ނިދުމަކީ ދުޅަހެޔޮ ސިއްހަތެއްގެ އެންމެ މުހިންމު އެއް އަސާސް ނަމަވެސް، ގިނަ ފަހަރަށް މިއީ އަޅާނުލެވި ދޫކޮށްލެވޭ ކަމެކެވެ.
ދުޅަހެޔޮ ނިންޖަކީ ދިފާއީ ނިޒާމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އަދި ޖުމްލަ ސިއްހަތަށް ކިހާ މުހިންމު ކަމެއްކަން ސިއްހީ މާހިރުން ވަނީ ދާދިފަހުން ހާމަކޮށްދެއްވާފައެވެ.
ދުވަހުގެ ބުރަ މަސައްކަތްތަކާއި، ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނިންމުމަށް ހާސްވެ ތިބެ ކުރާ މަސައްކަތްތަކާއި އަދި އަބަދު ފޯނާއި ކޮމްޕިއުޓަރު ފަދަ ސްކްރީންތަކަށް ހުށަހެޅިފައިވާ މި ޒަމާނުގައި، ނިންޖަކީ ހަމައެކަނި އަރާމެއް ނޫން ކަމަށާއި، އެއީ ޖިސްމާނީ، ނަފްސާނީ އަދި އިހުސާސީ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.
ހައިދަރުއާބާދުގެ ޔަޝޯދާ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ޑރ. ވީ. ނާގަރްޖުނާ މަޓޫރޫ ވިދާޅުވި ގޮތުގައި، ގިނަ މީހުން ގަބޫލުކުރާ ވަރަށް ވުރެ ބޮޑު ދައުރެއް ނިދިން ސިއްހަތަށް އަދާކުރެއެވެ.
ނިދުމުގެ ތިން ގަވާއިދެއް މައިގަނޑުގޮތެއްގައި ވާއިރު އެ ގަވާއިދަކީ ނިދުމުގެ ތިން ގަޑިއިރު ކުރިން ބަރު ކެއުންތަކާއި ދުރުވުމާއި، ދެ ގަޑިއިރު ކުރިން މަސައްކަތް ހުއްޓާލުމާއި، އަދި އެއް ގަޑިއިރު ކުރިން ސްކްރީންތަކާ ދުރުވުމެވެ.

ގިނަ މީހުން ގަބޫލުކުރާ ވަރަށް ވުރެ ބޮޑު ދައުރެއް ނިދިން ސިއްހަތަށް އަދާކުރާ ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
މިއީ ހަޖަމުކުރުމަށް އެހީތެރިވެދީ، ސިކުނޑި ހަމަޖައްސައިދީ، އަދި ނިދަން އެހީތެރިވެދޭ 'މެލަޓޯނިން' ހޯމޯން މަދުވިޔަނުދީ ހިފަހައްޓައިދޭ ކަންކަމެވެ. މީގެ އިތުރުން ނިދުމުގެ 10 ގަޑިއިރު ކުރިން ކެފެއިން އެކުލެވޭ ބުއިންތައް (ސައި ނުވަތަ ކޮފީ) އަދި ކެއުންތައް ބޭނުންކުރުން ހުއްޓާލުމަށް ވެސް ޑރ.ވީ. ނާގަރްޖުނާ ލަފާދެއްވައެވެ.
މިއަދުގެ މުޖުތަމައުގައި ނިދަން އުނދަގޫވާ އެންމެ ބޮޑު އެއް ސަބަބަކީ ނަފްސަށް އިހުސާސްކުރެވޭ ބުރަ ނުވަތަ ސްޓްރެސްއެވެ. ސްޓްރެސްގެ ސަބަބުން ހަށިގަނޑުން 'ކޯޓިޒޯލް' ހޯމޯން އުފައްދައެވެ.
މީގެ ސަބަބުން ހަށިގަނޑުގެ ގުދުރަތީ ނިދުމުގެ ނިޒާމަށް ބުރޫއަރައި، ނިދަން އުނދަގޫވުމާއި، ނިދިފައި އޮންނަ ވަގުތު ތަކުރާރުކޮށް ހޭލެވުން ފަދަ ކަންކަން މެދުވެރިވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޭނުންވާ ފުން ނިދި ނުލިބި، ދާއިމީކޮށް ވަރުބަލިކަން އިހުސާސްކުރަން ޖެހެއެވެ.
އެޕޯލޯ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޕަލްމޮނޮލޮޖިސްޓް ޑރ. ކޭޝަވަން ވަމަނަން ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން ނިދުމުގެ ނިޒާމު ވަނީ ވަރަށް ބޮޑަށް ގަޑުބަޑުވެފައެވެ.
މަސައްކަތުގެ ބުރަކަމާއި، ނިދާ ވަގުތުތައް އެކި ދުވަހު އެކި ގޮތަށް ހުރުމާއި، މާގިނައިން ކެފެއިން ބޭނުންކުރުމާއި، އަދި ނިދުމުގެ ކުރިން ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ބޭނުން ކުރުމަކީ މީގެ މައިގަނޑު ސަބަބުތަކެވެ.
ސްކްރީންތަކުން ނުކުންނަ 'ބްލޫ ލައިޓް' ނުވަތަ ނޫ އަލީގެ ސަބަބުން ނިދުމަށް އެހީވާ ހޯމޯންތަކަށް ހުރަސްއެޅި، ސިކުނޑި ހޭލާ ހުރުމަށް ބާރުއަޅައެވެ.
ނޭވާލުމުގެ ނިޒާމާ ގުޅުންހުރި ބަލިތަކުގެ މާހިރުން ވިދާޅުވާ ގޮތުގައި، ނިދީގައި ގުގުރި ދެމުން އަދި ނޭވާ ހުއްޓޭ މައްސަލަ (ސްލީޕް އެޕްނިއާ) އަކީ ގިނަ ބަޔަކަށް ދިމާވާ ސީރިއަސް މައްސަލައަކަށްވާއިރު، މިއީ ހާއްސަކޮށް ބަރުދަން އިތުރު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ކަމެެއް ކަމަށް ޑރ. ނާގަރްޖުނާ ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ބަލިތަކާއި، ހަކުރު ބައްޔާއި، އަދި ނަފްސާނީ ބަލިތަކަށް މަގުފަހިވެގެންދާ ކަމަށް ވެސް ޑރ. ނާގަރްޖުނާ މިކަމާ ގުޅޭގޮތުން ނެރުއްވާފައިވާ ލިޔުމެއްގައި ބަޔާންކުރައްވާފައިވެއެވެ.
ޑޮކްޓަރުން އިރުޝާދު ދެއްވާ ގޮތުގައި، ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނައުމުންވެސް ނިދުމުގެ މައްސަލަތައް ހައްލުނުވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. ވަރުގަދައަށް ގުގުރި ދެމުމާއި، ނިދީގައި ނޭވާ ހުއްޓޭހެން ހީވުމާއި، ދުވާލު ގަޑީގައި މާބޮޑަށް ވަރުބަލިވުން ފަދަ ކަންކަމަކީ އަޅާނުލާ ދޫކޮށްލަންވާނެ ކަންކަމެއް ނޫނެވެ.
ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިދި ހޯދުމަށް ކުރެވިދާނެ ކަންކަމުގެތެރޭ:
- ކޮންމެ ދުވަހަކުވެސް އެއް ވަގުތެއްގައި ނިދައި، އެއް ވަގުތެއްގައި ހޭލުމަށް އާދަކުރުން.
- ނިދާ ކޮޓަރިއަކީ އަނދިރި، ހިމޭން އަދި ފިނި ތަނަކަށް ހެދުން.
- މެންދުރު ފަހުން ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން.
- ދުވާލު ގަޑީގައި ނިދާނަމަ 20 މިނެޓަށް ވުރެ ނިދާ ވަގުތު އިތުރު ނުކުރުން.
- ނިދުމުގެ ކުރިން ނޭވާލުމުގެ ކަސްރަތު ފަދަ ހަށިގަނޑު ހަމަޖައްސައިދޭ ކަންކަން ކުރުން.
ކެއިންބުއިމާއި ކަސްރަތަށް ދޭ ސަމާލުކަން ނިދުމަށްވެސް ދޭންޖެހޭ ކަމަށް ޑޮކްޓަރުން އެއްބަސްވެއެވެ. ދުޅަހެޔޮ އަދި ހަމަޖެހޭ ދިރިއުޅުމަކަށްޓަކައި ނިދީގެ މުހިންމުކަން ދެނެގަތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ކަމުގެ ސިއްހީ މާހިރުން ވަނީ ވިދާޅުވެފައެވެ.