ހިތްދަތިގޮތަަކަށް ލަންކާ ކަޓުވާލުމަށްފަހު ބޫޓާން ސެމީއަށް

މެޗުގައި ކާމިޔާބުކުރި ލަނޑާއެކު ބޫޓާންގެ ދެންޑުޕް ގިޔެލްޝެން އުފާފާޅުކުރަނީ-- ފޮޓޯ: ސާފް

ސާފް 20 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާނާއި ސްރީލަންކާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ ފުޓުބޯޅައިގެ ފޯރިގަދަ އެތައް އިހުސާސްތަކަކާއެކުއެވެ. މުޅި މެޗުގެ ދިގުމިނުގައި ދެ ޓީމުންވެސް ވަރަށް ބޮޑަށް މަސައްކަތްކުރަމުން ދިޔައީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށެވެ. ސްރީލަންކާއަށް މި މެޗު އެއްވަރުކޮށްލައިގެންވެސް ސެމީ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އޮތުމާއެކު، އެ ޓީމުން ދިފާއީ ކުޅުމަކަށް އިސްކަންދީ، ލިބޭ ކައުންޓަރ އެޓޭކްތަކުގެ ފުރުސަތުތައް ބޭނުންކުރުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ބޫޓާނުގެ ޓީމުން ދެއްކި ހިތްވަރާއި، އެންމެ ފަހު ވަގުތާ ހަމައަށް ކުރި ބުރަ މަސައްކަތުން މެޗުގެ ނަތީޖާ އެ ޓީމުކޮޅަށް އަނބުރާލުމަށް ފުރުސަތު ލިބުނެވެ.

  • މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބޫޓާނުން ލަނޑު ޖަހައި މެޗު ކާމިޔާބުކުރިއެވެ.
  • މި ނަތީޖާއާއެކު ސްރީލަންކާއަށް ސެމީ ފައިނަލުން ފުރުސަތު ގެއްލި، މުބާރާތުން ވަނީ ކަޓާފައެވެ.
  • ބޫޓާން 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ މަގާމު ހޯދިއެވެ.
  • ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދަތުރުކުރީ ނޭޕާލާއި ބޫޓާނެވެ.

އިތުރު ވަގުތުގައި ކާމިޔާބުކުރި ލަނޑާއެކު މުބާރާތުން ސްރީލަންކާ ކަޓުވާލުމަށްފަހު މުބާރާތުގެ ސެމީ ފައިނަލަށް ބޫޓާން ދަތުރުކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗު ބޫޓާން ކާމިޔާބުކޮށްފައިވަނީ ލަންކާއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ބޫޓާން ސެމީފައިނަލް ޔަގީންކުރީ ގްރޫޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް އެއް މެޗުން ބަލިވެ، އަދި އެއް މެޗު އެއްވަރުކޮށް ޖުމްލަ ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނަ މަގާމާއެކުއެވެ.

ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ބޫޓާނާއި ސްރީ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް

މި ގްރޫޕުން އެއްވަނަ މަގާމު ހޯދާފައިވަނީ ރާއްޖެއާ ދެކޮޅަށް ހޯދި ޕޮއިންޓާއެކު ނޭޕާލެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އަދި އެއް މެޗު އެއްވަރުކޮށްގެން ޖުމްލަ ހަތް ޕޮއިންޓާއެކުއެވެ.

ދެވަނަ ހާފްގައި ސްރީލަންކާ ބޮޑަށް ކުޅެމުންދިޔައީ ފަހަތުގައި މަޑުކޮށްފައި ލިބޭ ފުރުސަތުތަކުގައި ކަންޓަރ އެޓޭކް ކުރާގޮތަށެވެ.

މެޗު އެއްވަރުކޮށްލައިގެންވެސް ސްރީލަންކާއަށް ސެމީ ޔަގީންކުރެވެން އޮތް މި މެޗުން ލަންކާއަށް ނަސީބު ގެއްލުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައެވެ.

ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގައި ބޫޓާނާއި ސްރީ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސާފް

މި ލަނޑު ބޫޓާނަށް ކާމިޔާބުކޮށްދިނީ ދެންޑުޕް ގިޔެލްޝެންއެވެ. އޭނާ މި ލަނޑުޖެހީ ޓެންޑިން ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

އެއާއެކު ގްރޫޕް ބީން ސެމީއަށް ދަތުރުކުރީ އެއްވަނަ ހޯދި ނޭޕާލާއި ދެވަނަ ހޯދި ބޫޓާނެވެ. ލަންކާާއާއި ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. ގްރޫޕް އޭ އިން ސެމީއަަށް ދަތުރުކުރީ ބަންގްލަދޭޝް އާއި އިންޑިއާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު