ޒަމާނީ ފުޓުބޯޅައަކަށް ހެދިބޮޑުވުުމުގެ ޕްލޭނަކާއި ވާދަވެރި މެޗު މުހިންމު: އުރުބާނީ

ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ޒަމާނީ ފުޓުބޯޅައިގެ ތަރައްގީއަށްޓަކައި ރާއްޖެއިން ގެންގުޅެންޖެހޭ ސްޓްރެޓެޖީތަކާ ގުޅޭގޮތުން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަދި ޓެކްނިކަލް ޑައިރެކްޓަރު އިސްތަވާން އުރުބާނީ ވަނީ މުހިންމު ޚިޔާލުތަކެއް ހިއްސާކުރައްވާފައެވެ. އޭނާ ފާހަގަކުރާ ގޮތުގައި، ހަމައެކަނި މުބާރާތްތަކުގެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން ކުޅުންތެރިން ތަރައްގީކުރުމަށް އިންވެސްޓުކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ޚާއްސަކޮށް ޒުވާން އުމުރުފުރާގައި ކުޅުންތެރިންގެ ފިޓްނަސް އާއި ޓެކްނިކަލް ގާބިލުކަން އިތުރުކުރުމަށް އިސްކަންދޭންޖެހެއެވެ. މީގެ އިތުރުން، ފުޓުބޯޅައިގެ މައިދާނުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމުގެ މުހިންމުކަން ވެސް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ދަނޑުމަތީގައި ކުޅުންތެރިންގެ ހަރަކާތްތައް ދެނެގަތުމަށާއި، ފިޒިކަލް ހާލަތު ވަޒަންކުރުމަށް ޑޭޓާ އެނަލިސިސްގެ ވަސީލަތްތައް ގާއިމުކުރުމަކީ މުސްތަގުބަލުގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

  • ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން ކުޅުންތެރިން ތަރައްގީކުރުން
  • ފިޒިކަލް ފިޓްނަސް އާއި ޓެކްނޮލޮޖީއަށް ބޮޑު އަހައްމިއްޔަތުކަމެއް ދިނުން
  • ވާދަވެރި މެޗުތައް ގިނަކޮށް ތަޖުރިބާ ހޯދައިދިނުން
  • ޒުވާން ކުޅުންތެރިންނަށް ދެވަނަ ޑިވިޝަނުން ފުރުސަތު ހޯދައިދިނުން

ޒަމާނީ ފުޓުބޯޅައިގަ ރާއްޖެ ކުރިއެރުން ހޯދުމަށްޓަކައި ކުޅުންތެރިން ހެދިބޮޑުވުމާ ގުޅޭ ދިގު މުއްދަތުގެ ޕްލޭނަކާއި މުސްތަގްބަލަށް އިންވެސްޓުކުރަންޖެހޭ ކަމަށްގައުމީ ކޯޗު އަދި ޓެކްނިކަލް ޑައިރެކްޓަރ އިސްތަވާން އުރުބާނީ ބުނެފިއެވެ.

ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވެ، އެއް މެޗުން ބަލިވެ ވަނީ މުބާރާތުން ކަޓާފައެވެ. އެންމެފަހުން ކުޅުނީ ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާއެވެ. އެ މެޗުން ރާއްޖެ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ.

ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ވަނީ ދިވެހި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމަށް ކޯޗު ތައުރީފުކޮށް، ކުރިމަގުގައި ފެންވަރު ރަނގަޅު ކުޅުންތެރިން އުފެއްދުމަށް ހާއްސަ ޕްލޭނަކާއެކު މަސައްކަތްކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ކޯޗު ފާހަގަކުރި ގޮތުގައި މިއީ ކުޅުންތެރިންގެ ކެރެކްޓަރ އަދި ޝަޚްސިއްޔަތު އިމްތިޙާނު ކުރެވުނު މުބާރާތެކެވެ.އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެ، ނަތީޖާ ނެރުމަށް ދަތިވި ނަމަވެސް، ކުޅުންތެރިން ވަނީ މި އިމްތިޙާނުން ފާސްވެފައިކަމަށް ކޯޗު ފާހަގަކުރިއެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު އިސްތަވާން އުރުބާނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ޒަމާނީ ފުޓުބޯޅައިގައި ކުރިއެރުން ހޯދުމަށްޓަކައި ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް ވަރުގަދަކުރުމަށް ދިގު މުއްދަތުގެ ޕްލޭނެއް ބޭނުންވާ ކަަމަށާާއި ދަނޑުމަތީގައި ކުޅުންތެރިންގެ ދުވެއްޔާއި، ކަވަރުކުރާ ސަރަޙައްދު ދެނެގަތުމަށްޓަކައި ސްޓޭޑިއަމްގައި ޑޭޓާ އެނަލިސިސް ސިސްޓަމްތައް ގާއިމުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރިއެވެ. މިއީ ކުޅުންތެރިންގެ ކުރިއެރުން ވަޒަންކުރުމަށް ކޮންމެހެން ބޭނުންވާނެ ވަސީލަތްތަކެކެވެ.

މުބާރާތުން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް އިންތިޒާމުކޮށްދިނުމުގެ މުހިންމުކަމެވެ. މުބާރާތުގެ ތެރޭގައި ކުޅުންތެރިންނަށް ލިބުނު ތަޖުރިބާއަކީ އެ ކުޅުންތެރިންގެ ހަޔާތުގައިވެސް އައި އެންމެ ބުރަ އަދި މުހިންމު އެއް ހަފްތާކަމަށް ކޯޗު ސިފަކުރިއެވެ.

ކުރިމަގުގައި މި ކުޅުންތެރިންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ކުރިއަށް އޮތް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި މި ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ ކޯޗުގެ ވަރަށް ބޮޑު އުންމީދެކެވެ.

މުޅި މުބާރާތަށް ބަލާއިރު ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭކަން ހާމަކުރަމުން، ކޯޗު ވަނީ ޒުވާން އުމުރުފުރާގައި މެޗުތަކުން މޮޅުވުމަށްވުރެ ކުޅުންތެރިން ތަރައްގީކުރުމަށް އިސްކަންދިނުމަށް ގޮވާލާފައެވެ. އަދި ރަނގަޅު ތަމްރީނާއި ތަޖުރިބާ ލިބިއްޖެނަމަ، މި ކުޅުންތެރިންނަކީ ގައުމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިދޭނެ ބައެއްކަމުގެ ޔަގީންކަން އޭނާ ދިނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު