ބޭނުންވަނީ ބެލުންތެރިންގެ ހަނދާނުން ފޮހެލަން ދަތި ކެރެކްޓާތައް ކުޅެން: ނިމްރަތު

އިންޑިއާގެ ބަތަލާ ނިމްރަތު ކައުރު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބަތަލާ ނިމްރަތު ކައުރު ބުނާ ގޮތުގައި އޭނާގެ ފިލްމީ ކެރިއަރުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ބެލުންތެރިންގެ ހަނދާނުން ފޮހެލަން ދަތި، ވަރުގަދަ ކެރެކްޓާތަކެއް ކުޅުމަށެވެ. މައުލޫމާތާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގިނަވެ، ކަންކަން ވަރަށް އަވަހަށް ހަނދާން ނެތޭ މި ޒަމާނުގައި، ބެލުންތެރިންގެ ހިތްތަކުގައި ބަހައްޓާލެވޭ ފަދަ ދިގުދެމިގެންދާ މަސައްކަތްތަކެއް ކުރުމަކީ އޭނާގެ އަމާޒެކެވެ.

  • ފިލްމީ ކެރިއަރުގައި ނިމްރަތު މިހާރު އިސްކަންދެނީ ބެލުންތެރިންގެ ހަނދާނުގައި ގިނަ ދުވަހު ހަރުލާނެ ރޯލުތައް އިޚްތިޔާރު ކުރުމަށެވެ.
  • މަސައްކަތެއް ނެތި ހުންނަ ކޮންމެ ދުވަސްވަރެއްގައި ހަމައެކަނި ޝެޑިއުލް ފުރާލުމުގެ ބޭނުމުގައި އޭނާ ފިލްމުތަކަށް އާނބަސް ނުބުނާނެކަމަށް ބުނެފައިވެއެވެ.
  • އަމިއްލަ ނަފްސާ ގުޅޭ ފަދަ ވާހަކަތަކުގެ މައްޗަށް ބިނާވާ ފެންވަރު ރަނގަޅު މަސައްކަތްތައް ކުރުމަކީ ބެލުންތެރިންނާއި ތަރިން ގުޅުވައިދޭނެ ކަމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.
  • ނިމްރަތުގެ ކުރިއަށް އޮތް ފިލްމަކީ އަމީތާބް ބައްޗަންއާ އެކު އޭނާ ފެނިގެންދާނެ ސެކްޝަން 84 ކަމަށް ހާމަކޮށްފައިވެއެވެ.

ފިލްމީ ކެރިއަރުގައި މިހާރު ބޮޑަށް އިސްކަންދެނީ އާންމުންގެ ހަނދާނުން ފޮހެނުލެވޭނެ ކަހަލަ ކެރެކްޓާތައް ކުޅެން ކަމަށް ބަތަލާ ނިމްރަތު ކައުރު ބުނެފިއެވެ.

"އެއާލިފްޓް" އަދި "ދަ ލަންޗް ބޮކްސް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި މަގުބޫލުކަމާއި މަޝްހޫރުކަން ހޯދި ބަތަލާ ބުނި ގޮތުގައި، ކަންކަން ވަރަށް އަވަހަށް ހަނދާން ނެތޭ މި ޒަމާނުގައި، އޭނާ މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ ބެލުންތެރިންގެ ހަނދާނުގައި ގިނަ ދުވަހު ހަރުލާނެ ފަދަ މޮޅު ރޯލުތައް ފަރުވާތެރިކަމާއެކު އިޚްތިޔާރު ކުރުމަށެވެ.

ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ނިމްރަތު ބުނީ، މައުލޫމާތާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް އިންތިހާއަށް ގިނަވެ، ކަންކަން ވަރަށް އަވަހަށް ބެލުންތެރިންގެ ހަނދާނުން ފޮހެވޭ މި ދުވަސްވަރު، މީހުންގެ ހިތްތަކުގައި ބަހައްޓާލެވޭ ފަދަ ދިގުދެމިގެންދާ މަސައްކަތްތަކެއް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި އޭނާ އަބަދުވެސް ގަބޫލު ކުރަނީ ފެންވަރު ރަނގަޅު މަސައްކަތްތައް ކުރުމަށް ކަމަށާއި، އަމިއްލަ ނަފްސާ ގުޅޭ ފަދަ ވާހަކަތަކުގެ މައްޗަށް ބިނާވާ ފިލްމުތައް ކުޅުމަކީ އޯޑިއަންސާއި ފިލްމީ ތަރިން ގުޅުވައިދޭނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށް ނިމްރަތު ވަނީ ބުނެފައެވެ.

ނިމްރަތުގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެތެރޭ ހިމެނޭ "ދަ ލަންޗް ބޮކްސް"ގެ މަންޒަރެއް--ފޮޓޯ/މިޑްޑޭ

ހަމައެއާއެކު ހުސްކޮށް މަސައްކަތެއްނެތި ހުންނަ ކޮންމެ ދުވަސްވަރަކީ ތިމާގެ ޝެޑިއުލް ފުރާލުމުގެ ބޭނުމުގައި މަސައްކަތްކުރާ ދުވަސްވަރަކަށް ހަދަން ނުޖެހޭ ކަމަށާއި ފިލްމީ މަސައްކަތަކަށް ބަތަލާ އާނބަސް ބުނަނީ އެ ފިލްމީ ޕްރޮޖެކްޓެއް ހިއްސާއެއް ވުމަށް ވަރަށް ބޮޑަށް ބޭނުންވެގެން ކަމަށް ނިމްރަތު ބުނެފައިވެއެވެ.

ނިމްރަތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މެގަސްޓާ އަމީތާބް ބައްޗަންއާ އެކު ކުޅެން ސޮއިކޮށްފައިވާ ފިލްމު "ސެކްޝަން 84"އިންނެވެ. މިއީ "ޓީ3އެން" އަދި "ދަ ގާލް އޮން ދަ ޓްރެއިން" ފަދަ ފިލްމުތައް އުފެއްދި ރިބޫ ދާސްގުޕްތާ ލިޔެ ޑައިރެކްޓްކުރާ ކޯޓްރޫމް ޑްރާމާ ތުރިލާކެވެ.

comment ކޮމެންޓް