ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބޮޑު ބަދަލާ ގުޅިގެން، ރާއްޖޭގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގުތައް މަތިވެ، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރާ އަމިއްލަ ލޯންޗުފަހަރުގެ ޓިކެޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެއެވެ.
މި ބަދަލު އައިސްފައިވަނީ ކުރިއަށް އޮތް ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ ރޯދަމަސް ފެށުނުތަނާހެން އިސްރާއީލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ފެށުނު ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.
މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ބާޒާރުގައި ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ތެލުގެ އަގަށެވެ. ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެފްއެސްއެމް އިން ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ.
އޭގެ ތެރޭގައި ރަށްރަށަށް ތެޔޮ ޑެލިވަރީ ކޮށްދޭ އަގުތަކާއި، ބައުޒަރުން ޖެޓީއަށް ގޮސް ތެޔޮ އަޅައިދޭ އަގުތައް ވެސް ވަނީ މަތިކޮށްފައެވެ.
މި ބަދަލާއެކު، އަމިއްލަ ލޯންޗު އޮޕަރޭޓަރުން ވަނީ ޓިކެޓުގެ އަގުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މާލެ ކައިރި ރަށްރަށަށް ކުރާ ދަތުރުތަކުގެ ޓިކެޓް 600 ރުފިޔާއަށް އުފުލިފައިވާއިރު، ފ. އަތޮޅާއި ދ. އަތޮޅަށް ދަތުރުކުރާ ލޯންޗުތަކުގެ ޓިކެޓް އަގު ވަނީ 900 ރުފިޔާއަށް ބޮޑުވެފައެވެ. އަގު ބޮޑުވުމުގެ އިތުރުން، ބައެއް ލޯންޗުތަކުން ހަފުތާގެ ކޮންމެ ދުވަހަކު ކުރަމުން އައި ދަތުރުތައް ވެސް ވަނީ ވަކި ދުވަސްތަކަށް މަދު ވެސް ކޮށްފައެވެ.
މިއީ އާންމު ރައްޔިތުންނަށް، ޚާއްސަކޮށް ރަށްރަށަށް ދަތުރުކުރާ މީހުންނަށް ކުރިމަތިވާނެ ބޮޑު ތަކުލީފެކެވެ.
މީގެ އިތުރުން، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބޭނުންކުރާ ޖެޓް ފިއުލްގެ އަގު ވެސް އުފުލިފައިވާތީ، ކުރިއަށް އޮތް ތަނުގައި އެތެރޭގެ އުދުހުންތަކުގެ އަގު ވެސް ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.