މިހާރު އޮތް ގޮތަށް ބޯޑާ ކޮންޓްރޯލް މަޝްރޫއު ހިންގަން ހެޔޮނުވާނެ: ގާސިމް

މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏާ ހަވާލުކޮށްގެން ހިންގުމަށް ހަމަޖައްސާފައިވާ އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމް މަޝްރޫއު ކުރިއަށް ގެންދިއުމަކީ "ކުރަން ހެޔޮވާވަރުގެ މަޝްރޫއެއް ނޫން ކަމަށް" ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ވެސް ފުރުއްވާ ގާސިމް ވިދާޅުވީ ބޯޑާ ކޮންޓްރޯލް މަޝްރޫއު ހުއްޓާލަން ގޮވާލައްވާ ކަމަށެވެ.

"މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ އަޅުގަނޑު ދަންނަވާނީ. މިކަން ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރުމަށް ނެކްސް ބިޒް ކުންފުންޏަށް ދިނުމުން ރާއްޖެ އަންނަ ކޮންމެ ފަސިންޖަރެއްގެ ޕާސްޕޯޓުގެ ހުރިހާ މައުލޫމާތެއް ބޭރުގެ ގައުމެއްގެ ކުންފުންޏަކަށް އެނގިގެން ދާއިރު ބޯޑާ ސިސްޓަމް މަޝްރޫއު މިހާރު އޮތް ގޮތަށް ހިންގުމަކީ "އޮރިޔާމުން ހިނގުން ކަހަލަ ކަމެއް" ކަމަށެވެ.

ގާސިމް ވިދާޅުވީ މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏާ ހަވާލުކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލަން ޖެހޭ އަނެއް ސަބަބަކީ އެކަމަށް ކުރަން ޖެހޭ ހަރަދުގެ ބޮޑުކަން ކަމަށް ވެސް ގާސިމު ވިދާޅުވި އެވެ.

"ސިންގަޕޫރުގެ ބޯޑާ ސިސްޓަމް ގެނައި ކަމަށް ވިއަސް އަޅުގަނޑަށް ޔަގީން ހަ މިލިއަން ޑޮލަރު ވެސް ނުދާނެ ކަން. އަދި ކީއްކުރަންތޯ އިންޑިޔާ ސަރުކާރުން ހުށަހެޅި އެކަން ހިލޭ ވެސް ކޮށްދޭން. އަޅުގަނޑުކައިރީ އިންޑިޔާ އެމްބަސީގެ ވަރަށް ހައި އޮފިސަރަކު ވެސް ވިދާޅުވި ތިމަންނަމެން ހިލޭ ކޮށްދޭން ވެސް ހުށަހެޅިމޭ. ދެން އެންމެ ރަނގަޅު އެ ހިލޭ ދޭން ބުނި ސިސްޓަމް އަޅުގަނޑުމެނަށް އެ ރަނގަޅު ކަމަށް ނުފެންނަންޏާ ޖަރުމަނުވިލާތުގެ ސިސްޓަޓަމް ވެސް ގެނަންވީ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ނެކްސް ބިޒް ކުންފުންޏާ ހަވާލު ކުރުމުން އެތައް ފައިދާތަކެއް އެ ކުންފުންޏަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވަކި ކަހަލަ މަޝްރޫއުތައް ހުއްޓާލުމުގެ ބާރު ގާނޫނުން ލިބިފައިނުވާ ނަމަ އެ ފުރުސަތު ގާނޫނަށް ބަދަލު ގެނެސްގެން ވެސް ދޭން ޖެހޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު