ރަމަޟާން މަހަކީ އެހެން މަސްތަކާ ޚިލާފަށް އަޅުގަނޑުމެންގެ ކެއުން ބުއިމުގެ އާދަތަކަށް ވަރަށް ބޮޑަ ބަދަލެއް ގެންނަ މަހެކެވެ.
މި މަހުވެސް ކެއުމުގައި ހިމަނާ ގިނަ ބާވަތްތަކަކީ ސިއްހަތަށް ފައިދާ ލިބެނިވި ބާވަތްތަކަކަށް ހެދުމަށް ސަމާލުކަންދޭ މީހުންވެސް މިފަހަކަށް އައިސް އަޅުގަނޑުމެންގެތެރޭ ގިނަކަން ފާހަގަކޮށްލެވެއެވެ.
ރަމަޟާން މަހު ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަކީ މި މަހަށް ފަހުވެސް އޭގެ ސަބަބުން ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ކުރުވާނެ ކަމަކަށްވެފައި އެކަމަށް ސަމާލުކަން ދެވެނީ ކިހާ މިންވަރަކަށްތޯ ވިސްނާލިންހެއްޔެވެ.
ރޯދަމަހު ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ބޭނުންވާ ފައިދާހުރި މާއްދާތައް ހޯދުމަށް ކުރެވިދާނެ ހަތް ކަމަކާ ގުޅޭގޮތުން އެމްސީ ހެލްތުކެއާގައި ކްލިނިކަލް ނިއުޓްރިޝަނިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑރ.ކްރިސްޓީނާ ޖޯއި ހަލަމްބަންގް ވަނީ އެ ވެބްސައިޓުގައި މައުލޫމާތު ހިއްސާކުރައްވާފައެވެ.

ރަމަޟާން މަހު ވެސް ކެއިން ބުއިމުގެ އާދަތަކަށް ހެޔޮ ބަދަލުގެނެސް ހެޔޮ މިންވަރެއްގައި ކެއުންތައް ބެހެއްޓުމަކީ ސިއްހަތަށް އެކަމަށް ނުހަނު ގިނަގުނަ ފައިދާތަކެއް ލިބިދޭނެ ކަމެއް--ފޮޓޯ/އެމްސީ ހެލްތުކެއަ
ޑރ.ކްރިސްޓީނާ ޖޯއި ފާހަގަކުރައްވާފައިވާ ގޮތުގައި ރަމަޟާން މަހަކީ ވެސް އަމިއްލަ ސިއްހަތަށް އިތުރަށް ސަމާލުކަން ދިނުން ނުހަނު މުހިންމު މަހެކެވެ.
ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި، ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ނުވަތަ ފައިދާހުރި މާއްދާތައް ލިބޭކަން މި މާތް މައްސަރު ވެސް އަޅުގަނޑުމެން ކަށަވަރު ކުރަންޖެހެއެވެ. އެގޮތުން ރޯދައަށް ހުންނައިރު ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަމައަށް ހޯދުމަށާއި ދިފާޢީ ނިޒާމު ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ:
1. އެކަށީގެންވާ މިންވަރަށް ފެން ބުއިން:
ރޭގަނޑުގެ ވަގުތުތަކުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ލިބޭކަން ކަށަވަރުކޮށް ފެން ބޯނެ ވަގުތުތައް ތަރުތީބު ކުރެވިދާނެއެވެ. މިސާލަކަށް: ހާރަށް ހޭލައިގެން 1 ތަށި (300 އެމް.އެލް) ފެން ބުއިން، ހާރު ކައި ނިމިގެން 1 ތަށި، ރޯދަ ވީއްލާ ވަގުތު، މަޣުރިބު ނަމާދަށްފަހު، ރޯދަވީއްލައިގެން ކެއުމަށްފަހު، ޢިޝާ ނަމާދުގެ ކުރިން، ތަރާވީހަށްފަހު، އަދި ނިދުމުގެ ކުރިން ފެން ބުއިން ހިމެނެއެވެ.
2. ފައިދާހުރި ކާނާ ބޭނުންކުރުން:
ދުވާލަކަށް ބޭނުންވާ ނިއުޓްރިޝަން ހޯދުމަށްޓަކައި ތަރުކާރީ، މޭވާ، އެކި ބާވަތުގެ އޮށްތައް، ޕްރޮޓީން، ކާބޯހައިޑްރޭޓްސް އަދި ސިއްހަތަށް ފައިދާހުރި ތެޔޮ ހިމެނޭ ކާނާ ބޭނުންކުރެވިދާނެއެވެ. ކެއުމުގެ ވަގުތުތަކުގައި ތަށީގެ ދެބައިކުޅަ އެއްބައިގައި ތަރުކާރީ އާއި މޭވާ، ހަތަރުބައިކުޅަ އެއްބައިގައި ޕްރޮޓީން (މަސް، ކުކުޅު ނުވަތަ ބީންސް)، އަދި ބާކީ ހަތަރުބައިކުޅަ އެއްބައިގައި ކާބޯހައިޑްރޭޓްސް (ގޮދަން، ހަނޑޫ ނުވަތަ އަލަ) ހިމެނުމަށް ސަމާލުކަން ދެވިދާނެއެވެ.
3. ކާ މިންވަރަށް ސަމާލުވުން:
ރޯދައަށް ހުންނައިރު ކެއުން ބަހާލެވިފައި ވަނީ މައިގަނޑު ދެ ވަގުތަކަށެވެ. އެއީ ހާރުކާ ވަގުތާއި ރޯދަވީއްލާ ވަގުތަށެވެ. މި ދެ ވަގުތުގައިވެސް މާ ގިނައިން ނުކެއުމަށް ސަމާލުކަން ދޭންވާނެއެވެ. އެންމެ ރަނގަޅު ގޮތަކީ ކެއުން ހަތަރު ވަގުތަކަށް ބަހާލުމެވެ. އެއީ ހާރުގަޑީގައި 40 އިންސައްތަ، ރޯދަވީއްލާ ވަގުތު 10 އިންސައްތަ، މަޣުރިބު ނަމާދަށްފަހު 40 އިންސައްތަ، އަދި ތަރާވީހަށް ފަހު 10 އިންސައްތައެވެ. މިގޮތަށް ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް ބާރުބޮޑުވިޔަނުދީ ހިފެހެއްޓޭނެއެވެ.
4. ގަވާއިދުން ލުއި ކަސްރަތު ކުރުން:
ކާނާއަށް ސަމާލުކަން ދިނުމުގެ އިތުރުން، ހަށިގަނޑު ހަރަކާތްތެރިކޮށް ބެހެއްޓުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ގޭތެރެ ސާފުކުރުން، ޔޯގާ، ނުވަތަ ކުޑަކޮށް ހިނގާލުން ފަދަ ލުއި ހަރަކާތްތަކެއްގައި ދުވާލަކު 30 މިނެޓު އަޅުގަނޑުމެންނަށް ހޭދަކުރެވިދާނެއެވެ.
5. އެކަށީގެންވާ މިންވަރަށް ނިދުން:
ނިދި މަދުވުމަކީ ހަށިގަނޑުގެ އިންސިއުލިން އުފެއްދުމަށް ބަދަލު އައިސް، އެކި ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އާންމުގޮތެއްގައި ދުވާލަކު 8 ގަޑިއިރުގެ ނިދި ބޭނުންވެއެވެ. ރޯދަމަހު ނިދާ ވަގުތުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާތީ، ނިދުމުގެ ތަރުތީބު ރަނގަޅަށް ހަމަޖެއްސުމަކީ ހަށިގަނޑަށާއި ސިކުނޑިއަށް ބޭނުންވާ އަރާމު ލިބުމަށް އެހީތެރިވެދޭނެ ކަމެކެވެ.
6. ނަފްސާނީ ދުޅަހެޔޮކަން (ސްޓްރެސް މެނޭޖުކުރުން):
ދިފާޢީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ނަފްސާނީ ގޮތުން ހަމަޖެހިގެން ހުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހާސްކަމާއި ފިކުރުތަކުން ދުރުވުމަށްޓަކައި އެކަށީގެންވާ ވަރަށް ނިދުމާއި، ހަރަކާތްތެރިވެ އުޅުމާއި، އަމިއްލަ ހިތްހަމަޖެހޭ ކަންކަމުގައި ވަގުތު ހޭދަކުރުން މުހިންމެވެ.
7. ހަށިގަނޑުގެ ހާލަތު ދެނެގަތުން:
ބަލިމަޑުކަމުގެ ތެރޭގައި ރޯދަ ހިފާއިރު، އަމިއްލަ ސިއްހީ ހާލަތަށް ސަމާލުވާންވާނެއެވެ. އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ހުރިނަމަ، ރޯދަ ހިފުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ރައްކާތެރިކަމާއެކު ރޯދަ ހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ކާނާއަށާއި ދިފާޢީ ނިޒާމަށް ސަމާލުކަން ދީގެން، އުފާވެރިކަމާއެކު ރޯދަމަސް ނިންމާލުމުގެ އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކު ހާސިލުކުރަން ބޭނުންވާނެ ކަމެކެވެ. އެހެންކަމުން މި ދެންނެވުނު ކަންކަމަށް ސަމާލުކަން ދެވިއްޖެނަމަ މިއީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ޑރ.ކްރިސްޓީނާ ޖޯއި ވަނީ ފާހަގަކުރައްވާފައެވެ.