މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން "އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދު" އަށް ގެނައި އިސްލާހާއެކު އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ނަންބަރު ބޯޑު ހަރުކުރަން އިއްޔެއިން ފެށިގެން 60 ދުވަސް ދީފިއެވެ.
އާ އިސްލާހުގައި އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށާއި އުޅަނދު ރަޖިސްޓްރީކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އާ ފިޔަވަޅުތަކެއް ތައާރަފުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
މި އިސްލާހުގެ ދަށުން، އިލެކްޓްރިކް އުޅަނދުތަކުގައި ދެން ބޭނުންކުރަން ޖެހޭނީ ފެހި ކުލައިގެ ނަންބަރު ބޯޑެވެ. މިއީ މަގުމަތީގައި ދުއްވާ އާދައިގެ އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނައި ބަދަލެކެވެ. މި ބަދަލަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ބަދަލަށް އަމަލުކުރުމަށް، މިހާރު ރަޖިސްޓްރީކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ފެހި ކުލައިގެ ބޯޑަށް ބަދަލުކުރުމަށް، މި އިސްލާހު ގެޒެޓްކުރި ތާރީޚު ކަމަށްވާ، އިއްޔެއިން ފެށިގެން 60 ދުވަހުގެ މުއްދަތެއް އުޅަނދުތަކުގެ ވެރިންނަށް ލިބޭނެއެވެ.
މީގެ އިތުރުން، ބައެއް ބަރު އުޅަނދުތައް ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށްވުރެ ލުއިފަސޭހަވާނެ ގޮތްތަކެއްވެސް މި އިސްލާހުގެ ދަށުން ވަނީ ތައާރަފުކޮށްފައެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މަސައްކަތް ކުރަމުންދަނީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއެކު، މުޅި ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.