"ފަތިސްނަމާދަށް ހޭލެވެނީ އެލާމްއެއްގެ ސަބަބުން ނޫނެވެ. ހޭއްލަވަނީ އެމީހެއްގެ އީމާންތެރިކަމެވެ."
***
އޭނަ ވަގުތުން ރަސްމީގޮތަކަށް ހިނިތުންވެލިއެވެ."މިސްޓަރ ކާދިން..އިށީންނަވާ...ތެންކްސް ދުރުވީކަމަށްޓަކާ.."
އޭނަ ގޮނޑިއަކަށް އިޝާރާތްކޮށްލިއެވެ.
"ޕްލީޒް ސަރ....."
ކަންޒާއަށް ދެވަނަފަހަރަށް އެމޫނަށް ބަލައިލުން ފަސޭހައެއްނުވިއެވެ. ކޮންމެ ގޮތެއްވިޔަސް އަދިވެސް ހިތް ބުނަނީ ކާމިޔާބުކުރެވިދާނެ ކަމުގައެވެ. އެހާ ފަސޭހައިން ބަލި ގަބޫލުކުރަން އޭނަގެ ހިތް ދެކޮޅުހެދިއެވެ. ކާދިންގެ މޫނުމަތިން ދަންނަ ފާޑެއްވެސް އެބަޖަހައެވެ. ކޮންމެވެސް ދަންނަ މީހަކާއި ވައްތަރެވެ. އޭނަގެ ޟަމީރު އެންގީ ނަފުސް މައިތިރިކުރުމަށެވެ. އަބަދުވެސް އެންމެ އިސްކަން ދޭންވާނީ ނަފުސް އަމިއްލަ ބާރުދަށުގައި ބޭއްވުމަށެވެ. އަނެއްކާވެސް އިސްއުފުލައިލީ ހިތްވަރުގެ ކޮޅެއްނެތްވަރަށް ހިތްވަރުކޮށްލަމުންނެވެ.
އެލޮލާއި ލޯ ބައްދަލުވުމާއެކު އޭނަގެ މެޔަށް ފިނިވެލިއެވެ.
އެއީ ހަމަ އޭނަހެއްޔެވެ؟ އޭނަގެ މަންމަގެ ގައިގާ ކާރު ޖައްސައި މަރައިލުމަށްފަހު މާފަށް އެދެން އައި ގާތިލުގެ ލޮލެވެ. ކަނައަތު ކަޅީގައި ކިތަންމެ ކުޑަ ކަޅުތިލައެއް އިންކަމުގައިވިޔަސް އެދުވަހުވެސް ފާހަގަކުރެވުނީ އެކަޅުތިލައެވެ. ނޫނެކެވެ. ކަންޒާއެވެ. ކިތަންމެ މީހުންނެއްގެ ލޮލުގައި ކަޅުތިލަ ހުރެދާނެއެވެ. ކަޅުތިލައަކީ މީހާގެ އަސްލު ބުނެދޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އޭރު އޭނަގެ ސިކުނޑީގެ ސްކްރީނަށް އަރާފައިވީ އެ މަންޒަރެވެ. ކަޅާއި ހުދުން ފެންނަ މާޒީގެ ބިރުވެރި ރެއެއްގެ އަނދިރިކަމެވެ. އޭނަ އެ ފިރިހެންކުއްޖާގެ މޭގައި އަތް އަޅާ ކޮށްޕައިލީއެވެ. މަރައިލުމުގެ ނިޔަތުގައެއްނޫނެވެ. އެކުއްޖާގެ ބޯ ތަޅުންމަތީގައި ޖެހުނު އަޑު ކަންފަތުގައި ޖެހުނީ ހޮނުގުގުރިއެއް ފަދައިންނެވެ.
"ޑޮކްޓަރ ކަންޒާ؟ އާ ޔޫ އޯކޭ؟" ކާދިންގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނަ އަނބުރާ އެ ހިނދުކޮޅަށް ގެނައެވެ.
"ޢައިމް ސޮރީ...ދިގު ދަތުރެއްކުރެވުނީމަކަން ނޭގޭ.."
ކާދިން އޭނަގެ މޫނަށް ބަލަން ހުރީ ފަރުވާތެރިކަމާއެކުގައެވެ. ޝައްކުގެ ނަޒަރަކުންނޫނެވެ. އޭނަ ނުބުނެ ސިކުނޑީގައިވި އެއްޗެއް ދެނެގަންނަން މަސައްކަތްކުރާ ފަދައިންނެވެ.
"ކަނޑުގެ ސަބަބުން އެހެން ވެދާނެ...އެކަނޑު ބައެއް ފަހަރު ކުރީގެ އެއްޗެހި އަނބުރާ ގެނެސްދޭ..އަމިއްލައަށް ނޭދުނަސް..."
އޭނައަށް އިނގިލިތަކަށް ބާރުކޮށްލެވުނެވެ. އެ ލަފުޒުތައް ހަމަ ހީވީ ކޮންމެވެސް ހަނދާންތަކެއް ހޭލައްވަން އުޅުނުހެންނެވެ. ދަންނަ ލަފުޒެއްހެއްޔެވެ؟
"ސޯ...މި ސައިކޮލޮޖިސްޓުން ދެނެގަންނަނީ ކޮންކަހަލަ ކަންތައްތަކެއް؟"
"ކޮގްނިޓިވް ޕެޓަން....އިމޯޝަނަލް ބަދަލުތައް، ހަނދާނަށް އައި ބަދަލުތައް...."
"ފެއިލްވެއްޖެއްޔާ؟"
"ނުވާނެ..."އޭނައަށް ބުނެވުނުލެއް ތަންކޮޅެއް އަވަހީއެވެ. "އެއީ ފެއިލްވުމާއި ބެހޭގޮތަކުން ނޫން..."
"ދެން ކޮންކަމެއްތަ؟"
"ހަގީގަތް......"
"ހަގީގަތް......."ކާދިންއަށްވެސް ކިޔައިލެވުނެވެ."ތި ހޯދަން އުޅުމަކީވެސް ނުރައްކާތެރިކަމަކަށްވެދާނެ..."
ހިމޭންކަމުގެ މިނިޓްކޮޅެއްވީއިރު ކާދިންގެ ނަޒަރު ހުއްޓުނީ ކަންޒާ މޭޒުމަތީގައި ބާއްވާލަފައިއޮތް ނޯޓްފޮތާއި ގަލަމަށެވެ. އެއަށްފަހު ކަންޒާގެ އަތްތިލައަށެވެ. އެ އަތްތިލައިގާ އެއްވެސް ގަހަނާއެއްނެތެވެ. ހޯލި ހިމަ އިނގިލިތަކެވެ. އަތުކުރީގައި ގަޑިއެއްހާ މިންވަރުވެސްނެތެވެ. ސާދާ އަންހެންކުއްޖެކެވެ. ނަމަވެސް އެއިން އެއްވެސް ކަމަކާއި ނުލާ މިހާ ފުރިހަމަވާންވީ ކީއްވެހެއްޔެވެ؟ ރީތިވުމަށް މޭކަޕާއި ގަހަނާ ބޭނުންނުވުމަކީ އަންހެންކުއްޖަކަށް ލިބޭނެ ނިއުމަތެއް ނޫނީ މުސީބާތެއްކަމެއް ނޭގެއެވެ.
"މީހުން ހީކުރަނީ ހިމޭންކަމުގެ މާނައަކީ ހިތްހަމަޖެހުންކަމަށް... އެކަމަކު..." ކާދިން މަޑުމަޑުން ބުނެލިއެވެ."އޭގެ މާނައަކީ އަދިވެސް ނުބުނެވި ވާހަކަތަކެއް އެބަހުއްޓޭ...."
އޭނައަށް އިހުސާސްކުރެވުނީ ތަފާތުގޮތެކެވެ. ކާދިން ދައްކާ ވާހަކައިން އެެއީ އެހެން މީހެއްގެ ޝުއޫރުތައް ފައުޅުކުރާހެން ހީވަނީ ކީއްވެހެއްޔެވެ؟
ކަންޒާ ނޯޓްފޮތް ހުޅުވައިލިއެވެ."ބޮލަށް އަނިޔާއެއްވިފަހުން ހަނދާނު މައްސަލަ ޖެހުނީ؟ އެ އަނިޔާގެ ކުރީގެ ހަނދާންތައް؟"
"ޔެސް...."ކާދިން ޖެހިލުމެއްނެތި ބުނެލިއެވެ.
"އެބައި ރިކަވާ ކުރަން ޝައުގެއް ނެތް؟"
ކާދިންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ."އަހަންނަށް އިތުބާރުކުރުމުގެ މައްސަލަ އޮތީމަ...ކޮންމެހެން މީހުން ގޯސްވީމައެއްނޫން..."ކާދިންގެ ނަޒަރު ހުއްޓުނީ ކުޑަދޮރުން ފެންނާން އޮތް ކަނޑާއި ދިމާލަށެވެ. ކަންޒާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖެހި ސަބަބެއްނޭގެއެވެ. އޭނައަށްވެސް ކުށްވެރިކަމުގެ އިހުސާސްކުރެވުނީ ހަމަކުއްލިއަކަށެވެ. މިއީ ހަމަ އެ ކާދިންހެއްޔެވެ؟ އޭނަ ކޮށްޕައި ވައްޓާލި ޒުވާނާހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ. އެ ކާދިން ގެ ނޭވާ ހުއްޓުނީ އޭނަގެ ކުރިމަތީގައެވެ. "އައިމް ސޮރީ" އޭ ބުނެލުމަށްފަހު ސިކުނޑި މަރުވީއެވެ. ނޫސްތަކުގައި އޮތީ ކާދިން ސަލާމަތްވާނެކަމުގެ އުއްމީދެއްނެތްކަމުގައެވެ. އާއިލާ މީހުން ޑޮކްޓަރުންގެ ނިންމުމާއި ދެކޮޅަށް ބޭރަށް ގެންދިޔައީ އަތުގައި ފައިސާހުރީމައެވެ. މެޝިނެއްގެ އެހީގައި ނޭވާލަންޏާވެސް މައިންބަފައިން ދަރިފުޅުގެ މަތިން އުއްމީދު ކަނޑައެއްނުލާނެއެވެ. އޭނަގެ ހަނދާނަށް އައީ ސައުދީ "ސްލީޕިން ޕްރިންސް"އެވެ.
"ހަނދާނަކީ އެމީހާއަކީ ކާކުކަން ބުނެދޭ އެއްޗަކީ....ހަނދާނާއި ނުލާ ކިހިނެއް ދިރިއުޅޭނީ؟ އެއާއި ދުރުވުމަކީ ނަފުސަށް ދެވޭ ގެއްލުމެއް.."
"ބުނެބަލަ..ބައެއްފަހަރު ހަނދާނަކީ އަހަރެމެންގެ އެއްޗެއް ނޫންހެން އިހުސާސްވަނީ ކީއްވެ؟"ކާދިން ސުވާލުކުރިއެވެ.
އޭނަގެ ކަރުތެރެ ހިކޭގޮތްވިއެވެ. ސަބަބަކީ ބައެއް ހަނދާންތަކަކީ ހަމައެކަނި ކާދިންގެ އަމިއްލަ އެއްޗަކަށް ނުވާކަމެވެ. އޭނަގެވެސް ބަޔެއް ވާކަމެވެ. ކަނޑު ހިމޭންކޮށް އޮތަސް ދުރުދުރުން އެެއްޗެއް ހަރަކާތްކުރިއެވެ. ދެމީހުންނަށްވެސް ނޭގުނީ އެއީ ދެމީހުންވެސް ނުހޯދިގެން އުޅޭ ހަގީގަތްކަމެވެ. ވުޖޫދަށް އަންނަން އިންތިޒާރުގައެވެ.
"ކިހިނެއް ހެޑް އިންޖަރީވީ؟"އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ދާންފެށިއެވެ.
"ކާރުގައި އިންދާ މީހަކު ބޮލުގައި ޖެހީ...."
"ޢޯވް..."އޭނައަށް އަޑެއް ލައްވައިލެވުނެވެ."ޑޮކްޓަރ ބުނީ ކޮންކަޝަން އެކޭ....އެކަމަކު އެފަހުން އަހަންނަށް އެބައެނގޭ އޯކޭ ނޫންކަން. ތިންގްސް ވާ އޯފް.."
"ތިބުނީ ކިހިނެއް؟"
"ކުދި ކުދި ކަންތައް ހަނދާން ނެތެނީ...އެކަމަކު ބައެއްފަހަރު އަޖައިބުވާހާ ސާފުކޮށް ހުރިހާކަމެއް ލައިވްކޮށް ކުރިމަތިން ފެންނަހެން ހަނދާނުގައިވޭ..އަދި....ބައެއްފަހަރު އާދަޔާ ޚިލާފަށް ރުޅިގަދަވޭ....ވަރަށް އަވަހަށް. އެއީ މަށެއްނޫން..އަހަންނަކީ ރުޅިގަދަ މީހެއްނޫން.."
ކާދިން ސިއްރުކުރީ އޭނައަށް ލިބުނު އަނިޔާގެ ހަނދާން އެއްގޮތަކަށްވެސް ނެތްކަމާއި އެ އަނިޔާގެ ކުރިން އަހަރެއްހާ ދުވަސް ސިކުނޑީން ފޮހެވިފައިވާކަމެވެ. ކަންޒާ ސުވާލުކުރީ ނިދުމާއި ކެއުމާއި ތަބީއަތާއި ބެހޭގޮތުންނެވެ. އާއިލާ އަދި އެކުވެރިންނާއި އޮތް ގުޅުމުގެ ވާހަކައެވެ.
"އަޅުގަނޑަށް ހީވަނީ ޕޯސްޓް ކޮންކަޝަންގެ ނިޝާންތައްހެން ފެންނަން ތިހިރީ..މި އޯކޭވާނެ އިންޝާﷲ.....އަދި ފޮލޯއަޕްއަށްވެސް ޑޭޓެއް ދޭނަން..."
ކަންޒާ މޭޒުމަތިން ކާޑެއް ނަގާފައި ދިނުމުން ކާދިން ތެދުވުނެވެ.
"ތެންކިއު...."
ކާދިންއާއި ދެމީހުން ހިނިތުންވުމެއް ބަދަލުކުރިއެވެ.
***
ފެންގަނޑަށް ހެދުނުގެ އަލި އެޅިފައިވާއިރު ރަން ވިރުވާ އަޅާފަދައެވެ. އެ ހިމޭން ފީރޯޒްކުލައިގެ ކަނޑުގެ ސަތަހައިގާ ވިދަމުން ދިޔައީ ދިޔާވެގެން އޮހެމުންދާ ސާފު ރަން ފަދައެވެ. ކަންޒާ ފިޔަވަޅު އަޅަމުން ދޔައީ މަށާ އޮމާންކޮށް އޮފް އަރުވާފައިވާ ވަކަރުގެ ހަނި އަދި ގުދުލާފައިވާ މަގުތަކުންނެވެ. ކޮންމެ ފިޔަވަޅެއް އަޅަމުން ދިޔައީ މާޒީގެ ހަނދާންތަކާއި ދުރަށްދާން ނަފުސަށް ބާރު އަޅަމުންނެވެ. އެއްގޮތަކަށްވެސް އެދުވަހާއި ހަމަޔަށް ދާން ބޭނުމެއްނޫނެވެ. އެއީ ހާދަ ކަޅު ސަފުހާތަކެވެ.
އޭނަގެ ވަށައިގެން ފެންނަނީ ހުދުކުލައިގެ ހައިބަތުހުރި ކުދި ރިޒޯޓް ގެތަކެވެ. އެއްވަރަކަށް އެއްގޮތަކަށްވާ ރީތިގެތަކެވެ. އޭނައަށް ނޭފަތް ދަމައިލެވުނުއިރި ލޮނުވަހާއިއެކު ޖޭސްމިން މަލުގެ މީރުވަސްވެސް ހިނދުރީގައި ހަރުލީ ދައުވަތަކާއި ނުލައެވެ. އެވަރުންވެސް ހިތަށް ތަސައްލީއާއި ހޯދަން އުޅޭ އުފާވެރިކަމެއް ނުލިބުނެވެ. އެހުރިހާ ރީތިަކަމަކާއިއެކުވެސް ފަސް އަޅާ ފޮރުވަން މަސައްކަތް ކުރި ހަނދާންތައް އިއާދަވެގަތެވެ.
ތޫނު ރުޅިވެރި އަޑެކެވެ.
އެއާއެކު ކޮށްޕައިލެވުނީއެވެ. މީހަކު ވެއްޓިގެންދަނީއެވެ.
އޭނައަށް ދަބަހުގެ ފަށުގައި ހިފެހެއްޓުނީ ތަންކޮޅެއް ބާރަށެވެ. އަދި ބޯ ހޫރައިލެވުނެވެ."ނޫން...މިހާރަކު ނޫން..މިތާގައެއްނޫން....."
އޭނގެ ފިޔަވަޅުތައްވެސް ހުރިތަނުން ގުޑައެއްނުލިއެވެ. ހިމޭންކަމާއި އެކު ގަނޑުވެފައިވާ ބުދެއްހެން ހުއްޓާ މީހަކު އަންނަކަން އެނގުނީވެސް ކައިރީގައި ހުއްޓުމުންނެވެ. ކާދިން ހިނގާފައި އައީ ހުސްފަޔާއެވެ.
"ކާދިން..."އޭނަ އަމިއްލަ ނަފުސަށް ބުނެލެވުނެވެ.
"ގުޑް މޯނިން..."ކާދިން ވާހަކަދެއްކީ މަޑުންނެވެ. ޒަޚަމްވެފައިވާ ދޫންޏަކާއި ވާހަކަދައްކާނެހާ އޯގާތެރިކަމެއް އެ އަޑުގައިވިއެވެ."އަހަރެން އުއްމީދުކުރަނީ މިތާ މަސައްކަތް ބުރަނުވާނެކަމަށް....."
"ނޮޓް އެޓް އޯލް...."އޭނަ ހަމަޖެހެން މަސައްކަތްކުރިޔަސް އެލޮލުގައިވި ކަޅުތިލައާއި ވާހަކަދެއްކުމުގައި އެހުންނަގޮތުން މާޒީ ކުރިމައްޗަށް އައިހެން ހީވަނީއެވެ.
"ކުދި ޑީޓެއިލްވެސް ފާހަގަކުރަން ދޯ..."ކާދިންއަށް ވިސްނުނެވެ."ޓައިލްސްތަކުގެ މައްޗަށް އަލި އެޅޭގޮތް...ރުކުގެ ފަންތައް ހެލިލާ ގޮތް...........ގިނަ މީހުންނަށް އެކަހަލަ ކަންތައްތައް ނުފެންނާނެ..."
"ސަބަބަކީ އެފަދަ ކޮންމެ ޕެޓާންއެއް ވާހަކައެއް ކިޔާދޭތީ...އަހަރެމެން ކުރިމަތިލާން ބޭނުންނުވާ ވާހަކަތައްވެސް..."
ކާދިން އިރުކޮޅެއްވާންދެން ޖީބަށް އަތް ޖަހާލައިގެން ހުރީ ވައިރޯޅިތަކާއި ކަނޑުގެ ރާޅުތަކުން ހިމޭންކަން މުގުރައިލަން ވަގުތުދީގެންނެވެ. ދެން ކިރިޔާ ވައިގެ ޒޫމް އަޑުގެ ތެރެއިން ކިރިޔާއިވޭހާ މަޑުމަޑުން ބުނެލިއެވެ."އަހަންނަށް ފާސްޓް އެއްޗެހި ކަމަކުނުދޭ...ދަސްވުމުގެ ކުރިން ވަކިވެގެންދާތީ...."
ކަންޒާގެ ހިތް ތެޅިގަތެވެ. އަވަހޭ އެބުނީ...އެދުވަސް ވާހަކަހެއްޔެވެ؟ އެއީވެސް އެހާ އަވަހަށް ކަންތައްތައް ކުރިއަށްގޮސް އަތުން ދޫވި ވަގުތެކެވެ.
ދެމީހުން އެކީ ހިގަމުން ގޮސް ގޯޅިއަކުން ލަނބައިލެވުނުއިރު ތާޒާމަލުގެ މީރުވަސް ނޭފަތުގައި ޖެހުނެވެ. ކާދިން ދިރިއުޅޭ ގޭގެ ކުރިމަތީގައި ހުރީ ރީތި އަންހެނެކެވެ. ދަންނަ މޫނެކެވެ. ރީތިކަމާއި ޒުވާންކަމުގެ ނަމޫނާއެކެވެ. ހެދުން އަޅައިގެން ހުރީ ނިކަން ސްޓައިލިޝްކޮށެވެ. އޭނަގެ ލޯ އެދެމީހުންގެ މޫނަށް ދަތުރުކުރިއެވެ.
"ކާދިން. ޑާލިން...."ރީތި އަޑަކާއި ރާގަކަށްވިޔަސް އަމުރުވެރިގޮތެއް އެކުލެވެއެވެ." އައި ސީ.....ހެނދުނު ވަގުތު ދުއްވާލާނެ މީހަކު ފެނުނީ...."
"މިއީ ސައިކޮލޮޖިސްޓެއް..ކަންޒާ...ދުވަސްކޮޅަކަށް ތެރަޕީނަގަން ކަމަށް މި ވިސްނަނީ.."
"ކަންޒާ..އަހަންނަކީ މެހެރް...ކާދިންގެ މަންމަ..ހީވާގޮތުން....ކަންބޮޑުވެފައި ތިހިރީ...މި ރީތި ރިޒޯޓުން ތި ސިކުނޑީގައިވާ އުދާސްތަަކަށް ނިމުމެއް އަންނާނެކަމަށް ފެނޭ....އެގޮތަށް އުއްމީދުކުރަނީ..މިތަނަށް އަންނަ އެއްވެސް މީހަކު މާޔޫސްވިޔަކަ ނުދޭނަން..އެއަށްވުރެ މެހުމާންދާރީ ބަރާބަރުވާނެ..ކަންޒާއަށް އަހަރެން ފެނިފައި ހުންނާނީ...ނުދަންނަ މީހަކު ހުރެއްޖެއްޔާ ތަންކޮޅެއް ފަހަތުގައި ހުރީއޭ ބުނަން ކެރިދާނެ..."
"ލައްބަ...އަޅުގަނޑަށް އެނގޭ...ތިހާ ރީތިކޮށް ލަވަކިޔާ ފަރާތެއް ނުދަންނާނީ ކާކު؟" އޭނަ ފުޅާ ހިނިތުންވުމެއްދިނެވެ. ކާދިންގެ މަންމަގެ ބޮޑާކަން އޭނަ ހައިރާންކުރުވިއެވެ. އޭނަ ނޭގެންޏާ ދެން އެއީ ކަޓު މީހެކޭ ރީތިކޮށް ބުނެލައިފިއެވެ.
***
މެންދުރުވީއިރު އަވިގަދަކަމުން އަވިއައިނު އަޅައިގެން ނޫނީ ލޯ ހުޅުވައިލަން ނުކެރޭވަރުވިއެވެ. މުޅި ރިޒޯޓްގައި މަޑު ރަންކުލައިގެ ދުންފިންޏެއްފަދައިން އިރުގެ އަލިކަން ރަސްކަން ކުރަނީއެވެ. ކަންޒާ ފޯނު ހިފައިގެން ހުރެ ފޮޓޯނަގަނިކޮށް ކާދިންވެސް ފޮޓޯއަކަށް އެރިއެވެ. ކަންޒާގެ ހިތަށް ފިނިވިއެވެ. ކޮންމެ ފަހަރަކު އެ ފިރިހެނާ ފެނުމާއެކު ހަމަ ދެނެފަރިކަމެއް ވާހެން ހީވިއެވެ. ޝައްކާއި ވަހުމް ބޮޑުވެގެންގޮސް ސިކުނޑި ފަޅައިގެންދާވަރުވިއެވެ. އެންމެފަހުން ހުސްފަޔާ ރުއްގަނޑަކަށް ލެނގިލައިގެން ހުއްޓާ އެދިމާލަށް ކާދިންއަށް ނިކުމެވުނެވެ.
"މިކަހަލަ ހިމޭން ކަންކަނުގައި އުޅެން ބޭނުންވަނީ؟ އެހެން މީހުންނަށް ފާހަގަނުކުރެވޭހެން ހުރެ އެކަމަކު ދުނިޔޭގެ އަޑުތައް އަހައިލަން ބޭނުންވަނީ..."
"ޕޮއެޓިކްކަން...ހެހެ."ކަންޒާ ބުނެލިއެވެ. ނޭގޭ ސަބަބަހާއިހެދި ވިންދު އަވަސްވެލިއެވެ."އަހަންނަށްވެސް ހީވަނީ ހަމަ ތިހެންހެން..."
ކާދިން އެނބުރުނުވަގުތު ކަންފަތާއި ދިމާލުން ލަކުނެއްގެ އަސަރު ފެނިލިއެވެ. އޭނަގެ ރޫހުވެސް ރޫރޫއަޅައިގެން ދިޔައެވެ. މިއީ ހަމަ އެ ކާދިންއެވެ. އޭނަ ކޮށްޕާ ވައްޓައިލުމުން އަނިޔާވީ ބޮލަށެވެ. އެފަޅީގައި އެދުވަހު އޮތީ ލޭގެ ކުދި ކޯރެކެވެ. އޭނަ ކޮށްޕައިލުމުން ވެއްޓުނީއެވެ. ސަލާމަތްވިކަމީ ހަމަ ކަރާމާތެކެވެ. ﷲތައާލާ ގެ ރަހުމަތެކެވެ. ދިރިިއުޅުމަށް ލިބުނު ދެވަނަ ފުރުސަތެވެ.
އޭނަ ގަދަކަމުން ހިންދިރުވައިލިއެވެ.
"އެނޑް ޔޫ؟ ހިމޭންކަމަށް ލޯބިކުރަންތަ؟" އޭނަ އަޑު އެއްވަރަކަށް ބަައްޓަން މަސައްކަތްކުރިއެވެ.
"ހިމޭންކަމަކީ ތެދުވެރިކަން...ލަފުޒުތައް ބައެއްފަހަރު ފައުޅުކުރާވަރަށްވުރެ ބޮޑު ބައެއް ފޮރުވައިލާ....."
އެ ލަފުޒުތަކުން ފެންނާންނެތް ނާރެއްގައި ކޮށްޓައިލިއެވެ. ހީލިކެރުވުމެއް ނާރުތަކުގައި ދަތުރުކޮށް ފޮރުވާފައިވާ އެއްޗެއް ހިރިލުމުގައި ކާމިޔާބު ހޯދިއެވެ.
ދެމީހުން އެކީ ވާހަކަދައްކަމުން ހިނގަމުންދަނިކޮށް ކާރު ޕާކްކޮށްފައިވާ ދިމާލަކަށް ނުކުމެވުނެވެ. އެއީ ރިޒޯޓްގެ ވިންޓޭޖް ކާރުތަކެވެ. އިރުގެ އަލީގައި އޮފް އަރައެވެ. ކަންޒާގެ ލޮލުގައި އަޅައިގަތީ އެތަނުން އެންމެ ކާރެކެވެ. އޭނަގެ ހިތަށް ފުން އަސަރުތަކެއްކުރުމާއެކު ލޮލުން ކަރުން ހިލުނެވެ.
"މި ފުދޭވަރަކަށް ފާސްޓްވާނެ.."ކަންޒާގެ މޫނަށް އައި ކުލަވަރު ކާދިންއަށް ފެނުނެވެ."އަހަރެން އެހެންވެ ފަރުވާކުޑަވިޔަ ނުދެން. ބައެއް އެއްޗެހި...ޑިޒާވް ރެސްޕެކްޓް...."
ނުނިމޭ