އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން އީރާނުން މުބާރާތުގައި ބައިވެރިނުވެދާނެކަމުގެ އަޑުތަކެއް ފެތުރިފައިވީ ނަމަވެސް، ރަސްމީކޮށް އެފަދަ އެންގުމެއް ލިބިފައިނުވާކަމަށް އޭއެފްސީން ހާމަކޮށްފިއެވެ.
އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމު ވަކިވާން ނިންމާފައިވާކަމުގެ އެއްވެސް ރަސްމީ އެންގުމެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ޖޫން 11 ވަނަ ދުވަހު ފަށާ 48 ޓީމު ހިމެނޭ މި މުބާރާތަށް އީރާނުން ވަނީ ކޮލިފައިވެފައެވެ. އަދި ގްރޫޕް ސްޓޭޖުގައި ލޮސް އެންޖެލިސްގައި ދެ މެޗު އަދި ސިއެޓަލްގައި އެއް މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.
އިޒރޭލާ ގުޅިގެން އެމެރިކާއިން އީރާނަށް ދިން ވައިގެ ހަމަލާތަކެއްގައި އީރާނުގެ އެންމެ އިސް ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން، އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު ވަނީ މި ހާލަތުގައި ކުޅުންތެރިންނަށް މުބާރާތުގައި ބައިވެރިވުމަކީ ނާދިރު ކަމެއްކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވެފައިވަނީ އީރާނަށް ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު އޮތް ނަމަވެސް، ކުޅުންތެރިންގެ ފުރާނައާއި ރައްކާތެރިކަމަށް ބަލާއިރު އެ ގައުމަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ވިންޑްސަރ ޖޯން ވިދާޅުވީ މިއީ ވަރަށް ނާޒުކު އަދި ޖަޒުބާތީ ދަނޑިވަޅެއް ކަމަށާއި، ތަފާތު އެކި ވާހަކަތައް ދެކެވެމުންދާ ކަމަށެވެ. ނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި މުބާރާތުގައި ކުޅުމާމެދު ގޮތް ނިންމާނީ އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުންނެވެ. އަދި މިހާތަނަށް އައިއިރު އެ ފެޑެރޭޝަނުން ވަނީ ވޯލްޑް ކަޕަށް ދާނެކަން އަންގާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނަކީ އޭއެފްސީގެ މެމްބަރެއް ކަމަށާއި، އެ ޓީމު ކުޅެން ބޭނުންވާ ކަމަށެވެ. އަދި އީރާނުން މުބާރާތަށް ކޮލިފައިވެފައިވާތީ، މައްސަލަތައް ހައްލުވެ، މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއީ ފަހުގެ ތާރީހެއްގައި ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ގައުމަކުން ރަސްމީކޮށް ވަކިވާ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އީރާނުގެ ބަދަލުގައި އެހެން ޓީމެއް ހޯދުމުގެ ބޮޑު މަސްއޫލިއްޔަތަކާ ފީފާއިން ކުރިމަތިލާން ޖެހޭނެއެވެ.
އީރާނުން މުބާރާތުން ވަކިވާން ނިންމައިފިނަމަ، އެ ޓީމުގެ ބަދަލުގައި އެހެން ޓީމެއް ހަމަޖެއްސުމަށް ފީފާއަށް އެކަށީގެންވާ ވަގުތު ލިބޭނެކަން އަދި ކަށަވަރެއް ނޫނެވެ.
ބަދަލުގައި ގެނެވިދާނެ އެއް ގޮތަކީ، އޭޝިއާ ބައްރުން މުބާރާތަށް ކޮލިފައިނުވާ ޓީމުތަކުގެ ތެރެއިން ރޭންކިންގގެ އެންމެ ކުރީގައި އޮތް ޓީމަށް ފުރުސަތު ދިނުމެވެ. އަނެއް ގޮތަކީ، އީރާން ހިމެނޭ ގްރޫޕް ޖީ ގައި ހަތަރު ޓީމުގެ ބަދަލުގައި ތިން ޓީމާއެކު ހާއްސަ އުސޫލުތަކެއްގެ ދަށުން މެޗުތައް ކުރިއަށް ގެންދިއުމެވެ.