ވައިގެމަގުން އައްޑުއަށް 2 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު ހައްޔަރުކޮށްފި

އައްޑުއަށް ވައިގެމަގުން މަސްތުވާތަކެތި އެތެރެކުރި ބިދޭސީ މީހާ: މިމީހާގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންގައި -- ފޮޓޯ/ ޕޮލިސް

އައްޑޫ ސިޓީއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 58 އަހަރުގެ ސަލްދިން ވަލިމޮހްމަދް ރުއްފިން ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު، އައްޑޫ އެއާޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އޮފިސަރުން، އޭނާ ހިފަހައްޓައި ޗެކްކުރި އިރު، ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އެހިސާބުން އޭނާ ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ. އަދި ކޯޓު އަމުރުގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ފަހަކަށް އައިސް މަސްތުވާތަކެތީގެ މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ބިދޭސީންގެ ނިސްބަތް ވަނީ އިތުރުވެފައެވެ. އެގޮތުން މިމަހުގެ ތެރޭގައި ވެސް މަސްތުތާތަކެތީގެ އެކި އެކި މައްސަލަތަކުގައި ނުވަ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

https://sun.mv/218831

ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް މިމަހު ވަނީ އަމަލުކުރަން ފަށާފައެވެ.

އެ އިސްލާހުގައި ވަނީ ދެ ޝަރުތެއް ފުރިހަމަވާނަމަ، މަސްތުވާތަކެތި އެތެރެކުރި މީހާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޝަރުތަކީ އެތެެކުރާ މަސްތުވާތަކެތީގެ ބާވަތާއި އެ ތަކެތީގެ ބަރުދަނެވެ. އަދި ދެވަނަ ޝަރުތަކީ އެ މީހަކާއެކު މަސްތުވާތަކެތި އެތެރެކުރުމެވެ.

މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަނަށް ބަލާއިރު:

  • އެތެރެކުރާ މަސްތުވާތަކެއްޗަކީ 350 ގްރާމަށްވުރެ އިތުރު ކެނެބިސް ކަމުގައިވުން.
  • އެތެރެކުރާ މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު ޑައިމޯފިން ކަމުގައިވުން.
  • އެތެރެކުރާ މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިންގެ އިތުރުން ގާނޫނުގައި ބުނާ ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދަކަށްވުން.
comment ކޮމެންޓް