ކާދިންއަކީ ލިބުނު ބޮޑު ހިތާމަވެރި އެކްސިޑެންޓަކަށްފަހު، ނަފްސާނީ ގޮތުންނާއި ރޫޙާނީ ގޮތުން ބޮޑު ބަދަލުތަކެއް އަންނަމުންދާ ޒުވާނެކެވެ. މުއްސަނދިކަމާއި ނުފޫޒުގެ ބޭނުންކޮށްގެން އޭނާގެ ބައްޕަ އެ މައްސަލަ ފޮރުވަން މަސައްކަތް ކުރިނަމަވެސް، ކާދިންގެ ހިތް އެކަމާ ދެކޮޅު ހަދައެވެ. އޭނާ ބޭނުންވަނީ އަމިއްލަ ކުށް ގަބޫލުކޮށް، ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވެ، ހިތްހަމަޖެހުން ހޯދުމަށެވެ.

  • ކާދިންގެ ދިރިއުޅުމަށް އައި ބޮޑު ބަދަލާއި ހިތާމަ
  • މުއްސަނދިކަމާއި ނުފޫޒުގެ ސަބަބުން އިންސާފު ގެއްލިގެން ދިޔުން
  • ކުށުގެ އިހުސާސާއެކު އަމިއްލަ ނަފުސު ސާފުކުރުމަށް ކާދިން ކުރާ މަސައްކަތް
  • މައިންބަފައިންގެ ވިސްނުމާއި ކާދިންގެ ވިސްނުން ދިމާނުވެ ޚިޔާލުތަފާތުވުން

"އަމާންކަމާއި ހަމަޖެހުން ލިބެނީ ދިރިއުޅުން އެއްވެސް މައްސަލައެއްނެތި ކުރިއަށް ދިޔުމަކުން ނޫނެވެ. ﷲ ތައާލާއާއި އޮތް ގުޅުން ވަރުގަދަވެ ތަގުވާވެރިވެގެންނެވެ. ޒިކުރުކުރުމުގައި އަބަދު ހުރެގެންނެވެ. އޭރުން ތިބާހެ ހިތަށް ކޮންމެފަދަ މުސީބާތެއްގެ ވަގުތުގައިވެސް ހަމަޖެހުމާއި ތަސައްލީ ލިބޭނެއެވެ."

***

ކާދިން ތަހައްޖުދު ނަމާދަށްފަހު އެކަނިމާ އެކަނި އަނދިރީގައި އިށީދެލައިގެން އިނެވެ.

"އެއްވެސް އިންސާނަކަށް މިހިތް ބޭނުންވާފަދައިން މާފުކޮށެއްނުދެވޭނެ...އޮންލީ ޔޫ ކެން ޗޭންޖް ވަޓްސް އިންސައިޑް މީ..."

އޭނަ ބޭނުންވީ ބަދަލެކެވެ.

މި ކުށުގެ އިހުސާސްތަކަށް ފިލުމަށް އާދޭސްކުރެވުނެވެ.

ކާދިންއަށް ނޭގުނީ އޭނަގެ ހަޔާތަށް ހައިރާންވާފަދަ ލޮޅުމެއް އަރަން އުޅޭކަމެވެ.

***

ކާދިންއަށް މުރުޝިދާގެ ހުވަފެންތަކުން ސަލާމަތްވުންވެސް އެހާ ފަސޭހައެއްނުވިއެވެ. އެރޭ މުރުޝިދާ ފެނުނުއިރު ލޮލުން ރުޅިވެރިކަމެއް ނުފެނުނެވެ. ނަޒަރުގައިވީ ދުރުކަމެވެ. އޭނަ ކުށްވެރިކޮށްފައި ވާހަކަދައްކާކަށް ނޫޅުނެވެ. ހީވަނީ ކުށުން ބަރީއަވީހެންނެވެ. ހޭލެވުނީ އުއްމީދުގެ ނާޒުކް ވާފަށެއްގައި އެލިގެންއޮތް ފަދައިންނެވެ. ލޮލުގައި ވީ ކަރުނައިގެ އަސަރެވެ.

އެކުވެރިންނަށް އޭނައަށް އައި ބަދަލުތައްފެނިގެން ދިމާކުރަންފެށިއެވެ.

"ކޭޑްވެސް ހާދަ ފޫހި މީހަކަށް ތިވަނީ؟"

"ހައްދުފަހަނަޅާފައި ހެން ހީވާންފަށައިފި...މުއްލާއަކާއި ދިމާވީތަ؟"

"މިޑްލައިފް ކްރައިސިސް؟"

އެމީހުން ޖޯކު ޖެހިޔަދޭށެވެ. އެކުދިންނަށް އޭނަގެ އިހުސާސްތައް ނޭގެނީއެވެ. އޭނަގެ ފުރާނަ އުފުލަން ޖެހޭ ބުރަދަން އިހުސާސްކުރެވޭނީ އެފަދަ ކަމެއް ދިމާވި މީހަކަށެވެ. އެކްސިޑެންޓްގެ ސަބަބުން ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރާއި ފަހުން ދިމާވެދާނެ މައްސަލައެއްވެސް އެހެން މީހަކަށް އިހުސާސެއް ނުވެއެވެ. އޭނަގެ މަންމައަށް ފެންނަނީ އޭނަ އަޅުކަމުގައި މަޝްޣޫލުވެގެން އިންނަތަނެވެ. ބައްޕައަށް ފާހަގަކުރެވުނީ ފައިސާހޯދުން ހުއްޓައިލިކަމެވެ. އެއްވެސް މީހަކަށް ނޭގެނީ އޭނަގެ އެކައުންޓުގައި ހުރި ފައިސާ ބޭނުންޖެހިފައިވާ މީހުންނަށް ހޭދަކުރާކަމެވެ. އަދި އެކައުންޓެއް ހުޅުވައިގެން މަގުމަތީގެ ސަލާމަތާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރަން މަސައްކަތްފެށިކަމެވެ.

އޭނަ ސަޖިދާގައި އޮތްވާ ވިސްނުން އެހެން ގޮތަކަށް ދީލައިލިއެވެ.

މިއީ އޭނަ ހީކުރާފަދައިން އަޒާބެއް ނޫންހެއްޔެވެ؟ މިއީ ފަހަރެއްގައި އޭނަ ސަލާމަތްވުމެވެ. ނުބައި މަގަކުން ދަނިކޮށް ﷲ ތައާލާ އޭނަ ހުއްޓުވީކަމަށް ނުވާނެހެއްޔެވެ؟ އެ ޚިޔާލުން ބިރުވެރިކަމާއެކު ބަޔާންނުކުރެވޭފަދަ ހަމަޖެހުމެއް ހިތަށް ލިބުނެވެ. އެހެންވެ އެހެން ދުވަހަށްވުރެ ގިނައިރުވާންދެން ސަޖިދައިގާ އޮވެވުނެވެ. އޭނައަށް އިހުސާސްކުރެވުނީ ހެއްދެވި ފަރާތާއި އޮތް ގުޅުން ރަގަޅުވިކަމެވެ. އޭނައަށް ހައްގު ކަމަށް ގަބޫލު ނުކުރެވުނަސް އޭނަ ގެ ނަފުސް ބޭގަރާރުވެފައިވާ ގުޅުމެކެވެ.

ކޮޓަރިން ބޭރުގައި ދުނިޔެ ދައުރުވަމުން ދިޔައީ މާބޮޑު ތަފާތެއްނެތިއެވެ. ނޫސްތަކަށް އެކި ޚަބަރުތައް އަރަމުން ދާއިރު ސިޔާސީ ހަލަބޮލިކަމުގެ އަވައިގާ ޖެހި އެތައް ބަޔަކު ތިއްބެވެ. އެކަމަކު ކާދިން އޭނަގެ ފުރާނަ ބޮޑާކަމުގެ ހަލާކުގެ ތެރެއިން އާރާސްތުކުރަން މަސައްކަތްކުރަމުންދަނީއެވެ. ކުއްލިއަކަށް ނޫނެވެ. އެންމެ ފުރިހަމައެއްވެސް ނޫނެވެ. އެކަމަކު އިޚުލާސްތެރިކަމާއެކުގައެވެ. އެއީ ރަހުމަތް އަންނަން އުޅޭކަމުގެ ފުރަތަމަ ނިޝާނެވެ. ހިމޭނުން އެކަނި އިނދެ ތައުބާވާން ފަސޭހައެވެ. ނަމަވެސް ފާފަތައް ދުނިޔެއަށް ހުޅުވައިލެވުމުން ތަންކޮޅެއް އުދަގޫވާނެއެވެ.

***

ދުވަސްތަކެއްފަހުން އަނެއްކާ ކާދިންގެ ވީޑިއޯއެއް ސޯޝަލްމީޑިއާއަށް ލީ ނުދަންނަ ފަރާތަކުންނެވެ. ވީޑިއޯ އެހާ ސާފެއްނޫނެވެ. ކާދިންގެ ސްޕޯޓްސްކާރުކަން ޔަގީންވާވަރުވެއެވެ. ބޯ ވާރެއާއިއެކު އައި ބާރު ސްޕީޑް އެނގޭވަރުވެއެވެ. އޭގެ މަތީގައިވަނީ އެންމެ ޖުމްލައެކެވެ." ފައިސާއިން މިނިވަންކަން ގަނެލެވުނަސް މައުސޫމްކަން ގަނެއެއް ނުލެވޭނެއެވެ."

އިރުކޮޅެއްނުވެ އެ ވީޑިއޯ ވައިރަލްވިއެވެ. ހޭޝްޓެގްއާއެކު ސޯޝަލްމީޑިއާގައި އެ ވާހަކަ އަލުން ހޫނު ޚަބަރެއްގެ ގޮތުގައި ފެތުރުނެވެ. ނިއުސް ޗެނެލްތަކަށްވެސް އަނެއްކާ ބަހުސްކުރެވުނީ އެވީޑިއޯއާއި ބެހޭގޮތުންނެވެ.

"ނުފޫޒުގެ ބޭނުންކުރީހެއްޔެވެ؟"

"އިންސާފު ނުލިބުނީ ކީއްވެހެއްޔެވެ؟"

ކާދިން ކޮޓަރީގައި ޓީވީ ބަލަން އިންއިރު މޫނުމަތިން އިތުރު ޝުއޫރެއް ނުފެނުނެވެ. އޭނަގެ ހަޔާތުގެ އެންމެ އުދަގޫދެނިވި ވަގުތުކޮޅު އަނެއްކާވެސް އާއްމުންގެ މިލްކަކަށް ވީއެވެ. އޭނަގެ މެޔަށް ބާރުވެލީ ބިރަކުންނޫނެވެ. ކުށް ގަބޫލުކުރެވުނީއެވެ.

"ފަހަރެއްގައި މިއީ އަހަންނަށް ހައްގު އަދަބު..."އޭނައަށް މަޑުމަޑުން ބުނެވުނެވެ.

ތިރީގައި މާހައުލު އޭގެ ދިމާ އިދިކޮޅެވެ. އޭނަގެ ބައްޕަގެ ވަރުގަދަ އަޑު ކަންފަތުގައި ޖެހުމުން ގައިން ހީބިހިނަގައިގެން ދިޔައެވެ.

"އެ ވީޑިއޯ ލީކް ކުރީ ކާކުކަން ހޯދާ...ސިޔާސީގޮތުން ޖައްސާލައިގެން އުޅޭ މީހެއްކަން ޔަގީން...އަހަރެމެން މި ލީގަލީ ހެންޑްލްކޮށް ނިމިފައި އޮތްކަމެއްނު.."

އެންމެ ފަހު ޖުމްލަ އަޑުއިވުމުން އޭނަގެ ހިތަށް ނުބައިގޮތެއްވިއެވެ. ބައްޕަ ބުނިފަދައިން ނުފޫޒު ބޭނުންކޮށްގެން އެމީހުން ބޭނުންވިގޮތަށް ޝަރީއަތް ނިންމާފައި އޮތީއެވެ. އެއީ ކިހާ ބޮޑު އޮޅުވައިލުމެއް ހެއްޔެވެ؟

"އެމީހަކަށް ހީވަނީ އަދި މިހެން ލީކްކޮށްފައި ސަލާމަތްވެގެން ހުރެވޭނެކަމަށް ދޯ....ނަތީޖާ މާ ރަގަޅެއްނުވާނެ.......އެކަން ނުކުރެވުނުނަމައޭ ހިތަށް އަރާނެ...."

އޭނަ ތިރިއަށް އައިއިރުވެސް ބައްޕައިނީ ފޯނެއްގައެވެ. މޫނުމަތިން ފެނުނީ ނުރުހުމާއި ރުޅިވެރިކަމެވެ.

"ކޮޓަރިއަށް ދޭ ކާދިން...މީހަކު ސުވާލުކުރިޔަސް އިތުރު އެއްވެސް އެއްޗެއް މިކަމާއި ބެހޭގޮތުން ބުނެގެން ނުވާނެ. އަޑުއިވިއްޖެ؟"

"ބައްޕާ...އެކަމަކު އެމީހުން އެދައްކަނީ ރަގަޅު ވާހަކައަކަށް ވެއްޖެއްޔާ؟"

"އެކްސްކިއުޒްމީ؟"ފައިސަލް ސިހޭގޮތްވިއެވެ.

"އަޅުގަނޑު ފަރުވާކުޑަކޮށް ދުއްވިއްޔާ؟ކޮންމެވެސް މީހަކު ކުށުގެ ޒިންމާ ނަގަންޖެހޭ....."

"އެއީ އެކްސިޑެންޓެއް ކާދިން....އަމިއްލަ ނަފުސަށް އަނިޔާދިނުން ހުއްޓާލާ..."

"އެއީ ބޮޑާކަން...އަޅުގަނޑު ހަމަ ފޮނި ދައްކަން ބާރަށް ދުއްވީ...."

"ތިއީ އަދި ޒުވާންކުއްޖެއް..ތި އުމުރުގައި ކުށްކުރެވޭނެ...."ފައިސަލް ތެދުވުނެވެ.

"އޭގެ އަގު އަދާކުރަން ޖެހެނީ ނިކަމެތިން؟"

ނުރައްކާތެރި ހިމޭންކަމެއް ފެތުރުނެވެ.

"މިހިސާބުން ތި ވާހަކަ ނިންމައިލާ..."ފައިސަލްގެ އަޑުގައިވީ ހަރުކަށިކަމެވެ."ކުށުގެ އިހުސާސުން މުސްތަގުބަލް ހަލާކުވިޔަ ނުދީ.."

މުސްތަގުބަލް އެ ލަފުޒުވެސް އޭނައަށްވީ ހުސް އެއްޗަކަށެވެ. އޮޅުވައިލުމުގެ މައްޗަށް މުސްތަގުބަލް ބިނާކުރެވޭހެއްޔެވެ؟

ސްކޫލަށް ދިޔުމުން ބައެއްކުދިންތައް ސިއްރުން މަލާމާތްކޮށް އެއްޗެހިކިޔާކަން އެނގުނެވެ. އޭނަ މީހަކު މަރާފައި އެހާ ހަމަޖެހިގެން ސްކޫލަށް އައުމަކީ އެހާ ސަޅިކަމެއްހެއްޔޭ އެއްކުއްޖަކު އެހިއެވެ. ރުޅީގެ ބަދަލުގައި އޭނައަށް އިހުސާސްވީ މޮޅިވެރިކަމެވެ. އޭނަ ބޭނުންވަނީ ހަގީގަތް ހާމަކޮށް އަދަބުލިބުމެވެ. ބައްޕަމެން އޭނަ ރައްކާތެރިކުރަން ހަދައިގެން އިންސާފެއް ނުލިބޭނެއެވެ. ނުފޫޒުގަދަ މީހުންނަށް ވަކި ހުކުމެއް އޮތުން ގަބޫލެއްނުކުރެވެއެވެ. ނިކަމެތިންނަށް ހުރިހާ ގޮތަކުން ނިކަމެތިކަން ލިބުމަކީ ބޭއިންސާފެވެ.

އެރޭ އަނެއްކާވެސް އޭނައަށް ފެނުނީ ބިރުވެރި ހުވަފެނެކެވެ.

އެރޭ މުރުޝިދާގެ ބަދަލުގައި އޭނަ މަގު ހުރަސްކުރިއިރު ބޯކޮށް ވާރޭވެހެނީއެވެ. ކާރެއްގެ އަލި ލޮލަށް އެޅުމާއެކު ލޮލުގެ ފެނުންވެސް ގެއްލިގެން ދިޔަހެން ހީވިއެވެ. އޭނަ ދުރަށް ދާން މަސައްކަތްކުރިއެވެ. ކާރު އޭނަގެ ގައިގާ ޖެހުމުގެ ކުރިން ހަޅޭއްލަވައިގަތުމާއެކު ހޭލެވުނެވެ. އޭނަގެ ގައިން ފިނި ދަލެއް ހިއްލާފައިވާއިރު ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ތެދުވުނުއިރު މުޅި ހަށިގަނޑުވެސް ތުރުތުރުލަނީއެވެ. ހަގީގަތެއްފަދައެވެ.

"ޔާﷲ....މިކުށުން ސަލާމަތްވާނެގޮތެއް ދައްކުވާދޭވެ..."

އޭނަގެ ސިކުނޑި ފަޅައިގެންދާވަރުވިއެވެ.

ނަފްސާނީ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ހައްދަން ބައްޕަގާތު ބުނަންވީހެއްޔެވެ؟ މަންމަ އަަވަދިނެތި އުޅޭވަރުން ދިމާވަނީއެއްވެސް ނޫނެވެ. އޭނަ މޮޔަވެދާނެއެވެ.

***

ޖެހިގެން އައިދުވަހު ފައިސަލްގެ އޮފީސްކައިރިއަށް މީހުން އެއްވިއެވެ. މަޑުމަޑުން މީހުން ގިނަވަމުންގޮސް ވަރުގަދަ މުޒާހަރާއަކަށްވިއެވެ.

"މުރުޝިދާއަށް އިންސާފު ހޯދަދީ"

"އެންމެނަށް އެއް ގާނޫނެއް..."

އެންމެފަހުން މުޒާހަރާ ސިޔާސީވެ ފުލުހުން އައިސް ކަރުނަ ގޭސްޖަހައިގެން މީހުން އެތަނުން ދުރުކޮށްލިއެވެ.

ފައިސަލް ގެއަށް އައިއިރު ކާދިން ސިޓިން ރޫމްގައި އިންތިޒާރުގައި އިނެވެ. އޭނަގެ މޫނުވަނީ މިލާފައެވެ. އެލޮލުން ފެންނަނީ ހާސް ހިތާމައެވެ. އެކުއްޖާގެ ހިތުގައި އަޅާ ވޭން މައިންބަފައިންނަށްވެސް އިހުސާސެއްނުވެއެވެ. ކާދިންވެސް މުޒާހަރާ ބެލިއެވެ. އެމީހުން ފާޅުކުރަމުން ދިޔަ ޝިއާރުތަކަށް އޭނަގެ ހިތް އެއްބަސްވިއެވެ. އެއީ ހައްގު ބަސްތަކެވެ. އެންމެނާއި ގާނޫނު އަރާ ހަމަކުރެވެން ޖެހޭނެއެވެ. މޮޅުމީހުންނާއި ދަރިންނަށް ވަކި ގާނޫނެއް އޮތުމަކީ އިންސާފެއް ނޫނެވެ.

"ބައްޕާ...އެމީހުންނާއި ވާހަކަދައްކަން ބޭނުން..."

"ތިކަމެއްނުވާނެ..."ފައިސަލްގެ އަޑު ބާރުވިއެވެ.

"އެކަމަކު އެއީ އެންމެ ރަގަޅުގޮތް..."

"މިއާއިލާގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނާނެފަދަ އެއްވެސް އެއްޗެއް ބުނެވިގެންނުވާނެ..."

ކާދިންއަށް ބައްޕަގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލެވުނެވެ. ބައްޕަ ވިސްނަނީ އާއިލާއާއި އަމިއްލަ އިއްޒަތާއިމެދުގައެވެ. އިންސާފު ކޮބާހެއްޔެވެ؟ ހަގީގަތް ކޮބާހެއްޔެވެ؟ ހަގީގަތަށް ފަސްއަޅާ ފޮރުވާ އިންސާފުން އެއްކިބާވެގެން ހުރުމުން ކުށްވެރިޔާއަށް ހަމަޖެހުން ލިބޭނެހެއްޔެވެ؟ ދީނުގައިވެސް އޮންނަނީ ފާފަތަކަށް ހުކުމް ކަނޑައަޅުއްވާފައެވެ. އެއީ އެމީހަކަށް ފާފައިން ނަފުސް ތާހިރުކޮށް ސަލާމަތްވުމަށް ލިބޭ ފުރުސަތެކެވެ. އޭނަ ހިމޭންވިޔަސް ހިތް ވިސްނައިދިނީ އަމިއްލައަށް ކުށަށް އިއުތިރާފުވުމަށެވެ.

***

ކާދިންގެ އަމަލުން މުޅި ރާއްޖެއަށް ޝޮކެއް ލިބުނެވެ. އެއްވެސް މީހަކު އެފަދަ ކަމަކަށް އުއްމީދެއްނުކުރެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު