"އަހަރެމެންގެ ބާރު ނުފޯރާ ކަންތައްތަކާއި ވިސްނާ ފިކުރުކުރުމުގެ ބަދަލުގައި ހިތް ހަމަޖައްސާލައިގެން ރަގަޅު ކަންތައްތަކުން ސިކުނޑި ފުރައިލަންވާނެއެވެ. ދުޢާއަކީ އެންމެ ވަރުގަދަ ހަތިޔާރެވެ. ދުޢާއާއި އަޅުކަމުގައި މަޝްޣޫލުވުމުން ހިތާމަތަކާއި ބޭކާރު ވިސްނުންތަކުން ސިކުނޑި ހުސްވާނެއެވެ."

***

އަޔާޝް ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލައިގެން ނުކުތުމާއެކު އަނެއްކާ މޭ ތެޅެންފެށިއެވެ. މިހެންވަނީ ވެކްސިންގެ ސަބަބުންހެއްޔެވެ؟ ނޫނީ ހަޔާ ފެނުނީމަ ވާކަމެއް ހެއްޔެވެ؟ ނޭގުނެވެ. ބަނޑުހައިކަމުގެ އުދަގޫ އިހުސާސްކުރެވެންފެށުމުން ތިރިއަށް ދާން ޚިޔާލުކޮށްފައިވެސް ގުޅީ ޔަލްވީއަށެވެ.

އިރުކޮޅަކުން ޔަލްވީ ކޮޓަރިއަށް ވަންއިރު ހުރީ އެހެން ދުވަހަށްވުރެ ގަދަޔަށް މޭކަޕްކޮށްލާފައެވެ. ފުރަތަމަ ވަކިކުރާކަށްވެސް ނޭގުނެވެ. އިސްތަށިގަނޑު އޮތީ އެއްކޮށް ރަންކުލަ ޖައްސާލާފައެވެ.

"މިއުޅެނީ ފަހު ދިހައަށް ބުރުގާ އަޅަން..."ޔަލްވީ ބުނެލިއެވެ.

"ކޮޓަރީގައި ކާނީ...."އަޔާޝް ދެއްކީ އެހެން ވާހަކައެކެވެ.

"ހަޔާ އާއިއެކު ކާން ނުދިޔައީ ކީއްވެތަ؟ މަންމަ ދެމީހުން ތަތްކުރަން ވަރުފަށެއް އެބަހުއްޓެއްނު.....ހަޔާ ދެކެއެއްނު ލޯބިވަނީ..އެހެންވެ އަހަރެން ސްޓްރޭންޖާއަކަށް މިވަނީ....މީހުންނަށް ދައްކަން ކައިވެނިކޮށްގެންހުރެ އެހެން މީހަކާއި ހިތާވެގެން އުޅެނީ... ހަމަ ތިމާގެ ގަދަރަށް އުނިކަން އަތުވެދާނެތީ ސިއްރުވެރި ލޯބިވެރިޔާ ފޮރުވައިގެން އެބަހުރެއެއްނު...ވަރުގަދަކަމެއް ހުވާ........"ހިތާހިތުން އެތިވަރު ގޮވާފައިވެސް ހިތުގައިވާ ލޯތްބާއި އަޔާޝްއާއި ދިމާލަށް އެކަހަލަ އެއްޗެއް ބުނެގެން އިތުރަށް ފޫހިވެދާނެތީ ނިކަން ރީތިކޮށް ހިނިތުންވެލިއެވެ.

"އެންމެ ރަގަޅު..އެބަ ގެންނަން.."

"އަދި އެނގޭތަ؟ ތަގުވާ މިރޭ ތަރާވީސް ދަމަށް މާ ގަދަޔަށް ކައްކާފައި އެންމެނަށް ސަޕްރައިޒެއްދިނީ.....ކާން ދިޔަނަމަ އެމަންޒަރު ފެންނާނެ. މިނާހްއާއި އާސީވެސް ޝޮކެއްގައި ތިބީ..ހަޔާއަކީ ތަގުވާގެ ދަރިއެއްކަމަށް ބުނީމަ ހަމަ ދެމީހުންގެ ލޮލުގެ ކުލައިންވެސް ގަބޫލުކުރެވޭނެތާ....އެކަމަކު.......ތަގުވާ ހާދަ ސިއްރުވެރިއޭ...."

ޔަލްވީގެ ހިތުގައި ސުވާލެއް އުފެދުނެވެ. ހަޔާދެކެ ލޯބިވަންޏާ އެކީގައި ކާން ނުދިޔައީ ކީއްވެހެއްޔެވެ؟

ޔަލްވީ ތިރިއަށް ދިޔައިރު ތަށިތައް ނަގާ ސާފުކުރަން ހަޔާ ހުރިތަން ފެނި ހައިރާންވިއެވެ. ދޮންމަންމައަށް އެހީތެރިވާނެ އަތެއް ލިބުނީތާއެވެ. އަޔާޝްއަށް މި މަންޒަރު ފެނިއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ގެވެހިވުމުން އިތުރަށް ލޯބިވާނީކަން ނޭގެއެވެ.

"ހެލޯ ހަޔާ...މަންމައަށް ހެލްޕްވާނެ ކުއްޖެއް ވީ ދޯ.....މިއައީ އަޔާޝްއަށް ކާ އެއްޗެއް ގެންދަންވެގެން....ތިރިއަށް ކާން އަންނަނަމަ ކިހާ ފަސޭހަވާނެ..ކޮޓަރީގައި ކޮފީ އެންމެ ރަގަޅު..އެކަމަކު ދެން މިކަހަލަ ސްޕައިސީ އެއްޗެހި ގެންދިޔައީމަ ރޫމްގައި ނުބައި ވަސް ހިފާނީ..އެކަމަކު ބޯއިސްއިން.......ބުނާ އެއްޗެއް ގަބޫލުނުކުރާނެ...."އޭނަ ތަބަކެއްގައި ނަގާ ތަށިތައް އަތުރަންފެށިއެވެ.

"ދެރަ..."ހަޔާ ބުނެލިއެވެ."ޔަލްއަށް އެނގޭތަ؟ މިއުޅެނީ މިގެއިން ރޫމަކަށް ބަދަލުވާން..."

"އޯ...." ޔަލްވީގެ އަނގަޔަށް ހެދިގޮތުން ހިތި އެއްޗެއް ބޮވުނުފަދައެވެ.

ހަޔާއަށް އެކަން ފާހަގަކުރެވުނެވެ.

"ހޭއި...ހަޔާ...ތިތާގައި ލީވަން ކިޔާ ޑޮކްޓަރެއް އުޅޭތަ؟"

"އާނ.ޑޮކްޓަރ މިނާހްގެވެސް ފްރެންޑެއް......."ހަޔާ ޓިޝޫއަކުން އަތް ފޮހެލިއެވެ.

"ހުރިހާތަނެއްގައި މީނަގެ ވާހަކަ. ޑޮކްޓަރަކު ވޭޕް ހިފައިގެން މާ ކޫލްކަމެއްހެން އިޝްތިހާރުކުރުން އެކަންޏެއްނޫން. ފެމިލީއިން ބުނަނީ ވޭޕަށް އަޅައިގެން ޑްރަގް ނެގީޔޯ..އެހެންވެގެންނޯ ޑޮކްޓަރ އިބްރާހިމް....."އާސީން ހިންދިރުވައިލިއެވެ. "މަރު "އެލަފުޒުދެކެވެސް އޭނަ ބިރުގަނެއެވެ. އެއާއެކު އެވާހަކަ ދައްކާއިރަށް ފެންކަޅިވާގޮތްވެއެވެ. ވަކިވުމަކީ ހާދަ ހިތަށް އުދަގޫކުރާ ކަމެކެވެ.

"ނޫން...މިނާހް މަގޭ ގާތު ހަމަ ޔަގީންކަމާއެކު ބުނި އެކަހަލަ ކަމެއްނޫނޭ. ޑޮކްޓަރ އިބްރާހިމް ވޭޕްގައި އަަތްނުލާކަމަށް. ވިޓްނެސްއިން އެތިބީނު...ލީވަން ވޭޕްކުރިޔަސް ހީ ޑަޒްންޓް ޑޫ ޑްރަގްސްއޭ މާނު ބުނީ.......ލީވަން ކެރިއާ ހަލާކުކޮށެއްނުލާނެ ދޯ..ސޯޝަލްމީޑިއާގައި ވަރަށް ދޮގު ގިނަ...ފިތުނަވެރި ޒަމާނެއްނު....ހެއްކާއި ނުލާ ގަބޫލުކުރާކަށް ނުވާނެ..."

އާސީން ފޯނުގައި ހުރި ފޮޓޯ ޔަލްވީއަށްވެސް ދެއްކިއެވެ.

"ހީޒް ހޮޓް..ސިންގަލް ކަމަށްވާނީ.....އެހާ ކޫލް...."އާސީންގެ ކަންފަތް ކައިރީގައި ޝައިތާނާ ވަސްވާސްލައިދިނެވެ."އިބްރާހިމްއައި ގުޅެނީ ހަޔާ ކަހަލަ ކުއްޖަކާއި..އާސީން ބުރުގާވެސް ނާޅައެއްނު...ލީވަންއާއި މާ ގުޅޭނެ..."

"ވަރަށް ހެންޑްސަމް.....މިސްޓީރިއަސް.."

"މިނާހްއާއިވެސް ހަޔާ އެހާ ފްރެންޑްތަ؟" ޔަލްވީ އަހައިލިއެވެ.

"އެހާ އެއްނޫން. އެކީގައި ވޯކްކުރާތީ ވާހަކަދައްކަން....."

"އައިސީ..."ޔަލްވީގެ ހިތުގައިވި ހަސަދައިގެ ހުޅުކޮޅު އިތުރުވިއެވެ. ވީއިރު މިއާއިލާގެ އެންމެންވެސް ހަޔާއާއި ގުޅުން އޮތީއެވެ. އޭނަ ހަޔާއާއި ވާދަކުރާނީ ކިހިނެއްހެއްޔެވެ؟

"ފަހު ދިހައެއްގައި ތަރާވީހަށް މިސްކިތަށް ދާނީ ދޯ..."ހަޔާ ގޮނޑިއެއްގައި އިށީނެވެ.

"ހަޔާ ވަރަށް އަޅުވެރި ދޯ...މަގޭ ސުވާލަކީ އެހާ އަޅުވެރިއިރު ބޯއިސްއިންނާއި އެހާ ގުޅުން ބާއްވަނީ ކީއްވެހޭ؟ އެއީ ހުއްދަކަމެއްތަ؟ "ޔަލްވީގެ ސުވާލުން ހަޔާގެ މޫނުގެ ކުލަ ބަދަލުވިއެވެ. އާސީންވެސް ލަދުގަތެވެ.

"ޔަލް....."

"އެހާވަރުގެ އެއްޗެއްތަ މި ބުނެވުނީ؟ އެހާ ތަގުވާވެރިކުދިން މަހުރަމުންނާއި ނޫނީ އެހާ ކްލޯޒްކޮށް ވާހަކަނުދައްކާނެއްނު.ހަޔާ އަމިއްލައަށް އަބަދު ލެކްޗަރުދޭން ބޯއިފްރެންޑުން ހުއްދަ ނޫނޭ ކިޔާފައި....ހަޔާއަށް ވީމަ ހުއްދަކަމެއްތަ؟ ބޯއިފްރެންޑެއް ހުރޭ ދޯ......"

"ނޫން ނުހުރޭ..."ހަޔާއަށް އަވަސްއަވަހަށް ބުނެވުނެވެ.

"މީހެއްގެ ފިރިއަކާއި އެކު ގުޅުން ބާއްވަން ކެރޭނެ؟"ޔަލްވީގެ ވާހަކަތައް އިވުނީ އެހިސާބާއި އަރާ ހަމަވީ މިނާހްއަށެވެ.

ހަޔާއަށް ލިބުނު ސިހުމާއެކު ކޮޅަށް ތެދުވުނެވެ.

"އަހަންނަށް ހަޔާއާއި ބެހޭގޮތުން އަޑެއް އިވުނީ....ހަގީގަތް އެނގުނީ....ހަޔާ ރައްޓެހިވެގެން އުޅެނީ މީހެއްގެ ފިރިއަކާއި..ދެމަފިރިއެއްގެ ދެމެދަށް ވަނުމަކީ ކޮންކަހަލަ ކަމެއްތަ؟ އަހަރެން ހީނުކުރަން ހަޔާ ތިކަހަލަ ވިޔާނުދާކަމެއް ކޮށްފާނެއޭ.އެކަމަކު ލޮލުން މަންޒަރު ފެނުނީ...އަޑުއިވުނީމަވެސް އެކަމާއި ހިތް ދެކޮޅުހެދީ....އަޅުވެރި މީހަކަށް ހެދިގެން ބުރުގާ އަޅާފައި ހުއްޓަސް ހިތުގެ ކަޅުކަމާއިމެދު ހައިރާންވެއްޖެ...އަޔާއޭ ކިިޔައިގެން ވާހަކަ ދެއްކީމަވެސް ނުދެނެހުރިކަމަށް ހަދައިލީ.......ނުވީތާކަށް މަޑުމަޑުންގޮސް މިގެއަށް ވަދެގަތީ...ޔޫ އާ ސޯ އީވިލް ހަޔާ...ހަމަ ތަގުވާހެން....."

ޔަލްވީ އެހާ ގަދަކޮށްލާފައި ކުރިމަތިލާނެކަމަށް އޭނަވެސް ހިޔެއްނުކުރެއެވެ.

"ޔަލްވީ...ހުއްޓާލާ..އަހަރެންނޭ ކިޔައިގެން ބޭނުން އެއްޗެއް ކިޔާ...އެކަމަކު މަންމަގެ ވާހަކަ ނުދައްކާ...މަންމަގެ އެއްވެސް ކުށެއްނެތް.."

"ތިބުނާ މަންމަ އަޔާގެ މަންމަގެ މަގާމު ފޭރިގަތީ؟.ދެމައިންގެ ކޮން ތަފާތެއްހުރީ؟އަޔާޝް ގައިގާ ޖެހިގަތްތަން ދެކުނީމޭ....."

"ހުއްޓާލާ...."ހަޔާއަށް ކަންފަތުގައި އަތް އެޅުނެވެ. ސިކުންތުކޮޅެއްފަހުން ހަމަޖެހިލަމުން ހުއްޓުނީ ޔަލްވީގެ ކުރިމަތީގައެވެ.

އާސީންވެސް ލޯ ބޮޑުކޮށްލަމުން ގޮނޑީގައި އިށީނެވެ.

"ފައިން..ކޮންމެވެސް ވަރަކަށް އަޔާޝްއާއި އަހަންނާއި ގުޅުމެއް އޮތްކަން އެނގިއްޖެ...އެކަމަކު ތި ކުރަނީ ކުށް ހީއެއް........."

ޔަލްވީ މަލާމާތުގެ ގޮތަކަށް ހީލިއެވެ.

"ޔަލްވީ އާއި އަޔާޝްގެ އޮތް މައްސަލައެއް ނޭގޭ..ތިހާ އިންސިކިއޯވާން ޖެހޭ ސަބަބެއް އޮވެގެންނުވާނެ...އަޔާޝް ކައިރިން އަހާބަލަ..އަހަންނާއި ކައިވެނިކުރަން ހުރިހާކަމެއް ހަމަޖައްސާފައި ކައިވެނީގެ ރަސްމިއްޔާތަށް ހާޟިރުނުވެ އަހަންނަށް ބޭފަވާތެރިވީ ކީއްވެގެން ހެއްޔޭ..އަޔާޝް އަހަންނަށް ބޭވަފާތެރިވެ ކެހިދިން ސަބަބަކަށްވީ އަހަންނަކީ މަންމަގެ ދަރިއެއްކަން އެނގުނީމަ...މަންމަ ދެކެ އައި ރުޅި އަހަންނަށް ބޭލީ. އަޔާޝްއަކީވެސް ތި ތުހުމަތުކުރާފަދަ ނުބައިމީހެއްނޫން. އޭނައާއި އަހަންނާއި އެއްވެސް ކަހަލަ ގުޅުމެއްނެތް. މިއަދު ކޮރިޑޯއިން އަންނަނިކޮށް މުޑިއެރި..އޭނަ މަށާއި ދިމާލަށް ބުނީ ކީއްވެހެއްޔޯ އޭނަ ހުރިތަނަކަށް އައީ؟ އެކަމާއި މަށާއި ދިމާލަށް ބުނި އެއްޗެއް ބުނީ...އެކަމަކު ދެން މަންމަ ހުރިތަނެއްގައި ހުންނަން ބޭނުމީ..މަންމަވެސް އަހަރެން ހީކުރިހެން އުފަލުގައެއް ނޫންތާ މިގޭގައި އެހެރީ..އެންމެންގެ ނަފްރަތުގެ އަމާޒަކަށްވެފައި މަންމަ....މަންމަގެ ބަސްމަދުކަމާއި އޯގާތެރިކަމުން ޝަކުވާއެއްނެތި ހުއްޓަސް އެންމެން ތި އަންނަ ރުޅިއާއި މަންމަ މިގޭ ނޯކަރެއްގެ ގޮތުގައި މިހުރިހާ ދުވަހު މަސައްކަތްކުރިކަން އެނގިއްޖެ....ދުވަސްކޮޅެއްގެ ތެރޭ ކިތަންމެ ކަމެއް އެނގިއްޖެ.."

އާސީން ލަދުގަނެ ދެރަވެސް ވިއެވެ.

ހަގީގަތުގައި ހަޔާއަކީ ކާކުކަން ނޭގި އާއިލާ އެންމެން ތަގުވާއަށް ބޭއިންސާފުން ބާލާ ރުޅިގަނޑު ހަޔާއާއި ހިއްސާކުރެވުނީއެވެ. ޚާއްސަކޮށް ޔަލްވީ ކުރާ ޖެއްސުންތަކާއި މަސައްކަތްކުރުވާލެއް ބުރަކަމާއެކުވެސް ތަގުވާ ޝަކުވާއެއްނެތި ޚާދިމާއެއްފަދައިން އެގޭގައި އުޅޭކަމަށް ބުނެވުނީއެވެ. ހަޔާއަކީ ތަގުވާގެ ދަރިއަކަށް ވެދާނެކަމަށް އޭނަވެސް ހިޔެއްނުކުރެއެވެ.

"ހަޔާ...އައިމް ސޮރީ....ކުރިން ނުދެނެހުރިން ތަގުވާއަކީ ހަޔާ މަންމަ ކަމެއް..." އާސީން މާފަށް އެދުނެވެ.

"މިގެއިން އަހަރެން ދިޔައްޔާ ދާނީ މަންމަވެސް ގޮވައިގެން އިންޝާﷲ...މަންމަގާތު ދެން ހުންނާނީ......."ހަޔާ ގަދަކޮށްލިއެވެ.

ޔަލްވީ ހުރީ އަނގަ ހުޅުވިފައެވެ.

***

މިނާހް އެމީހުންނަށް ނުފެނި ކޮޓަރިއަށް ދިޔަގޮތަށް އެނދުމައްޗަށް ވެއްޓިގަނެވުނީއެވެ.

"އޯލް ޕްރެއިޒް ބީ ޓު ﷲ...ކިރިޔާނު މިސްޓޭކެއް ނެހެދުނީ...ހަޔާގެ ކުށެއްނެތް..އެކަމަކު ދޮންބެ ހަޔާއާއި ކައިވެނިކުރަން އުޅުނު..ދޮންބެ ލޯބިވަނީ ހަޔާދެކެ..އެއީ އަހަންނާއި ހަޔާއާއި ދޭތެރޭ އެއްވެސް ގުޅުމެއް އޮންނަން އޮތް ހަމައެކަނި ހުރަސް..ދޮންބެ ހަޔާއަށް ލަނޑުދިނީ މަމްގެ ދަރިކަން އެނގުނީމަ..މިއީ ކޮންފަދަ ކަމެއް؟ ކޮންފަދަ ނަފްރަތެއް؟ މަމް އަހަންނަށް ވަރަށް ހެޔޮ..އަމިއްލަ ދަރިއަކާއިމެދު ވެސް އޯގާތެރިވާނީ އެވަރަށް ހެން ހީވަނީ..ދޮންބެ އެހާ ރުޅި އަންނަނީ ކީއްވެ؟ އަހަންނާއި އާސީވެސް މަމްއާއި ދުރުކުރަން އެވަރަށް މަސައްކަތްކުރޭ...ބަޓް...އައި ލަވް ހާ އެލޮޓް....މަންމަ ނެތްދުވަހު މަންމަގެ މަގާމުގައި ހުރީ މަމް...."

މިނާހްގެ ހިތުގައިވާ ބުރައެއް ލުއިވެލިއެވެ.

އުއްމީދުގެ ހުޅުކޮޅު ނިވެން އުޅެފައި ކަނި ޖަހައިލިއެވެ. އެންމެ ކުޑަވެގެން ދޮންމަންމަގެ ދަރިފުޅުގޮތުގައި ހަޔާއާއި އެކުވެރިވުމަކީވެސް އުފަލެކެވެ.

***

ޔަލްވީއަށް އޮތީ ނުނިދިފައެވެ. ހަޔާގެ ވާހަކަތައް ގަބޫލުކުރަން ސިކުނޑި ދެކޮޅުހެދިޔަސް ހިތް އެކަމާއި އެއްބަސްވިއެވެ. ހަޔާގެ ވާހަކަތަކުގައި ހުރީ ތެދުވެރިކަމެވެ. އެހާ އަޅުވެރިކުއްޖަކު އެހާ ބޮޑު ދޮގެއްހަދަން ޖެހޭ ސަބަބެއްނެތެވެ. އަޔާޝްއާއި ގުޅުން އޮތްނަމަ އަވަހަށް އެއްބަސްވެ އޭނަ އެމީހުންގެ ހަޔާތުން ނެރެން ހުރިހާ މަގެއް އޮތީ ހުޅިވިފައި ނޫންހެއްޔެވެ؟ އެދެމީހުން އެކަމަށް އެއްބަސްވެ އޭނަ އެގެއިން ނެރެލުމަށް އެއްވެސް ހުރަހެއްނެތެވެ. އޭނަވެސް އެހާ ގަމާރެއްނޫނެވެ. ފަހަރެއްގައި އަޔާޝް ހަޔާދެކެ ލޯބިވަނީއެވެ. ލޯބިވިޔަސް ތަގުވާދެކެ ކުރާ ނަފްރަތެއްގެ ބޮޑުކަމުން ހަޔާ ދިރިއުޅުމުން ނެރެއެއްލައިލީއެވެ.ތަގުވާއާއި އެއްވަރަށް ހަޔާދެކެވެސް އެހިތުގައި ނަފްރަތު އުފެދިދާނެއެވެ. އޭނަ އަޔާޝްގެ ލޯބި ހޯދަން އިތުރު ހިތްވަރުކުރަންވީއެވެ. އޭނަވެސް ޖެހެނީ ހަޔާފަދަ މާތްކުއްޖަކަށް ވުމަށެވެ. ހަޔާފަދައިން އޭނައަކީވެސް ރީތި އަންހެންކުއްޖެކެވެ. މަދުވަނީ "އަޚުލާގު"ހެއްޔެވެ؟ އޭނަ ފޯނު ހުޅުވައިގެން ބަލަންފެށީ ފިރިހެނެއްގެ ހިތް އަތުލައިގަންނާނެ އުކުޅުތަކެވެ.

އޭނަގެ ހިތް ހަޔާއަށް ސާފެއް ނޫނެވެ. ހަޔާ ހުސްހަށިބަޔަށް ހުރުމަކީ ނުރައްކަލުގެ ރަގަބީލެކެވެ. ހިތުގައި އުފެދިގަތް ހަސަދައިގެ ހުޅުކޮޅު ނިވައިލާން އުޅުނުވަރަކަށް ބޮޑުވަނީއެވެ.

***

އުޑު ފަޅާލާފައި ވިދުވަރުގެ ތޫނު ހުދު އަލިތައް އެކި ދިމާލަށް ރޮގު ދަމައިލުމާއެކު ގުގުރީގެ ބާރު އަޑުން ސިއްސުވައިލައެވެ. މިނާހް ފެންޑާގައި ހުރި ހައިވަކަރު ގޮނޑިއެއްގައި އިށީނީ ކޮފީއެއް ހިފައިގެންނެވެ. ހިޔާދޭ ފެންޑާގައި އެވަގުތު ދިއްލާފައިވަނީ ރީދޫ ބައްތިއެކެވެ. ވަށިތަކުގައި ޖަހާފައިވާ މާމެލާމެލީގެ މީރުވަސް މިނާހް ޖަހާފައި ހުރި ސެންޓާއި މައްލަވަކޮށް ނާދިރު މީރުވަހެއް ސަރަހައްދުގައި ހިފާފައިވިއެވެ. ހަޔާއަށް ނުކުމެވުމާއެކު ދެމީހުން ހިނިތުންވުމެއް ބަދަލުކުރިއެވެ.

ހަޔާ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.

"މެސެޖް ކުރީމެއްނު..." ހަޔާގެ އަޑުގައި ނުރުހުމެއް ޝަކުވާއެއްނެތެވެ.

"އޯ......އަހަންނަށް ޖަވާބެއް ނުދެވުނު ދޯ..އެކަމަކު އެ ކޭސްއަށް އެޓެންޑް ކުރިން..."އޭނަ ޖަވާބުނުދިން ސަބަބު ހާމަނުކުރަނީސް އެ މައްސަލަ ހައްލުވެއްޖެއެވެ. އެވާހަަކަ އަލުން ދެއްކުމުގެ މާނައެއްނެތެވެ. އަދިވެސް ރާސްތާ އެއްކޮށް ސާފެއްނޫނެވެ. އަޔާޝް އޮތީ ހަޔާއާއި ދުރުން އުޅެން އިންޒާރުދީފައެވެ.

"އިޓްސް އޯކޭ..."ހަޔާ ހިނިތުންވެލިއެވެ. "އަހަރެން ސުވާލެއްކޮށްލަންތަ؟"

އަޔާޝް ލިވިން ރޫމަށް ނުކުތްއިރު ބިއްލޫރިދޮރުތަކުން ތޫފާންގެ މަންޒަރު ސާފުކޮށް ފެނުނެވެ. އެއާއެކު ފެންޑާގައި ތިބި ދެމީހުން ފެނުމުން ހިތުގައި ވަކި އަޅުވައިލިހެން ހީވިއެވެ. މިނާހް އެނބުރިލާފައި ހަޔާއަށް ބަލަހައްޓައިގެން އިނދެ ހިނިތުންވަމުން އެއްޗެއް ބުނެލިއެވެ.

ހަޔާ ބާރުބަރަށް ހީގަތެވެ. އުފާވެރިކަމުގެ މިސާލެކެވެ.

"ޓޫ ކްލޯސް.. ހަޔާއަކީ މަގޭ ކޮއްކޮއެއްގެ މީހަކަށްވެގެންނުވާނެ..."އަޔާޝްއަށް ބުމަ ގާތްކޮށްލެވިއްޖެއެވެ. ހަޔާ ގަސްތުގައި ބަދަލު ހިފަން ޖެއްސުމަކަށް މިގެއަށް ވަދެ އޭނަގެ ކޮއްކޮއާއި ރައްޓެހިވާން އުޅެނީހެއްޔެވެ؟ ގަސްތުގައި އޭނަގެ ހިތަށް އަނިޔާދޭނެ ގޮތެއް ނުފެނިފައި ހުއްޓާ ވަސީލަތެއް ފެނުނީހެއްޔެވެ؟ އަޔާޝްގެ ރުޅިގަނޑުގަދަވީވަރުން މޭގައި ރިއްސަންފެށިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު