ބީޖީ ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ބޭއްވި ބީޖީ ފުޓްސަލް ޗެލެންޖް 2026 ގެ ޗެމްޕިއަންކަން އެފްސީ ކާމްސް އިން ހޯދައިފިއެވެ.
މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން އެފްސީ ކާމްސް ހޯދާފައިވަނީ ފައިނަލުގައި ޖޭޖޭ ސްޕޯޓްސް ކުލަބާ ވާދަކޮށް 2-1 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗު ޝަރަަފްވެރިކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއުއާއި ބީޖީގެ ރައީސް އަލީ ރިޒްވާނާއި ކުލަބުގެ އިސް މުއައްސިސް އަލީ މުރާދުގެ އިތުރުން ކުލަބުގެ ހަޒާންދާރު އިމްރާން ނަސީރާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޒާމްގެ އިތުރުން މުބާރާތުގެ މެއިން ސްޕޮންސާ ކްރިސްޓާލޯ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑައިރެކްޓަރ އިހުސާާން ރަޝީދެވެ.

ބީޖީ ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް
މެޗުގައި ވާދަކުރި ޖޭޖޭ ސްޕޯޓްސް ޓީމުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ހިމެނުނެވެ. ޖޭޖޭ އިން މެޗުގައި ލީޑު ނެގި ނަމަވެސް ކާމްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑާއެކު އެވެ.
ޖޭޖޭއަށް މެޗުގައި ލީޑުނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލް ވަޖީހު (ވައްޖެ) އެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 18 ވަނަ މިނެޓުގައެވެ.

ބީޖީ ފުޓްސަލް ޗެލެންޖް 2026 ގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: އިމޭޖަސް
އޭގެފަހުން ކާމްސް ވަނީ ތިން މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެ ލަނޑާއެކު މެޗުން މޮޅުވެފައެވެ. އެގޮތުން ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގައި އިސްމާއީލް މުނީޒް ނަތީޖާ ހަމަހަމަކޮށްދިން އިރު، ދެވަނަ ލަނޑު އޭގެ ދެ މިނެޓުފަހުން ކާމިޔާބުކޮށްދިނީ މޫސާ އަޒީމް ހަސަނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަންކަން ހޯދި އެފްސީ ކާމްސްގެ އަލީ ހައިސަމް (ޗުމްޕު) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ޖޭޖޭ ސްޕޯޓްސް ކުލަބުގެ އިސްމާއީލް އީސާ އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ޖުމްލަ 15 ލަނޑު ޖަހާފައެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާއަށް އިނާމުދެނީ-- ފޮޓޯ: އިމޭޖަސް
މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޖޭޖޭ ސްޕޯޓްސްގެ އިސްމާއީލް އީސާއާއި އިސްމާއީލް ވަޖީހު (ވައްޖެ) ގެ އިތުރުން ޗެމްޕިއަން އެފްސީ ކާމްސްގެ ޝަނާން ރަޝާދާއި އިސްމާއީލް މުނީޒުގެ އިތުރުން އެޓީމުގެ ގޯލްކީޕަރު އިބްރާހީމް ނާޖިހު (ހޭޓް) އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން-- ފޮޓޯ؛ އިމޭޖަސް
އެންމެ މޮޅު ކޯޗަކަށް ޖޭޖޭ ސްޕޯޓްސްގެ އަބްދުﷲ ހަނީފް (ބެންޖޯ) ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޭޖޭ ސްޕޯޓްސް ކުލަބުގެ ހުސެއިން ސުހެއިލް (ސޮކޭ) އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އިނާމުދެނީ-- ފޮޓޯ: އިމޭޖަސް
މިއީ ބީޖީ ސްޕޯޓްސް ކުލަބަށް 30 އަހަރުފުރޭ އަހަރެވެ. ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ބީޖީ ސްޕޯޓްސް ކުލަބު އާންމުގެ ތެރޭގައި ބޮޑަށް މަގުބޫލުވީ ބައިބަލާގެ ތެރެއިންނެވެ. މިހާރު އެ ކުލަބަކީ ބައިބަލާގެ އިތުރުން އިޖުތިމާއީ ގިނަ މަސައްކަތްތަކަކާއި ޒުވާނުން ބާރުވެރިކޮށް، ކުޅިވަރަށް ހިދުމަތްކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުލަބެކެވެ.