މީހުން ބިނާކުރުމަށް އިންޑިއާ އިން ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ދޭ: އިންޑިއާ ހައިކޮމިޝަން

ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީ ކުުރުމަށް އެހީތެރިވުމަށާއި ސިއްހީ ދާއިރާގައި އެއްބާރުލުން ދިނުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު އާއްމުކުރި ނޫސްބަޔާނެއްގައި ބުނަނީ އިންސާނީ ވަސީލަތްތަކުގެ ތަރައްޤީ އާއި ސިއްޙީ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމައް އިންޑިއާ އިން އޮތީ ތައްޔާރަށް ކަމަށެވެ.

އިންޑިއާ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި އިންސާނީ ވަސީލަތްތައް ތަރައްގީކުުރުމުގެ ގޮތުން އިންޑިއާ އިން ކޮށްދީފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށް، ތަފާސް ހިސާބުތައް ހިމަނާފައިވެ އެވެ.

އިންޑިއާގައި ކިޔެވުމަށް ޝައުޤުވެރިވާ ދިވެހި ރައްޔިތުންނަށް އިންޑިއާ ސަރުކާރުގެ ފަރާތުން ކޮންމެ އަހަރަކު 193 ސްކޮލާޝިޕާއި ތަމްރީން ކޯސްތައް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އައިޓެކް ޕްރޮގްރާމާއި، ޓީސީއެސް ކޮލޮމްބޯ ޕްލޭންގެ އިތުރުން އައިސީސީއާރް ސްކޮލަޝިޕް- ޖެނެރަލް ކަލްޗަރަލް ސްކޮލަޝިޕް ސްކީމް އާއި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމް އާއި ކޮމަންވެލްތް ސްކޮލަޝިޕް/ ފެލޯޝިޕް ޕްލޭން، އެއިޑް ޓު މޯލްޑިވްސް، ސާކް ސްކޮލަޝިޕް ސްކީމްގެ ދަށުން ސައުތް އޭޝިއަން ޔުނިވަރސިޓީ ޕޯސްޓް- ގްރެޖުއޭޓް ސްކޮލަޝިޕްތަކާއި އެމްބީބީއެސް އަދި ޕީޖީ އިން މެޑިސިން ހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ ފާއިތުވި ތިން އަހަރު އިންޑިއާ އިން ދިން އެކި އެކި ސްކޮލަޝިޕްތަކުގެ ފައިދާ 575 އަށް ވުރެ ގިނަ ދިވެހިންނަށް ކޮށްފައިވާ ކަމަށާއި އިންޑިއާ ސަރުކާރުގެ ހަރަދުގައި 15 ޖޫން 2011 ގައި އިފްތިތާހުކުރި 5.3 މިލިއަން ޑޮލަރުގެ ޓެކްނޮލޮޖީ އެޑަޕްޝަން ޕްރޮޖެކްޓްގެ ދަށުން، ޖުމްލަ 2،195 ދިވެހިން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ.

މީހުން ބިނާކުރުމުގެ ދާއިރާގައި އިންޑިޔާ އިން ރާއްޖެ އަށް ވެދީފައިވާ އެހީގެ ލިސްޓް ކުރިއަށް ގެންދަމުން ބަޔާނުގައި އަދި ބުނެފައި ވަނީ އިންޑިއާ ސަރުކާރުގެ ހަރަދުގައި 15 ޖޫން 2011ގައި އިފްތިތާހުކޮށްފައިވާ 5.3 މިލިއަން އެމެރިކާ ޑޮލަރުގެ ޓެކްނޮލޮޖީ އެޑޮޕްޝަން ޕްރޮޖެކްޓްގެ ދަށުން، މުޅިއަކު 2،195 ދިވެހިންވަނީ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި، 1090 ޓީޗަރުންނައް ސެޓްފިކެޓް ދިނުމާއި 503 ޒުވާނުންނައް އައިޓީ ސެޓްފިކެޓް ދިނުމާއި އަދި 602 ބައިވެރިންނައް އައިސީޓީ އާ ގުޅޭ ވޮކޭޝަނަލް ކޯސްތަކުން ސެޓްފިކެޓް ދިނުން ހިމެނޭ ކަމަށެވެ.

"ޓެކްނިކަލް ކޯޕަރޭޝަން ސްކީމް (ޓީސީއެސް)އޮފް ދަ ކޮލޮމްބޯ ޕްލޭންގެ ދަށުން 10 ސްކޮލަޝިޕެއް، އަންޑާ ގްރެޖުއޭޓް އަށާއި ޕޯސްޓް ގްރެޖުއޭޓުންނަށް އަދި ޕީއެޗްޑީ ޑިގްރީ އަށް ރިސާޗް ކުރުމަށް ހުށަހަޅަ އެވެ. އަންޑާ ގްރެޖުއޭޓް ލެވެލްގައި އިންޖިނިއަރިންގް ޑިގްރީ ނުނީ ޑިޕްލޮމާ ކޯސްތަކުގެ މަދު ސްކޮލަޝިޕްތައް ވެސް ލިބެންހުރެ އެވެ." ބަޔާނުގައިވެ އެވެ.

އިންޑިއާ ހައިކޮމިޝަންގެ ނޫސްބަޔާން އައިސްފައި މި ވަނީ ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު އުފެދިފައިވާ މައްސަލަތައް އިތުރަށް ބޮޑުވެ، ސަރުކާރު ހިންގާ ކޮއެލިޝަންގައި ހިޔާލުތަފާތުވުން ބޮޑުވެފައިވާ ދުވަސްވަރެއްގަ އެވެ. އަދި އޭޝިއާ ސަރަހައްދުގައި އިންޑިއާއާ އެންމެ ބޮޑަށް ވާދަކުރަމުން އަންނަ ޗައިނާ އަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރަސްމީ ދަތުރުފުޅެއް ކުރައްވާފައި އެނބުރި ވަޑައިގެންފައިވަނިކޮށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު