"ފިތުނަތަކުން ސަލާމަތްވުމަށް ދުޢާކޮށް ﷲ ތައާލާ އެންގެވި ގޮތަށް ދިރިއުޅުން ބައްޓަންކުރާށެވެ. ދުނިޔެއަކީ ވަގުތީ މަންޒިލެކެވެ. ބާރާއި ނުފޫޒާއި ފައިސާއަށްޓަކާ އާޚިރަތް ގެއްލުވައިލުމަކީ މޮޔަކަމެކެވެ."
***
މަތީގައި ބައްދަލުވުމުން ކުރިއަށް ގެންދިޔައިރު މިނާހް ހުރީ ހޮސްޕިޓަލުގެ ފައިލްތައް ބަހައްޓާފައި ހުރި ބައިގައެވެ. ޖާނަލްތަކާއި ފައިލްތަކާއި ފޮތްތަކުން ފުރިފައިވާ ކޮޓަރީގައި ކޮންމެވެސް ވަރަކަށް ހިރަފުހުގެ އަސަރުހުއްޓެވެ. އޭނަ އެތަނަށްވަނީ ފަހަރެއްގައިވެސް އެހާ ބޮޑު ސިއްރެއް ހާމަވާނެކަމަށް ހީކޮށްފައެއްނޫނެވެ. އޭނަ ވެކްސިންގެ ބެޗް ނަމްބަރުތަކެއް ކްރޮސް ޗެކް ކުރަނިކޮށް ވައިރޯނެކްސް 12 ތަކުރާރުކޮށް އައިސްފައިވީ ބޮޑެތި މައްސަލަތައް ޖެހުނު ބަލިމީހުންނަށެވެ. އެހެން ހޯދަނިކޮށް އެނގުނީ އެންމެ ކުރިން އައި ބެޗަކީ އެއީކަމެވެ. އެއީ އިމަޖެންްސީ ހާލަތުގައި ބޭނުންކުރުމަށެވެ. ތައްޔާރުކޮށްފައިވަނީ ކިއުރެކްސިިއާ ބަޔޯ ފާމާއިންނެވެ.
އޭނަގެ ހިތް އަވަސްވިއެވެ. އޭނަ އެ އާޗީވްކޮށްފައިވާ ޑޭޓާތައް ބެލިއިރު އިނގިލި ތުރުތުރުލާން ފެށިއެވެ.
ފޭސް ތިނެއް: ތިން ތަހުލީލު: ނުނިމި..
ދިގު މުއްދަތަކަށް ކޮށްފާނެ އަސަރު: ދިރާސާނުކޮށް
އޭނަ ގޮނޑިއަށް ލެނގިލަމުން ލޯ މަރައިލިއެވެ.މިއީ ޣާފިލުވުމެއްވެސް ނޫނެވެ. އެމީހުންގެ ތަދުބީރެވެ. "މެޑިކަލް މާފިއާ" އޭގެ އެންމެ ފުރިހަމަ މާނައިގާ ކުރިމަތީގައި ފެންނަން މިއޮތީއެވެ. އެމީހުން ފައުޅުކުރަން ބޭނުންވިޔަސް އަތްފައި ބަނދެވެނީއެވެ. ގިނަފަހަރަށް ފަޅާ އަރުވާލާ މީހުން ވުޖޫދުން ގެއްލުވައިލަންވެސް ފަސްނުޖެހޭނެފަދަ ބާރުގަދަ މީހުން އަޑީގައި ތިބޭނެއެވެ. ބޭސް އުފައްދާ ކުންފުނިތަކުގައިވެސް ވާދަވެރިކަމާއި އަނދިރި ރޭވުންތައްވެއެވެ. ހުރިހާކަމެއްގެ ނުބައި އަސަރެއްކުރަނީ ކުށެއްނެތް ބަލިމީހުންނަށެވެ.
***
"ލޭކްވިއު" ގެ ތެރެއަށް ވެރިވެފައިވީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އަޔާޝްވެސް ލިވިން ރޫމްގެ ސޯފާއެއްގައި އިށީދެލައިގެން އިނީ ވިސްނުމެއްގައެވެ. ބައިގަޑިއެއްހާއިރުފަހުން ރޯދަ ވީއްލާގަޑިއަށް އެންމެންހެން ކާކޮޓަރިއަށް ވަންއިރު މޭޒުމަތި ތައްޔާރުކުރުމުގައި އަވަދިނެތި އުޅޭތަން ފެނުނީ ހަޔާއެވެ. އަޔާޝްގެ ކުރިމަތީގައި ހަޔާ ކަދުރުތަށި ބެހެއްޓިއެވެ. އެވަގުތު ޔަލްވީ އޭނަގެ ފިރިމީހާއަށް ބަލަން އިނީ ޝަކުވާގެ ނަޒަރަކުންނެވެ.
"ކޮންބަޔަކާއި އަޔާޝް ބައްދަލުކުރީ އިއްޔެ؟ " ބައްޕަގެ ސުވާލުން އޭނަ ސިހުނެވެ. ބައްޕައަށް އެނގުނީ ކިހިނެއްހެއްޔެވެ؟
"ބިޒިނަސް.....މުހިއްމުބަޔެއް.."
"ވެކްސިނާއި ގުޅޭބަޔެއްތަ؟ ހާދަ ގިނަބަޔެކޭ މި ބަލީގައި މަރުވަނީ..."
"ވެކްސިންއިން ފުރާނަ ސަލާމަތްކުރެވޭ މީހުން ގިނަ...ބައްޕަ ފިކުރުނުކުރައްވާ...މި ޕެންޑަމިކް ނިމެން ދެން މާ ގިނަދުވަހެއްނެތް. ގާބިލު މީހުންނައި ޖެހުނީމަ ކޮންމެފަދަ ބޮޑު މައްސަލަގަނޑެއްވެސް ހައްލުކުރާނެ.."
"ޢެމީހުން ﷲ ތައާލާއަށް ބިރެއް ނުގަނޭތަ؟ "
"ކޮންކަމަކާއި؟"
"މީހުންނަކީ ތަޖުރިބާކުރަން ހުންނަ މީދާތަކެއްނޫނެއްނު....އެހެން ވެކްސިންތައް ހާދަ ތަހުލީލެއްކޮށްފައި އެތައްއަހަރެއް ފަހުން މާކެޓަށް ނެރުނީ..ތި ކިޔާ ވެކްސިންއެއް އަވަސް އަރުވާަލައިގެން އެކި ކުންފުނިތަކުން އުފައްދައިގެން މީހުންގެ ގަޔަށް ޖަހާއިރު ކިތައް މީހުންނަަށް ނޭދެވޭ އަސަރެއްކުރާނެ..އަދި މިތަނަށް ގެންނަ ވެކްސިން ހަދަނީ ކިހާ ފެންވަރެއްގެ ކުންފުންޏަކުންކަން އެނގޭތަ؟"
"ބައްޕަމެންނަށް މެޑިކަލް ކަންތައްތައް މިހާރަކު ނޭގޭނެ..."
ސަލާހުއްދީން ހިނިތުންވެލިއެވެ.
"އެހެންވެ ބައްޕައަށް ނޭގޭ ކަމެއްގައި މައްސަލަ ޖައްސަނީ..ވެކްސިން ނުގެނައިނަމަ ދެބައިކުޅަ އެއްބައި މީހުންމަރުވާނެ..ބައްޕައަށް ހޮސްޕިޓަލްތަކުގެ ހާލަތު ނުފެންނާނެ. ރާއްޖެއަށްވުރެ އެހެން ގައުމުތަކުގެ ހާލަތު އޮތީ ދަށުގައި.....އެތެރެއިން ޖާގަ ނުލިބި އަދި ސަލާމަތްކުރަން ޖެހޭ މީހުން ހޮވަންޖެހޭވަރަށް އެތަންތާ މީހުން ތޮއްޖެހިފައި އޮތީ..ކުރީ ޒަމާނެއްނޫން މިއީ.އެއަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާ އަދި ސައިންޓިސްޓުން ކުޅަދާނަ...ތަހުލީލުތަކަށް ގަަރުނެއް ނުނަގާނެ.. ލޭކްވިއުގައިވެސް މަރުވާ މީހުން މަރުވަނީ ވެކްސިނަކުން ނޫން...ވައިރަސްއިން..." އަޔަޝް ތަންކޮޅެއް ނުރުހުމާއެކު ވާހަކަދެއްކިއެވެ.
"ބައްޕަ މިހެން ބުނީ އެ ކުންފުނިތަކުންވެސް ބިލިއަނުން ނާޖާއިޒު ފައިދާނަގާތީ...ކޮންމެވެސް ބައްޔެއް ފަތުރައިގެން ....."
"ކޮންސްޕިރަސީ ތިއަރީ ތަކަށް ބަރޯސާވާކަށް ނުވާނެ ބައްޕާ..........."އަޔާޝްގެ ރާގުގައިވީ މަލާމާތެވެ.
"ދަރިފުޅުމެން އަދި ވެރިންނަށްވިޔަސް ތަޖުރިބާ މަދުވާނެ..ވިޔަފާރި ހީލަތްތެރިކަން....ހަގުރާމަ ނެތިއްޔާ ހަތިޔާރު ކުންފުނިތަކަށް ކިހާ ގެއްލުން..އެހެންވީމަ ކޮނެމެވެސް ދިމާލެއްގައި ހުޅުގަނޑު ރޯކުރާނެ...އެގޮތަށް ބޭސްވެރިކަމުގެ ކުންފުނިތައްވެސް މިއުޅެނީ...އާއްމުން އުޅޭނީ ހަމަ ހުމެއް އަންނައިރަށް ޕެނެޑޯލްކައިގެން..އެކަމަކު ކޮންމެފަދަ ކުންފުންޏަކުންވެސް އެބޭސްގުޅަތައް ހަދާފައި އޮވެދާނެ. އެގެންނަނީ ކިހާ ފެންވަރެއްގެ ތަނަކުންތޯ ބެލުމަކީ ޒިންމާދާރުވެރިންގެ ކަމެއް..........."
"މެޑިކަލް މާފިޔާއަކީވެސް ދުނިޔެއަށް އޮތް ބޮޑު ބިރެއް......ފެންވަރު ދަށް އަދި އެކްސްޕަޔާޑް ބޭސްތަކާއި އެއްޗެހިވެސް ވިއްކައިގެން ކިތައް މީހުން މަރުވެފައި އެބަހުރި........ބްލެކްމާކެޓިން އޮފް ޑްރަގްސް މިފަހަރުވެސް އެބައޮތް........މިވެސް ހަމަ ފައިދާގަނޑެއް ނަގަން އުފެއްދި ވައިރަސްއެއް........."މިނާހްއަށްވެސް ހިމޭނުން ނީދެވުނެވެ. ހޮސްޕިޓަލްތެރެއިން އޭނަ ހޯދި ހޯދުންތަކުން ކޮންމެވެސް ވަރަކަށް އެކަހަަލަ ކަންތައްވެސް ފާހަގަވީއެވެ.
"މޮޔަ ވާހަކަ ނުދައްކާ..ލޭކްވިއުއަށް ބޭސް ގެންނަނީ އެންމެ ރަގަޅު ކުންފުނިތަކުން........"އަޔާޝް ރުޅިއަންނަގޮތްވިއެވެ.
"ވެކްސިން އޯކޭއެއްނޫން..."
އެވަގުތު މިނާހްއަށް ފާހަގަވީ އަޔާޝް ޖޫސްތަށީގައި ހިފެހެއްޓިއިރު އަތުގެ އިނގިލިތައް ތުރުުތުރުލީކަމެވެ. އަދި ނޭވާލުމުގައި އުދަގުލެއްވީހެންނެވެ. ސިކުންތުކޮޅެއްފަހުން ހަމަޔަކަށް އެޅުނެވެ.
"ޕްލީސް...މިވަގުތަކު ނޫން...ދުޢާވެސް ނުކުރެވޭ..."އާސީން ލޯ އަޅައިލިއެވެ."ޑިއުޓީގެ ސްޓްރެސް އިން ފެމިލީ ހެޕިނެސް ގެއްލުވާކަށް ނުވާނެ...."
"މީ ހާދަ މީރު ފޮނި އެއްޗެއް...ޖޫސްވެސް ހަމަ ބެސްޓް......މަމް ކައްކާ އެއްޗެހި ނޫނީ ނުވެސް ކެވޭ..." މިނާހް ފިޔާތޮށިކުލައިގާ ހުރި ފޮނި އެއްޗެހި ސަމުސަލަކުން ރަހަ ބަލައިލަމުން ތައުރީފުކޮށްލިއެވެ. ހަޔާގެ މޫނުގެ ރަތްވިއެވެ.
"މަންމައެއްނޫން ތިހެދީ....ހުރިހާ އެއްޗެއް ކެއްކީ ހަޔާ..."ތަގުވާ ހީލިއެވެ.
"އޯ........އެހެންތަ؟ ހަޔާވެސް ހާދަ މޮޅޭ........." މިނާހް ލޯ ބޮޑުކޮށްލިއެވެ.
"މަންމަ...މަންމަ.."ޢަޔާޝްގެ ހަށިގަނޑުގައި އަލިފާން ހިފިފަދައެވެ. މިނާހްގެ އަނގަމަތީގައި ޖަހަން ހިތް އެދުނެވެ. ވަގުތުން ކާހިތް ކެނޑުނެވެ.
***
ޔަލްވީއާއި އާސީންވެސް ތައްޔާރުވެލައިގެން ހަޔާއާއިއެކު މިސްކިތަށް ދާން ހިނގައިގަތެވެ.
"ހަޔާ..އަހަންނަށް މާފުކޮށްދީ..އެގޮތަށް ދޮގު ތުހުމަތެއް ކުރެވުނީމަ...އަޔާ މަންމަ ދެކެ އެ އަންނަ ރުޅިއަކާއިހެދިވެސް ވަރަށް ދެރަވޭ...ހަޔާ މަންމަ ހަގީގަތުގައި ވަރަށް ހެޔޮ....އެހެން މީހަކު ޚާދިމައެއްހެން ދޮންދަރިންނަށް ޚީދުމަތްކޮށެއްނުދޭނެ..." ޔަލްވީ މާފަށް އެދުނެވެ.
"ތެދެއް..ހަޔާ..މަމް ހަމަ ވަރަށް ސްވީޓް..އަހަރެން ހިތަށް އަރަނީ ހަމަ މަންމަދެކެ އެހާވަރަށް ދޮންބެ ރުޅިއަންނަނީ ކިއްވެހެއްޔޭ......ތެދަށް ބުނަންޏާ މަމް އާއި ބައްޕަ އެންމެ ހެވީވެސް ދޮންބެއަށްކަން އިހުސާސްކުރެވުނު ކިތަންމެ ފަހަރެއްއައި...އެވަރުންވެސް ދޮންބެގެ ހިތުން މަމްއަށް ޖާގައެއްނުލިބުނު...."
"އަދި ރަގަޅުވާނެ އިންޝާﷲ..."ހަޔާ ދެކުދިންގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ."އެންމެ ސާފު ހިތެއް ލިބި މާފުކުރަން އެނގޭ އަދި މުސްލިމުންނަށް ހެޔޮ ހިތަކާއެކު ނިދުމަކީ ކޮންފަދަ ރަގަޅުކަމެއް..އަހަރެން ވަލީވެރިންގެ ވާހަކަ ކިޔަމުން ދިޔައިރު ފެނުނު އެފަދަ މީހެއްގެ ވާހަކަ..އޭނައަށް ސުވަރުގެ ލިބުނީ އެންމެނަށް ހިތްހެޔޮކޮށް ސާފު ހިތަކާއެކު ކޮންމެ ރެއަކު ނިދާތީ...."
ޔަލްވީގެ މެޔަށް ފިނިވެލިއެވެ. ހަޔާގެ އަތުގައި ހިފައިގެން ހުއްޓަސް އަދި ހިތުގައިވާ ހަސަދައިގެ އަލިފާން އެއްކޮށް ނުނިވެއެވެ. އޭނަވެސް ދުޢާކުރާނިއެވެ. އެފަދަ ހިތް ސާފު މީހަކަށް ވުމަށް އެދިއެވެ. އެވަރުވާނީ އެކަމަކު ހާދަ ތަގުވާވެރިވެގެންނެވެ. އެވާނީ ނިކަން ދިގު ދަތުރަކަށެވެ. ހަޔާ ބުނާގޮތުން އިންސާނާއަށް އޮތީ ﷲތައާލާއާއި އޮތް ގުޅުން ވަރުގަދަކުރަން މަސައްކަތްކުރުމެވެ. ކަށްވަޅަށް ދިޔުމުން ހިތާމަކުރުމުގެ ބަދަލުގައި ނޭވާލާ ހިނދަކު ފުރުސަތު އެބައޮތެވެ. ވަލީވެރިޔަކަށްވުމަކީ ވަރަށް މަތިވެރި ދަރަޖައެކެވެ. އެފެންވަރަށް ނުދެވެންވީ ސަބަބެއްވެސް ނެތެއްނޫންހެއްޔެވެ؟
***
މިސްކިތެއްގެ ކައިރގައި ހުރި ކުޑަ ކެފޭއެއްގައި މިނާހް އިނީ ފޯނެއްގައެވެ. މިސްކިތުން މަޑުމަޑުން ގުރުއާން ކިޔަވާއަޑު އިވޭއިރު އެތާ ތެރޭގައި ހިފާފައިވަނީ ކޮފީގެ ސިކުނޑި ތާޒާވާފަދަ ވަހެކެވެ. ހޮސްޕިޓަލްކައިރީގައި ހުންނަ އެ ކެފޭއަށް ހަޔާ އައުމަށް ދައުވަތު ދެވުނީވެސް ވާހަކަދައްކައިލަން ބޭނުންވެފައި ހުރިވަރުންނެވެ. ހަޔާ ފެނުމުން މިނާހްގެ ހިތަށް ފިނިކަމެއް ލިބުނެވެ.
"މިތަނަށް ތިއައީ ސަލާމަތްވާކަށް ނޫން ހަމަ ނޭވާ އެއް ލާން ދޯ...." ހަޔާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.
"ހުރިހާކަމެއް ފާހަގަކުރެވޭ ދޯ..."
"އެހެންވާން ޖެހޭނެތާ..ބައެއްފަހަރު ތެދުތައް ހަޅޭއްލަވައިގަތުމުގެ ކުރިން ކަންފަތްކައިރީ ވައިއަޑުން ބުނަން ފަށާ.."
މިނާހް ކުޑަކޮށް ޖެހިލުންވިޔަސް އޭނައަށް ފާހަގަވިކަންތައް ކިޔާދިނެވެ. ވެކްސިނާއި، ބެޗް ނަމްބަރ އަދި ތަޖުރިބާކުރުމުގައި ހުރި މުއްދަތުވެސް ކިޔާދިނެވެ. ހަޔާއިނީ ވާހަކަ މެދުކަނޑާނުލަ އަޑުއަހައިގެންނެވެ. އެކަމަކު އެމޫނުމަތިން ހައިރާންވީކަމުގެ އެއްވެސް އަސަރެއްނެތެވެ.
"ދޮންބެއަށްވުރެވެސް ބޮޑު...ހޮސްޕިޓަލަށްވުރެވެސް...."
"އަހަންނަށް އެނގޭ..."
"އެނގޭތަ؟ މާން ތިވަނީ ނުރައްކަލުގައި..."
އެދެމީހުން ވާހަކަދައްކަން ތިބެފައި ނުކުތްއިރުވެސް މަގުމަތޫގައި ކަޅުކުލައިގެ ކާރެއް ޕާކްކޮށްްފައިއޮތެވެ. ދެމީހުންނަށްވެސް ފާހަގަވިއެވެ.
މިނާހް ކެބިންއަށް ވަންތަނާހެން ލީވަންގެ ހިޔަނި އެތަނަށް އެޅުނެވެ. ޖިންނިއެއްފަދައިންނެވެ. އޭނަ ސިހިފައި އެނބުރުނެވެ.
"ބުނަން މާނު...ތި ކޮއްޓަނީ ނުބައި ޖަޔަންޓުންތަކާއި..."
"އެކަން ދެނެހުރިން ދޯ..."
"އަހަންނަށްވެސް ޝައްކުވަނީ..."
"ކަލޭ މަސައްކަތްކުރަނީ އެމީހުންނާއި އެކީ...."އޭނަ ފިނިގޮތަކަށް ބުނެލިއެވެ.
"އެންމެންނާއެކީ....އެއީނު ސަވައިވަލްގައި އޮންނަގޮތް...."
"މީހުން މަރުވަމުން ދަނީ..."
ލީވަންގެ ހިނިތުންވުން ސިކުންތުކޮޅަކަށް ގެއްލުނެވެ.
"އަބަދުވެސް މީހުން މަރުވޭ...ސުވާލަކީ އެމީހުން މަރުވުމުން އެއްޗެއް ލިބެނީތޯ ނޫނީ ހުރިހާކަމެއް ހަލާކުވެގެން ދަނީބާ.."
ޖަވާބެއް ނުދެވެނީސް އޭނަގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ."ހަޔާއާއިމެދުވެސް ފަރުވާތެރި ވައްޗޭ..."
މިނާހްގެ ލޭވެސް ފިނިވިއެވެ." ކީއްވެ؟"
"ސަބަބަކީ ނުފޫޒަކީވެސް ފައިސާ...." އޭނަ ސިއްރުވެރި ހުނުމަކާއިއެކު އެއްޗެއް ބުނަން އުޅުނުވަގުތު އަޔާޝް ފެނުމާއެކު ހުނުން ހުއްޓުނެވެ."އިވްނިން ސަރ...."
***
ޔަލްވީ ރަޖާގެ ދަށުގައި އަރާމުކޮށް ނިދައިލިއިރުު އަޔާޝްއަށް އިނދެވުނީ އެނދުގައި އިށީދެގެންނެވެ. ނޭވާ ހާސްވެފައެވެ. ކުއްލި ތަދެއް މެޔަށް އެރިއެވެ. ނިތްކުރިން މުތީތަކެއްފަދައިން ދާތިކިތައް ވިދައެވެ. އޭނަ ތަންކޮޅެއް ފުންކޮށް ނޭވާލާންފެށުމުން ކުޑަކޮށް ލުއިވެލިއެވެ. ތަދު ކެނޑުނަސް ބިރުވެރިކަން ހިތަށް ވެރިވިއެވެ.
"ޔާ ﷲ..."އޭނައަށް ކިޔައިލެވުނެވެ. އޭނަ މާޔޫސްވާގޮތްވީ މާ ބޮޑަށެވެ.
***
ބޯކޮށް ވާރޭވެހެމުން ދިޔައީ ހުއްޓުމެއްނެތިއެވެ. މަގުތަކުގައި ފެންބޮޑުވާންފެށުމުން އެންމެންހެން ތިބޭ ގެއިން ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނިކުތުމަށް އުޒުރުވެރިވެފައެވެ. ހޮސްޕިޓަލުގެ މުވައްޒަފުންނަށް އެނޫންގޮތެއްނެތެވެ.
އެރޭ އަނެއްކާވެސް ކުޑަކޮށް ބަލިވީމީހަކު ކުއްލިއަކަށް ހާލުދެރަވެގެން ފަރުވާދެނިކޮށް ނިޔާވުމުން މަރުގެ ސަބަބަކަށްވީ މި ވައިރަލް ހުމެވެ. އެމީހާވެސް ގިނައިރުތަކެއްނުވެ ނިޔާވީއެވެ. މިނާހްގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ. އަންގިއާއި އެއްޗެހި ޑަސްބިނާއި ދިމަލަށް ހޫރާލުމަށްފަހު ހިނގައިގަތީ ހިތާމައަށްވުރެ ބޮޑަށް މާޔޫސްކަމާއި ރުޅިވެރިކަން މޫނުމަތިން ދައްކާލާފައެވެ. ކެބިންއަށްވަދެ ގޮނޑީގައި ޖައްސައިލެވުނުގޮތަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. މިނާހްގެ ހާލަތު ފެނުމުން ހަޔާ ފަސްފަހަތުން އައެވެ.
"އަ ޔޫ އޯކޭ؟"
"އޯކޭވާނީވެސް ކިހިނެއް ހަޔާ...އަނެކަކު މަރައިލެވުނީ....އޭނަގެ ޑޭޓާވެސް ހަމަ އެހެން މީހުންނާއި އެއްގޮތް ދޯ..."
"އަހަރެމެންނަށް ބޭނުންވަނީ ރިކޯޑް...ހުރިހާ ޗާޓަކާއި ނޯޓް އަދި ބެޗް ނަމްބަރު..."
މިނާހް ދައްކައިލީ ކުޑަ ޕެންޑްރައިވެކެވެ."އެހުރިހާ އެއްޗެއް މީގައި ހުންނާނެ...ތާރީޚާއި ޑޯޒްތަކާއި އައި ރިއަކްޝަންތަކާއި ކޮންމެ ބަލިމީހެއްގެ ތަފްސީލު ވަކިން ނަގާފައި ހުންނާނީ...މަރުގެ ސަބަބު ނުބައިކޮށް ލިޔުނަސް މިހިރީ ހެކި.."
"އެކަމަކު މި މިތާގައި ބާއްވާކަށް ނުވާނެ.."ހަޔާ ލޯބޮޑުކޮށްލިއެވެ.
"އެނގޭ....އަހަރެމެންނަށް މި ފަޅާ އަރުވައިލުމުގެ ކުރިން...ހޮސްޕިޓަލުން...އަޔާޝް އެމީހުންނަށް މިކަން އަންގާނެ..އެހާ ފަސޭހައިން އަހަރެމެންނަށް މިކަމާއިގެން ކުރިއަށް ނުވެސް ދެވޭނެ.."
އަޔާޝް އޭނަގެ ޕްރައިވެޓް އޮފީހުގައި އިންއިރު ސިކިއުރިޓީ ފުޓެޖް ބަލަމުން ދިޔައެވެ. މިނާހްއާއި ހަޔާގެ ކުދި ބައްދަލުވުންތައް އެހެން މީހަކަށް ފާހަގަ ނުކުރެވުނަސް އޭނައަށް ފެނެއެވެ. އަދި މިނާހް ރިކޯޑް ރޫމަށްގޮސް ބައެއްފައިލް ތައް ހޭވިވަރުވެސް ފެނުނެވެ.
އޭނަގެ ލޮލުގެ ކުލަ އިތުރަށް ގަދަވިއެވެ. އޭނަ ހުންނަނީ މައުލޫމާތުތައް ކޮންޓްރޯލްކޮށްގެންނެވެ. އެހެން މީހުންގެ ތަސައްވުރު ބަދަލުުކުރެވޭހާ ބާރު އޮވެއެވެ. އެ ބެލެންސްގެއްލުމަކީ ނުރައްކަލެކެވެ. އޭނަ ފޯލްޑަރ އެއް ހުޅުވައިލިއެވެ. ވެކްސިން ކުންފުނިންވަނީ މުޝީރަކު ފޮނުވާފައެވެ. އޮބްޒާވް ކުރުމަށާއި ރިޕޯޓްކުރަން އަދި ފިޔަވަޅުތަކަށް އަމަލުކުރުވުމަށް ޔަގީންކުރުމަށެވެ.
އަޔާޝް ގޮނޑިއަށް ލެނގިލިއެވެ. އޭނައަށް ބޭރުގައިވާ ތޫފާނަށްވުރެ އެތެރޭގެ ތޫފާން ގަދަކަމުގެ އިހުސާސްކުރެވުނެވެ. އަދި އޭނައަށް އެނގުނީ މިނާހްއަކީވެސް އުފުރައިލަންޖެހޭ ކަށްޓެއްކަމެވެ. އެކަމަކު އެހެން މީހުންނަށް ޝައްކުނުވާގޮތަށް އެކަން ކުރުމަކީވެސް ފަސޭހަކަމެއްނޫނެވެ.
***
އީދު ހަނދު ފެނުމުން އެކަކު އަނެކަކަށް މަރުހަބާކީއިރު އާސީން ހަނދާންވީ އިބްރާހިމްއެވެ. އޭނަ ވަކިވީވެސް ފާހަގަކުރެވުނު ދުވަހެއްގައެވެ.އީދު ހަނދު ފެނުމުން އާއިލީ ވައިބާ ގްރޫޕްގައިވެސް އަޔާޝް ނޫނީ އެންމެން މަރުހަބާ ކިޔާ އުފާވެރިކަން ފައުޅުކުރިއެވެ. އަޔާޝް އެއްވެސް އެއްޗެއް ނުބުންޏަސް ހެދުނު ޔަލްވީ ގޮވައިގެން މާމައަށް ޒިޔާރަތްކުރިއެވެ. މާމައަށް ދިން ޕާރުސަލުން އެ މޫނު އުފަލުން ފޮޅުނެވެ. އެންމެން އެކީ ސައިބޮއިގެން ވާހަކަދައްކަން ތިބިއިރު އެދުވަސް އަބަދަށް ދެމިގެންދާނެނަމައޭ ޔަލްވީގެ ހިތަށް އެރިއެވެ.
ދެމީހުން އެކީ ގޮސް ކާރަށް އަރާފައި އަޔާޝް އޭނަގެ އަތަށް ކުޑަ ކޮތަޅެއް ދިނެވެ."ޔަލްއަށް ހަދިޔާއެއް..."
"އޯ.....ތެންކިއު.."ޔަލްވީގެ ދެލޯ ދިއްލުނެވެ.
"އެންމެނަށް އީދު ގިފްޓް ދޭން ހިތަށް އެރި...މިފަހަރު އީދު ސްޕެޝަލްވީ ކީއްވެކަން ނޭގޭ..އެއާއެކު ހިތަށް އެރި އެއްޗެއް އެނގޭތަ؟ މަންމަ ހުރިނަމައޭ...ތެދަށް ބުނަންޏާ މަންމަ ނެތުމުން އަހަންނަށް ހީވީ ހުރިހާ އެއްޗެއް ގެއްލިގެން ދިޔަހެން..ލޯތްބާއި އޯގާތެރިކަމާއި އެހެން ޖަޒުބާތެއް އެހެން މީހެއްގެ ފަރާތުން ބޭނުމެއްނުވި...އެހެން ހުއްޓާ މިހާރު ފާހަގަވީ މަންމަވަރު ނުވިޔަސް ޔަލްވީ ކެއާކުރާކަން..ލޯބިވާކަން...އަދި އަހަރެންދެކެ ލޯބިވާ މީހެއްވިއްޔާ މަންމައާއިހެދި އުޅޭނެތާ..ޔަލްވީ އެހުރިހާކަމެއްކުރާއިރުވެސް ނުފެންނަ ކަމަށް ހަދައިގެން ހުރެވުނީ..އެކަމަކު މިހާރު ބޭނުންވަނީ އެކަން ބަދަލުކުރަން...."
ޔަލްވީއިނީ ގަބޫލުނުކުރެވިފައެވެ.
ނުނިމޭ