މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފަތިހު ގަޑިއެއްހާއިރަށް ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

ސްޓެލްކޯ އިން އަލަށް ބަހައްޓާފައިވާ ދެ ޖަނަރޭޓަރުގެ ޕާފޯމެންސް ޓެސްޓެއް ހެދުމަށް ޓަކައި މި ރޭ ފަތިހުގެ ވަގުތެއްގައި މާލޭގެ ބައެއް ސަރަހައްދުތަކުން އެއް ގަޑިއިރަށް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ރައޫފު މިއަދު ވިދާޅުވީ މިހާރު ވެސް ބޭނުންކުރަމުން އަންނަ 8700 ކިލޯ ވޯޓްގެ ދެ ޖެނެރޭޓަރުގެ ޕާފޯމެންސް ޓެސްޓެއް ހެދުމަށް ޓަކައި އެ ކުންފުނިން ބޭނުންކުރަމުން އަންނަ އެހެން ހުރިހާ ޖަނަރޭޓަރުތައް ނިއްވާލަން ޖެހޭ ކަމަށާއި އެ ގަޑީގައި މާލޭގެ އެކި ސަރަހައްދުތަކުގެ ޑިމާންޑް ހުންނަ ގޮތަކުން ކަރަންޓް ކަނޑާލަން ޖެހިދާނެ ކަމަށެވެ. ކަރަންޓް ކެނޑުމަށް ހަމަޖައްސައިފައި ވަނީ މިރޭ ފަތިހު 4:00 އިން 5:00 އަށެވެ.

"ޕާފޯމެންސް ޓެސްޓްގެ ތެރޭގައި ވަރަށް ގިނަ ޓެސްޓްތައް ހިމެނޭ. ނަމަވެސް މިރޭ ކުރުމަށް ހަމަޖައްސާފައިވާ ޓެސްޓަކީ އެ ދެ ޖެނެރޭޓަރުގެ ނޮއިސް ލެވެލް ބެލުމަށް [އަޑު ހުންނަ ވަރު] ހަދާ ޓެސްްޓެއް. އެ ޓެސްޓް ހެދެނީ ވީހާ ވެސް އަޑު މަޑުވާ ވަގުތެއްގައި. އެ ވަގުތުތަކުގައި ހުރިހާ އެއްޗެއް ނިވާލާ ހަމަ އެކަނި ބޮޑު ދޭތި [ޖަނަރޭޓަރު] ބޭނުންކުރަމުންދާ އިރު ޑިމާންޑް ހުންނަ ގޮތަކުން އެކި ސަރަހައްދުތަކުން ކަރަންޓް ކަނޑާނީ،" ރައޫފު ވިދާޅުވި އެވެ.

މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން ސްޓެލްކޯގެ ފޯތްޕަވާ ޕްރޮޖެކްޓްގެ މަޝްރޫއުގެ ދަށުން ބަހައްޓާފައިވާ އެ ދެ ޖެނެރޭޓަރަކާ އެކު އެ ކުންފުނީގެ ކެޕޭޝިޓީއަކީ މިހާރު 54 މެގަވޯޓްސް ކަމަށާއި މުޅި މާލޭގެ ޑިމާންޑަކީ 44 މެގަވޯޓްސް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯ އިން އަލަށް ބަހައްޓާފައިވާ އެ ދެޖެނެރޭޓަރަކީ ސްޓްލްކޯ އާއި ޖަރުމަނާއި ޑެންމާކުންގެ ދެ ކުންފުންޏަކުން އުފައްދާފައިވާ ކޮންސޯޓިއަމް، "މޭން ސެމްކޯ" އިން ކުރިއަށް ގެންދަ ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން ބަހައްޓައިފައިވާ ދެ ޖެނެރޭޓަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު