އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ވަކިވަކިން ހައްޔަރު ކުރި ދެ މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށް ވުރެ ގިނަ ރުފިޔާ އާ އެކު މިދިޔަ ފެބުރުއަރީ މަހު ހައްޔަރު ކުރި މީހަކީ ލ. ހިތަދޫ / ހަފުލާ، އުމުރުން 21 އަހަރުގެ ޢަލީ މުފާވިޒެވެ. އޭނާގެ ބަންދަށް އެންމެ ފަހުން ކޯޓުން ޖެހީ 30 ދުވަހެވެ.
އޭނާއަކީ، ގޭންގު ކްރައިމް ސަޕްރެޝަންއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހެއްގެ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.
މުފާވިޒު ހައްޔަރުކޮށް، މާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 614 ގުރާމްގެ ތަކެއްޗާއި 125،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން ބައި ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި ދެވަނަ މީހަކީ، ހުޅުމާލޭގައި ހުންނަ ސިފައިންގެ ފްލެޓުން ހައްޔަރު ކުރި، ހުޅުމާލެ ސިފްކޯހިޔާ 0801 ބީ، މާލެ، އުމުރުން 22 އަހަރުގެ އިބްރާހީމް ޢަމްރު ތައުފީގެވެ.
އޭނާގެ ބަންދަށް އެންމެ ފަހުން ޖެހީ 20 ދުވަހެވެ. އޭނާ ފުރަތަމަ ހައްޔަރު ކުރީ ޖަނަވަރީ މަހުގެ ތެރޭގައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން ކުރިންވަނީ ބުނެފައެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 500 ގުރާމްގެ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.