ސީނިއާ ޓީމާމެދު އުރުބާނީ، ''އަމާޒަކީ 24 އަހަރާއި 26 އަހަރާ ދެމެދުގެ އާ ޖީލެއް ބިނާކުރުން''

ޓިމޯ ލެސްޓޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އިސްތަވާން އުރުބާނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން، ދިވެހި ޓީމު އާ އުސްމިންތަކަކަށް ގެންދިއުމަށްޓަކައި ދުރު ރާސްތާގެ ޕްލޭނެއް އެކުލަވާލައިފިއެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ 24 އަހަރާއި 26 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުޅުންތެރިން ހިމެނޭ، ވަރުގަދަ ޖީލެއް ބިނާކުރުމެވެ. މި މަސައްކަތަކީ ކުރިއަށް އޮތް 5 ނުވަތަ 7 އަހަރަށް ގައުމީ ޓީމުގެ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެކެވެ. މީގެ އިތުރުން، ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަމާއެކު ޒުވާން ކުޅުންތެރިންނަށް މަގުދައްކައިދީ، ޓީމުގެ ކުޅުމުގެ ސްޓައިލް އަވަސް އަދި ޕްރެސިންގ ގެމްއަކަށް ބަދަލުކުރުމަށް އުރުބާނީ ދަނީ މަސައްކަތް ކުރަމުންނެވެ.

  • ޓީމުގެ މައިގަނޑު އަމާޒަކީ 24 އަހަރާއި 26 އަހަރާ ދެމެދުގެ ޒުވާން ކުޅުންތެރިން ހިމެނޭ އާ ޖީލެއް ބިނާކުރުން.
  • ކުރިއަށް އޮތް 5 ނުވަތަ 7 އަހަރަށް ޓީމުގެ ބިންގާ ވަރުގަދަ ކުރުމަށް ދުރު ރާސްތާގެ ޕްލޭނެއް ތަންފީޒުކުރުން.
  • ތަޖުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައި، ޒުވާން ކުޅުންތެރިންނަށް ކުޅުމުގެ ސްޓައިލް ދަސްކޮށްދީ މަގުދައްކައިދިނުން.
  • ޓީމުގެ ކުޅުން އަވަސްކޮށް، އިދިކޮޅު ޓީމަށް ޕްރެޝަރު ކުރާ ޒަމާނީ ސްޓައިލަކަށް ބަދަލުކުރުން.

ރާއްޖޭގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމުގެ އައު ޖީލެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަމާޒަކީ ކުރިއަށް އޮތް 5 ނުވަތަ 7 އަހަރަށް ޓީމުގެ ބިންގާ އެޅުން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

އޭޝިއަން ކަަޕް ކޮލިފައިންގައި މާދަމާ ހަވީރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުރުބާނީ ވަނީ ޓީމުގެ އާ ޖީލެއް ބިނާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ.

ގާތްގަނޑަކަށް 13 އަހަރު ފަހުން އެނބުރި ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމަށްފަހު ސީނިއާ ގައުމީ ޓީމު ކުޅޭ ފުރަތަަމަ މެޗާމެދު ވާހަކަދައްކަމުނ އުރުބާނީ ފާހަގަކުރި ގޮތުގައި، މެޗުން މޮޅުވެ ނަތީޖާ ނެރުމަކީ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް މުހިންމު ކަމެއް ނަމަވެސް، އޭނާގެ އެންމެ ބޮޑު އަމާޒަކީ މުސްތަގުބަލަށް އާ ޖީލެއް ބިނާކުރުމެވެ.

އުރުބާނީ ފާހަގަކުރި ގޮތުގައި ފުޓުބޯޅައިގެ މާހައުލަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ޚާއްސަކޮށް ކޮވިޑްގެ ސަބަބުން ފުޓުބޯޅައަށް އައި މެދުކެނޑުންތަކުގެ ސަބަބުން ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަން އޭނާ ފާހަގަކުރިއެވެ.

މިއީ މުޅިން އާ ފެށުމެއް ނޫން ކަމުގައި ވިޔަސް، މިއީ ގައުމީ ޓީމުގެ މައިގަނޑު ކުޅުންތެރިންގެ ގޮތުގައި ތިބޭނެ 24 އަހަރާއި 26 އަހަރާ ދެމެދުގެ އާ ޖީލެއް ހޯދުމަށް މަސައްކަތްކުރަންވީ ވަގުތު ކަމަށް އޭނާ ދެކެއެވެ. އުރުބާނީގެ އަމާޒަކީ ކުރިއަށް އޮތް 5 ނުވަތަ 7 އަހަރަށް ޓީމުގެ ބިންގާ އެޅުމެވެ.

އުރުބާނީގެ ކޯޗުކަމުގެ ދަށުން ކުރިން ކުޅުނު ސީނިއަރ ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ހިމެނި ސަބަބާ ގުޅޭގޮތުން އޭނާ ބުނީ، އެ ކުޅުންތެރިންގެ ތަޖުރިބާއަކީ އާ ކުޅުންތެރިންނަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އުރުބާނީ ބޭނުންވާ ސްޓައިލަށް ކުޅުމަށް، ޒުވާން ކުޅުންތެރިންނަށް މަގުދައްކައިދިނުމުގައި ސީނިއަރ ކުޅުންތެރިންގެ ދައުރު ބޮޑުވާނެއެވެ.

ޓީމުގެ ލެޖެންޑުންގެ ގޮތުގައި ތިބި ކުޅުންތެރިންނަކީ ޒުވާން ކުޅުންތެރިންނަށް ރަނގަޅު ނަމޫނާއެކެވެ. އަދި ޓީމުގެ ކެޕްޓަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ވަނީ، އަލީ އަޝްފާޤް (ދަގަނޑޭ) އަކީ އަބަދުވެސް ޓީމުގެ ކެޕްޓަން ކަމުގައި ސިފަކޮށްފައެވެ.

މި މެޗަށް ތައްޔާރުވުމަށް ލިބުނީ ވަރަށް ކުރު މުއްދަތެއްކަން ފާހަގަކުރަމުން އުރުބާނީ ބުނީ، އޭނާ ބޭނުންވަނީ އަވަސް ކުޅުމެއް ކުޅޭ، އަދި އިދިކޮޅު ޓީމަށް ޕްރެސް ކުރާ ޓީމެއް ބިނާކުރާށެވެ.

ދަނޑުމަތީގައި އަވަސް ނިންމުންތައް ނިންމުމަކީ ޒަމާނީ ފުޓުބޯޅައިގައި އެންމެ މުހިންމު އެއް ސިފަ ކަމަށް ކޯޗު ބުންޏެވެ.

މީގެ އިތުރުން، އާދައިގެ އަނިޔާތަކެއްގެ ސަބަބުން ހަމްޒާ ފަދަ މުހިންމު ކުޅުންތެރިންނަށް މި މެޗުގައި ނުކުޅެވޭނެކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، ސަޕޯޓަރުން ފަޚުރުވެރިވާ ފަދަ ކުޅުމެއް ދެއްކުމަށް ޓީމުން ބުރަކޮށް މަސައްކަތްކުރަމުންދާކަމުގެ ޔަގީންކަން އުރުބާނީ ވަނީ ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު