އެޑްވަޓޯރިއަލް: ދުރުގައި ޝަކުވާކުރަން ނުހުރެ ނާތިޖު މި ނުކުތީ އައްޑުއަށް ބަދަލު ގެންނަން!

އައްޑޫ ސިޓީގެ މެދުވަލު ދާއިރާއަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ނާތިޖް އަލީ --

ކޮންމެ ސިޓީއެއްގައި ވެސް، ކޮންމެ ރަށެއްގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެއެވެ. ބަދަލު ގެންނަން ބޭނުންވާ ކަންކަން ހުންނާނެއެވެ. އައްޑޫ ސިޓީގެ މެދުވަލު ދާއިރާއަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ނާތިޖް އަލީ ނިންމީ މިހެންވެއެވެ. އައްޑޫ ސިޓީން އޭނާއަށް ފެނުނީ ބަދަލު ގެންނަން ޖެހިފައި ހުރި ގިނަ ކަންތައްތަކެކެވެ. މިހާރު އޮތް އައްޑޫ ސިޓީ ކައުންސިލުން އަޅާނުލައި ދޫކޮށްލާފައި އޮތް ގިނަ މައްސަލަތަކެކެވެ. އެހެންވެ ޒުވާނެއްގެ ހައިސިއްޔަތުން އެކަންކަމާ ޝަކުވާކުރަން ކޮފީ މޭޒުތަކުގައި ނީނދެ، ނާތިޖް ނިންމީ ކައުންސިލް ތެރެއިން އެކަންކަން ހައްލުކުރުމަށް ކައުންސިލް މެންބަރުކަމަށް ވާދަކުރާށެވެ.

ކައުންސިލަށް ކުރިމަތިލާން ނިންމި ސަބަބު ހިއްސާކުރަމުން ނާތިޖް ބުނީ، އައްޑުއަކީ ސިޓީއެއް ވިޔަސް ސިޓީއެއް ފެންވަރުގެ ކުރިއެރުމެއް އެތަނުން ފެންނަން ނެތް ކަމަށެވެ. ކައިރީގައި އޮތް އެހެން ސިޓީތަކާ އަޅާ ބަލާއިރު އައްޑޫ ފެންނަނީ ތަރައްގީގައި ފަހަތަށްދާ މަންޒަރުކަމަށް އޭނާ ބުންޏެވެ. އެއީ ކައުންސިލް މެދުވެރިކޮށް ރަނގަޅު ކުރެވޭނެ ގިނަ ކަންކަން އަޅާނުލައި ދޫކޮށްލާފައި އޮތުމުން ވާނެ ގޮތް ކަމަށް އޭނާ ބުންޏެވެ.

"ރަށުގެ މަލަމައްޗަށް ބަލައިލި ކަމުގައި ވިޔަސް، ރަށުގައި ރެގިއުލޭޓް ކުރަން ހުރި ކަންކަމަށް ބަލައިލިޔަސް އެއްވެސް ކަހަލަ ކުރިއެރުމެއް ނެތް. ޕޮލިސީތައް މެއިންޓެއިން ކުރުމުގައިވެސް އެއްވެސް ކަހަލަ އުސޫލެއް ނެތް. އިކޮނިމިކަލް މޫވްމަންޓުތަކެއް ނެތް،" ނާތިޖް ބުންޏެވެ.

"މިހެން ގޮސް ވަރަށް ގިނަ ކަންކަން ދޫކޮށްލެވިފަ ހުރީމަ، ދެން ޒުވާނެއްގެ ހައިސިއްޔަތުން ކްރިޓިސައިޒް ކުރަން ކޮފީ މޭޒު ދޮށުގައި ތިބުމުގެ ބަދަލުގައި ބޭނުންވީ ނުކުމެފަ، މަސައްކަތްކޮށްގެން ރަނގަޅު ބަދަލުތަކެއް ގެންނަން،" ނާތިޖް ބުންޏެވެ.

އައްޑޫ ސިޓީއަށް އުފަން ނާތިޖް، އައްޑޫ ސްކޫލުތަކުން ތައުލީމު ހާސިލުކުރުމަށްފަހު، އެ ސިޓީގައި ކުޅިވަރު ކުރިއެރުވުމަށް މީގެ ކުރިންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ. އެގޮތުން ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮގުރާމުތައް ހިންގުމާއި، ކުޅިވަރު މުބާރާތްތައް ހިންގުމުގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް އޭނާ ވަނީ ކޮށްފައެވެ. ނާތިޖްގެ މުޅި އާއިލާ މިހާރު އައްޑޫ ސިޓީގައި ދިރިއުޅެމުން އަންނައިރު، އޭނާ ބޭނުންވަނީ މެދުވަލު ދާއިރާއަށާއި މުޅި ރަށަށް ކުރިއެރުން ގެންނާށެވެ.

ނާތިޖް، ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އަޒާން މަރްޒޫޤާއެކު --

އައްޑުއަށް ގެންނަން ހުރީ މުހިންމު ބަދަލުތަކެއް!

ކައުންސިލްކަމަށް ހޮވިއްޖެނަމަ ރަށުގެ ކުރިއެރުމާއި ރައްޔިތުންނަށް ކައުންސިލް މެދުވެރިކޮށް ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ނާތިޖްގެ މުހިންމު ޕްލޭނެއް އެބަ އޮތެވެ. ވަކި ވަކި ދާއިރާތަކަށް ޚާއްސަކޮށްގެން ގެންނަން ބޭނުންވާ ބަދަލުތައް އެބަ ހުއްޓެވެ. ނާތިޖް ބުނި ގޮތުގައި ކައުންސިލަށް ހޮވިއްޖެނަމަ މަސައްކަތް ކުރާނީ މުޅި އައްޑޫގެ ކުރިމަގަށެވެ.

1. ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ލުއިފަސޭހަކުރުން:

ނާތިޖް ބުނި ގޮތުގައި އައްޑޫ ސިޓީ ކައުންސިލުން ޚިދުމަތް ހޯދުމުގެ ހުރިހާ ކަމެއް މިހާރު މެނުއަލްކޮށް ކުރަން ޖެހުމަކީ ރައްޔިތުންނަށް ތަކުލީފެކެވެ. ކައުންސިލުން ޚިދުމަތެއް ހޯދަންވެސް، ޝަކުވާއެއް ހުށަހަޅަން ޖެހުނަސް ރައްޔިތުން ޖެހެނީ ކައުންސިލް އިދާރާއަށް ދާށެވެ. އޭގެ ބަދަލުގައި ޑިޖިޓަލްކޮށް ގޭގައި ހުރެގެން ނުވަތަ ކޮންމެ ތަނެއްގައި ހުރެގެން ވެސް ކައުންސިލަށް ޝަކުވާ ހުށަހެޅުމާއި ކައުންސިލްގެ ޚިދުމަތްތަކަށް އެދެވޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ނާތިޖް ބުންޏެވެ.

"ކައުންސިލުގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލައިޒްކޮށް، ރަށްޔިތުންނަށް ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރަން ބޭނުން. މިހާރު މިއޮންނަނީ ވަރަށް މެނުއަލްކޮށް އުސޫލުތަކެއް، ޚިދުމަތަކަށް އެދުމާއި ޝަކުވާ ހުށަހެޅުމުގައި ވެސް. ކައުންސިލަށް ގޮސް އެތަނުގައި ތިބެގެން ކުރަން ޖެހެނީ،" ނާތިޖް ބުންޏެވެ.

އޭގެ ބަދަލުގައި ޑިޖިޓަލް މި ޒަމާނުގައި ގޭގައި ތިބެގެންވެސް ނުވަތަ ކޮންމެ ތަނަކު ހުރެގެންވެސް ކައުންސިލުން ލިބެންޖެހޭ ޚިދުމަތްތައް ލިބޭނެ އިންތިޒާމު ގާއިމުކުރާނެ ކަމަށް އޭނާ ބުންޏެވެ.

2. ކުޅިވަރު ކުރިއެރުވުން:

ނާތިޖް ބުނި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރަށުގެ ކުޅިވަރު ކަލަންޑަރެއް ވެސް އެކުލަވާލާފައެއް ނެތެވެ. އެހެންކަމުން ކައުންސިލަށް ހޮވިއްޖެނަމަ، ކުޅިވަރު ކަލަންޑަރެއް ހެދުމުގައި ޖަމިއްޔާތަކާ އެސޯސިއޭޝަންތަކާއެކު މަސައްކަތްކޮށް އެފަދަ ކަލަންޑަރެއް ގާއިމުކުރުމަށްފަހު އައްޑޫގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ކުޅިވަރު އިތުރަށް ހަރުދަނާ ކުރުމަށްފަހު ކުޅިވަރުގެ ތެރެއިން ރަށަށް އިގްތިސޯދީ ކުރިއެރުން ހޯދުން ވެސް އަދި ކުޅިވަރުގެ ތެރެއިން އިތުރު ހުނަރުވެރި ޒުވާނުން ނެރެވޭތޯ ވެސް ކައުންސިލު މެދުވެރިކޮށް މަސައްކަތް ކުރާނަން،" ނާތިޖް ބުންޏެވެ.

އައްޑޫ ސިޓީގެ މެދުވަލު ދާއިރާއަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ނާތިޖް އަލީ --

3. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުން:

ކައުންސިލަށް ހޮވިއްޖެނަމަ އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދޭނެ ކަމަށް ނާތިޖް ބުންޏެވެ.

"އައްޑޫގެ އިގްތިސާދީ ކުރިއެރުން ނުވަތަ އިކޮނޮމިކަލް ސައިޑުން ބަލާއިރު، ރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ޕްލެޓްފޯމުތައް ހޯދައިދިނުމާއެކު އެމީހުންގެ ޝަކުވާ އަޑުއަހައި އެމީހުން ބޭނުންވާ ކަންކަން ދެނެގަނެ އެ ވިޔަފާރިތަކަށް ކައުންސިލް މެދުވެރިކޮށް ފަހި ފުރުސަތުތައް ހޯދައިދޭނަން،" ނާތިޖް ބުންޏެވެ.

4. ޕާކުތަކާއި ގްރީން ސްޕޭސްތައް ތަރައްގީކުރުން:

އައްޑޫ ސިޓީގެ ގްރީން ސްޕޭސްތަކާއި ޕާކުތައް މިހާރު އޮތީ އެއްވެސް ވަރަކަށް މެއިންޓެއިން ނުކުރެވި ކަމަށް ނާތިޖް ބުންޏެވެ.

"މިހާރު ކައުންސިލުން ޕާކު ހަދާފަ، ތިން މަސް ފަހުން ބަލާއިރު ޕާކު އޮންނަނީ އެއްކޮށް ހަލާކުވެފަ. ގަސްތަކާ އެއްޗިހި މެއިންޓެއިން ނުކުރެވި، ކުޑަކުދިންނަށް އެތަނުގައި އެންޖޯއީކޮށް ހެދޭނެ މާހައުލެއް މިހާރަކު ނޯވޭ. އެހެންވީމަ ގްރީން ސްޕޭސްތައް ތަންކޮޅެއް ރަނގަޅަށް ތަރައްގީކުރުމަށްވެސް ފޯކަސް ކުރާނަން،" ނާތިޖް ބުންޏެވެ.

އެހެންވެ، ކައުންސިލަށް ހޮވިއްޖެނަމަ އެފަދަ ޕާކުތަކާއި ގްރީން ސްޕޭސްތައް ގާއިމުކުރުމުގައި ވެސް ވަށާޖެހޭ ހައްލުތަކާއެކު އެތަންތަން ގާއިމުކުރުމަށް އިސްކަންދޭނެ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ޕާކެއް ހަދާއިރު އެތަނުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭނެ ގޮތާއި، އެތަން ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކޮށް ޕާކުތައް ތަރައްގީކުރުމަށް އިސްކަންދޭނެ ކަމަށް އޭނާ ބުންޏެވެ.

5. ކުނީގެ މައްސަލަ ހައްލުކުރުން:

ނާތިޖް ބުނި ގޮތުގައި އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ކައުންސިލަށް ރަށް މެއިންޓެއިން ނުކުރެވޭ ކަމުގެ ޝަކުވާއެވެ.

އެގޮތުން ކުނި ނަގައި ރަށުތެރޭގެ މަގުތައް ސާފުކޮށް ނުބެލެހެއްޓުމާއި، ފްރީ ސްޕޭސްތަކުގައި ހުންނަ ތަންތަން ހަޑިވެފައި ހުރުމާއި، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް ހުސްނުކުރުމާއި ރަށުތެރެ ގޮނޑުވުމަކީ އައްޑޫ ރައްޔިތުންގެ މައިގަނޑު އެއް ޝަކުވާއެވެ.

"ގިނަ ފަހަރު މަގުގެ އަރިމަތީގައި ހުންނަ ވިނަތައް ދިގުވެގެން އެބަ އާދޭ މަގުގެ މެދާ ހިސާބަށް، އަންނައިރުވެސް ކައުންސިލުން އެތަންތަން ސާފުނުކޮށް ހުންނަ މައްސަލަ ގިނަ މީހުން ޖައްސާ. އެކަމަށް ޓޯޓަލް ސޮލިއުޝަނެއް ބޭނުންވޭ،" ކައުންސިލަށް ހޮވިއްޖެނަމަ އެފަދަ ހުރިހާ ކަންކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެމުން ނާތިޖް ބުންޏެވެ.

ނާތިޖް ބުނި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ރައްޔިތުން ބޭނުންވާ ބަދަލުތައް ރަށަށް ގެނެސްދޭނެ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކެންޑިޑޭޓުން އިންތިޚާބު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައެވެ.

"މެދު ދާއިރާ ރަށްޔިތުން އަޅުގަނޑު ދާއިރާއަށް އިންތިޚާބުކޮށް ދީފިނަމަ މަސައްކަތް ކުރާނީ މުޅި ރަށުގެ ތަރައްގީއަށް. ރަށުގެ ހުރި މައްސަލަތަކަށް ވަށާޖެހޭ ހައްލުތަކެއް ހޯދައިދީގެން ޓޯޓަލް ސޮލިއުޝަނަކަށް ދިއުމަށް މަސައްކަތް ކުރާނީ. އެއީ މިސާލަކަށް އިގްތިސޯދީ ވިޔަސް، އަދި އިޖްތިމާއީ ވިޔަސް އަދި އުމްރާނީ ވިޔަސް، ކޮންމެ ދާއިރާއަކުންވެސް ތަރައްގީއާއި، ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ފަރާތުން ކައުންސިލުގައި ވަކާލާތުކޮށް ދޭނަން،" ނާތިޖް ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު