އީރާނުން ފޮނުވާލި މިސައިލްތަކެއް އިސްރާއީލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ ކަމަށްވާ ހައިފާގެ ބަޒާން ގްރޫޕްގެ ފެސިލިޓީއަށް އަމާޒުވެއްޖެއެވެ. ނަމަވެސް މި ހަމަލާގައި އުމްރާނީ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
އިސްރާއީލުގެ ހަކަތައާ ބެހޭ ވަޒީރު އެލީ ކޯހެން ވިދާޅުވީ، ހައިފާ ސަރަހައްދުގެ ކަރަންޓު ވިއުގައަށް ކޮންމެވެސް ވަރެއްގެ ބުރޫއެރުމެއް އައި ނަމަވެސް، އެއީ މާ ބޮޑު ގެއްލުމެއް ނޫން ކަމަށެވެ. އަދި ކަރަންޓު ކެނޑުނު ގިނަ ސަރަހައްދަކަށް މިހާރު އަލުން ކަރަންޓު ދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިސައިލްގެ ބައިތައް ވެއްޓުމުގެ ސަބަބުން ކާރުޚާނާގައި ރޯވި އަލިފާން ނިއްވުމަށް 15 ފަޔަރފައިޓިންގ ޓީމަކުން ހަރަކާތްތެރިވިއެވެ. އަދި ނުރައްކާތެރި ކެމިކަލް ލީކުވެފައިވޭތޯ ބެލުމަށް ޚާއްޞަ އެސެސްމަންޓެއް ވެސް ވަނީ ހަދާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އިސްރާއީލުގެ މެޑިކަލް ސަރވިސްއިން މަޢުލޫމާތުދެއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. އެ ފަރާތުން ބުނި ގޮތުގައި، ޒަމާނީ ގައިޑެޑް މިސައިލް ބޭނުންކޮށްގެން ހައިފާގެ އިތުރުން އަޝްދޯދުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ވެސް ވަނީ ހަމަލާދީފައެވެ.
މި ހަމަލާތަކަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މި ހަފުތާގެ ކުރީކޮޅު އިސްރާއީލުން ވަނީ އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑަށް ހަމަލާދީފައެވެ. މީގެ ރައްދުގައި އީރާނުން ދަނީ އިސްރާއީލުގެ އިތުރުން ގަލްފުގެ ބައެއް ގައުމުތަކުގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ވެސް ހަމަލާދެމުންނެވެ.
މީގެ އިތުރުން، އިސްރާއީލުގެ އުތުރުގައި އޮންނަ ކިރްޔަތު ޝްމޯނާއަށް ލުބުނާނުގެ ހިޒްބުﷲ އިން ދިން ރޮކެޓް ހަމަލާތަކެއްގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާއިރު، ދެ ފަރާތުން ވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.