ރާއްޖޭގެ ހޫނު އަވީގައި ކުޅުމަކީ ތަކުލީފެއް، އަމާޒަކީ ސާފްގެ ތަށި: އިންޑިއާ ކޯޗު

އިންޑިއާގެ ހެޑު ކޯޗު މަހޭޝް ގަވާލީ--

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕަކީ އިންޑިއާއަށް ވަރަށް މުހިންމު އަދި ޝަރަފުވެރި މުބާރާތެއް ކަމަށާއި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރާއްޖޭގެ ހޫނު އަވީގައި ކުޅުން ކަމަށް އިންޑިއާގެ ގައުމީ ޓީމުގެ ކޯޗު، މަހޭޝް ގަވާލީ ބުނެފިއެވެ.

އިންޑިއާއަކީ މި މުބާރާތަށް އެންމެ ފަހުން ރާއްޖެ އައި ގައުމެވެ. އެހެން ގައުމުތަކުން މުބާރާތް ފެށުމުގެ ދެ ދުވަސްކުރިން ރާއްޖެ އައިއިރު، އިންޑިއާއިން އައީ މުބާރާތް ފެށި ދުވަހުގައެވެ.

މުބާރާތުގައި ވާދަކުރަން ރާއްޖެއަށް އައުމަށްފަހު އޭނާ ބުނީ މިއީ އިންޑިއާއަށް ވަރަށް މުހިންމު އަދި ޝަރަފުވެރި މުބާރާތެއް ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކަކީ ވެސް ވަރުގަދަ އަދި ވާދަވެރި ޓީމުތަކެއް ކަމުން، އިންޑިއާ ޓީމުން ވަރަށް ރަނގަޅަށް މެޗުތަކުގައި ކުޅެން ޖެހޭނެކަމަށެވެ.

މި މުބާރާތަކީ އިންޑިއާގެ ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަން ވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭގެ ހޫނު އަދި ތެތްކަން ގަދަ މޫސުން ކަމަށާއި މިއީ ހަމައެކަނި އިންޑިއާ ޓީމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް އަދި ހުރިހާ ޓީމުތަކުން ވެސް މި މޫސުމުގައި ކުޅެން ޖެހޭނެތީ އެކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށް ގަވާލީ ބުންޏެވެ.

އިންޑިއާ ޓީމުން މާލޭގެ މޫސުމަށް ހޭނުމުގެ ގޮތުން ލުއި ފަރިތަކުރުންތަކެއް ކޮށްފައިވާނެ ކަމަށާއި މި ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ވަރުބަލިކަން ފިލުވުމަށާއި، ހަށިގަނޑަށް ބޭނުންވާ ފެން ހޯދައިދިނުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާކަމަށް އޭނާ ބުންޏެވެ.

މި މުބާރާތުގައި އިންޑިއާ ހިމެނެނީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ދެކުނު އޭޝިއާގެ ބޮޑު ދެ ވާދަވެރިން ކަމަށްވާ ޕާކިސްތާން އަދި ބަންގްލަދޭޝް އެވެ.

ކޮންމެ ގްރޫޕަކުން ވެސް ސެމީ ފައިނަލަށް ދަތުރުކުރާނީ އެންމެ މަތިން ޕޮއިންޓު ހޯދާ ދެ ޓީމު ކަމަށްވުމާއެކު، މިއީ ވަރަށް ވާދަވެރި އަދި ކުޑަ ވެސް ގޯހެއް ހަދަން ޖާގަ ނެތް ގްރޫޕަކަށް ވާނެކަން ކޯޗު ފާހަގަކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު