ކުއްޅަފިލާ ފަތް: ސިއްހީ ފައިދާތައް ވަރަށް ގިނަ

ކުއްޅަފިލާ ފަތް: ތަފާތު އެކި ކަހަލަ ސަޓަނި އަދި މަސްހުނި ވެސް ތައްޔާރުކޮށްލަން ދިވެހީންގެ މެދުގައި މަގުބޫލު ފަތެއް--ފޮޓޯ/ޑރ. ޢަބުދުލް ޢަޒީޒު ޙަމީދުގެ ސިއްހަތު ބްލޮގް

ކުއްޅަފިލާ ފަތަކީ އަޅުގަނޑުމެން ދިވެހީންގެ ކެއުމުގައި ބޭނުންކުރާ ވަރަށް މަގުބޫލު ފަތްޕިލާވެލީގެ ބާވަތެކެވެ.

މި ފަތަކީ ޚާއްސަކޮށް ރަށްރަށުން ވަރަށް ފަސޭހައިން ލިބެން ހުންނަ ފަތަކަށް ވުމުން މިއީ ތަފާތު އެކި ގޮތްގޮތަށް ތައްޔާރުކޮށްލައިގެން ކެއުމުގައި ހިމަނާލާ ބާވަތަކަށް ވަނީ ވެފައެވެ.

ކުއްޅަފިލާ ފަތަކީ ބިންމަތީގައި ބޮނޑިބޮނޑިއަށް ފެތުރިގެން ހެދޭ ވިނަ އާއިލާގެ ގަހެކެވެ. މި ގަހުގެ ފަތްތައް ހުންނަނީ ކޮޅަށް އޫކޮށް، މައްޗަށް ވާގޮތަށެވެ.

އާންމު ގޮތެއްގައި މި ފަތް ބޭނުންކުރަނީ ބަތާ އެކު ކެއުމަށާއި މީރު ސަޓަނި ތައްޔާރުކުރުމަށެވެ. ކުއްޅަފިލާ ފަތަކީ އާންމުކޮށް ރަށްރަށުގެ އަތިރިމައްޗާއި ޖަންގަލީގެ ތެރޭގައި ހެދޭ އެއްޗެކެވެ. މި ފަތަކީ ދޮންވެލީގައި ވެސް އަދި ކަޅުވެލީގައިވެސް ވަރަށް ފަސޭހައިން ހެއްދޭނެ ފަތަކަށް ވުމުން މި ފަތް ހައްދަން މާބޮޑު ބުރަ މަސައްކަތެއް ކުރާކަށް ނުޖެހެއެވެ.

ކުއްޅަފިލާ ފަތުން ލިބިދޭ ސިއްހީ ފައިދާތަކާ ގުޅޭގޮތުން ޑރ ޢަބުދުލް ޢަޒީޒު ޙަމީދު އޭނާގެ ސިއްހަތު ބްލޮގްގައި ވަރަށް ތަފުސީލުކޮށް އެ މައުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން މި ފަތަކީ ގާތުންދޭ މައިންނަށް ބޭނުންކުރެވިދާނެ ރަނގަޅު ފަތެއް ކަމަށް އެ ބްލޮގްގައި ފާހަގަކުރައްވާފައިވެއެވެ.

ރާއްޖޭގެ ރަށެއްގެ ގެއެއްގެތެރޭ ކުއްޅަފިލާ ފަތް ހައްދާފައި--ފޮޓޯ/ފޭސްބުކް

ކުއްޅަފިލާ ފަތުން ލިބޭ ބައެއް ޞިއްޙީ ފައިދާތައް:

  • ކެއްސުމުގެ އުނދަގޫ ތަހައްމަލު ކުރާ މީހުންނަށް ކުއްޅަފިލާ ފަތް ބޭނުންކުރުމަކީ ލުއި ލިބޭ ކަމެކެވެ.
  • ކުއްޅަފިލާ ފަތް ކައްކައިގެން ބޭނުންކުރުމަކީ ހަމުގެ ބަލިތަކަށާއި، މޭގަނޑު ދުޅަވެ ފުއްޕުން އަދި ހަޖަމު ގޯސްވުން ފަދަ މައްސަލަތަކަށް ފައިދާހުރި ކަމެއްކަމުގައި ބުނެވެއެވެ.
  • ގަދީމީ ބޭސްވެރިކަމުގައި ކުއްޅަފިލާ ފަތް މުގުރައި ޗަސްކޮށްގެން، ރާއްޖެ ބަލީގެ ތަދު ކެނޑުވުމަށާއި، ބޮލުގައި ރިހުން ކެނޑުވުމަށާއި، ހުން ތިރިކުރުމަށް ބޭނުންކޮށްފައި ވެއެވެ.
  • ގަދީމީ ބޭސްވެރިކަމުގައި ކުޑަކުދިން ނުނިދުމުން ނިދިޖެއްސުމަށް ވެސް ކުއްޅަފިލާފަތް ބޭނުންކޮށްފައި ވެއެވެ.
  • ގަދީމީ ބޭސްވެރިކަމުގައި ބަނޑު ހަރުވެފައިވާ މީހުންގެ ބަނޑު ފަސޭހަ ކުރުމަށާއި، ކުޑަކަމުދިއުމުގެ މައްސަލަ ހުންނަ މީހުންގެ ކުޑަކަމުދިއުން ފަސޭހަ ކުރުމަށް ވެސް ކުއްޅަފިލާ ފަތް ބޭނުންކޮށްފައިވެއެވެ.

ކުއްޅަފިލާ ފަތަކީ އަޅުގަނޑުމެން ދިވެހީން ރޯދަވީއްލާ ވަގުތަށް ވެސް ވަރަށް ގިނައިން ބޭނުންކުރާ ބާވަތެކެވެ. އެހެންކަމުން މި ފެށުނު ހަ ރޯދައިގައި ވެސް ރޯދައަށް ތިބޭ މީހުންނަށް މިއީ ތައްޔާރުކޮށްލެވޭނެ، ސިއްހީ ގިނަ ފައިދާތަކެއް އެކުލެވޭ ފަތްޕިލާވެލީގެ ބާވަތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު