އެފްއޭއެމް ވެޓަރަންސް މުބާރާތުގެ ޗެމްޕިއަންކަން ވިލިމާލެއަށް

އެފްއޭއެމް ވެޓަރަންސް ކަޕް 2026 ގެ ޗެމްޕިއަންކަަން ހޯދި ވިލިމާލެ ޔުނައިޓެޑް-- ސަން ފޮޓޯ: އާއިޝް އަޝްރަފް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ ވެޓަރަންސް މުބާރާތުގެ ޗެމްޕިއަންކަން ވިލިމާލެ ޔުނައިޓެޑުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ވިލިމާލޭން ހޯދީ ފައިނަލުގައި ހުޅުމާލޭ ވެޓަރަންސްއާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

އެފްއޭއެމް ވެޓަރަންސް ކަޕް 2026 ގެ ފައިނަލް މެޗުގެ ތެރެއިން-- ސަން ފޮޓޯ: އާއިޝް އަޝްރަފް

ދެ ޓީމުގެ ފަރާތުންވެސް މުޅި މެޗުގައި ފެނުނީ މޮޅު ކުޅުމެކެވެ. ހާއްސަކޮށް ވިލިމާލޭގެ ކުޅުން ފާހަގަކޮށްލެވެއެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ރަޝީދެވެ. މެޗުގެ 16 ވަނަ މިނެޓުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ ފަރުހާދު އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަކުންނެވެ.

ހުޅުމާލޭ ވެޓަރަންސް ވަނީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިފަހަރުގެ މުބާރާތުގައި އެ ޓީމު ބަލިވީ ހަމައެކަނި ފައިނަލުގައި ވިލިމާލެ އަތުންނެވެ.

އެފްއޭއެމް ވެޓަރަންސް ކަޕް 2026 ގެ ފައިނަލް މެޗުގެ ތެރެއިން-- ސަން ފޮޓޯ: އާއިޝް އަޝްރަފް

ވެޓަރަންސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވިލިމާލެ ޔުނައިޓެޑްގެ ހަސަން ސޮލާހު (ހައްޓޭ) ހޮވުނުއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ވިލިމާލެ ޔުނައިޓެޑްގެ ހުސެއިން ޝިމާޒް (ކޮކީ) އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި އަށް ލަނޑު ޖަހާފައެވެ.

ޖުމްލަ ދިހަ ޓީމާއެކު ބޭއްވި މިއަހަރުގެ ވެޓަރަންސް މުބާރާތަކީ ދިގު މުއްދަތަކަށްފަހު އެފްއޭއެމުން އިންތިޒާމުކޮށްގެން ބޭއްވި މުބާރާތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު