އިޤުރާރުވީމޭ ލޯބިން - 17

އިޤުރާރުވީމޭ ލޯބިން -

އައިރާގެ ދިރިއުޅުމުގެ ނާޒުކު ދަނޑިވަޅެއް މި ވާހަކައިން ފެނިގެންދެއެވެ. ޖިސްމާނީ ގޮތުން ބަލިކަށިވެފައި ހުރި އައިރާ، އެކަނިމާއެކަނި އެތައް ވޭންތަކެއް އުފުލަމުން ދަނިކޮށް، ޒަހްރާން އޭނާއަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އައިރާ ބަނޑުބޮޑުކަން ހޮސްޕިޓަލުން އެނގުމުން ޒަހްރާންގެ ހިތުގައި އުފެދޭ ސުވާލުތަކާއި ހައިޖާނުގަނޑު މިބައިގައި ސިފަކޮށްދެއެވެ. ޒަހްރާންގެ އޯގާތެރިކަމާއި، އައިރާގެ ވޭނީ އިޙްސާސްތަކާއި، ދެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން މި ވާހަކައިން ފެނިގެންދެއެވެ. އައިރާގެ ޙާލަތާމެދު ޒަހްރާން ކަންބޮޑުވެ، އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިހުރެއެވެ.

  • އައިރާގެ ޞިއްޙީ ހާލަތު ގޯސްވުމުން ޒަހްރާން އޭނާއަށް އެހީތެރިވެ ހޮސްޕިޓަލަށް ގެންދިއުން.
  • ޑޮކްޓަރުންގެ ފަރާތުން އައިރާ ބަނޑުބޮޑުކަން ޒަހްރާނަށް އެނގުމާއި، އެކަމާ ގުޅިގެން އޭނާގެ ހިތުގައި އުފެދުނު ސުވާލުތައް.
  • އައިރާގެ ހޭލެވުމަށްފަހު އޭނާގެ ދުލުން ރިހާމްގެ ނަން އިވުމުން ޒަހްރާނަށް ކުރި އަސަރު.
  • އައިރާގެ އެކަނިވެރިކަމާއި ވޭނުގައި، ޒަހްރާން އޭނާއަށް އެހީތެރިވެދޭން ނިންމައި އެތަނުގައި މަޑުކުރުން.

"އައިރާ...."

ސިހުނު އައިރާއަށް ފަސްއެނބުރި ޒަހްރާނަށް ބަލައިލެވުނީ ސިހިފައެވެ. ޒަހްރާން އެގޮތަށް އޭނަގެ އަތުގައި ހިފައްޓަފާނެކަމަށް ފަހަރެއްގައި ހީކުރެވިފައި ނެތީތީއެވެ.

"ޓެލް މީ. ވަޓް ހެޕެންޑް؟" ކަންބޮޑުވުން އެކުލެވޭ ގޮތަކަށް ޒަހްރާނަށް ސުވާލުކޮށްލެވުނުއިރު އައިރާއަށް ބަލައިލެވުނީ ޒަހްރާން ހިފައްޓާފައިވާ އޭނަގެ އަތަށެވެ. އައިރާ އޭނަގެ އަތް މިނިވަންކޮށްލަން އުޅުމުން ޒަހްރާންވެސް އައިރާގެ އަތުން ދޫކޮށްލިއެވެ.

"ސޮރީ..." ޒަހްރާން މާފަށް އެދުނެވެ. އައިރާގެ ކަރުނައިން ފުރެމުން ދިޔަ ދެލޯ ފެނުމުން އަނެއްކާވެސް އޭނައަށް ވާހަކަ ދެކެވުނެވެ.

"ބުނެބަ. ކިހިނެއްވީ؟ އައިރާ ބަލީތަ؟" ޒަހްރާންގެ އަޑުގައި ވަނީ ކަންބޮޑުވުމެކެވެ. އައިރާ ބަލިވީއޭ ހިތާ އޭނަގެ ހިތް އޭރު ތެޅެމުން ދިޔައެވެ. އައިރާއަކީ އެކަނި އުޅޭ މީހެއްކަން އޭނައަށް އެނގެއެވެ. އެހީތެރިވާން އިތުރު މީހަކު ނެތްކަންވެސް މެއެވެ. މިވަގުތު އޭނަ އައިރާ ގާތުން އެހުރިހާކަމެއް އޮޅުން ފިލުވަން ބޭނުންވަނީވެސް އެހެންވެގެންނެވެ.

"ޒަހްރާނަށް ކޮން ކަމެއް؟" އައިރާއަށް އެހެން ބުނެވުނުއިރު އޭނަގެ އަޑު ކުރެހުނެވެ. އޭނަ ނުރޯން ހިތްވަރު ކުރަމުން ދިޔަނަމަވެސް، އެކަމުގައި ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއެވެ. އެންމެފަހުން ކެތްނުކުރެވި، ޒަހްރާންގެ ކުރިމަތީގައި އައިރާއަށް ރޮވުނީއެވެ. އޭނަ ތުންފަތުގައި ދަތް އަޅައިލީ އަޑު ނުކުތިޔަ ނުދިނުމަށް ޓަކައެވެ. އެހެންނަމަވެސް ގިސްލުމުގެ އަޑު އިސާހިތަކު އޭނަގެ ދެ ތުންފަތް ފޫއަޅުވާލާފައި ނުކުމެއްޖެއެވެ. އެފަދަ ބަލިކަށި ވަގުތެއްގައި، ޒަހްރާންގެ އަޑުގައިވި ޙަމްދަރުދީގެ އަސަރުތަކުން އޭނައަށް އަސަރުކުރީއެވެ. ކެތްނުކުރެވުނީއެވެ. މީހެއްގެ އޯގާތެރިކަމަށް ފެންބޮވައިގަނެފައިވާ، ޙާލުގެ އޭނަގެ މުޅި ޒަމީރުވެސް ކޮންމެވެސް މީހެއްގެ މަދަދަށް އެދެނީއެވެ. އައިރާއަށް އޭނަގެ ދެފައިން ވާގިދޫވާހެން ހީވާން ފެށިއެވެ. ޑޮކްޓަރު ބުނެފައިވާ ބަސްތައްވެސް އެހިނދު ކަންފަތުގައި ގުގުމައިލިއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް އެކީގައި ދޫވުމުގެ ކުރިން ގެއަށް ގޮސް ވަންނަން އައިރާ، ބޭނުންވިއެވެ. އޭނަ އެނބުރިލި ނަމަވެސް، މިފަހަރުވެސް އެކަން ކުރުމުގައި ކުރިމަތިވީ ނާކާމިޔާބީއާއެވެ. ޒަހްރާން އޭނަގެ އަތުގައި ހިފާ އަނބުރާލާލައިފިއެވެ.

"ކިހިނެއްވީތަ؟ މީހަކު އެއްޗެއް ކީތަ؟ ބުނެބަލަ... ކަމެއްވީތަ؟ ޕްލީޒް އައިރާ..." ޒަހްރާނަށް ބުނެވުނެވެ. އޭނަގެ އަޑުގައި އާދޭހުގެ އަސަރުތައް ވެއެވެ. ޒަހްރާނަށް އައިރާގެ ދެ ކޮނޑުގައި ހިފައްޓައިލެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް އޭނަ ހަމަ އަތް ޖައްސައިލިހެން ހީނުވެ، އައިރާ އެ އަތް ފޮޅުވާލައިފިއެވެ.

"އަހަންނަކީ ޒަހްރާން ތި ހީކުރާ ކަހަލަ ދަށު ދަރަޖައިގެ އަންހެނެއް ނޫން. އަހަރެންގެ ގައިގައި އަތް ނުލާތި!" ރޮވެމުންދިޔަ ޙާލުވެސް އަޑަށް ހަރުކަށިކަން ގެންނަން އައިރާ މަސައްކަތްކުރިއެވެ. އޭނަގެ ހަނދާނަށް ހުރިހާކަމެއް އެއްފަހަރާ އަންނަމުން ދިޔައެވެ. އީލާފްގެ ޖުމްލަތަކާ ޒަހްރާންގެ މޫނުމަތިން ފެނުނު ޝައްކުގެ އޮއިވަރެވެ. އެ ދެލޮލުން އޭނައަށް ފެނުނު ކިލަނބުކަމެވެ. އައިރާގެ ކުއްލި އަމަލުން ޒަހްރާނަށްވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އައިރާއަށްކޮށްފައިވާ އަސަރު އޭނައަށް ދެނެގަނެވުނެވެ. ކުށްވެރި އިޙްސާސަކާއެކު، އަތް ތިރިކޮށްލި ޒަހްރާނަށް ފުންކޮށް އައިރާއަށް ބަލައިލެވުނެވެ. އެ ކަރުނަތަކުން އޭނަގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ.

"އައިރާ...." ޒަހްރާނަށް އައިރާއަށް ގޮވައިލެވުނެވެ. އެހެންނަމަވެސް، އޭނައަށް އިތުރު ފުރުސަތެއް ނުދީ އައިރާ ދޮރުގެ ކޯޑު ޖަހާލައިފިއެވެ.

އައިރާއަށް އެތެރެއަށް ވަދެވުނީ ކިރިޔާއެވެ. މުޅި ގައިން ވަރުދޫވުމާއެކު، އޭނައަށް ހުރި ތަނަށް ތިރިވެ، ދޮރުފަތުގައި ލެނގިލެވުނެވެ. އަނގަމަތީގައި އަތް އަޅައިލެވުނީ ގިސްލުމުގެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. އެހެންނަމަވެސް އެކަމަކުންވެސް ފައިދާއެއް ނުކުރިއެވެ. ގިސްލާފައި ބާރަށް އައިރާއަށް ރޮވިއްޖެއެވެ. އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. ހީވީ އެތެރެ ހަށީގައި އުފެދުނު ގިލަންވެރިކަމުގެ ސަބަބުން މީހާ ފުނޑުފުނޑުވަމުން ދިޔަހެންނެވެ. އެފަދަ ވޭނެއް ބަދުރާސްތުކުރާނެ ގޮތެއް އައިރާއަކަށް ނޭނގުނެވެ. ބަނޑުގައި އުފެދެމުން ދާ ދަރިފުޅަށްޓަކައި މިއަދު އޭނަ ހިތްވަރު ކުރަން ޖެހުނު ނަމަވެސް، އައިރާގެ ސިކުނޑިއަށް އެވަގުތު އެކަމެއް ވެސް ނުވިސްނުނެވެ. ހީވަނީ ސިކުނޑީގެ މަސައްކަތްވެސް ހިނދުކޮޅަކަށް ހުއްޓުނުހެންނެވެ. މޭތެރޭގައި އޮތް ހިތާ ދިމާލުން ތޫނު ރިހުމެއްގެ އަސަރުވެރިވަމުން ދިޔައެވެ. އެކަނިމާއެކަނި އޭނައަށް އެ ހުރިހާކަމެއް ތަޙައްމަލު ކުރެވިދާނެހެއްޔެވެ؟ ދިރިހުރުމަށްވުރެ މަރުވުންވެސް މާ ފަސޭހައޭ އައިރާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ ހައްލެއް ނޫނެވެ. މާތް ﷲ އެއްވެސް އިންސާނަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. ކެތްތެރިވާން އައިރާ މަސައްކަތްކުރި ސަބަބަކީ އެއީއެވެ.

އައިރާގެ ގިސްލުމުގެ އަޑު އަހަން ހުރި ޒަހްރާނަށް ގޮސް އެ އެޕާރޓްމެންޓް ކައިރީގައި މަޑުކޮށްލެވުނެވެ. އަތް ހިއްލައިލެވުނީ ބެލް ޖަހައިލުމަށެވެ. އެހެންނަމަވެސް އެހިތްވަރު ނެތްފަދައަކުން، އޭނައަށް ދޮރުފަތުގައި ނިތްކުރި ޖައްސައިލެވުނީއެވެ. އޭރުވެސް އައިރާގެ ގިސްލުމުގެ އަޑު އިވި އިވި ހުއްޓެވެ.

"އައިރާ...." ޒަހްރާނަށް ވައި އަޑުން އައިރާގެ ނަން ކިޔައިލެވުނެވެ. އޭރު އޭނަގެ ހިތުގައި ވެސް ހީވީ މީހަކު ވިކަމުން ދިޔަހެންނެވެ. އެގިސްލުމުގެ އަޑުން އަމިއްލަ މީހާގެ ހިތަށްވެސް ވޭން ލިބެމުން ދިޔައެވެ. ދެލޯ މަރާލައިގެން ޒަހްރާނަށް ހުރެވުނެވެ. ވަމުންދިޔަ ގޮތް ޚުދު ޒަހްރާނަށްވެސް ނޭނގޭ ފަދައެވެ. އެހިތުގައި އުތުރު އަރަމުން ދިޔަ އިޙްސާސްތައް މާނަކުރާނެ ގޮތެއްވެސް ނޭނގުނެވެ. އެހެންނަމަވެސް އޭނައަށް އެއްކަމެއް ޔަޤީންކުރެވުނެވެ. އައިރާގެ ވޭންތަކުން އޭނަގެ ހިތަށް އުނދަގޫވާކަމެވެ. އައިރާގެ ވޭނީ ގިސްލުން އަޑު އިވުމުން އޭނަގެ ހިތްވެސް ރޯކަމެވެ. އެހިތަށް ވެސް ބަރުދާސްތުކުރަން ދަތި ތަކުލީފެއް ލިބެމުންދާކަމެވެ.

"ހޫ އާރ ޔޫ އައިރާ؟ އަހަންނަށް ނޭނގެނީ ކޮން ކަމެއްތަ؟" ޒަހްރާނަށް ހިތާ ހިތުން ވާހަކަ ދެކެވުނެވެ. އައިރާގެ ގިސްލުމުގެ އަޑު ކެނޑެންދެން ޒަހްރާނަށް އެގޮތުގައި ހުރެވުނެވެ. އައިރާއަށް ކަމެއް ވީއޭ ހިތާ އޭނައަށް އުނދަގޫވި ނަމަވެސް، އައިރާ ކުޑަކޮށް ކެއްސައިލާފައި ކަރުކެހިލި އަޑު އިވުމުން އޭނަ ހަމައަކަށް އެޅެނީކަން ޒަހްރާނަށް ޔަޤީންކުރެވުނެވެ. ޒަހްރާން ގޮސް އޭނަ އުޅޭ އެޕާރޓްމެންޓަށް ވަނީ އެތަކެއް އިރަކު އެތަނުގައި ހުރެފައެވެ.

*****

ޖެހިގެން އައި ދުވަހުގެ ރެއެވެ. އެނދުގައި އޮށޯވެލައިގެން އޮތް އައިރާގެ ބޮލަށް އެނބުރުން އަރަމުން ދިޔައެވެ. ކާހިތްނުވާތީ، މިއަދުވެސް ކެވުނީ ވަރަށް ކުޑަކޮށެވެ. ބަނޑުގައި ހެދި ބޮޑުވަމުން ދިޔަ ދަރިފުޅުގެ ހައްޤުގައި ކިތަންމެ ކާން ބޭނުންވިޔަސް ނުކެވެނީއެވެ. މޭނުބައިކޮށް ހޮޑުލެވެނީއެވެ. މިހާރުއްސުރެ އެ ދަރިފުޅާ މެދު އޭނަގެ ހިތުގައި އިންތިހާއަށް ލޯބި އުފެދިފައި ވިއެއްކަމަކު، މުސްތަޤްބަލާ މެދު އައިރާ އޭނަވަނީ ބިރުގަތްފައެވެ.

ކުޑަކޮށް ރަނގަޅުވެލިހެން ހީވުމުން އައިރާ ތެދުވެލިއެވެ. އޭނައަށް އެހީތެރިވާނެ އިތުރު މީހަކު ނެތްކަން އެނގުމުން، ހިތްވަރުކޮށްފައި ހޮސްޕިޓަލަށް ދިޔުމަށްޓަކައި އައިރާ ނިންމީ ހަމައެކަނި ދަރިފުޅުގެ ހައްޤުގައެވެ. އެދަރިފުޅަށް ދެރަގޮތެއްވާން ނޭދޭތީއެވެ. އަބާޔާ ހެދުމެއްލުމަށްފަހު، ވަށްބުރުގާއެއް އަޅައިލައިގެން އާދައިގެ ގޮތަކަށް އައިރާ ތައްޔާރުވެލިއެވެ. އެއަށްފަހު ދަބަސް ހިފައިގެން ހިނގައިގަތެވެ. އެޕާރޓްމެންޓުން ނުކުތުމަށްފަހު، ލިފްޓަށް އެރުމަށްޓަކައި މަޑުކޮށްލައިގެން ހުރިއިރުވެސް އައިރާއަށް ހީވަނީ އޭނަ ދެފަރާތަށް ހެލެމުން ދާހެންނެވެ. މަދަދަށް އެދި ގުޅާނެ މީހަކުވެސް ނެތެވެ. އެހިނދު ޒަހްރާން އުޅޭ އެޕާރޓްމެންޓާ ދިމާލަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ފައިވާން ނެތުމުން އޭނަ ވެސް ގޭގައި ނޫޅެނީކަން އައިރާއަށް އެނގުނެވެ. ލިފްޓަށް އެރުމަށްފަހު، ތިރިއަށް ގޮސް ވެސް އޭނަ ފާރުގައި އަތް ޖައްސާލައިގެން މަޑުކޮށްލީ ކުރިއަށް ދާނެ ހިތްވަރު ނެތްފަދައަކުންނެވެ. އެހެންނަމަވެސް އިރުކޮޅަކު އެހެން ހުރެފައި، ލީ ފުންނޭވާއާއެކު، ހަމަޖެހިލުމަށްފަހު އަލުން ހިނގައިގަތެވެ. އެވަގުތު ޒަހްރާނާ އީލާފްއާ ދެމީހުން އައިސް ލިފްޓް ލޮބީއަށް ވަދެއްޖެއެވެ. އައިރާ ފެނުމާއެކު ވަގުތުން ޒަހްރާނަށް އޭނަ ރަނގަޅު ނޫންކަން ދެނެގަނެވުނެވެ.

"އައިރާ..." ޒަހްރާން އައިރާއަށް ގޮވައިލި ނަމަވެސް، އައިރާ އަޅައެއް ނުލިއެވެ. އޭނަ އުޅުނީ ވީ އެންމެ އަވަހަކަށް ގޮސް އެތަނުން ނުކުންނާށެވެ. އެކަން އެނގުނު ޒަހްރާން އައިރާ ހުއްޓުމުގެ ބޭނުމުގައި، ކުރިއަށް ފިޔަވަޅެއް އަޅައިލި ނަމަވެސް، އޭނަގެ އަތުގައި ހިފައްޓާފައި އީލާފް ޒަހްރާން ހުއްޓުވިއެވެ.

"ކުޑަބެ. ލެޓްސް ގޯ..." އީލާފް ބުނެލިއެވެ.

"ވެއިޓް އީލު..." އެހެން ބުނެލާފައި ޒަހްރާން އީލާފްގެ އަތް ދުރުކޮށްލަމުން އައިރާއާ ދިމާލަށް ދިޔަވަގުތު އައިރާ އަރި އަޅާލައިފިއެވެ. ޒަހްރާނަށް އައިރާ ގެނެސް އޭނަގެ އަތުތެރެއަށް ލެވުނީ ކިރިޔާއެވެ. އޭނަގެ އަތުގެތެރެއަށް އައިރާގެ ހަށިގަނޑު ދެމުނެވެ. ހާސްކަމާއެކު އީލާފްއަށް ބަލައިލުމާއެކު ޒަހްރާން ފަރިތަކަމާއެކު އައިރާ އޭނަގެ އަތުގެ ތެރެއަށްލާ އުފުލައިލިއެވެ.

"ލެޓްސް ގޯ..." ހާސްވެ ކަންބޮޑުވި ނަމަވެސް، އައިރާއަށް މިވަގުތު ސިއްޙީ އެހީތެރިކަން ބޭނުންވާކަން ފަހުމްވި ޒަހްރާން އީލާފްއަށް ބަލައިލިއެވެ. އަދި އޭނައާއެކު އައުމަށް އިޝާރާތްކޮށްލިއެވެ. އީލާފްއަށްވެސް ވަގުތާއި ޙާލަތުގެ ނާޒުކުކަން ވިސްނުމާއެކު، އޭނަވެސް ޒަހްރާންގެ ފަހަތުން ހިނގައިގަތެވެ.

ޒަހްރާން އެ ދިޔަ ގޮތަށް ގޮސް ކާރުގެ ދޮރުފަތް ހުޅުވާލާފައި ފަހަތު ސީޓުގައި އައިރާ ބޭއްވިއެވެ. އެއަށްފަހު، އީލާފް ގާތު ކާރަށް އަރަން ބުނެފައި އޭނަ ގޮސް، ކުރީ ސީޓަށް އަރާ ދުއްވާލައިފިއެވެ. އާދައިގެ ވަރަށް ވުރެ ބާރު މިނުގައި ދުވެލި ބަހައްޓައިގެން ގޮސް ހޮސްޕިޓަލުގެ ޕޯޓިކޯއަށް ކާރު މަޑުކޮށްލުމަށްފަހު، ޒަހްރާން ފޭބިއެވެ. އޭނަ ފަހަތު ސީޓުގެ ދޮރު ހުޅުވާލާފައި އައިރާ އަތްދަނޑި މައްޗަށް ލައިގެން، ގޮސް އެމަރޖެންސީބަޔަށް ވަނެވެ. އޭރު އީލާފްވެސް ޒަހްރާންއާއެކު ދިޔައެވެ.

ސްޓްރެޗާރއަށް އައިރާ ލުމާއެކު، ޒަހްރާން ފުންކޮށް ނޭވާއެއް ލުމަށްފަހު ދެލޯ މަރައިލިއެވެ. ލިބިފައިވި ހާސްކަން ދުރުކޮށްލާ، ހަމަޖެހެން އޭނަ މަސައްކަތްކުރިއެވެ. އައިރާއަށް ވަގުތުން އަވަސް ފަރުވާ ދޭން ފެށުނެވެ. ޒަހްރާނަށް ގޮސް ގޮނޑިއެއްގައި އިށީނދެވުނެވެ. ކާރޓެއިންތައް ދަމާލާފައި ހުރުމުން އޭނައަށް އައިރާ ފެންނަ ގޮތެއް ނުވިއެވެ. އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަގެ އަތުގެ ތެރެއަށް ދެމިފައިވި އައިރާގެ ދެލޮލުން ފެނުނު ދުޅަކަމެވެ. އެ ދެލޮލުގެ އެސްފިޔަތަކުގައިވި ތެތްކަމެވެ. މޫނުމަތީގައިވި ވަރުބަލިކަމާއި ވޭނީ އަސަރެވެ.

"ކުޑަބެ...." އީލާފް ވެސް ގޮސް ގޮނޑިއެއްގައި އިށީނދެ ޒަހްރާނަށް ގޮވާލައިފިއެވެ. "ޑޯންޓް ވޮރީ..."

އީލާފްވެސް މިވަގުތު ވަނީ އައިރާއާ މެދު ކަންބޮޑުވެފައެވެ. އައިރާއާ މެދު ކަންތައް ކުރެވުނު ގޮތުން ދެރަވެސް ވިއެވެ. އެހެންނަމަވެސް އީލާފް އަމިއްލަ ނަފްސަށް ވިސްނައިދިނީ އެކަމުގައި އޭނަގެ ކުށެއް ނެތްކަމުގައެވެ. އައިރާމެން ފަދަ މީހުންނާ ދުރުން އުޅުމަކީ އެންމެ ރަނގަޅު ގޮތްކަމުގައެވެ.

"ހޫމް..." ޒަހްރާން ބުނެލިއެވެ.

އިރުކޮޅެއްފަހުން ޑޮކްޓަރެއް ނުކުމެލިއެވެ. އަވަސް ފަރުވާ ދޭ ބަޔަށް ވަދެވެނީ އެކަކަށް ކަމުން، އީލާފް ބޭރުގައި ބައިންދާފައި ބިއްލޫރި ދޮރު ހިޅުވާލާފައި ޒަހްރާން ޑޮކްޓަރާއެކު އެތެރެއަށް ވަދެލިއެވެ.

"އައިރާގެ އެހީތެރިއެއްތޯ؟" ޑޮކްޓަރު ސުވާލުކޮށްލިއެވެ. ޒަހްރާން ބޯ ޖަހައިލިއެވެ.

"ފިރިމީހާ ތޯ؟" ދެވަނަ ސުވާލެއް ޑޮކްޓަރު ކޮށްލިއެވެ. އެއާއެކު ނޫނެކޭ ބުނެ ޒަހްރާން ދެފަރާތަށް ބޯ ހޫރައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް އެހިނދު ޒަހްރާންގެ ސިކުނޑިއަކަށް ނަޔެވެ.

"ޝީއިޒް ވެރީ ޑީ ހައިޑްރޭޓެޑް. އެހެންވެ އެނބުރުން އަރައިގަތީ. މިވަގުތު އައިވީ ގުޅާފަ އެއޮތީ. އަނެއްހެން މާ ބޮޑު މައްސަލައެއް ނެތް. ދެން ގައިނީ ސައިޑަށްވެސް އިންފޯމް ކޮށްލައިފިން މިހާރު..." ޑޮކްޓަރު ބުނެލިއެވެ.

"ގައިނީ ސައިޑަށް؟" ޒަހްރާނަށް ބުނެވުނެވެ.

"ޔެސް. ޝީއިޒް ޕްރެގްނެންޓް..." ޑޮކްޓަރު ގެ މޫނުމަތީންވެސް ހައިރާންކަން ފެނިލިއެވެ. އައިރާގެ އެހީތެރިއަށް އައިރާ އިން ޙާލަތު ނޭނގޭތީއެވެ.

"އަންހެނުންގެ ޚާއްސަ ޑޮކްޓަރުން އައިސް ދެން އަދި އިތުރަށް އެގްޒަމިން ކޮށްލާނެ ދުވާލެއް އެބައޮތް ތޯ؟" ޑޮކްޓަރު އަހައިލުމާއެކު ޒަހްރާން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރައިލިއެވެ

"އޯކޭ ދެން... އެކްސްކިއުޒް މީ..." އެހެން ބުނެލުމަށްފަހު، ޑޮކްޓަރު ދިޔައީއެވެ.

"ޕްރެގްނެންޓް...." ސިކުނޑީ ތެރޭގައި އިވުނު ބަސްތައް ޤަބޫލުކުރަން އުނދަގޫވެފައިވި ފަދައަކުން ޒަހްރާނަށް އެ ލަފުޒު ތަކުރާރުކޮށްލެވުނެވެ. އޭނައަށް ބޮލުގެ އިސްތަށުގަނޑުގައި އަތް ފުނާ އަޅައިލެވުނެވެ. އިރުކޮޅަކުން ނަރުސް ކުދިން ކާރޓެއިންތައް ދުރުކޮށްލަމުން ނުކުތުމަށްފަހު، މިހާރު އައިރާ ކައިރިއަށް ދެވިދާނެކަމުގައި ބުނެލިއެވެ. ޒަހްރާން ލަސް ފިޔަވަޅުތަކެއްގައި ގޮސް އެނދުގެ ފައިލާ ކޮޅުގައި މަޑުކޮށްލަމުން އެނދުގައި ހިފައްޓައިލިއެވެ. ނިދިފައިއޮތް އައިރާއަށް ނަޒަރު ހުއްޓައިލުމާއެކު، އެނދަށް ބާރުކޮށްލެވުނު ގޮތުން އަތުގެ ނާރުތައްވެސް ފުއްޕާލިއެވެ.

"ޝީ އިޒް ޕްރެގްނެންޓް..." ޑޮކްޓަރުގެ ޖުމްލަތައް ޒަހްރާންގެ ކަންފަތުގައި ގުގުމަން ފެށިއެވެ. އައިރާގެ މޫނުމަތީގެ އަސަރުތަކާ އޭނަގެ ގިސްލުންތަކުން ފެށިގެން އެ އެޕާރޓްމެންޓަށް ވަންނަ ޒުވާނާ، ރިހާމްއާ މެދު ވެސް ވިސްނުނެވެ. އައިރާގެ ބަނޑުގައި އެވަނީ އަނެއްކާ ރިހާމްގެ ދަރިއެއް ހެއްޔެވެ؟ އައިރާ އުޅެނީ މީހަކާ އިނދެގެން ހެއްޔެވެ؟ އެހެންވެއްޖެނަމަ، ރިހާމްއަކީ އައިރާގެ ފިރިމީހާ ހެއްޔެވެ؟ ނޫނީ އައިރާ ބަނޑުބޮޑުވީ މީހަކާ ނީނދެހެއްޔެވެ؟ އައިރާއަކީ އެކަހަލަ އަންހެން ކުއްޖަކީ ހެއްޔެވެ؟ ޒަހްރާނަށް އައިރާއާ ނަޒަރު ވަކިކޮށްލަން ނޭނގިފައި ހުރެވުނުއިރު އޭނަގެ ސިކުނޑީގެ ތެރޭގައިވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އެ ހައިޖާނުގަނޑާ ހެދި އޭނަ މޮޔަވާ ހިސާބަށް ހިނގައްޖެއެވެ. ގޮށްމުށްކަވާފައި އެނދުގައިވެސް އަތުން ޖަހައިލެވުނެވެ. އެހެން ހުއްޓާ އައިރާ، ދެފަހަރަކު އެސްފިޔަތައް ތަޅުވައިލުމަށްފަހު، ކުކުރައިލިއެވެ. ޒަހްރާން އައިރާއާ ކައިރިވެލިއެވެ. އެއަށްފަހު އޭނަ ކަންފަތް އައިރާއާ ދިމާލަށް ދިއްކޮށްލީ އައިރާ ކޮންމެވެސް އެއްޗެއް ބުނަން އުޅޭހެން ހީވުމުންނެވެ.

"ރިހާމް....." އައިރާގެ ދުލުން މިފަހަރުވެސް ނުކުތީ ރިހާމްގެ ނަމެވެ. ޒަހްރާނަށް ކުއްލިއަކަށް ދުރަށް ޖެހިލެވުނެވެ. ރިހާމްއާ އައިރާއާ އޮތް ގުޅުން އެނގެން އޭނަ ބޭނުންވާން ފެށި ބޭނުންވުން ބޭޤަރާރުކަމަށް ބަދަލުވަމުން ދިޔައެވެ. އައިރާ ހޭލާނެ ކަމަށް ހީކުރެވުނު ނަމަވެސް، ދެފަހަރަކު ކުރުރާލުމަށްފަހު އަނެއްކާވެސް އޭނަ ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައީއެވެ.

"އައިރާގެ ބަނޑުގައި ތިވަނީ ރިހާމްގެ ދަރިއެއްތަ؟" ޒަހްރާނަށް ބުނެވުނެވެ. އޭނަ އެތަނުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އައިވީ ގުޅާފައިވާ އައިރާގެ އަތަށް ބަލައިލުމަށްފަހު އަނެއްކާވެސް އޭނަގެ ނަޒަރު ގޮސް ހުއްޓުނީ އައިރާގެ މޫނަށެވެ. ވަރިބަލިކަމާއި ދުޅަކަން ފެންނަމުން ދިޔަ އެ މޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. އެވަގުތު އަންހެނުންގެ ޑޮކްޓަރުވެސް އަތުވެއްޖެއެވެ. އެމީހުން، އައިރާ ބެލުމަށްޓަކައި ނުކުމެލަން އެދުމުން ޒަހްރާން، ދުރަށް ޖެހިލިއެވެ. ޑޮކްޓަރު އައިރާ ބެލުމަށްފަހު ނުކުމެ ހުރިހާކަމެއް ރަނގަޅުކަމުގައި ބުނުމުން، އެބައިން ނުކުމެގެން ގޮސް ޒަހްރާން އީލާފް ކައިރީގައި މަޑުކޮށްލިއެވެ. އެއަށްފަހު، އީލާފް މާލެ ދާންވީނުންތޯ ސުވާލުކޮށްލިއެވެ.

"ދެން ކުޑަބެއޯ؟" އީލާފަށް އަހައިލެވުނެވެ.

"އައިލް ވެއިޓް. އައިރާގެ އެއްވެސް މީހަކު ނެތީމަ އެކަނިކޮށްލާފަ ދާކަށް ނުކެރޭނެއެއްނު." ޒަހްރާން ބުނެލިއެވެ. "ޑްރައިވަރަށް ގުޅާފަ ބުނެބަ ބަލާ އަންނަން."

ޒަހްރާން ބޭނުންވީ އީލާފް ފޮނުވާލާށެވެ. އޭނަ ގަޑިއަށް ބަލައިލިއިރު، އެގާރަ ގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. އީލާފްވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާ ޚިޔާލެއް ނުކުރިއެވެ. އޭނަ ޑްރައިވަރަށް ގުޅުމަށްފަހު، ބަލާ އައުމަށް އެދުނެވެ. ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ފަހުން ޑްރައިވަރު އީލާފް ބަލާ އައުމުން، އީލާފްއާއެކު ބޭރަށް ޒަހްރާން ދިޔައެވެ. އޭނަ ކާރަށް އަރުވާފައި ދޮރުލައްޕައިލި ޒަހްރާން އަތުން ހަނާއަޅައިލުމާއެކު އީލާފްވެސް އެގޮތަށް އަމަލުކުރިއެވެ. ކާރު ދުއްވައިލުމާއެކު ޒަހްރާން އަނެއްކާވެސް ގޮސް ހޮސްޕިޓަލަށް ވަދެލިއެވެ. އެހެންނަމަވެސް އައިރާ ކައިރިއަށް ދިޔުމުގެ ބަދަލުގައި އޭނަ މިސްރާބުޖެހީ އެހެން ދިމާލަކަށެވެ.

އައިރާއަށް ހޭލެވުމާއެކު، ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ހުދުކުލައިގެ ސީލިންގެވެ. އޭރުވެސް ބޮލުގައި ބަރުކަމެއް ހުއްޓެވެ. އޭނައަށް އަތް އުފުއްލާލާފައި އަތަށް ގުޅާފައި އޮތް އައިވީއަށް ބަލައިލެވުނެވެ. މޫނުމައްޗަށް ކުޑަކޮށް ފައިބައިފައިވާ ބުރުގާ އެއް އަތުން ރަނގަޅު ކޮށްލަމުމާއެކު ބޮލުގައިވެސް ހިފައްޓައިލެވުނެވެ. އެވަގުތު ވޭނީ އާހެއް އޭނަގެ އަނގައިން ނުކުމެލިއެވެ. ކަންތައްތައް ވީ ގޮތް ހަނދާނަށް އަންނަން އިރުކޮޅެއް ނެގިއެވެ. ކާރޓެއިންތައް ދަމާލާފައި ހުރުމުން އޭނައަށް އެ މާހައުލު ރަނގަޅަށް ފެންނަގޮތެއް ނުވިއެވެ.

"ޒަހްރާން...." އައިރާއަށް އެނަން ކިޔައިލެވުމާއެކު، އޭނައަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. ހަށިގަނޑު ސީދާކޮށްލާފައި ތެދުވެލަން އުޅުނު ވަގުތު، ކާރޓެރިން ކަހާލާފައި ކޮންމެވެސް މީހަކު އެތެރެއަށް ވަދެއްޖެއެވެ. އެއާއެކު، އައިރާއަށް ބަލައިލެވުނެވެ. އެތަނުގައި ހުރީ ޒަހްރާން ނޫން ދެވަނަ މީހެއް ނޫނެވެ. އޭރު ޒަހްރާންގެ އަތުގައި ކޮތަޅެއް އޮތެވެ. އޭނަ އެ އެއްޗެހި ބެޑްސައިޑް ޓޭބަލް މަތީގައި ބަހައްޓަމުން އައިރާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ.

"އޯކޭތަ؟" އާދައިގެ ގޮތަކަށް ޒަހްރާން ސުވާލުކޮށްލިނަމަވެސް، އޭނަގެ ހިތުގައި ވި ހައިޖާނުގަނޑަށް ބަދަލެއް ނާދެއެވެ. އައިރާ ބޯ ޖަހައިލިއިރުވެސް އޭނަގެ އެއް އަތްވަނީ ބަނޑުގައި ޖައްސައިލެވިފައެވެ. އައިރާ ކަންބޮޑުވަނީ ކޮންކަމަކާކަން ޒަހްރާނަށް ފަހުމް ވުމާއެކު ސިއްސު ސިއްރުން ދިގުނޭވާއެއް އޭނައަށް ދޫކޮށްލެވުނެވެ. އައިރާ ޒަހްރާނާ ނަޒަރު ވަކިކޮށްލަމުން އިސްޖަހައިލި ހިނދު ޒަހްރާން ވާހަކަ ދައްކައިފިއެވެ.

"އެވްރީތިންގްސް އޯކޭ... އައިރާވެސް... އައިރާގެ... އައިރާގެ ބޭބީވެސް....." ޒަހްރާން ވާހަކަ ދެއްކިއިރު ކުޑަކޮށް އަޅައިގަތްގޮތުން ހީވީ އެ ވާހަކަތައް ބުނުމަށް އޭނަގެ ދޫ ހަރަކާތްކުރީ އުނދަގުލުންހެންނެވެ. ޒަހްރާންގެ ވާހަކަތަކާއެކު، އައިރާއަށް އިސް އުފުލައިލަން މަޖުބޫރުވިއެވެ. އޭނައާ ޒަހްރާނާ ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ހިނދު، އައިރާ ޒަހްރާންގެ ދެލޮލުން ހޯދީ ކުރިން ފެނުނު ފަދަ ޝައްކުގެ ޝުޢޫރުތަކެއް އެމޫނުމަތިން ފެނޭތޯއެވެ. އެހެންނަމަވެސް މިފަހަރު އެމޫނުމަތީން އޭނައަށް ފެނުނީ އެއްވެސް އަސަރެއް ނުވާ ހުސްކަމެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު