''މިއީ އަދި ނިމުމެއް ނޫން، މިއީ ފެށުމެއް''

ރާއްޖޭގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން---

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޒުވާން ގައުމީ ޓީމަށް މުބާރާތް ނިމުނު ނަމަވެސް، މިއީ ޓީމުގެ ދަތުރުގެ ނިމުމެއް ނޫން ކަމަށް ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުނެފިއެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، މުބާރާތުން ކެޓި ނަމަވެސް، ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރާއި އަޒުމަކީ ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުންތަކެއް ހޯދުމަށް ލިބުނު ބޮޑު ހިތްވަރެކެވެ. މުބާރާތުގައި ރާއްޖެއިން ދެއްކި ކުޅުމަކީ ޓީމުގެ މުސްތަގުބަލު އުޖާލާކަން ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

  • މުބާރާތުން ރާއްޖެ ކެޓި ނަމަވެސް މިއީ ކުރިއެރުމުގެ ފެށުމެއް ކަމަށް ކެޕްޓަން ފާހަގަކުރިއެވެ.
  • ކުޅުންތެރިންގެ ބުރަ މަސައްކަތާއި ޓީމުގެ ފަރާތުން ފެނުނު ކުރިއެރުންތައް ތައުރީފުކުރިއެވެ.
  • ސަޕޯޓަރުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި ތާއީދު ފާހަގަކުރިއެވެ.
  • މުސްތަގުބަލުގައި އޮންނަ މުބާރާތްތަކަށް ތައްޔާރުވުމަށް މި ތަޖުރިބާ މުހިންމު ކަމަށް ބުނެފައިވެއެވެ.

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުން ރާއްޖެއަށް ނިމުނަސް އެއީ އަދި ނިމުމެއްނޫން ކަމަށާއި މިއީ އުންމީދީ ފެށުމެއް ކަމަށް ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ބުނެފިއެވެ.

މިއަދު ހަވީރު ނޭޕާލް އަތުން އެއްވަރުވުމާއެކު ރާއްޖެއަށް ވަނީ މުބާރާތް ނިމިފައެވެ. މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ޒުވާން ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. ރާއްޖެއިން މުބާާރާތް ނިންމާލީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު އެވެ.

މެޗަށް ފަހު ދައުލަތުގެ މީޑިއާއާ ވާހަކަދައްކަމުން އިލާން ވަނީ ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތަށާއި ސަޕޯޓަރުން ދިން ހިތްވަރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

އޭނާ ބުނީ މުބާރާތަށް ތައްޔާރުވުމަށް ލިބުނު ކުރު މުއްދަތުގައި ވެސް ރާއްޖެއިން ނުކުތީ ރަނގަޅު ތަމްރީނުތަކަކާ އެކު ކަމަށެވެ. މުބާރާތުން ވަކިވާން ޖެހުމުގެ މާޔޫސްކަން އޮތް ނަމަވެސް، އިލާން ބުނި ގޮތުގައި މިއީ ކުރިއަށް އޮތް ތަނަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

"މިއީ ހަމަ މަޑުމަޑުން ސްޓެޕް ބައި ސްޓެޕް ޕްރޮސެސްއެއް، އެއް ދުވަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބެއް ނުވާނެ" އިލާން ބުންޏެވެ.

އިލާން ބުނީ މިއީ ފެށުމެއް ކަމަށާއި އަންނަ އަހަރުވެސް، މިއަހަރުވެސް އޮންނަ މުބާރާތްތަކުގައި އިތުރަށް މަސައްކަތްކޮށް ވާދަކުރާނެ ކަމަށް އިލާން ބުންޏެވެ.

ތިން މެޗުގައި ވެސް ސަޕޯޓަރުންގެ ފަރާތުން ފެނުނު ފޯރިއަށް އިޝާރާތްކޮށް އޭނާ ބުނީ، ދަނޑު ފުރާލައިގެން ސަޕޯޓަރުން ދިން ހިތްވަރަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު