ޖީއެމްއާރުގެ މައްސަލައިގައި ޑީއާރުޕީ ގެންގުޅޭ ޕޮލިސީ އަށް ފޭދޫ ދާއިރާގެ މެންބަރު ފާޑުވިދާޅުވެއްޖެ

އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށްވާ ނަމަ އެ އެއްބަސްވުމަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ދެއްކެވި ވާހަކަފުޅަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ރައްދު ދެއްވައި ވާހަކަފުޅު ދައްކަވައިފި އެވެ.

އިއްޔެ ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އަލްހާނު ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމަކަށްވާ ނަމަ އެއްބަސްވުމަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ޑީއާރުޕީގެ ލީޑަރު ތަސްމީނު ވިދާޅުވީ "އެ ޕާޓީ ނިގޫ ފިތިފައި އޮތީމާ" ކަމަށެވެ.

އެއާޕޯޓު ހިންގަން ޖީއެމްއާރާ ހަވާލުކުރުމާ ދެކޮޅަށް ޑީއާރުޕީ އާއި ގައުމީ ޕާޓީ އާއި އަދި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީއޭއާ އެކު ވެފައިވާ އެއްބަސްވުމާއި ޑީއާރުޕީން ހިލާފްވެ، ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ވެސް އަލްހާން ތުހުމަތު ކުރެއްވި އެވެ.

"ސިޔާސީ ބޭފުޅުން އޮނަސްޓީ [ދެތުވެރިކަން] ދައްކަވަން ޖެހޭ ވަގުތުގައި އަމިއްލަ ނިގޫ ފިތިފައި އޮތީމާ ދެން ދިމާވާ މާލީ މައްސަލަތައް ހައްލު ކުރުމަށްޓަކައި ތިމަންނަ މިކަމާ މެދު ދެކެނީ މިވެނި ގޮތަކަށޭ. ވަރަށް ޑިޕޮލޮމެޓިކް ކޮން ނޭ ވިސްނަނީ. އެއީ ރައްޔިތުނަށް ކަންކަން އޮޅުވާލުން،" އަލްހާނު ވިދާޅުވި އެވެ.

ޑީއާރުޕީގައި ހުންނެވުމަށް ފަހު އެމްޑީޕީ އަށް ވަޑައިގަތުމަށް ފަހު އަދި ފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް އަލްހާން ވިދާޅުވީ ޑީއާރުޕީން ސިޔާސީ ހަރަކާތްތައް ހިންގަމުން ދަނީ ވަރަށް ބޮޑެތި ދަރަނިތަކަކާ އެކު ކަމަށާއި މާލީ އެހީތެރިކަން ހޯދުމުގެ ބޭނުމުގައި ވެސް އެހެން ބަޔަކަށް ރައްދު ދެވެން ނޯންނާނެ ކަމަށެވެ.

ނަމަވެސް ޑީއާރުޕީގެ ޑެެޕިއުޓީ ލީޑަރު އިބްރާހީމް ޝަރީފު މިއަދު ވިދާޅުވީ ޖީއެމްއާރު މައްސަލާގައި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ ގެންގުޅޭ ވިސްނުން ތަފާތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖީއެމްއާރު މައްސަލަގައި ޑީއާރުޕީން ދެކޭ ގޮތަށް އަލްހާން ފާޑު ވިދާޅުވެފައިވާ އިރު ޖީއެމްއާރު އެއްބަސްވުން އޮތްހާ ހިނދަކު އެ އެއްބަސްވުން ކުރިއަށް ގެންދިއުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަހުމަދު ޝަމްހީދަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވަނީ ގޮވާލައްވައިފަ އެވެ.

ހަމަ އެހެންމެ ޖީއެމްއާރާ އެކު ވިޔަފާރީގެ މުއާމަލާތްތައް ގާސިމް އިބްރާހިމަށް ނުހިންގާ ވެސް ވާން ނޯންނާނެ ކަމަށް އަލްހާން އިއްޔެ ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ވިޔަފާރިވެރިޔަކަށް ވުމާއި، އެއާޕޯޓް ހިންގުމާއި، މަތިންދާ ބޯޓް އޮޕަރޭޓް ކުރައްވާތީވެ އެ ކަންކަމާ ޖީއެމްއާރާ ދެމެދު މުއާމަލާތްތަކެއް ނުކޮށް ވާނެ ގޮތެއް މިއަދު ނޯންނާނެ،" އަލްހާނު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު