އޯޕަންއޭއައި އިން 'ޖީޕީޓީ-5.4 މިނީ' އަދި 'ނޭނޯ' ތަޢާރަފުކޮށްފި

މި މޮޑެލްތަކުގެ އެންމެ ޚާއްޞަ ކަމަކީ 'ސަބް-އޭޖެންޓުން' ހޭންޑަލް ކުރުމުގެ ޤާބިލުކަން ހުރުން ---

އޯޕަންއޭއައި އިން އެކުންފުނީގެ ޖީޕީޓީ-5.4 އާއިލާއަށް ނިސްބަތްވާ އައު ދެ އޭއައި މޮޑެލްއެއް އަންގާރަ ދުވަހު ތަޢާރަފުކޮށްފިއެވެ.

"ޖީޕީޓީ-5.4 މިނީ" އަދި "ޖީޕީޓީ-5.4 ނޭނޯ" ގެ ނަން ދީފައިވާ މި ދެ މޮޑެލްއަކީ މި އާއިލާގެ ބޮޑެތި މޮޑެލްތަކާ އަޅާބަލާއިރު މާ އަވަސް، އަދި ލޯ-ލޭޓެންސީ މަސައްކަތްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ދެ މޮޑެލްއެވެ.

މި މޮޑެލްތަކުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ކޯޑިންގ އަށް މޮޅުވުމާއި، ކޮމްޕިއުޓާ ޔޫސް ފީޗާތަކާއި، މަލްޓިމޯޑަލްކޮށް މަޢުލޫމާތު ދެނެގަތުމުގެ އިތުރުން ސަބް-އޭޖެންޓުން ހޭންޑަލްކުރުން ހިމެނެއެވެ.

https://sun.mv/218772

އިންޕުޓް އަދި އައުޓްޕުޓް ޓޯކަންތަކުގެ އަގު ހެޔޮވުމުގެ ސަބަބުން، ޑިވެލޮޕަރުންނަށް މި މޮޑެލްތައް ބޭނުންކުރުން ވެގެންދާނީ ޚަރަދުކުޑަ ކަމަކަށެވެ.

އޯޕަންއޭއައިގެ ބްލޮގް ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުން ޖީޕީޓީ-5.4 މިނީ މިހާރު އޭޕީއައި، ކޯޑެކްސް އަދި ޗެޓްޖީޕީޓީ މެދުވެރިކޮށް ލިބެން ހުންނާނެއެވެ. 400،000 ޓޯކަންގެ ކޮންޓެކްސްޓް ވިންޑޯއެއް ހިމެނޭ މި މޮޑެލްއަށް ޓެކްސްޓާއި ފޮޓޯ އިންޕުޓްކުރެވޭނެއެވެ. އަދި ޓޫލް ޔޫސް، ފަންކްޝަން ކޯލިން، ވެބް އަދި ފައިލް ސާޗްގެ އިތުރުން ކޮމްޕިއުޓާ ޔޫސްގެ ޤާބިލުކަން ލިބިގެންވެއެވެ.

މި މޮޑެލްގެ އަގަކީ އެއް މިލިއަން އިންޕުޓް ޓޯކަންއަށް 0.75 ޑޮލަރު، އަދި އެއް މިލިއަން އައުޓްޕުޓް ޓޯކަންއަށް 4.50 ޑޮލަރެވެ.

ޗެޓްޖީޕީޓީގެ ހިލޭ އަދި 'ގޯ' ޓިއާ ބޭނުންކުރާ ފަރާތްތަކަށް މި މޮޑެލް 'ތިންކިން' ފީޗާ މެދުވެރިކޮށް ލިބޭއިރު، އެހެން ޓިއާތައް ބޭނުންކުރާ ފަރާތްތަކަށް ޖީޕީޓީ-5.4 ތިންކިންގެ ރޭޓް ލިމިޓް ހަމަވުމުން ދެން ބޭނުންކުރެވޭނީ (ފޯލްބެކް މޮޑެލްއެއްގެ ގޮތުގައި) މި މޮޑެލްއެވެ.

ޖީޕީޓީ-5.4 ނޭނޯ އަށް ބަލާއިރު، މިއީ މިވަގުތު ހަމައެކަނި އޭޕީއައި މެދުވެރިކޮށް ލިބޭ މޮޑެލްއެކެވެ. މީގެ އަގަކީ އެއް މިލިއަން އިންޕުޓް ޓޯކަންއަށް 0.20 ޑޮލަރު އަދި އެއް މިލިއަން އައުޓްޕުޓް ޓޯކަންއަށް 1.25 ޑޮލަރެވެ.

މި ދެ މޮޑެލްއަކީވެސް އަވަސް އަދި ތަކުރާރުކޮށް ކުރަންޖެހޭ ކޯޑިން މަސައްކަތްތަކަށް ވަރަށް ބޮޑަށް ޚާއްޞަކުރެވިފައިވާ މޮޑެލްތަކެކެވެ.

އޯޕަންއޭއައި އިން ބުނާ ގޮތުގައި ކޯޑުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ކޯޑްބޭސް ނެވިގޭޓްކުރުމާއި، ފްރަންޓް-އެންޑް ޖެނެރޭޓްކުރުމުގެ އިތުރުން ޑީބަގް ކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް މި މޮޑެލްތަކުން ކޮށްދޭނެއެވެ. އަދި 5.4 މިނީ މޮޑެލް ވަނީ ކުރީގެ ޖީޕީޓީ-5-މިނީ އަށްވުރެ ގިނަ ދާއިރާތަކުން ކުރިއަރާފައެވެ.

މި މޮޑެލްތަކުގެ އަނެއް ޚާއްޞަ ކަމަކީ 'ސަބް-އޭޖެންޓުން' ހޭންޑަލް ކުރުމުގެ ޤާބިލުކަމެވެ. ބޮޑެތި އޭއައި މޮޑެލްތަކުން ޕްލޭންކުރުން ފަދަ އުނދަގޫ އަދި ކޮމްޕްލެކްސް މަސައްކަތްތައް ކުރާއިރު، އޭގެ ދަށުން ކުރަންޖެހޭ ކުދިކުދި (ސަބް-ޓާސްކް) މަސައްކަތްތައް އެއްފަހަރާ ކުރުމުގެ ޤާބިލުކަން މި ކުދި މޮޑެލްތަކަށް ލިބިގެންވެއެވެ.

އޯޕަންއޭއައި އިން ބުނެފައިވާ ގޮތުގައި މީގެ ސަބަބުން ޑިވެލޮޕަރުންނަށް، ހުރިހާ ކަމެއް އެންމެ މޮޑެލްއަކަށް ބަރޯސާ ނުކޮށް، އެކި މޮޑެލްތައް ގުޅިގެން މަސައްކަތްކުރާ ނިޒާމުތައް ފަރުމާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން 'އޯއެސްވޯލްޑް-ވެރިފައިޑް' ބެންޗްމާކުގައި ކޮމްޕިއުޓަރ ޔޫސް ޓާސްކްތަކުން މިނީ މޮޑެލް ވަނީ ބޮޑު މޮޑެލް ކަމަށްވާ ޖީޕީޓީ-5.4 އާ ގާތްކުރާ ވަރުގެ ރަނގަޅު ނަތީޖާއެއް ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު