މި ވާހަކައިގައި ބަޔާންކޮށްފައިވަނީ ކަންޒާގެ ދިރިއުޅުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކާއި، އޭނާގެ ކޮއްކޮމެންގެ މުސްތަގުބަލަށްޓަކައި ކުރާ މަސައްކަތްތަކެވެ. ކާދިންގެ އެކްސިޑެންޓާއި މަންމަގެ މަރުގެ ސަބަބުން ކަންޒާއަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރެއެވެ. ނަމަވެސް، ނަފްސާނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށްފަހު، އޭނާ އިސްލާމިކް ރިޒޯޓެއްގައި ވަޒީފާ އަދާކުރަން ފަށައެވެ. ކަންޒާގެ މަގުސަދަކީ ރިޒޯޓުގެ ވެރިމީހާއާ ކައިވެނިކޮށްގެން ކޮއްކޮމެންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމެވެ. އެހެންނަމަވެސް، ރިޒޯޓުގެ ވެރިޔާ ކާދިންއާ ބައްދަލުވުމުން ކަންޒާގެ އުންމީދުތަކާއި ވިސްނުން މުޅިން ބަދަލުވެގެންދެއެވެ.

  • ކަންޒާގެ މަންމަ ނިޔާވުމާއި ކާދިންގެ އެކްސިޑެންޓްގެ ސަބަބުން އޭނާއަށް ފުން ހިތާމަތަކަކާ ކުރިމަތިލާންޖެހުން.
  • ކޮއްކޮމެންގެ ތައުލީމާއި ކުރިމަގަށްޓަކައި ނަފްސާނީ ދާއިރާއިން ކިޔަވައިގެން ވަޒީފާއަކަށް ނުކުތުން.
  • ސުކައިނާ ޕާލް ރިޒޯޓުގެ ވެރިޔާއާ ކައިވެނިކޮށްގެން މާލީ ތަނަވަސްކަން ހޯދުމަށް ކަންޒާ ނިންމުން.
  • ރިޒޯޓުގެ ވެރިޔާ ކާދިންއާ ބައްދަލުވުމުން ކަންޒާއަށް ލިބުނު ކުއްލި ސިހުމާއި، ކާދިންގެ ހަގީގަތް ހާމަވުން.

"ހޭލެވޭއިރުވެސް ލޮލުގައި ހުންނަންވާނީ ހުވަފެންތަކެވެ. އުއްމީދުގެ ހުޅުކޮޅެވެ. މާޔޫސްކަން ބޭރުކޮށްލާފައި ﷲގެ ރަހުމަތާއި ނިއުމަތްތައް ހަނދާންކޮށްދީ ސިކުނޑި ފުރައިލާށެވެ. ހިތުގައި އީމާންކަމާއި ހިތްވަރު ބަހައްޓައިގެން ހުވަފެންތައް ފަހާ ދުވަން މަސައްކަތްކުރާށެވެ.ސަބަބަކީ އާޚިރަތަށް ގަދައަަޅާ މަސައްކަތްކޮށްގެން ދުނިޔޭގައިވެސް މަސައްކަތްކޮށް ދިރިއުޅެން ޖެހޭތީއެވެ. ﷲ އިރާދަކުރެއްވިގޮތަކަށް އެފަރާތުގެ ރޭއްވެވުމުގެ މަތިން ހުރިހާކަމެއް ދިޔަސް ޕްލޭންތައް ރާވާ މަސައްކަތްކުރަންވެސް ޖެހޭނެއެވެ. މިދުނިޔޭގައި ނުވެއްޖެއްޔާ އާޚިރަތް ދުވަހުންވެސް ހުވަފެންތައް ފުރިހަމަވާނީ އޭރުންނެވެ. ވަގުތު ބޭކާރުނުކޮށް ދެދުނިޔެ ހޯދަން މަސައްކަތްކުރަންވާނެއެވެ."

***

"ނޫން ނޫން ނޫން....ނޫން..."އޭނައަށް ކަކޫމައްޗަށް ތިރިވެވުނީ ބިރާއެކު އެތައް ޖަޒުބާތެއް މަސްހުނިވެގެންނެވެ. މިއީ މިކަން ހިނގާންވީގޮތެއް ނޫނެވެ. ބަދަލުހިފާން އޭނަ ވިސްނިގޮތެއްނޫނެވެ. މިއީ ގޯސްކަމެކެވެ. ވަރަށް ގޯސް ކަމެކެވެ. ކާދިން އެއްޗެކޭ ބުނަން ތުންފަތް ހަރަކާތްކުރުމުން އޭނަ ކައިރިވެލިއެވެ.

"އައިމް....ސޮރީ.."

އެއާއެކު ކާދިންގެ ލޯ މެރުނެވެ.

ވާރޭ ބޯކޮށްލިގޮތުން ހީވީ ދުނިޔެ ކޮންމެވެސް އެއްޗެއް ދޮންނަން މަސައްކަތްކުރާހެންނެވެ. އެކަމަކު ބައެއް އެއްޗެއްސަކީ ކިތަންމެ ވަރެއް ވިޔަސް ދޮވެވިގެންދާނެ އެއްޗެއް ނޫނެވެ. އޭނައަށް ފިޔަވަޅުތަކެއްގެ ހިލަންވެގެން ކުޑަކޮށް ބޯ އަނބުރައިލިއިރު އާރާއާއި އައިރް ލޯ ބޮޑުކޮށްގެން ތިބިތަން ފެނުނެވެ. ކަންޒާ މަގަށް ނިކުމެ އެހެން ދިޔަ މީހެއް ގެ ގާތު ފިރިހެންކުއްޖަކު ސިޑިމަތިން ވެއްޓި "މަރުވެފައި" އޮތް ވާހަކަ ބުނެލިއިރުވެސް ދެފައި ރަގަޅަށް ބިންމަތީގައި ހަރުނުލައެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ ކޮއްކޮމެން ގޮވައިގެން މައްޗަށް އެރުމަށެވެ.

ކަންޒާއަށް ކާދިންގެ އެކްސިޑެންޓްގެ އަޕްޑޭޓް ބަލަމުން ދިޔައެވެ. އައިސީޔޫގައި އޮތްވާ އުއްމީދު ކަނޑައިލުމުން ފަހުން އެއާއެމްބިއުލެންސްގައި ބޭރަށް ގެންދިޔަކަން އެނގުނެވެ. މުއްސަދިންނަށްވުމުން އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް މަސައްކަތްކުރާނެއެވެ. ނަމަވެސް އޭނަ ޔަގީންކުރީ ކާދިން ޖެހުނުގޮތަށް ސިކުނޑި މަރުވިމަމަށެވެ. އެންމެފަހު ވަގުތުކޮޅު އޭނަގާތުން މާފަށް އެދުނެވެ.

ކަންޒާއަށް މަންމަގެ ވަކިވުމުގެ ވޭނާއި ކުރިމަތިލުން ފަސޭހައެއްނުވިއެވެ. އެއާއެކު ކާދިންގެ މަރުގެ ޒިންމާވެސް އަމިއްލަ ބޮލުގައި އެޅުނެވެ. ސިކުނޑި ގޮވަން ކައިރިވުމުން ނަފްސާނީ ޑޮކްޓަރަށް ދެއްކީވެސް ކޮއްކޮމެންގެ ހައްގުގައެވެ. އޭނަ ދުނިޔެއިން މޮޔަވެއްޖެއްޔާ ކޮއްކޮމެންނަށް ވާނީ ކިހިނެއް ހެއްޔެވެ؟ ބޭސްކާން ފެށުމުން އުދަގޫތައް ވާން ފެށީ އިތުރެވެ. ނުގުޅޭ އަސަރުތަކާއިހެދި އެވެސް ހުއްޓާލަން ޖެހުނެވެ. ހިތާމައާއި މާޔޫސްކަމުގެ އަނދިރީގެ ތެރެއިން ކިރިޔާވެސް ލިބުނު އުއްމީދުގެ އަލިކަމަކީ ހެޔޮއެދޭ ފަރާތަކުން އެކުދިންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ގޭގެ ހުރިހާ ޚަރަދުތަކާއި ތައުލީމް އަދި ބޭސްފަރުވާވެސް ހިމެނުނެވެ. ދެކުދިންގެ ބެލެނިވެރިކަމާއި ޒިންމާތައް އުފުލުން ފަސޭހަނުވިޔަސް ކަންޒާ މަސައްކަތްކުރަމުން ދިޔައީ ވެވުނުވަރަކުން މަންމަގެ ވާޖިބު އަދާކުރުމަށެވެ.

ބޭނުންވާ އެއްޗެހި ލިބެންފެށިޔަސް ކަންޒާގެ ހިތުގައި ކާދިންއަށްޓަކައިވާ ނަފްރަތު ދިޔައީ އިތުރުވަމުންނެވެ. ކޮއްކޮމެންގެ ހިތުގައިވެސް އެ ނަފްރަތު ދިގު ލައިގެން ދިޔަ ސަބަބަކީ އޭނައެވެ. އޭނަ އެކުދިންނަށް ހަނދާންކޮށްދޭ ކަމެވެ. ކާދިން މަރުވިކަމުގައިވިޔަސް ވަރިހަމައެވެ. ގިޔާމަތާއިހަމަޔަށް އެކުށްވެރިޔާއަށް މާފު ހައްގެއްނޫނެވެ.

އަހަރުތައް ފާއިތުވަމުން ދިޔައިރު އެތައް އަޑިގުޑަންތަކާއި ލޮޅުންތައް އަރާ ހިތާމަތަކާއި އުފާވެރިކަން ނަސީބާއި ބަދުނަސީބުގެ ހިޔަންޏާއެކު އެންމެންގެ ދިރިއުޅުން ފުރޮޅެމުން އެނބުރެމުން ދިޔައެވެ. އެއްވެސް މީހަކަށް ކުރިމަގުގައި ލިޔުއްވާފައިވާކަމެއް ނޭގެއެވެ. ދިރިހުރުމާއި މަރަކީ އެންމެ ފަރާތެއްގެ ބާރުގައިވާ ކަމެކެވެ.

ކަންޒާމެންގެ ހަޔާތުންވެސް އެތައް އަހަރެއް ފާއިތުވެގެން ދިޔައެވެ.

މަންމަ ނިޔާވުމަށްފަހު އަޅުކަމާއި ތަންކޮޅެއް ދުރުގައި އުޅެވުނީވެސް އެހެން ކަހަލަ ސަބަބަކާއިހެދިއެވެ. އެހެން މީހަކާއި އެ ވާހަކަ ހިއްސާކުރަން އޭނަގެ ހިތް ބިރުގަނެއެވެ. ނަމަވެސް ފަހަކަށް އައިސް މަޑުމަޑުން މަންމަގެ ހަނދާންތަކުން ރޮވުނަސް އޭނަ ދަރުސްތައް ބަލަންފެށީއެވެ. ބަރްޒަޚު އާލަމްގެ ދަރުސްތަކެވެ. މަރުވުމަށްފަހު މަންމައަށް ޒިޔާރަތްކުރުމުން އެނގޭނެތޯ ބަލަންވެގެންނެވެ. އޭނަ ކޮންމެ ދުވަހަކުހެން ގޮސް މަންމައާއި އެތައް ޝަކުވާއެއްކުރެއެވެ. ނިދަން އެނދަށް އަރާފައި ޝަކުވާކުރާ އުސޫލުންނެވެ. އޭނަ މަންމައަށް ދުޢާކުރެއެވެ. ކޮއްކޮމެންގާތުގައިވެސް މަންމައަށް ދުޢާކުރަން ހަނދާންކޮށްދެއެވެ. ގިޔާމަތް ދުވަހުން ލިބޭނެ އެންމެ ބޮޑު އުފަލަކީ މަންމައާއިއެކު ޖަންނަތުގައި ދާއިމަށް ލެއްވެވުމެވެ

***

"ސުކައިނާ ޕާލް ރިޒޯޓް"ގެ މިސްކިތުން އިވެމުން ދިޔަ އަޒާންގެ އަޑު ފާލަމަކުން ގުޅާލެވިފައިވާ ކުޑަ ކުޑަ ރަށަށް ފުރޭނިގެން ދިޔައީ ހިތަށް ބުނަން ނޭގޭފަަދަ ތަސައްލީއެއް ވެރިކުރުވަމުންނެވެ. ވައިރޯޅިތައް އެ ކަލިމަތައް ގެނެސް އޭނަގެ ކަންފަތަށް ވިރުވާ އަޅާފަދައެވެ. އެ ކުޑަ ޕްރައިވެޓް ރަށުގައި ހުރި ހުދާއި ރަންކުލައިން ފަރުމާކުރެވިފައިވާ ގެއަކީ ރިޒޯޓްގެ ވެރިޔާ ކާދިންގެ ޚާއްސަގެއެވެ. ކާދިން އޭނަގެ ގެއިން މޫދާއި ދިމާލަށް އެރެވެން ހުންނަ ކުޑަ ފާލަންކޮޅު މަތީގައި ބަލަން ހުރީ ކަނޑާއި އުދަރެސް އެކަތިގަނޑަކަށްވާ ދިމާލަށް ނަޒަރު ހުއްޓާލައިގެންނެވެ. ހުރިހާ ފަތުރުވެރިން ދެކެނީ މިއީ އެއްވަނަ ދަރަޖައިގެ މަންޒިލެއްގެ ގޮތުގައެވެ. އިސްލާމިކް ރިޒޯޓްތަކަށްވުމުން މުސްލިމުންގެ މެދުގައި ވަރަށް މަގުބޫލެވެ. އެމީހުންދެކެނީ މިއީ ހިތަށް ހަމަޖެހުމާއި އަމާންކަން ލިބޭ ތަނެއްގެ ގޮތުގައެވެ.

މިރޭ ކަނޑު ހާދަ މަޑެވެ. އެކަމަކު މިފަދަ އޮމާން ކަނޑަށް އިތުބާރުނުކުރާން އޭނަވަނީ ދަސްކޮށްފައެވެ. މިތަންތަނުން ހަނދާންވާން އުޅެނީ ކޮންމެވެސް ކަހަލަ ވެއްޓުމެކެވެ. ވައިގެ ތެރޭގައި ހިފެހެއްޓިފައިވާ ހިނދުކޮޅެކެވެ. ރުޅިވެރި އަޑެކެވެ. ގާތުންނެވެ. އެއާއެކު އަބަދަށްޓަކާ އެ އަޑު ކެނޑިގެން ދިޔައީއެވެ.

އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހަށިގަނޑު އެކަން ދެނެހުރި އެކަމަކު ސިކުނޑިއަށް ހަނދާންނުވި އެއްޗެއް ދޫކޮށްލިފަދައިންނެވެ.

"އަހަންނަށް އެހާ ފާސްޓް އެއްޗެހި ކަމަކުނުދޭ....އަދި ރަަގަޅަށް ދަސްނުވަނީސް ދޫކޮށް ހިނގައިދާފަދަ އެއްޗެހި ކަމުދާނީ ކާކަށްތަ؟"

"ކާދިން.....ސައިކޮލޮޖިސްޓް ނަމާދުކޮށްލައިގެން އިންތިޒާރުކުރާނަމޭ.........." ރިޒޯޓް މެނޭޖަރ އުމަރު ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އޭނައަށް އެ ޖުމްލައިން އިތުރު އިހުސާސްތަކެއް ނުއުފުދެނެވެ. އެމީހަކާއި ބައްދަލުވުމުގެ ޝައުގެއްވެސް ނެތެވެ.

"އަހަރެމްވެސް މިއަންނަނީ....ތެންކިއު..."

އޭނަގެ ފިޔަވަޅުގެ އަޑު ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑާއި އެކުވަމުން ދިޔައެވެ. ހުދުކުލައިގެ ގަމީހަކާއެކު ފަޓުލޫނުގެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު ލޯ ފޮރުވާފައިވަނީ އަވި އައިނަކުންނެވެ.

މިއީ އޭނައަށް ދުނިޔެއިން ދެވަނައަށް އެންމެ ކަމުދާ މަންޒިލެވެ. އޭނަ މިތަން ބިނާކުރުވީ އެހާ އަވަސް އަރުވާލައިގެން ނޫނެވެ. ފަރުމާކުރެވުނީ އޭނައަށް ކަމުދާގޮތަށެވެ. ކުލަ ހޮވީ އޭނަގެ މަންމައެވެ. ސިކުނޑިއަށް އެންމެ އަރާމުވާނީ ހުދާއި ރަންކުލަ ކަމަށް އޭނަގެ މަންމަ މެހެރްއޮތީ ނިންމާފައެވެ. ދޮންވެއްޔާއި އިރާއިވެސް ގުޅެނީ އެކުލަ ނޫންހެއްޔެވެ؟

އޭނަވެސް ވުޟޫކޮށްލައިގެން އަވަސްވެގަތީ ނަމާދުކޮށްލުމަށެވެ.

***

ކަންޒާ ސައިކޮލޮޖީއިން މާސްޓާސް ހާސިލުކުރުމަށްފަހު އެނބުރިއައުމާއެކު ވަޒީފާ ހޯދުމުގެ މަސައްކަތްފެށިއެވެ. އިސްލާމިކް ރިޒޯޓެއްކަމަށްވާ "ސުކައިނާ ޕާލް ރިޒޯޓް"އިން ވަޒީފާގެ ފުރުސަތެއް ފެނުމާއެކު ޝައުގުވެރިކަން ހިތުގައި އުފެދުނެވެ. އޭނަ އެ ރިޒޯޓްގެ ވެރިމީހާއާއި ބެހޭގޮތުން މައުލޫމާތު ހޯދައިލިއެވެ. ރިޒޯޓްތަކެއްގެ ވެރިއެކެވެ. އިންވެސްޓާއެކެވެ. އަދި މީހަކާއި ކައިވެނިކުރިކަމެއް ނޭގެއެވެ. ފަސާދަފަދަ އެއްވެސް ނުބައި އަޑެއް އަރާފައެއްނެތެވެ. ފިލާންތްރޮޕިސްޓެއްކަމަށް ޝައްކުކުރެވެއެވެ. އެއީ އޭނަގެ ހިތުގައި އެމީހަކަށްޓަކާ މަގާމެއް އުފެދުނުކަމެކެވެ. އެހެން މީހުންނާއިމެދު ވިސްނާ ކުރިމަގު ބިނާކުރަން އެހީތެރިވެދީ ރަގަޅު ކަންތައްތަކަށް ބޮޑު އަދަދަކުން ފަންޑްކުރުމަކީ ކިހާ މާތްކަމެއްހެއްޔެވެ؟އިސްލާމިކް ރިޒޯޓް ހުޅުވާނީވެސް އީމާންތެރިކަން ވަރުގަދަ މީހެއްކަމަށް އޭނަ ގަބޫލުކުރެއެވެ. އެނގޭ ކަމަކީ ކޮންމެ އުމުރެއްގެ މީހެއް ނަމަވެސް އެމީހަކު ނުފެނި ހިތް ކިޔައިފިއެވެ. އޭނަ އެވަޒީފާއަށް އެޕްލައިކުރީ އެހެން ނިޔަތެއްގައެވެ. މުސްކުޅިޔަކަށް އެންމެ ރަގަޅެވެ. އޭނަ ބޭނުމީ ކާދިންފަދަ މީހެއްގެ އަންބަކަށްވުމެވެ. ކޮއްކޮމެންނަށްޓަކައެވެ. އެކުދިންގެ ހުވަފެންތައް ފުރިހަމަ ކޮށްދިނުމަށެވެ. އާރާ ބޭނުމީ ޔޫކޭއިން މެޑިސިން ހެދުމެވެ. އައިރް ބޭނުމީ ޕައިލެޓްކަން ކިޔެވުމެވެ. ބޮޑު ލޯނެއް ނެގުމަށްވުރެ އޭނަ މީހަކާއި ކައިވެނިކޮށްގެން ކޮއްކޮމެނަށް ޚަރަދުކުރެވޭނެ ނޫންހެއްޔެވެ؟

މިއީ ކުށަކަށް ނުވާނެއެވެ. ހަމަ ރަގަޅު ނިންމުމެކެވެ.

ﷲ ތައާލާ ޔަގީނުންވެސް ދެރަގޮތެއް މެދުވެރިއެއްނުކުރައްވާނެއެވެ.ސަބަބަކީ ހަޔާތަށް އައި އުދަގޫކަމައެކު ފަސޭހަކަމަށް އިންތިޒާރުކުރެވޭތީއެވެ. އަދިވެސް ޒިންމާތައް އެހާ ބޮޑެވެ. މުއްސަންޖަކާއި ކައިވެނި ކުރުމުން ބޮލުގައިވާ ހުރިހާ ބުރައެއް ފިލައިގެން ހިނގައިދާނެއެވެ. ކޮއްކޮމެންނަށް އުފާވެރި ދިރިއުޅުމެއް ހޯދިދާނެއެވެ.

ފަހަރެއްގައި މި ކާދިން އަކީ އެހެން ހުރިހާ ގޮތަކުން ފުރިހަމަ މީހަކަށްވިޔަސް ނަފްސާނީ ގޮތުން ބޮޑު މައްސަލައެއް ހުރި މީހަކަށްވެދާނެއެވެ. އޭނައަށް އެޕޮއިންޓްމެންޓެއް ހަދާނީ އެހެންވީމަ ނޫންހެއްޔެވެ؟ އަދި އޭނައަށް ޚާއްސަކުރެވިފައިވާ ކޮޓަރިއާއި އޮފީސްބައި މިހިރީވެސް ވެރިމީހާ އުޅޭ ތަނާއި ކައިރީގައެވެ. އަވަށްޓެރިންނެވެ.

އޮފީސްތެރެއަށް އިރުގެ އަލިކަން ވަންނަމުން ދިޔައީ ވައިރޯޅިއާއެކު ލޮނާއި މާމެލާމެލީގެ މީރުވަސް ހިފައިގެންނެވެ. އޭނަ ދޮރު ލައްޕާލާފައި ފަރުދާތައް ދަމައިލުމަށްފަހު ލެވެންޑާ އުއްބައްތިއެއް ދިއްލައިލީ ސިކުނޑީގައިވާ އުދާސްތައް ނައްތައިލުމަށެވެ. އޭނަ ނަފްސާނީ މާހިރަކަށްވިޔަސް އެހެންމީހުންނަށް އެހީތެރިވެދިނަސް އަމިއްލަ ނަފުސްއާއިމެދު އިހުމާލްވެފައިވަނީ ވަރަށް ބޮޑަށެވެ. އޭނައަށްވެސް އެހެން މީހެއްގެ އެހީތެރިކަން ބޭނުމެވެ.

އޭނަ ގަޔަށް ދޫކޮށް އޮތް ކްރީމްކުލައިގެ ހެދުމަކާއެކު ބުރުގާއެއް އަޅައިގެންހުރިއިރު މޫނު ވިދައެވެ. ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު އޭނަގެ މޭގަނޑަށް ފިނިވާގޮތްވިއެވެ. އޭނަގެ މުސްތަގުބަލުގެ ފިރިމީހާގެ ފުރަތަމަ ފެނިލުމެވެ. ހިތާއި ރޫހަށް ކުރި އަސަރުން އޭނަގެ ނިންމުމަކީ ތެދެއްކަން ބުނެދިނެވެ.

ދޮރު ހުޅުވުމާއެކު މަޑުމަޑުން ތެދުވުނެވެ. އެއާއެކު އޭނަގެ އަނގަ ހުޅުވުނެވެ. ކާދިންގެ ޒުވާންކަމާއި ޝަޚުސިއްޔަތު ފެނުމާއެކު އޭނަގެ ކައިވެނީގެ ހުވަފެންތައް ބިއްލޫރު ގަނޑުވަރެއްފަދައިން ކުދިކުދިވެ ފައިބައިގަތެވެ. އޭނަ ހީކުރީ ކާދިންވާނީ އަންހެންކުދިން ގަޔާނުވާ އާދައިގެ މީހެއްކަމަށެވެ. ނޫނީ މުސްކުޅިއެއްކަމަށެވެ. ނާކާމިޔާބު ވާލެއްނެތް މީހެއްކަމަށެވެ. ނަމަވެސް ކުރިމަތިން ފެނުނީ ތަފާތު މަންޒަރެކެވެ. ހަމައެކަނި ސިފައެއްނޫނެވެ. ހެދުން އަޅައިގެން ހުރިގޮތާއި އޭނައަށް ބަލައިލިގޮތްވެސް މެއެވެ. އެނަޒަރުގައި ބޮޑާކަމެއްނެތެވެ. ނަމަވެސް ނުރައްކާތެރިވަރަކަށް ހިމޭނެވެ.

އޭނަ ވަގުތުން ރަސްމީގޮތަކަށް ހިނިތުންވެލިއެވެ."މިސްޓަރ ކާދިން..އިށީންނަވާ...ތެންކްސް ދުރުވީކަމަށްޓަކާ.."

އޭނަ ގޮނޑިއަކަށް އިޝާރާތްކޮށްލިއެވެ.

"ޕްލީޒް ސަރ....."

ކަންޒާއަށް ދެވަނަފަހަރަށް އެމޫނަށް ބަލައިލުން ފަސޭހައެއްނުވިއެވެ. ކޮންމެ ގޮތެއްވިޔަސް އަދިވެސް ހިތް ބުނަނީ ކާމިޔާބުކުރެވިދާނެ ކަމުގައެވެ. އެހާ ފަސޭހައިން ބަލި ގަބޫލުކުރަން އޭނަގެ ހިތް ދެކޮޅުހެދިއެވެ. ކާދިންގެ މޫނުމަތިން ދަންނަ ފާޑެއްވެސް އެބަޖަހައެވެ. ކޮންމެވެސް ދަންނަ މީހަކާއި ވައްތަރެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު