އެއާޕޯޓް ޖީއެމްއާރަށް ދިނުމަށް މިހާރު ވެސް ދެކޮޅުހަދަން: ގާސިމް

އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަލް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރުގެ ކުންފުންޏާ ހަވާލުކޮށްފައި އޮތުމަށް މިހާރު ވެސް ދެކޮޅު ހައްދަވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ސްޓޭންޑަކީ އަދި ވެސް އެއީ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި އެ ޕާޓީން ދައްކަމުންދާ ވާހަކަތަކުގެ "ރާގު" ބަދަލުވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ދައްކަމުން އަންނަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރު ކުންފުނިން އެއާޕޯޓް ވަކިކުރަން ޖެހޭ ކަމަށް މިހާރު ވެސް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި ވިދާޅުވީ އެނޫން ގޮތަކަށް އެ ޕާޓީގެ ލީޑަޝިޕުން ބޭނުންވެއްޖެ ނަމަ އޭނާ އެ ޕާޓީގައި ވެސް ނުހުންނަވާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީ މެއިންޓެއިން ކުރާނީ އަބަދުވެސް [ބޭރުގެ ބަޔަކަށް އެއާޕޯޓު ދިނުމާ ދެކޮޅަށް] ކަމަށް އަޅުގަނޑު ދެކެނީ. އެހެން ނަމަވެސް ހާލަތަކީ ބަދަލުވެދާނެ އެއްޗެއް ކަންނޭނގެ އެހެން ނަމަވެސް އެކަން ގަބޫލު ކުރާކަށް ނެތީމު. ހަމަ ގައިމުވެސް އަޅުގަނޑުގެ މުޅި އުމުރަށް ވެސް އޮތީ [ބޭރުގެ ބަޔަކަށް އެއާޕޯޓު ދިނުމާ ދެކޮޅަށް] އެގޮތުގައި ހުންނާނެ ކަން ޔަގީން. އެހެން ނޫން ކަމަށްވާ ނަމަ ޖުމްހޫރީ ޕާޓީގެ ލީޑަޝިޕަކު އަޅުގަނޑެއް ނުހުންނާން. އެ ނޫން އެހެން ސްޓޭންޑެއް ނަގާ ދުވަހު ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަކު ނުހުންނަން އަދި ކީއްތޯ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިޔަތުން ވެސް އަޅުގަނޑު ނުހުންނާނަން." ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓް ހަވާލު ކުރުމާ ދެކޮޅަށް ގައުމީ ޕާޓީ އާއި ޑީއާރުޕީ އަދި ޕީއޭ އާ އެކު ޖުމްހޫރީ ޕާޓީން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މިހާރު ވެސް އަމަލު ކުރަން ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދަށް ވެސް އަންގަވާފައިވާނެ ކަމަށެވެ.

"ގައުމަށް ލިބޭ ނިކަމެތި ކަމަކަށް ވެގެންދާނެ ދިވެހި ރާއްޖޭގެ އިބްރާހިމް ނާސިރު އިންޓަނޭޝަލް އެއާޕޯޓް އަޅުގަނޑުމެނަށް ގެއްލިގެންދާ ދިއުން. އޭގެ ސަބަބުން ދައުލަތަށް ލިބޭ އިންކަމަކާއި އަޅުގަނޑުމެނަށް ލިބޭ ސަލާމަތާއި ރައްކާތެރިކަމަށް ވެސް، އަދި އަޅުގަނޑުމެންގެ ސިޔާސީ ގުޅުންތަކަށް ވެސް ނުރަކަލެއް ގޮތުގައި ނޫނީ އަޅުގަނޑުމެން ނުދެކެން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެހެން ވިދާޅުވިއަސް އެ ޕާޓީގެ ފަރާތުން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވަނީ ޖީއެމްއާރު ކުންފުނިން މާލޭ އެއާޕޯޓްގައި އިތުރު ރަންވޭއެއް އަޅަން އެއްބަސްވުމުން އާ ޓާމިނަލްގެ މަސައްކަތް ފެށުމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއާ އެކު އޭނާ ވިދާޅުވަނީ ޖީއެމްއާރަށް އެއާޕޯޓް ދިނުމުގެ މައްސަލަ ނިންމާނީ ސަރުކާރުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު