އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކުރި ހަވާއެރުވުން އެމްއެންޑީއެފުން ކެންސަލް ކުރީ 3 ގަޑިއިރަށްވުމުން!

އައްޑޫގައި މިރޭ އިންތިޒާމުކުރި ހަވާ އެރުވުން ކެންސަލްކޮށްފި -- ސަން ފޮޓޯ/ މޫސާ ނަދީމް

ފިތުރު ޢީދުގެ މުނާސަބަތާ ގުޅުވައި އައްޑޫ ސިޓީ، ހިތަދޫ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމުގެ އެންމެހާ ކަންކަން އިންތިޒާމުކޮށްފައި އޮއްވައި، ތިން ގަޑިއިރަށްވުމުން އެމްއެންޑީއެފުން ހަވާއެރުވުން ކެންސަލްކޮށްފިއެވެ.

އައްޑޫގައި މިރޭ ހަވާ އަރުވަން އޮތީ 20:30ގައެވެ. އެއީ ހިތަދޫ ސެންޓްރަލް ޕާކު އަލުން ތަރައްގީކުރުމަށްފަހު ހުޅުވުމުގެ މުނާސަބަތާ ވެސް ގުޅުވައެވެ.

ނަމަވެސް އެމްއެންޑީއެފުން ހަވާއެރުވުން ކެންސަލްކުރިކަން އެންގީ ހަވީރު 17:45 ހާއިރު ސިފައިންގެ ކުންފުނި ސިފްކޯއިން އެ ކައުންސިލަށް ފޮނުވި އީމެއިލްއަކުންކަން 'ސަން' އަށް ވަނީ އެނގިފައެވެ.

އެ އީމެއިލްގައި ސިފްކޯއިން ބުނި ގޮތުގައި ހަވާއެރުވުމުން ކެންސަލްކުރީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުންނެވެ.

'ސަން' އަށް މައުލޫމާތުދެމުން އައްޑޫ ސިޓީ ކައުންސިލުން ބުނީ އެމްއެންޑީއެފުން ހަވާއެރުވުން ކެންސަލްކުރީ ހަވާއެރުވުމަށް ހުރިހާ އިންތިޒާމެއް ހަމަޖައްސައި، ސެޓް-އަޕް ވެސް ހެދުމަށް ފަހު ކަމަށެވެ.

ހިތަދޫ ސެންޓްރަލް ޕާކު ތަރައްގީކުރަން ކައުންސިލުން ބަޔަކާ ހަވާލުކުރީ 2024ގައެވެ. އަދި މަސައްކަތަށްފަހު މިރޭ އެތަން ހުޅުވުމަށް ވަނީ ބޮޑު ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި 2،000ހަށްވުރެ ގިނަ މީހުންނާއި ކުޑަކުދިން ވަނީ އެ ހަރަކާތުގައި ބައިވެރިވެފައެވެ.

comment ކޮމެންޓް