ވަރުގަދަ ކުރިމަތިލުމަކަށްފަހު ރާއްޖެއާއި ނޭޕާލަށް ހަމަހަމަ ނިމުމެއް

ނޭޕާލް ކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކެޕްޓަން އިލާން އިމްރާން-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޒުވާން ޓީމުން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު ވަރަށް ފޯރިގަދަ ކުޅުމަކަށްފަހު 1-1 އިން އެއްވަރުވެއްޖެއެވެ. މިއީ މުބާރާތުގައި ރާއްޖެ ކުޅުނު ފަހު މެޗު ކަމަށްވާއިރު، ގްރޫޕުގެ އެންމެ ވަރުގަދަ ޓީމު ކަމަށްވާ ނޭޕާލާ ދެކޮޅަށް ރާއްޖެއިން ދެއްކި ހިތްވަރުގަދަ ކުޅުމަކީ މުބާރާތުގައި ރާއްޖޭގެ އެންމެ ރަނގަޅު ހުށަހެޅުމެވެ. ދިވެހި ޓީމުގެ ކެޕްޓަން އިލާން އިމްރާންގެ ހުނަރުވެރި ކުޅުމާއެކު ރާއްޖެއިން މެޗުގެ ކުރީކޮޅު ލީޑު ނެގި ނަމަވެސް، މެޗުގެ ފަހު ވަގުތު ނޭޕާލުން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

  • މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
  • ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން އިލާން އިމްރާނެވެ.
  • މިއީ މި މުބާރާތުގައި އިލާން ޖެހި ތިންވަނަ ލަނޑެވެ.
  • ނޭޕާލުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 86 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ.

ރާއްޖޭގައި މިހާރު ކުރިއަަށްދާ ސާފް 20 އަހަރުންދަށުގެ ފުޓުބޯޅަ މުބާރާާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި ގްރޫޕުގެ އެއްވަނައިގައި އޮތް ނޭޕާލާ އެއްވަރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ރާއްޖެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު މެޗެވެ. ނަމަވެސް މި ނަތީޖާއާއެކު ރާއްޖެއަށް ވަނީ މުބާރާތް ނިމިފައެވެ.

ނޭޕާލު ވަނީ ގްރޫޕުގައި ކުޅުނު ދެ މެޗުން މޮޅުވެފައެވެ. އަދި އެ ޓީމަކީ މި ގްރޫޕުގެ އެއްވަނަ ޓީމެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން ބަލިވިއިރު ދެވަނަ މެޗުގައި ބޫޓާން އަތުން ވަނީ އެއްވަރުވެފައެވެ.

ލަންކާ އަތުން ރާއްޖެ ބަލިވީ، ރާއްޖެ ދެ ލަނޑުގެ ލީޑެއްގައި ވަނިކޮށް ފަހަތުންއަރާ ކާމިޔާބުކުރި ތިން ލަނޑާއެކު އެވެ.

ރާއްޖެއިން މެޗު ފެށީ ފުރަތަމަ ދެ މެޗާއި ހިލާފަށް ވަރުގަދަކޮށެވެ. އެގޮތުން ޑިފެންސްލައިނުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރީތި ޕާސިން ގޭމެއް ރާއްޖެއިން ވަނީ ކުޅެފައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ރާއްޖޭގެ ކެޕްޓަން އިލާން އިމްރާން ވަނީ ރާއްޖެއަށް ލީޑު ނަގައިދީފައެވެ. މިއީ އޭރިއާ ތެރެއިން ހަމަޖެހިލުމަށްފަހު ފޮނުވާލި ބާރު ބޯޅައިން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

އެއާއެކު މިއީ މި މުބާރާތުގައި އިލާާންގެ ތިންވަނަ ލަނޑެވެ. އޭނާ ވަނީ ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް ދެ ލަނޑު ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފު ރާއްޖެއިން ފެށީވެސް ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ހާފުގައި ދިވެހި ޓީމުން ކުޅުނު ގޭމު ދެވަނަ ހާފުގައިވެސް ފެނިގެންދިޔައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް އާޔަން ނަގައިދިން ހުރަހަކުން އިލާނަށް ވަނީ އިތުރު ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް އިލާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ކީޕަރު އަތަށެވެ.

ނޭޕާލުން މެެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ އަރިމަތިން ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު