަނގަޅަށް ހަރުލާފައި ނުހުރެއެވެ. މީގެ ސަބަބުން ހުޅު ނެއްޓުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޑރ. ހަރްޝާ ވިދާޅުވެފައިވެއެވެ.

މި މައްސަލައަކީ އުފަންވާއިރު ހުންނަ ކަމަކަށް ވެސް ވެދާނެއެވެ ނުވަތަ ތުއްތު އުމުރުގައި މަޑުމަޑުން އުފެދޭ ކަމަކަށް ވެސް ވެދާނެއެވެ.

މިކަން މެދުވެރިވާ ސީދާ އެންމެ ސަބަބެއް ނެތް ނަމަވެސް، ބައެއް ކަންކަމުގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރުވެއެވެ. އޭގެ ތެރޭގައި އާއިލާގައި މިފަދަ މައްސަލައެއް ހުރުން، އާއިލާގެ ފުރަތަމަ ދަރިފުޅަށްވުން، ބަނޑުގައި އޮންނައިރު ކުއްޖާ އޮންނަ ގޮތް، އަދި އަންހެން ކުދިންގެ ހޯމޯންތަކަށް އަންނަ ބަދަލުތައް ހިމެނެއެވެ.

ދަރިފުޅު ލާރާއަށް މި މައްސަލަ ހުރިކަން އެނގި ފަރުވާ ހޯދަމުންދިޔަ ދަނޑިވަޅަކީ އެ އާއިލާއަށް ވަރަށް ފުން އަސަރުތަކެއް ކުރިވި ދުވަސްވަރެއް ކަމަށާއި ނަމަވެސް އިތުރު ބޮޑަ ސާޖަރީއަކަށް ނުގޮސް ދަރިފުޅަށް ބޭނުންވާ ފަރުވާ ދެވި މިހާރު އެކަން ރަނގަޅުކުރެވިފައިވާ ކަމަށް ވަރުން ވަނީ ބުނެފައެވެ.

މިހާދުވަސްވީއިރު އެކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި ނެތް ނަމަވެސް މިހާރު ބޭނުންވަނީ އާއްމުން އެ ކަމަށް ހޭލުންތެރިކުރުވަން ކަމަށް ވަރުން ވަނީ ބުނެފައެވެ.

ލާރާ އަކީ ވަރުން އާއި އަންހެނުން ނަތާޝާ ދަލާލްގެ އަލަތު ދަރިފުޅެވެ. ވަރުން އާއި ނަތާޝާ ކައިވެނިކޮށްފައި ވަނީ ދިގު މުއްދަތެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު 2021ގައެވެ.

comment ކޮމެންޓް