މި ވާހަކައިގެ މި ބައިގައި އެންމެ ފުރަތަމަ ފެނިގެންދަނީ އަޔާޝް އޭނާގެ އަނބިމީހާ ޔަލްވީއަށް ހަދިޔާއެއްދީ، އޭނާގެ ފަރާތުން އޯގާތެރިކަމާއި ލޯބި ދައްކަން ފަށާ މަންޒަރެވެ. ހަޔާ މީސްމީޑިއާގައި ހިއްސާކުރާ ދީނީ ލިޔުންތަކުގެ ސަބަބުން އަޔާޝްގެ ހަރުކަށި މިޒާޖަށާއި ވިސްނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާކަން ހާމަވެއެވެ. އަނެއްކޮޅުން، ލޭކްވިއު ހޮސްޕިޓަލަށް ކިއުރެކްސިއާ ބަޔޯފާމްގެ ފަރާތުން މުޝީރަކު އައުމުން، ޑޮކްޓަރު މިނާހް އާއި ހަޔާއަށް ނުރައްކަލުގެ އިންޒާރު ލިބި، އެމީހުން އެއްކުރަމުންދާ ހެކިތައް ސަލާމަތްކުރުމަށްޓަކައި އައު ރޭވުންތަކެއް ރާވައެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި ހަޔާ މިނާހްއަށް ޒިކުރުކުރުމަށާއި، اللّٰه އަށް ވަކީލުކޮށް ސަލާމަތްތެރިކަމަށް އެދުމަށް ނަސޭހަތްތެރިވެއެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާޝިރު ނަމަކަށް ކިޔާ ބަލިމީހަކު ކުއްލި ގޮތަކަށް ނިޔާވުމުން، އޭނާގެ ސިއްހީ ރިކޯޑުތަކަށް ބަދަލުގެނެސް، މަރުވި އަސްލު ސަބަބު އޮޅުވާލާފައިވާކަން މިނާހްއަށް ވަރަށް ރަނގަޅަށް ފާހަގަކުރެވެއެވެ. މިއީ އައު ވެކްސިންގެ މައްސަލައެއްކަމަށް ގިނަ ބަޔަކު ތުހުމަތުކޮށް، ސަރުކާރަށް ފާޑުކިޔަން ފަށައެވެ. ހަމައެއާއެކު، އަޔާޝްއަށް ކިއުރެކްސިއާގެ މުޝީރު ގުޅައި، މިނާހްގެ ހަރަކާތްތައް ވަގުތުން ހުއްޓުވުމަށް އަންގައެވެ. ވާހަކަ ނިމިގެންދަނީ، ޔަލްވީއަށް އަޔާޝްގެ ސިއްރު ޑައިރީއަކާއި ކުރީގެ ހަނދާންތަކެއް ހިމެނޭ ވަތްގަނޑެއް ހުޅުވައިގެން ބަލަން އުޅެނިކޮށް، ކުއްލިއަކަށް އަޔާޝް ކޮޓަރިއަށް ވަދެ އެ މަންޒަރު ފެންނަ ހިސާބުންނެވެ.

  • އަޔާޝްގެ މިޒާޖަށް ބަދަލުއައިސް ޔަލްވީއާމެދު އޯގާތެރިވާން ފެށުން.
  • ކިއުރެކްސިއާގެ މުޝީރަކު އައުމާއެކު މިނާހްއާއި ހަޔާ ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން.
  • ހާޝިރު ނިޔާވުމުން އޭނާގެ ރިކޯޑުތައް އޮޅުވާލާފައިވާކަން މިނާހްއަށް ފާހަގަވުން.
  • ކިއުރެކްސިއާއިން އަޔާޝްއަށް ގުޅައި މިނާހް ހުއްޓުވުމަށް އިންޒާރުދިނުން.
  • ޔަލްވީއަށް އަޔާޝްގެ ސިއްރުތަކެއް އެކުލެވޭ ވަތްގަނޑެއް ފެނުމުން ހާސްވުން.

"ހިމޭންކަމަކީ ކުއްލިއަކަށް ޕްރެޝާ މަތިވުމާއި، ފަހުން ހިތާމަކުރާވަރުގެ ބަސްތައް ބުނުމާއި ފާފަތަކުން ދުރުހެލިވާ ކަމެކެވެ."

***

ދެމީހުން އެކީ ގޮސް ކާރަށް އަރާފައި އަޔާޝް އޭނަގެ އަތަށް ކުޑަ ކޮތަޅެއް ދިނެވެ."ޔަލްއަށް ހަދިޔާއެއް..."

"އޯ.....ތެންކިއު.."ޔަލްވީގެ ދެލޯ ދިއްލުނެވެ.

"އެންމެނަށް އީދު ގިފްޓް ދޭން ހިތަށް އެރި...މިފަހަރު އީދު ސްޕެޝަލްވީ ކީއްވެކަން ނޭގޭ..އެއާއެކު ހިތަށް އެރި އެއްޗެއް އެނގޭތަ؟ މަންމަ ހުރިނަމައޭ...ތެދަށް ބުނަންޏާ މަންމަ ނެތުމުން އަހަންނަށް ހީވީ ހުރިހާ އެއްޗެއް ގެއްލިގެން ދިޔަހެން..ލޯތްބާއި އޯގާތެރިކަމާއި އެހެން ޖަޒުބާތެއް އެހެން މީހެއްގެ ފަރާތުން ބޭނުމެއްނުވި...އެހެން ހުއްޓާ މިހާރު ފާހަގަވީ މަންމަވަރު ނުވިޔަސް ޔަލްވީ ކެއާކުރާކަން..ލޯބިވާކަން...އަދި އަހަރެންދެކެ ލޯބިވާ މީހެއްވިއްޔާ މަންމައާއިހެދި އުޅޭނެތާ..ޔަލްވީ އެހުރިހާކަމެއްކުރާއިރުވެސް ނުފެންނަ ކަމަށް ހަދައިގެން ހުރެވުނީ..އެކަމަކު މިހާރު ބޭނުންވަނީ އެކަން ބަދަލުކުރަން...."

ޔަލްވީއިނީ ގަބޫލުނުކުރެވިފައެވެ.

"ވަރަށް ދުވަހަށް ހިތާމައިގަ އުޅެވިއްޖެ..ދިރިއުޅުމުގެ މަގުސަދު އޮޅުވާލާކަށް ނުވާނެ ދޯ...."އަޔާޝްގެ ހަނދާނަށް އައީ ހަޔާގެ އެކި ޕޯސްޓްތަކެވެ. ހަޔާގެ ކޮންމެ ޕޯސްޓަކާއި މެދު ވިސްނެއެވެ. ކޮންމެ ލެކްޗަރެއް ބަލައިލެވެއެވެ. ސިކުނޑިއަކީ އަޖައިބެއްކަހަލަ އެއްޗެކެވެ. އެއަށް އަޅާ އެއްޗަކުން ފުރޭނެއެވެ. އަޅަންވީ ފަހިި ވިސްނުމެވެ. ހަޔާތުގެ މަގުސޫދެވެ. ގުރުއާނާއި ސުންނަތެވެ.އޭނަގެ ޖަޒުބާތުތަކާއި އިހުސާސްތައް ވީ މަންމަގެ ހަމައިގާ ހުއްޓިފައެވެ. ބައްޕަގެ ހިތްހަމަޖެހުމާއި އުފަލާއިމެދުވެސް ޚިޔާލު ނުބެހެއްޓުނީއެވެ. ބައްޕަ ވާގިނެތިފައި އެހެން އިންނައިރު ހުރިހާ ޚިދުމަތެއްކޮށްދޭ މީހާއަށްޓަކާވެސް އޭނަ ހުންނަނީ ހިތް ހިލައަށްވުރެ ހަރުކޮށްގެންނެވެ. މާމަ ބުނާގޮތުން ގޭދޮށުގައި އޮންނަ ބުޅާގަނޑަށްވެސް މީހުންގެ ލޯބި ޖެހެއެވެ. އޭނަގެ ހިތް ގަނޑުފެންގަނޑެއްފަދައެވެ. ކޮއްކޮމެންނަށްޓަކާވެސް އޭނަ ބީރައްޓެއްސެއްފަދައެވެ. އަމުރުވެރިކަމާއި ހަރުކަށިކަން ނޫނީ ނުދެއްކެއެވެ. ލޯތްބާއި އޯގާތެރިކަން ދެއްކުމަކީ އޭނަ ދެކޭގޮތުގައި ބަލިކަށިކަމެވެ. ނަމަވެސް ހަޔާގެ ޕޯސްޓްތަކުން ސިކުނޑިއަށް ބަދަލެއް އަތުވެއްޖެއެވެ.

***

ލޭކްވިއުއަށް މަޑުކޮށްލި ކަޅުކުލައިގެ އޮފްގަދަ ކާރުން ފޭބީ ސްމާޓްކޮށް ހެދުން އަޅައިގެން ހުރި މީހެކެވެ. އަތުގައި އޮތީ ލެދާ ބްރީފްކޭހެކެވެ. އޭނަ ހިނގާފައި ދިޔައިރު އަމިއްލަ ނަފުސަށް އިތުބާރު އޮތްކަމުގެ ހެކިތައް މޫނުމަތިން ފެނެއެވެ. އޭނައަކީ ކިއުރެކްސިއާ ބަޔޯފާމްއިން އައި މުޝީރެކެވެ.

އޭނަ އަޔާޝްގެ އޮފީހަށް ވަދެފައި ލަހެއްނުވެ ނުކުތެވެ. އެމީހާގެ ލޯ ވަށައިގެން ހިންގައިލީ ހުރިހާތަނެއް އެއްފަހަރާ ސްކޭންކޮށްލާ ފަދައިންނެވެ. އެ ނަޒަރުން ތަޖުރިބާހުރި މުވައްޒަފުންނަށްވެސް ނުތަނަވަސްކަމެއް ލިބުނެވެ.

މިނާހްގެ ލޮލުގައި އެމީހާ އަޅައިގަތުމާއެކު ޟަމީރު ހަޅޭއްލަވައިގަތީ ފަރުވާތެރިވުމަށެވެ. ވަގުތުން ނުރައްކަލުގެ އިންޒާރު ސިކުނޑިއަށް ލިބުނެވެ. ހަޔާވެސް އަރާ ހަމަކޮށްލިއެވެ.

"އޭނަ އެބަފެނޭޭ ދޯ......"

"އާނ...އެހެންވީމަ މިރޭ ޕްލޭނެއް ހަދަން އެބަޖެހޭ...އަހަރެމެންނަށް ހެކި މިތަނުން ގެންދެވޭނީވެސް އަހަރެމެންގެ ސަލާމަތާއިމެދުވެސް ގެރެންޓީއޮވެގެން ނޫނީ މި ހާލަތަށްވުރެ އެ ގެންދިޔުމުން ރައްކާތެރިވާނެކަމުގެ ޔަގީންކަން އޮތިއްޔާ......ހުރިހާ ދިމާލަކުން ރަތް ލޯތައް އެ ދިއްލެނީ....އަހަރެމެންގެ ކޮންމެ ހަރަކާތަަކަށް ފާރަވެރިވެގެން ތިބި ބަޔެއްވިއްޔާ ހުރިހާ ކަމެއް ފެންނާނެ......."

"ޑޯންޓްވޮރީ...ﷲތައާލާ ދެރަގޮތެއް މެދުވެރިނުކުރައްވާނެ..ޒިކުރު ކުރިންތަ؟" ހަޔާ އަހައިލިއެވެ.

"އަދި ތިކަމަށް އާދައެއްނުވޭ...."

"އަހަރެމެން ނުރައްކަލުގައިވާއިރު މަރުގެ މަތިން ހަނދާންކުރަންވާނެ...ހަށިރައްކަލަށް ކުރަން އެންމެ މުހިއްމުކަމަކީ ޒިކުރާއި އިސްތިޣުފާރު...ފަރުވާތެރިވުމާއި ވަކީލުކުރުން...ހުރިހާ އިންގްރީޑިއެންޓެސް ހަމަވީމަ އިރާދަކުރެއްވިއްޔާ ހަމަ ރަގަޅަށް ދާނީ...."

މިނާހް އަނގައިން ބުނުމެއްނެތި ބަލަން އިންގޮތުން ހަޔާ ރަކިވިއެވެ. އަސްތަޣުފިރުﷲ....މިއީ ހަމަ ހަލާލު ލޯތްބެއްހެއްޔެވެ؟ އޭނަ އާއި މިނާހް އެކަކު އަނެކަކާއި ރުހެންޏާ ކައިވެންޏާއި ހަމަޔަށްދާންވީއެވެ. ފެންނައިރަށް އެކުވެރިއެއްހެން އަނގަ ތެޅުމަކީ ހުއްދަކަމެއްނޫނެވެ.

***

މިނާހް ކެބިންއަށް ވަދެ ފޯނު ހުޅުވައިލީ ދުޢާ ސައިޓަކަށް ވަދެލުމަށެވެ. ލީވަން އެތަނަށް ވަދެފައި އެމަންޒަރު ފެނުމުން ބުމަ އަރުވައިލިއެވެ.

"ހަޔާގެ ސަބަބުން ސޯލިހު ވީތަ؟ އެވާހަކައެއް ނޫނޭ.......އެބައޮތް ދޯ ހެކި.....އެކަމަކު މިތާގައި އެ ބޭއްވުން ރައްކާތެރިއެއްނޫން... ހީކުރާވަރަށްވުރެ މާ ބޮޑަށް އެމީހުން އެބަ ބަލަމުން ދޭ..."

"ކޮންތަނަކަށް ދެން ގެންދަންވީ؟"

"މާ ފަސޭހައިން މީހުންނަށް އިތުބާރުކުރުން ކަޑަ އިނގޭ..ހަޔާއަށްވެސް...."

"އޭނައަށްވެސް؟" މިނާހްގެ ވިންދު އަވަސްވިއެވެ. ހަޔާއަކީވެސް އެޖެންޓެއްހެއްޔެވެ؟

"ކުރީދުވަހުވެސް ބުނީމެއްނު....އެންމެ ގާތުގައިވާ މީހުންނަށްވެސް އިތުބާރު ނުކުރާށޭ.......އެކަން ހަނދާނުގައި ބަހައްޓާ...."

ވާރޭ ވެހުން ހުއްޓައިލީ ފަޒާގައި ތެތްފިނީގެ އަސަރު ހިިއްޕައިލަމުންނެވެ. ހޮސްޕިޓަލުގެ ކުރިމަތީގައި ހައްދާފައިވާ ކުޑަ ބަގީޗާގައި ހުރި ހުދުމަލުން ބަރާވެފައިވާ ގަހުގެއް ކައިރީގައި ހަޔާ ފޯނުގައި ހުއްޓާ މިނާހް އަރާ ހަމަކުރިއެވެ.

"ޔޫ ޝުޑް ރެސްޓް..މާދަން ދެން ޕްލޭންކުރާނީ..އަހަރެންވެސް ކުޑަކޮށް ބިޒީވާނެ.."

"ކިހިނެއް ރެސްޓްކުރާނީ ހަޔާ....މީހުންގެ ދިރިއުޅުން ނުރައްކަލުގައިވާކަން އެނގޭއިރު. އަހަރެމެން މެޑިސިން ހެދިއިރު ވައުދުވީ ކަންތައް ހަނދާން ނައްތާލައިގެންނުވާނެ...ބަލިމީހުންގެ ޚިދުމަތުގައި މިތިބީ..އެމީހުންގެ ފުރާނަތައް ސަލާމަތްކޮށްދޭން...."

"ޔެސް...ޝިފާ ދެއްވަނީ އެންމެ ފަރާތަކުން..ﷲ ތައާލާ..ކޮންމެވެސް ބަޔަކު ތްރޫކޮށްވެސް ބައެއްފަހަރު...އަހަރެމެން މެދުވެރިންނަށްވުމަކީވެސް ސަވާބު ލިބޭކަމެއް..މާން ތިބުނީ ތެދެއް..މިކަން އެގިތިބެ އަޅާނުލިއްޔާ ހަމަ އެކަމުގައި ބައިވެރިވުން ކަމަށް ބުނެވޭނީ....އަނެއްކާވެސް ވާރޭ ވެހެން އެއުޅެނީ..."

މިނާހްގެ ނަޒަރު އޭނަގެ ލޮލަށް ހުއްޓުނެވެ.

"ހަޔާގެ ކޮންމެ ލަފުޒަކުން އިންސްޕަޔާވޭ...ދުޢާކޮށްދެއްޗޭ..މަރުވިއްުޔާ ފާފަ ފުއްސެވުން އެދި..."ދެމީހުންގެ ދޭތެރޭ ބަދަލުކުރެވުނު ފުން ރީތި ވަގުތުކޮޅާއެކު މިނާހް ހިނިތުންވެލަމުން ބުނެލިއެވެ.

"ވަކިވުމުގެ ވާހަކަ ނުދައްކާ..." ހަޔާ ނުރުހުނެވެ.

"އެއީ ގާތުގައިވަ އެއްޗެއްކަން ހަނދާންކޮށްދެނީ ހަޔާގެ ޕޯސްޓްތައް........"މިނާހް ހިނިތުންވެލިއެވެ. އަވީގައި އެލޮލުގެ އުޖާލާކަން ގާތުން ފެނުމުން ހަޔާގެ ހިތް އަވަސްވިއެވެ."ގެއަށް ލާ ދޭންވީ؟"

"ނޫން....ހިނގާފައި ދާނީ..." ހަޔާގެ ނަޒަރު ފޯނަށް ހުއްޓުނެވެ.

***

އެރޭ ބަލިމީހެއްގެ ހާލު ބޮޑުވެ އެލާމްއަޅަން ފެށުމުން ކޯޑް ބްލޫ ޓީމް އެތަނަށް ދާން އަވަސްވެގަތެވެ. މިފަހަރު މިނާހްއަށް ފާހަގަުރެވުނީ ބަލިމީހާގެ ޗާޓުގައި ބަލިމީހާގެ ވައިޓަލް ސައިންސް ބަދަލުކޮށްފައިވާކަމެވެ. އެހާ ފާހަގަނުވިޔަސް ބޮޑު ބަދަލެއް އަންނާނެފަދަ ގޮތަކަށެވެ. ކޮންމެވެސް މީހަކު އެ މައްސަލަގަނޑު އޮއްބައިލަން މަސައްކަތްކުރަނީއެވެ.

"ޢެމީހުންނަށް އެނގޭ..."މިނާހްއާއި ހަޔާ ނުކުމެގެން ހިނގައިގަތެވެ."އެމީހުންނަށް އަހަރެމެން މި މައްސަލަ ބަލަމުންދާކަން އެނގޭ..."

"އަހަރެމެން ދެން ޖެހޭނީ ވިސްނުންތެރިކަމާއެކު ކުރިއަށް ދާން..ދެމީހުން މި ނުރައްކަލާއި ކުރިމަތިލާން ޖެހޭނީ އެކީގައި..."

ބޭރުގައި ކިއުރެކްސިއާއިން އައި މުޝީރު ހިޔަންޏެއްހެން އެހެން މީހުންނާއި ކައިރީގައި ހުރެ ފާރަލަމުން ނޯޓްތައް ނަގާ މައުލޫމާތުތައް ބަލަމުން ދިޔައެވެ. މިނާހް، ހަޔާ އަދި ހޮސްޕިޓަލުގެ އެއްވެސް މުވައްޒަފަކަށް ލަފާކޮށްލަން ނޭގެނީ މިކަންތައްގަނޑު ދިގުދެމިގެން ދާނީ ކިހާ މުއްދަތަކަށް ކަމެވެ.

ޖެހިގެން އައި ދުވަހު ބަލިމީހުންގެ ތެރެއިން ދެމީހެއްގެ ހާލު ބޮޑުވިއެވެ. މިނާހްއަށް ފާހަގަވީ އެމީހުންގެ ރިކޯޑްތަކާއި ކުޅެ ބަދަލުކޮށްފައިވާކަމެވެ. މިނާހްއާއި ހަޔާ އެވާހަކަދައްކަން ތިއްވާ "ކޯޑްބްލޫ" އިއުލާންކުރެވުނެވެ. އިރުކޮޅެއްނުވަނީސް ހާޝިރް ނިޔާވުމާއެކު އާދައިގެ މަތިން އޮޅުވާލަން މަސައްކަތްކުރިއެވެ. ސެޓްފިކެޓްގައި ޖެހީ ވައިރަސްގެ ސަބަބުން ކަމުގައެވެ. ހާޝިރުގެ އާއިލާ މީހުން ބޭރުގައި މަޑުކޮށްގެން ތިއްބާ ނިޔާވި ޚަބަރުދިނެވެ. ކަންބޮޑުވެ މަޑުމަޑުން ވާހަކަދައްކަން ތިބެފައި ރުއިމާއި ޑޮކްޓަރުންނާއި ދިމާލަށް އެއްޗެހި ކިޔަންފެށިއެވެ.

"އަހަންނަށް ހީވަނީ ހީކުރާވަރަށްވުރެ މި މައްސަލަ ބޮޑުހެން..މައުލޫތު ލީކްވެއްޖެ..ހޮސްޕިޓަލުގެ ތެރެއިންވެސް..." ހަޔާ ހުރީ މިނާހްގެ ކެބިން ކައިރީގައެވެ.

"މި ކޮންޓްރޯލް ކުރަން ޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކީގައި ކަމަށް ފެނޭ...ނުބައި އެންމެ ގޯޅިއެއް އެޅުނަސް ކުއިރެކްސިއާއިން އޭތި ފޮރުވާނެ..."

***

އަޔާޝް ކިއުރެކްސިއާގެ މުޝީރަށް ސިއްރު ވީޑިއޯ ކޯލެއްކޮށްލިއެވެ.

"ލީކްވީ ބައި ގެނެސްދޭނީ އެކްސިޑެންޓެއްހެން..."މުޝީރު އަޑުގައި ހޫނުކަމެއްނެތެވެ. "ބަލިމީހެއްގެ ނިމުމަކީ ބަދުނަސީބު އެކަމަކު މަރުވާން ދިމާވި ސަބަބު ބުނެދެވޭނެ...މިވެސް އެތެރެ އެތެރެއި ހިނގި މިސްކޮމިއުނިކޭޝަންއެއް..."އިތުރަ|ށް އެއްވެސް ކަމެއްކުރާނެކަމެއްނެތް...މީޑިއާވެސް މަނާ... ދައުވާކުރާނެ ކަމެއްވެސް ނެތް..."

އޭނަ ކުޑަކޮށް ހިމޭންވިއެވެ. ހުދު އިސްތަށިގަނޑުގެ ވެރިޔާ ލޯހަނިކޮށްލިއެވެ." ސިލްވާ ކުލަޖައްސައިގިގެން ހުރި މީހާގެ ލޯ ހަނިވިއެވެ." ދެން ތި އާއިލާގެ ޒުވާން ޑޮކްޓަރ؟ އޭނަ ޖާސޫސެއްހެން ތިތާގައި މަސައްކަތްކުރަނީ...އޭނަ ހުއްޓުވާ....."

"އޯ.ކޮއްކޮގެ ހަރަކާތްތަށް ވަރަށް ރަގަޅަށް ބަލަމުން މިދަނީ....އޭނަގެ ގާބިލުކަން ހުރޭ އެކަމަކު އަދި ތަޖުރިބާ މަދުވީމަ އުޅޭގޮތްކަމަށް ލަފާކުރެވޭ...މިވަގުތު ހޮސްޕިޓަލްއަށް އިތުރު މައްސަލައެއް ކުރިމަތިވެދާނެކަމަށް ނުބެލެވޭ.." އަޔާޝް ހިނިތުންވެލިއެވެ.

ކޯލު ނިންމައިލުމަށްފަހު އޭނަ ގޮނޑީގައި ހަމަޖެހިލިނަމަވެސް ނިތްކުރީގައި ދާތިކިތައް ބަބުޅަމުން ދިޔައެވެ. ވަރުބަލިވުމަށްވުރެވެސް ބޮޑަށް އޭނަގެ ހިތް ނުތަނަވަސްވީއެވެ. އޭނައަށް ޔަގީންވީ އަތްދަށުން ހުރިހާ ކަމެއްގެ ކޮންޓްރޯލް ނެއްޓިގެންދާކަމެވެ.

ހަވީރު ހާޝިރު ނިޔާވި ޚަބަރު ކޮންމެވެސް ވަރަކަށް އޮޅުވާލާފައި ވީނަމަވެސް ތުންތުންމަތިން އެވާހަކަ ދެކެވެންފެށިއެވެ. ހޮސްޕިޓަލްގެ މުވައްޒަފުންނާއި އޮންލައިން ޗެޓްތަކުގަޔާއި ސޯޝަލްމީޑިއާގައި ހާޝިރުގެ ކުއްލި މަރަކީ ވެކްސިންއާއި ގުޅުން ހުރި މަރެއްކަމުގައި ތުހުމަތު ކުރެވުނެވެ. ގިނަ މީހުން އިނގިލި ދިއްކުރީ ސަރުކާރަށެވެ. ސަރުކާރުގެ ބައިވެރިވުމެއް އޮތްކަން ޔަގީންވިއެވެ.

***

އަޔާޝް އަބަދު ތަޅުލާފައި ހުންނަ ވަތްގަނޑު ހުޅުވާފައި ހުއްޓާ ފެނުމުން ޔަލްވީގެ ލޯ ވިދަންފެށިއެވެ. ނިކަން ހަމަޖެހިލާފައި އޭގައި ހުރި އެއްޗެހި ޗެކްކުރަންފެށިއެވެ. ލޯބިވެރިން ފޮނުވާފައި ހުރި ޚާއްސަ އެއްޗެހިތަކެއް ހުރެދާނެކަމުގައި ހީކުރެވުނެވެ.ގަހަނާތަކާއި ހިކިފައިވާ މާތަކާއި ކުދި ސިޓީތަކެވެ. އަތަރުފުޅިތަކާއި އައިނެކެވެ. ފޮޓޯއަލްބަމަކާއި ދެތިން ފޮތެވެ. އެތަނުން އެއް ފޮތް ހުޅުވައިލުމާއެކު ކޮންމެވެސް މީހެއްގެ ޑައިރީކަން އެނގުނެވެ.

އަޔާޝް ކޮޓަރިއަށް ވަންއަޑަށް ޔަލްވީ ސިހިފައި އެނބުރުނެވެ. އަޔާޝް ޓައީ ނަގާ އެނދުމައްޗަށް މާޔޫސްކަމަކީ އެމޫނުން ފެނުނު ބީރައްޓެހި ސިފައެކެވެ.

"އަޔާ..ހާދަ އަވަހަށް.."އޭނަ އަވަހަށް ދޮރު ލައްޕައިލިއެވެ.

އަޔާޝް އޭނައާއި ދިމާލަށް އަންނާން ފެށުމުން ހިފަހައްޓައިގެން ހުރި ފޮތް މޭގައި ޖައްސާ ބާރުކޮށްލެވުނެވެ. ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު