ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ބޮޑު ފައިދާއިން، ހިއްސާދާރުންނަށް ބަހާ ފައިދާގެ ގޮތުގައި 323 މިލިއަން ރުފިޔާ ދިނުމަށް އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ރޭ ފާސްކޮށްފިއެވެ.
ރޭ އޮތް ބީއެމްއެލްގެ 43 ވަނަ އަހަރީ އާންމު ޖަލްސާގައި ނިންމާފައިވަނީ ހިއްސާއަކަށް 60 ރުފިޔާގެ މަގުން ފައިދާ ބެހުމަށެވެ. މިއީ އެ ބޭންކުގެ ތާރީޚުގައި ވެސް ހިއްސާދާރުންނަށް މިހާ ބޮޑު ފައިދާއެއް ބެހުމަށް ފާސްކުރި ފުރަތަމަ ފަހަރެވެ.

28 މާރިޗު 2026: ބީއެމްއެލްގެ 43ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
ބީއެމްއެލްގައި މިވަގުތު ޖުމްލަ 6,148 ހިއްސާދާރުން އެބަތިއްބެވެ. މީގެ ތެރޭގައި 5,999 އާންމު ހިއްސާދާރުންނާއި 152 ކައުންސިލް އިދާރާ ހިމެނެއެވެ.
ބޭންކުގެ އެންމެ ބޮޑު ހިއްސާދާރަކީ ސަރުކާރެވެ. ބޭންކުގެ 51 އިންސައްތަ ހިއްސާ ސަރުކާރުން ހިއްސާކުރާއިރު، ޕެންޝަން އޮފީހުން ހަތް އިންސައްތަ އަދި އެމްޓީސީސީން ހަތަރު އިންސައްތަ ހިއްސާ ކުރެއެވެ.

28 މާރިޗު 2026: ބީއެމްއެލްގެ 43ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މިދިޔަ އަހަރަކީ ބީއެމްއެލްއިން މާލީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ހޯދި އަހަރެކެވެ. އެގޮތުން، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ އެ ބޭންކަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ބޭންކުގެ މާލީ ހާލަތު ވަރުގަދަވަމުންދާކަން ހާމަކޮށްދޭ އަނެއް ކަމަކީ، ބޭންކުގެ ޖުމްލަ އެސެޓް 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައިވުމެވެ.

28 މާރިޗު 2026: ބީއެމްއެލްގެ 43ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މީގެ އިތުރުން، އިގްތިސާދީ އެކި ދާއިރާތަކަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސިން ދޫކޮށްފައިވެއެވެ. މިއީ އެއް އަހަރު ތެރޭގައި ބޭންކުން އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި އަހަރު ވެސް މެއެވެ.
ބީއެމްއެލްގެ ކަސްޓަމަރުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އަލަށް 30,000 އަށްވުރެ ގިނަ ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްތަކުގެ މިންވަރުވެސް ވަނީ 16 އިންސައްތަ އިތުރުވެފައެވެ.