ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ އުނދަގޫ މެޗަކަށް ވާނެ ކަމަށާއި ޓިމޯ ލެސްޓޭއަށް ތިންވަނަ މަގާމު ކަށަވަރުކުރުމަށް ރާއްޖެއިން ހުރަސްއަޅާނެކަން އެޓީން ބުނެފިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި މާދަމާ ހަވީރު ދިވެހިރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަމުން ޓިމޯ ލެސްޓޭގެ ކޯޗު ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު ބުނީ ރާއްޖެއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.
ކޯޗު ބުނީ ޓިމޯ ލެސްޓޭއަށް ތިންވަނަ މަގާމު ކަށަވަރުކުރުމަށް މި މެޗުން މޮޅުވުން ނުވަތަ އެއްވަރުކުރުން ފުދޭނެ ކަމަށެވެ.
ރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓިމޯ ލެސްޓޭގެ ކޯޗު ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ
ނަމަވެސް ދިވެހިރާއްޖެ ކުޅެނީ އަމިއްލަ ގައުމުގައި ކަމަށްވުމާއެކު، ޓިމޯ ލެސްޓޭގެ އަތުން ތިންވަނަ މަގާމު އަތުލުމަށް ރާއްޖޭގެ ޓީމުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަން އޭނާ ފާހަގަކުރިއެވެ.
މި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އިތުރަށް ބުނެފައިވަނީ، ދިވެހި ޓީމަށް ފުރިހަމައަށް އިޙުތިރާމްކުރާ ކަމަށާއި، ނަމަވެސް ޓިމޯ ލެސްޓޭގެ ޓީމަށް ކުރެވެން ހުރި އެންމެ ރަނގަޅަކަށް ކުޅެ މޮޅުވުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މެޗަށްފަހު ޓިމޯ ލެސްޓޭއަށްވުރެ ކުރިއަށް އެރުމަށް ދިވެހި ޓީމުން ހުރިހާ ކަމެއްވެސް ކުރާނެކަން އޭނާ ގަބޫލުކުރެއެވެ.
ޕޮއިންޓު ތާވަލަށް ބަލާއިރު ތާވަލުގެ އެއްވަނައިގައި އޮތް ތަޖިކިސްތާނާއި ދެވަނައިގައި އޮތް ފިލިޕީންސްއަށް ވަނީ 13 ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި ޓިމޯ ލެސްޓޭ އޮތީ ތިން ޕޮއިންޓާއެކުއެވެ. ފުލުގައި ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބިއެވެ.