ސްޓްރޯކްޖެހޭ ވަގުތު އަމަލުކުރާނީ ކިހިނެއް؟

ސްޓްރޯކް ޖެހޭ ވަގުތު ކޮންމެ މިނެޓަކީ މުހިންމު މިނެޓެއްކަމަށް ހިތުގެ ޚާއްޞަ ސާޖަން ޑރ. ޖެރެމީ ލަންޑަން ވަނީ ވިދާޅުވެފައި--ފޮޓޯ/ގޫގްލް

ފަންސަވީސް އަހަރުގެ ތަޖުރިބާހުރި ހިތުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރަކު، ސްޓްރޯކް ޖެހޭ ވަގުތު ކޮންމެ މިނެޓަކީ މުހިންމު މިނެޓެއްކަމަށް ވިދާޅުވެ، ދުވަހަކުވެސް ފަރުވާކުޑަކޮށްލައިގެން ނުވާނެ ނިޝާންތަކަކަށް ސަމާލުވުމަށް އިންޒާރު ދެއްވައިފިއެވެ.

ސްޓްރޯކަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން މީހުން މަރުވުމަށާއި ނުކުޅެދުންތެރިކަން މެދުވެރިވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. ވޯލްޑް ސްޓްރޯކް އޯގަނައިޒޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ނިސްބަތުން 25 އަހަރުން މަތީގެ ކޮންމެ ހަތަރު މީހަކުން އެކަކަށް އޭނާގެ ހަޔާތުގައި ސްޓްރޯކެއް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.

މި އަހަރުގެ ތެރޭގައި އެކަނި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން 12 މިލިއަނަށްވުރެ ގިނަ މީހުންނަށް އަލަށް ސްޓްރޯކް ޖެހޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރެއިން 6.5 މިލިއަން މީހުން މަރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ސްޓްރޯކް އޯގަނައިޒޭޝަނުން ވަނީ ހާމަކޮށްފައެވެ.

ސްޓްރޯކް ނުވަތަ "ބްރެއިން އެޓޭކް" އަކީ ފުރާނައަށް ނުރައްކާތެރި ހާލަތަކަށް ވާތީ، މިއާ ބެހޭ މަޢުލޫމާތު ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. މިއީ ތިމާ ނުވަތަ ތިމާގެ ލޯބިވާ މީހަކަށް ދިމާވާ ހާލަތެއްގައި، ފަސްޖެހުމެއް ނެތި އަވަހަށް ފަރުވާ ހޯދުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ސްޓްރޯކްގެ ނިޝާންތައް ފަސޭހައިން ހަނދާން ބެހެއްޓުމަށްޓަކައި ޑރ. ޖެރެމީ އިރުޝާދު ދެއްވަނީ 'BE FAST' މި ލަފުޒުތައް ހަނދާނުގައި ބެހެއްޓުމަށް--ފޮޓޯ/ގޫގްލް

އިއްޔެގެ ވަގުތެއްގައި އަމިއްލަ ރަސްމީ އިންސްޓަގްރާމްގައި ކުރެއްވި ޕޯސްޓެއްގައި، 25 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ހިތުގެ ޚާއްޞަ ސާޖަން ޑރ. ޖެރެމީ ލަންޑަން ވަނީ ސްޓްރޯކްގެ ނިޝާންތަކާއި އެފަދަ ހާލަތެއްގައި ކަންތައް ކުރަންވީ ގޮތް ތަފްޞީލުކޮށްދެއްވާފައެވެ.

ޖޯންސް ހޮޕްކިންސް މެޑިސިންއިންއާ ހަވާލާދީ ޑރ. ޖެރެމީ ލަންޑަން ހާމަކުރެއްވި ގޮތުގައި، ސްޓްރޯކަކީ ކުއްލި ސިއްޙީ އެހީތެރިކަން ބޭނުންވާ ހާލަތެކެވެ.

ސިކުނޑި ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި މެދުނުކެނޑި އޮކްސިޖަނާއި ހަކަތަ ބޭނުންވެއެވެ. ނަމަވެސް، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ސިކުނޑިއަށް ލޭ ފޮނުވައިދޭ މިންވަރު މަދުވެއްޖެނަމަ ނުވަތަ މެދުކެނޑިއްޖެނަމަ ސްޓްރޯކެއް ކުރިމަތިވެއެވެ. އެހެންކަމުން، ސަމާލުވާންވީ ކޮން ނިޝާންތަކަކަށް ކަމާއި އަދި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރާގެ ގޮތް ޑރ. ޖެރެމީ ލަންޑަން ވަނީ ކިޔައިދެއްވާފައެވެ.

ޑރ. ޖެރެމީ ވިދާޅުވާ ގޮތުގައި، ސްޓްރޯކެއް ދިމާވަނީ ސިކުނޑިއަށް ލޭ ފޯރުކޮށްދޭ ނާރެއް ބެދުމުން ނުވަތަ ނާރެއް ފަޅައިގެން ގޮސް ލޭ އޮހުރުމުގެ ސަބަބުން، ސިކުނޑިއަށް ލޭ ދައުރުވުން ކުއްލިއަކަށް ހުއްޓުމުންނެވެ. މިގޮތަށް ދިމާވުމުން ސިކުނޑީގެ ސެލްތައް މަރުވާން ފަށައެވެ. އެހެންކަމުން، ސްޓްރޯކެއް ޖެހޭ ވަގުތު ކޮންމެ މިނެޓަކީ ވަރަށް އަގުހުރި ވަގުތެކެވެ.

ސްޓްރޯކްގެ ނިޝާންތައް ފަސޭހައިން ހަނދާން ބެހެއްޓުމަށްޓަކައި ޑރ. ޖެރެމީ އިރުޝާދު ދެއްވަނީ 'BE FAST' މި ލަފުޒު ހަނދާނުގައި ބެހެއްޓުމަށެވެ. މީގެން ކޮންމެ އަކުރަކުން ރަމްޒުކޮށްދެނީ ޚާއްޞަ ނިޝާނެކެވެ.

B (Balance): ހަށިގަނޑުގެ ބެލެންސް ގެއްލުން ނުވަތަ ބޯ އެނބުރުން.
E (Eyes): ފެނުމަށް ކުއްލި ބަދަލެއް އައުން (ފެނުން މުޅިން ހުއްޓުން ނުވަތަ އެކަތި ދޭތި ގޮތަށް ފެނުން).
F (Face): މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ މޫނުގެ ބައްޓަމަށް ބަދަލު އައުން.
A (Arm): އަތުގެ ބާރުދެރަވުން ނުވަތަ އަތް މައްޗަށް ނުއުފުލޭ ގޮތްވުން.
S (Speech): ވާހަކަދައްކަން އުނދަގޫވުން، ދައްކާ ވާހަކަ ސާފުނުވުން ނުވަތަ ބުނަން ބޭނުންވާ ބަސް ހަނދާން ނެތުން.
T (Time): ވަގުތުން އެމްބިއުލަންސަށް ނުވަތަ ކުއްލި އެހީއަށް ގުޅަންވީ ވަގުތު.

ޑޮކްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ މުހިންމު ކަމަކީ އަމިއްލައަށް ކާރު ދުއްވާފައި ނުވަތަ އެހެން މީހަކު ލައްވާ އަމިއްލަ އުޅަނދެއްގައި ހޮސްޕިޓަލަށް ނުދިއުމެވެ.

އޭގެ ބަދަލުގައި އެމްބިއުލަންސް ބޭނުންކުރުން މުހިންމީ، އެމްބިއުލަންސް ތެރޭގައި ފަރުވާ ފެށޭނެތީ އާއި ހޮސްޕިޓަލަށް ދިއުމުގެ ކުރިން ސްޓްރޯކް ޓީމަށް އެކަން އަންގައި ތައްޔާރުވާން ވަގުތު ލިބޭނެތީއެވެ.

"ވަގުތު ސަލާމަތްކުރުމަކީ ސިކުނޑީގެ ޓިޝޫތައް ހަލާކުވުމުން ސަލާމަތްކުރުމެވެ. އެހެންކަމުން 'BE FAST' ހަނދާން ބަހައްޓައި، ވަގުތުން ކުއްލި އެހީއަށް ގުޅާށެވެ،" ޑޮކްޓަރު އިރުޝާދު ދެއްވާފައިވެއެވެ.

ޑރ. ޖެރެމީ ލަންޑަން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ސިއްހީ މައުލޫމާތުތައް އެއްކުރެވިފައިވީ ނަމަވެސް މިފަދަ ސިއްހީ މައްސަލަތަކާ ގުޅިގެން ކަމުގެ ހާއްސަ ޑޮކްޓަރުންގެ ލަފާ އާއި މަޝްވަރާ ހޯދުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު